ފާހިމް: ފާއިތުވި އަހަރު މަތީ ސާނަވީން އެންމެ ކާމިޔާބު ދަރިވަރު

ފާހިމް ހޯދީ، ބައޮލޮޖީން ދުނިޔެއާއި ރާއްޖެއިން އެއްވަނަ، ހިސާބާއި ފިޒިކްސްއިން ދުނިޔެއިން 3ވަނަ އަދި ރާއްޖެއިން އެއްވަނަ، ކެމިސްޓްރީން ދުނިޔެއިން 4ވަނަ

ފާއިތުވި އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދަރިވަރަކީ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެގެ މުޙައްމަދު ފާޙިމް އިބްރާހިމެވެ.

ހަތަރު މާއްދާއިން ދުނިޔޭގެ ގަދަ ދިހައެއްގައި، ތިން މާއްދާއިން ރާއްޖޭގެ ގަދަ ދިހައެއްގައި ފާހިމް ހިމެނިފައިވެއެވެ. އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ވެސް ހޯދި ފާހިމް، ބައޮލޮޖީން ދުނިޔެއާއި ރާއްޖެއިން އެއްވަނަ ހޯދިއެވެ. މެތްސްއާއި ފިޒިކްސްއިން ދުނިޔެއިން 3ވަނަ ރާއްޖެއިން އެއްވަނަ ހޯދިއެވެ. ކެމިސްޓްރީން ލިބުނީ ދުނިޔެއިން 4ވަނައެވެ.

ސާނަވީ ގދ. އތޮޅު ތަޢުލީމީ މަރުކަޒުން ނިންމައި، އެ މަރުކަޒުގެ އެއްވަނަ ދަރިވަރުގެ މަޤާމް ހޯދި ފާހިމްއަށް 2022 ވަނަ އަހުރު، ސާނަވީ ނިންމާ އިމްތިޙާނުތަކުން ލިބުނީ ހަތަރުވަނައެވެ. އެއީ ފަސް އޭ ސްޓަރ އާއި ތިން އޭ ލިބިގެންނެވެ. އޭ ލިބުނީ ދިވެއްސާއި އިސްލާމާއި އިނގިރޭސިންނެވެ.

ގދ. އޭއީސީގެ ކެޕްޓަންކަމުގެ ޒިންމާ ވެސް އަދާކުރި ފާހިމް މަތީ ސާނަވީގައި ގިނަ ހަރަކާތްތަކެއްގައި ނޫޅެއެވެ. އޭގެ ބަދަލުގައި އޭނާ ބުރަކޮށް މަސައްކަތް ކުރީ ރަނގަޅު ނަތީޖާއެއް ހޯދާށެވެ. އިންޑިޔާގައި ގިނަ ދުވަހު އުޅެން ޖެހުމުން ދިވެހި މާއްދާއަށް އޭ ސްޓަރ ހޯދާން ގިނަ މަސައްކަތްތަކެއް އޭނާ ކޮށްފައިވެއެވެ. ދިވެހި ނޫނީ އެހެން އެއްވެސް މާއްދާއަކުން ޓިއުޝަން ނުނަގައެވެ. ދިވެހިން ޓިއުޝަން ނެގީ ވެސް ކުޑަ ދުވަސްކޮޅެއްގައެވެ.

ދަރިވަރުނޫހަށް ފާހިމް ކުރިން ބުނެފައި ވަނީ، ސާނަވީއަށްވުރެ ބޮޑަށް މަތީ ސާނަވީގެ ވާދަވެރިކަން ބޮޑުކަމަށާއި މޮޅެތި ކުދިންނާއެކު ކިޔަވަން ފުރުޞަތު ލިބުމުން ކުރިއަށް ދިއުމަށް އިތުރަށް މަސައްކަތް ކުރަންޖެހުނު ކަމަށާއި އެކަން ކުރަން ހިތްވަރު ވެސް ލިބުނު ކަމަށެވެ.

"ސީއެޗްއެސްއީއަށް އައީމާ މި އެނގެނީ މޮޅެތި ކުދިންނާއެކީގައި މަސައްކަތް ކުރުމުގެ ފައިދާ. އެކުދިންގެ ތެރޭގައި އޮތް ވާދަވެރިކަމުގެ ތެރެއިން ރަނގަޅު ނަތީޖާއެއް ހޯދަން މާ ބޮޑަށް ވެސް ހިތްވަރު ލިބޭ. އަދި ޓީޗަރުންނާއި އެކުވެރިންގެ ފަރާތުން ވެސް އެހީތެރިކަން ލިބޭ" ފާހިމް ދަރިވަރުނޫހަށް ކުރިން ބުނެފައިވެއެވެ.

އިންޖިނިއަރިންގ ދާއިރާއިން ކުރިއަށް ދާން ޝައުޤުހުންނާތީ، އޭލެވެލް ނިންމާފައި އަމިއްލަ ގޮތުން ފާދަރ މެތެމެޓިކްސް ކިޔަވައި އެ މާއްދާއިން ވެސް ރަނގަޅު ނަތީޖާއެއް ފާހިމް ވަނީ ހޯދާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *