ކަލާފާނު ސްކޫލުގެ ކެޕްޓަން ލާނާ: އަބަދުވެސް ބޭނުންވަނީ އެންމެ ކުރީގައި ހުންނަން

ކެޕްޓަނަކަށް ވާހިތުން ސްކޫލުގެ ކުރީގެ ކެޕްޓަނުންނާ ވާހަކަދައްކައިގެން ހޮވޭނެ ގޮތަށް މަސައްކަތް ބައްޓަންކުރީ

ކަލާފާނު ސްކޫލުގެ މި އަހަރުގެ ކެޕްޓަނަކީ އާމިނަތު ލާނާ އަކުރަމެވެ. ސްކޫލުގެ ކެޕްޓަނަށް ވާންޖެހޭނީ އެންމެ މޮޅު ކުއްޖާ ކަމަށް އޭނާގެ ހިތުގައި އޮންނަނީ މާކުރިއްސުރެ ބިންވަޅުނެގިފައެވެ. އެހެންވެ ފާއިތުވި އަހަރުތަކުގައި ކަލާފާނު ސްކޫލުގެ ކެޕްޓަންކަން ކުރި ދަރިވަރުންގެ ކައިރިން އަހައި އޮޅުންފިލުވައިގެން ލާނާ ބެލީ ކެޕްޓަނަކަށް ހޮވޭނެ މަގަށް އޭނާގެ ހުރިހާ ކަމެއް ރާވާލެވޭތޯއެވެ.

ކެޕްޓަނަކަށްވާން ގިނަ މަސައްކަތްތަކެއް ލާނާ ކުރިއެވެ. ކިޔެވުމާއި އެއްވަރަށް އިތުރު ހަރަކާތްތަކާއި ކުޅިވަރުގައި ވެސް ނަގާ ކިޔާ ދަރިވަރަކަށްވިއެވެ. ދަރިވަރުންނާއި މުދައްރިސުންގެ ރުހުން ހޯދިއެވެ. ނަތީޖާއަކަށްވީ އޭނާ ކުރި އުއްމީދާއި މަސައްކަތުގެ ފޮނި މޭވާއެއްގެ ގޮތުން ކެޕްޓަންކަން އޭނާއަށް ލިބުމެވެ.

ލާނާއަށް ކެޕްޓަންކަމުގެ މަޤާމުގެ ލިޔުން ޕްރިންސުޕަލް ހަވާލުކޮށްދެއްވަނީ- ފޮޓޯ: ކަލާފާނު ސްކޫލް

"ގުރޭޑް 6ގައި އުޅުނުއިރު، ސްކޫލްގެ އިސްދަރިވަރުން ސޫޓްގައި އުޅޭތަން ފެނި އެކުދިންގެ ވާހަކަތައް އަޑުއިވުނީމާ ކެޕްޓަނަކަށްވާން ޝައުޤު އުފެދެންފެށީ" އިތުރު ކުއްޖަކާ ވާދަކޮށް ކެޕްޓަންގެ މަޤާމު ކަށަވަރުކުރި ލާނާ ދަރިވަރު ނޫހަށް ކިޔައިދިނެވެ.

ކިޔަވަން ވަކި ވަގުތެއް ލާނާ ކަނޑައެއް ނާޅައެވެ. ލިބޭ ކޮންމެ ފުރުޞަތެއްގެ  ބޭނުން ހިފަނީ ކިޔެވުމަށާއި ފިލާވަޅު ދަސްކޮށް އަދި މުޠާލިއާ ކުރާށެވެ. އަބަދުވެސް ކުލާހުން އެންމެ މަތިން މާކްސް ހޯދަމުން އަންނަ ލާނާގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ އަންނަ އަހަރު ބާއްވާ ސާނަވީ ނިންމާ އިމްތިހާނުތަކުން އެއްވަނަ ހޯދުމެވެ.

"ކޮންމެ ދުވަހަކު ވަކި ވަގުތެއް ކިޔެވުމަށް ހުސްކުރުމުގެ ބަދަލުގައި އެ ދުވަހެއްގައި ކުރަން ޖެހޭ ކަންތައްތަކަށް ބަލައިގެން ކިޔެވުމަށް ވަގުތު ހުސްކުރަނީ" ގިނަ މާއްދާތަކަކުން ޓިއުޝަން ވެސް ނަގަމުން އަންނަ ލާނާ ބުންޏެވެ.

ލާނާ އިސްވާރުންގެ ގޮތުގައި ހޮވުނު ދަރިވަރުންނާއެކު- ފޮޓޯ: ކަލާފާނު ސްކޫލް

ލާނާއަށް ކިޔަވަން ފަސޭހައީ، ކިޔައިގެން ދަސްކުރުމުގެ ބަދަލުގައި ސުވާލާއި ޖަވާބުގެ ތެރެއިންނެވެ. އެކުވެރިންނާއެކީގައި ވެސް ސުވާލާއި ޖަވާބުގެ ސެޝަންތައް ކުރިއަށް ގެންދެއެވެ. މަންމައަކީ އޭނާއަށް އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ގޭގައި ފޯރުކޮށްދޭ ފަރާތެވެ.

"ސުވާލުކުރީމާ އޭގެ ޖަވާބުދީގެން ފިލާވަޅު ދަސްކުރަން ވަރަށް ފަސޭހަ. ހަނދާނުގައި ވެސް ބަހައްޓަން އެހާމެ ފަސޭހަ" ކިޔެވުމުގައި ލާނާ ގެންގުޅޭ އެންމެ މުހިންމު އުކުޅު ކިޔައިދިނެވެ.

ހުރިހާ މާއްދާތަކުން އަބަދުވެސް އޭ ސްޓަރއާ ހަމައަށް ނަތީޖާ ހޯދޭއިރު، ލާނާއަށް އެންމެ މަތިން ހޯދެނީ މެތްސްއާއި ފިޒިކްސްއިންނެވެ. އެންމެ ކިޔަވަވާ ހިތްވަނީ މެތްސްއެވެ.

"ކިޔެވުން ކުރިއަށްދާގޮތާމެދު ހިތްހަމަ ޖެހޭ. އޯލެވެލްއިން އެއްވަނަ ހޯދޭނެކަމުގެ އުއްމީދު އަބަދުވެސް ކުރެވޭ. ހޯދަން މަސައްކަތް ވެސް ކުރަން"

ލާނާ، އެތްލެޓިކްސް މުބާރާތުގެ އުސްފުންމުމުގައި ވާދަކުރަނީ- ފޮޓޯ: ކަލާފާނު ސްކޫލް

އިތުރު ހަރަކާތްތަކުގައި ވެސް ލާނާ އުޅެނީ ކުރިގައެވެ. ބާސްކެޓްބޯޅަ އާއި ހޭންޑްބޯޅައާއި ނެޓްބޯޅައިގެން އިތުރުން އެތްލެޓިކްސްގައި ވެސް ލާނާ ކުޅެއެވެ. އަދަބީ ހަރަކާތްތަކުގެ ތެރެއިން ބަންޖާއި ޅެމާއި ރައިވަރާއި ވާހަކަ ލިޔުމަކީ ވެސް ލާނާގެ ފަންނެކެވެ. އަދި ލާނާއަކީ ކަލާފާނު ސްކޫލުގެ ބޭންޑްގެ ވެސް މުހިންމު އެއް މެމްބަރުވެސްމެއެވެ.

ސްކޫލްތަކުގެ ދަރިވަރުން ކުރިއަށް ގެންދިޔަ ބޭންޑް ހަރަކާތެއްގައި ލާނާ، (މެދުގައި). ޔުނީފޯމް ހަރަކާތްތަކުގެ ތެރެއިން ބައިވެރިވީ ބޭންޑް ހަރަކާތުގައި

ލާނާ ނިންމައިގެން ހުރީ އޭވިއޭޝަންގެ ދާއިރާއިން ކުރިއަށް ދާށެވެ. އެއީ އޭނާގެ ރައްޓެހިންގެ ތެރެއިން އުފެދިގެން އައި ޚިޔާލެކެވެ. އެ ޚިޔާލު ހަޤީޤތަކަށް ހަދަން އޭނާ ހުރީ ނިންމައިގެންނެވެ.

"މިދިޔަ އަހަރުން ފެށިގެން ނިންމައިގެން މި ހުރީ އޭވިއޭޝަންގެ ދާއިރާއިން ކުރިއަށް ދާން. އިރާދަކުރެއްވިއްޔާ އޭލެވެލް ނިންމާފައި އެ ދާއިރާއިން ކިޔަވާނީ"

ލާނާ، މަންމަ އާއި ބައްޕައާއެކު: އަބަދުވެސް އޭނާއަށް އެންމެ ބޮޑަށް އެހީތެރިވަނީ އެ ދެ މީހުން-

ލާނާއަށް އެންމެ ބޮޑު އެހީތެރިކަމެއް އަބަދުވެސް ފޯރުކޮށްދެނީ މަންމައާއި ބައްޕައާއި އާއިލާގެ ފަރާތުންނެވެ. ކިޔަވައިދެއްވާ ޓީޗަރުންނާއި ސްކޫލުގެ މެނޭޖްމަންޓްގެ ފަރާތުންނެވެ. އެ ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރުއަދާކުރަނީ ހިތުގެ އެންމެ ފުންމިނުންނެވެ. ލާނާއަށް އެދެނީ ކާމިޔާބީއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *