ޢަބްދުﷲ ރަޝީދު (ހަވަލި)
މީގެ އަހަރުތަކެއް ކުރިއާ އަޅައިބަލާއިރު، މިހާރަކީ މަތީ ތަޢުލީމުގެ ފުރުޞަތުތައް ވަރަށް ބޮޑަށް ތަނަވަސްވެފައިވާ ދުވަސްވަރެކެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކޭ އެއްގޮތަށް ތަފާތު އެކި މުވައްސަސާތަކުން އެކި ނަންނަމުގައި ތަޢުލީމީ ފުރުޞަތުތައް ހުޅުވަމުންދާ ދުވަސްވަރެކެވެ. އެހެންކަމަށްވުމާ އެކު ޤައުމުގެ މުސްތަޤުބަލަށް މިއަދުގެ ޒުވާނުންނާއި ކިޔަވާކުދިން މި ފުރުޞަތުތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފުމަކީ ވަރަށް މުހިއްމުކަމެކެވެ. ޤައުމެއްގެ އިންސާނީ ވަޞީލަތް ތަރައްޤީވީ މިންވަރަކުން މެނުވީ، އެހެނިހެން ދާއިރާތައް ތަރައްޤީކުރުމަކީ ދަތިކަމަކަށްވާނެތީއެވެ. ނަމަވެސް، ފެންނަން ހުރި ތަފާސް ހިސާބުތަކާއި، އެކިއެކި މަންސަތަކުގައި ކުރެވޭ ތަޖުރިބާއަށް ބަލާއިރު، މިފަދަ ފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފެމުންނުދާކަން އިހުސާސްކުރެވެއެވެ.
ޔޫރަޕުގެ ބައެއް ޤައުމުތަކުންނާއި، އޭޝިއާގެ ބައެއް ޤައުމުތަކުން ހުޅުވައިލެވޭ ފުރުޞަތުތަކާއި، ޖީ.ސީ.އީ. އޭލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލަރޝިޕަށް އެކަށީގެންވާ ތަރުޙީބެއް އޮތްކަމުގައިވީ ނަމަވެސް، ގިނަ ފުރުޞަތުތަކެއް ލިބޭ ބައެއް އެހެނިހެން ޤައުމުތަކުގެ ފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފޭތަން ވަރަށް ގިނައިން ފެނެއެވެ. މީގެތެރޭގައި ދިވެހިރާއްޖޭގެ ޓްރެއިން ރިކުއާމަންޓުގައި ހިމަނާފައިވާ ތަފާތު ދާއިރާތަކުގެ ފުރުޞަތުތައް ވެސް ހުންނަކަން ފާހަގަކުރެވެއެވެ.

ޢިލްމު ހޯދުމުގައި ތަފާތު ވިސްނުމާއި ފިކުރު އަޅުގަނޑުމެންގެ ތެރޭގައި ވެސް މިއަދު ވަކިހިއްޕާލާފައިވެއެވެ. ބައެއް ފަހަރު ޢިލްމު ހޯދުމަކީ ކޮންމެހެން ބޭނުންކަމެއް ނޫންކަމަށް ވަކާލާތުކުރެވޭތަން ވެސް އާދެއެވެ. ޢިލްމާއި ހުނަރު ހޯދުމަށްވުރެ ބޮޑަށް، ކޮންމެވެސް ކޯހެއް ހަދާލައިގެން 'ހަފޮޅުން އެތެރެވެވޭ ވަރަށް' ސަނަދެއް ހޯދާލުމުގެ ވިސްނުން ވެސް އާލާވަމުންދަނީ ކަންބޮޑުވާ މިންވަރަށެވެ. ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ލިބޭ މަދު ފުރުޞަތުތަކެއްގެ ބޭނުން ޤައުމަށް އެންމެ އެދެވޭ ގޮތުގައި ނުހިފެނީ މިފަދަ ވިސްނުންތަކަކުން ކަމަށް ވެސް ވެދާނެއެވެ. ފެންވަރު ރަނގަޅު ތަޢުލީމެއް ހޯދުމަށް ޓަކައި ބުރަޖެހި، ފައްސިޔަށް ދުއްވާލެވެނީ މިހެންކަމަށް ވެސް ވެދާނެއެވެ.
ކޮންމެއަކަސް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާ ބެހޭ މިނިސްޓްރީ މެދުވެރިކޮށް ހުޅުވައިލާފައިވާ ބައެއް ފުރުޞަތުތަކަށް އިޖާބަދެވި، ފުރުޞަތުތަކުގެ ބޭނުން ހިފިފައިވާ މިންވަރަށް ބަލާލުމުން ވިސްނާލަންޖެހޭ ގިނަކަންކަން ހުރިކަން އެނގެއެވެ. ޤައުމީ ފެންވަރެއްގައި މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން އާއްމުކުރެވިފައިވާ މަޢުލޫމާތުތަކުން އެނގެއެވެ. މަތީފެންވަރުގެ ގިނަ ވަޒީފާތަކެއްގައި ބިދޭސީން މަސައްކަތްކުރަމުންދާ މިފަދަ ޤައުމެއްގައި، ޤައުމަށް ލިބޭ މިފަދަ މަތީ ތަޢުލީމުގެ ފުރުޞަތުތައް ބޭނުން ނުކުރެވިދިޔުމަކީ ޤައުމީ ފެންވަރުގައި އިހުމާލެއް ކަމަށް ވެސް ބެލެވިދާނެއެވެ.
ފުރަތަމަ ޑިގުރީ ފެންވަރުގައި ދިވެހި ސަރުކާރުން އަދި ބޭރު ޤައުމުތަކުން ލިބޭ ފުރުޞަތުތަކުގެ ބޭނުން ފުރިހަމައަށް ނުކުރެވޭ އެއް ސަބަބެއްކަމަށް ފާހަގަކުރެވެނީ ޖީ.ސީ.އީ. އޯލެވެލްއާއި އޭ ލެވެލްއަށް ދޭންޖެހޭ ސަމާލުކަންނުދެވުން ފާހަގަކުރެވެއެވެ. އާއްމުކުރެވިފައިވާ ނަތީޖާތަކަށް ބަލާލުމުން އެކަން ވަރަށް ބޮޑަށް ފެނެއެވެ. ބައެއް ކަހަލަ ފުރުޞަތުތަކަކީ ވަކި ސްޓްރީމަކުން ކަނޑައެޅޭ ވަކި މާއްދާތަކަކުން ފާސްވާންޖެހޭ ގޮތަށް އޮންނަ ފުރުޞަތުތަކެކެވެ. މިސާލަކަށް މެޑިސިންގެ ދާއިރާއިން ކިޔަވާ ނަމަ، 3 މާއްދާ (ފިސިކްސް، ކެމިސްޓްރީ، ބައިލޮޖީ) އިން ފާސްވާންޖެހެއެވެ. ކަން މިހެން އޮތް އިރު، އޯލެވެލް އަދި އޭ ލެވެލްގައި މިއިން މާއްދާއެއް 'ޑްރޮޕް' ކޮށްލެވުމުން ނުވަތަ އެކަށީގެންވާ ނަތީޖާއެއް ނުލިބުމުގެ ސަބަބުން ފުރުޞަތު ގެއްލެއެވެ. މިއީ ސްކޫލު ދައުރުގައި ދަރިވަރުންނަށް ފުރިހަމަ މަޢުލޫމާތުދީ ހޭލުންތެރިކުރުވަންޖެހޭ ކަމެކެވެ. ވަކި މާއްދާތަކެއް ރަށުން ކިޔެވެންނެތް ނަމަ 'ހިޖުރަ' ކޮށްގެން ވެސް އެފުރުޞަތު ތަނަވަސް ކުރަން މިއަދު އެބަޖެހެއެވެ.

ތަޢުލީމީ ދާއިރާގައި ގިނަދުވަސްތަކެއް ހޭދަކުރައްވާފައިވާ، ކުރީގެ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެފައިވާ ގޮތުގައި ޔުނިވަރސިޓީ ތަޢުލީމުގެ ކުރިއަށް އޭ ލެވެލް 2 އަހަރު ފުރިހަމަކުރުމަކީ، އުނގެނުމުގައި ޒިންމާދަރުކަމާ އެކު ކުރިއަށް ދިޔުމަށް ދަރިވަރުންނަށް ބޭނުންވާ ތަފާތު ހުނަރުތައް ލިއްބައިދޭ މަރުޙަލާއެކެވެ. ނަމަވެސް އޯލެވެލް ނިންމާލާގޮތަށް، 'އޯލްޓަނޭޓިވް' މަގަކުން، އުމުރުން އެންމެ 17 އަހަރުގައި ޔުނިވަރަސިޓީ ތަޢުލީމު ފެށުމުގެ ސަބަބުން ބައެއްފަހަރު ކަން ފަސޭހަކޮށްލެވި، ޢިލްމަށްވުރެ ސެޓްފިކެޓަށް އިސްކަންދެވޭތަން ވެސް އާދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފަހުން ލިބޭ ރަނުގެ ފުރުޞަތުތަކުން އެއްކިބާވާތަން ވެސް އާދެއެވެ.
މީގެ އިތުރުން މަތީތަޢުލީމު ހޯދާއިރު، ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުން ލިބެން ހުރި ފުރުޞަތުތަކާއި، ހުނަރެއް ހޯދައިގެން ރަނގަޅު އާމްދަނީއެއް ހޯދޭނެ މަސައްކަތެއް ދަސްކުރުމަކީ ވެސް މުހިއްމުކަމެއްކަމަށް ވިސްނައިދޭން އެބަޖެހެއެވެ. މީހެއްގެ ވަޒީފާ އެއް އަދާކުރުމުގެ ބަދަލުގައި، ޙަލާލުގޮތުގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ، 'އެންޓޮޕްރޮނަރޝިޕް’އަށް ޒުވާން ޖީލު ހޭލުންތެރިނުކޮށްދެވި އޮންނަކަން ވެސް ފާހަގަކުރެވެއެވެ. ޚާއްޞަކޮށް އަލަށް އުފެދެމުން އަންނަ ދާއިރާތަކަށް ހުޅުވައިލެވޭ ފުރުޞަތުތަކަށް އޮންނަ ތަރުޙީބުކުޑަކަން ފާހަގަކުރެވެއެވެ. އެގޮތުން ތިމާވެއްޓާއި، ހަކަތައާއި، ޓެކްނޮލޮޖީގެ ބައެއް ދާއިރާތަކުން ލިބޭ ފުރުޞަތުގެ ބޭނުންހިފޭލެއް ކުޑަކަން ފާހަގަކުރެވެއެވެ. ވިސްނާލަންޖެހޭ ޙަޤީޤަތަކީ، މިއަދު މިއުނގެނޭ އެއްޗެއްގެ ބޭނުން ކުރިއަށް އޮތް ވިހި ތިރީސް އަހަރަށް ބޭނުން ކުރަންޖެހޭކަމެކެވެ.
ފަހުގެ ތާރީޚުތަކުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިކޮށް ހުޅުވާލާފައިވާ ބައެއް ފުރުޞަތުތަކަށް ނަޒަރު ހިންގާލާއިރު، 2024ވަނަ އަހަރުގެ މޭ މަހު ޗައިނާގައި މާސްޓަރސް އަދި ޕީ.އެޗް.ޑީ.އަށް ކިޔެވުމަށް ހުޅުވާލެވުނު 38 ފުރުޞަތަށް 4 ފަރާތަކަށް ފުރުޞަތު ލިބި، ފުރުޞަތުގެ ބޭނުންހިފާފައިވަނީ އެންމެ 2 ފަރާތަކުންކަން ފާހަގަކުރެވެއެވެ. އޯގަސްޓް 2024ގައި ޕާކިސްތާނުގައި އެމް.ބީ.ބީ.އެސް. ހެދުމަށް 3 ފުރުޞަތަށް، ދެވަނަ ފަހަރަށް ހުޅުވާލައިގެން ވެސް ނޮމިނޭޓްވެފައިވަނީ އެންމެ ދަރިވަރެކެވެ. އެސް.ޑީ.ޖީ. ގްލޯބަލް ލީޑަރ ޕްރޮގުރާމް (ޖަޕާން) ސްކޮލަރޝިޕްގެ ދަށުން އޮކްޓޫބަރު 2024 ގައި މާސްޓަރސްއަށް 2 ފުރުޞަތު، ޕީ.އެޗް.ޑީއަށް 2 ފުރުޞަތު ހުޅުވާލުމުން ނޮމިނޭޓްވެފައިވަނީ އެންމެ ދަރިވަރެކެވެ. އެއީ މާސްޓަރސްގެ ފުރުޞަތަކަށެވެ. ހަމަ އެހެންމެ ބަނގުލަދޭޝުގައި އެމް.ބީ.ބީ.އެސް ފުރިހަމަކުރުމަށް ލިބުނު 6 ފުރުޞަތަށް ނޮމިނޭޓްވެފައިވަނީ 3 ދަރިވަރެކެވެ. 2022 ވަނަ އަހަރު މިސްރުގެ އަޒުހަރު ޔުނިވަރސިޓީގައި ކިޔެވުމަށް ލިބުނު 22 ފުރުޞަތަށް ނޮމިނޭޓްވެފައިވަނީ 6 ދަރިވަރުންކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

މިފަދަ ގިނަ ޢަދަދެއްގެ ތަޢުލީމީ ފުރުޞަތުތައް ލިބި، މި ޕްރޮގުރާމުތަކަށް އެކަށިގެންވާ ކެންޑިޑޭޓުން ނުލިބޭ ނަމަ، ދިވެހި ސަރުކާރާއި، ސްކޮލަރޝިޕް ދޭ ޤައުމުތަކާއި މަޝްވަރާކުރެވެން ވެސް އެބަޖެހެއެވެ. ދިވެހިރާއްޖޭގެ ޓްރޭނިންގ ރިކުއާމަންޓަށް ފެތޭގޮތަށް، ލިބޭ ފުރުޞަތުތައް ބަދަލުކުރެވޭ މިންވަރަކުން ބަދަލުކޮށް، ސަރުކާރުގެ އެކި މުވައްސަސާތަކާއި އޮފީސްތަކުން މީހުން ރެކްރޫޓްކުރުމުގެ ޒިންމާ ވެސް މިއަދު ނަގަންޖެހޭކަން ޤަބޫލުކުރެވެއެވެ. ހަމަ އެހެންމެ ކޮންމެ އަހަރަކު ހާހުން ލޯނު ފުރުޞަތުތައް ހުޅުވާލާނީތޯ، ނުވަތަ ލޯނުގެ ޢަދަދުތައް މަދުކޮށް، އޮފީހަށް ބޭނުންވާ ދާއިރާތަކަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން، މަތީތަޢުލީމުގެ ފުރުޞަތުތަކަށް މީހުން ހޮވާ، ބޮންޑުކޮށް 'ޕެއިޑްލީވް' ހަމަޖައްސާނީތޯ ވެސް ބަލަން އެބަޖެހެއެވެ. އެހެނީ މީހުން ބިނާކުރުމަކީ އޭގެ ލާބައާއި މަންފާ ދައުލަތަށް ލިބެންޖެހޭނެކަމެކެވެ. ހަމައެކަނި ފުރުޞަތުތަކެއް ހުޅުވާލުމަކުން ނުފުދެއެވެ. އޭގެ 'ރިޓާން އޮން އިންވެސްޓްމެންޓް' ވެސް ހިސާބުކުރެވެން އެބަޖެހެއެވެ. ދައުލަތުގެ ޚަރަދުގައި ކިޔަވައިގެން، ވަޒީފާއަށް ނުދެވި ތިބި އެތައް ޤާނޫނީ ވަކީލުންނާއި، ޕައިލެޓުން ތިބިކަމީ ވެސް މިއަދު ޤަބޫލުކުރަންޖެހޭ ޙަޤީގަތެކެވެ. ޕައިލެޓްކަން ކިޔަވައިގެން އައިސް ވަޒީފާ ނުލިބި 200އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، 14 އޭޕްރީލް 2025ގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، މަތީތަޢުލީމު ހޯދަން އެދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ކަމާބެހޭ ފަރާތްތަކުން އާއްމުކޮށް ހުޅުވާލައިގެން ދުރާލާ ބައްދަލުވުންތައް ބާއްވާ، އެ ސްކީމުތަކާ ބެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ ޒިންމާ އުފުލަން އެބަޖެހެއެވެ. ކިޔަވަން އިޚުތިޔާރުކުރެވޭ ޤައުމުތަކުގައި ކަންކަން އޮންނަގޮތާއި، އެޤައުމުތަކުގެ ދިރިއުޅުމުގެ ޙާލަތާއި، އާއްމު އުސޫލުތަކަށް އަހުލުވެރިކޮށްދީ، އެއްވެސް ކަހަލަ ދަތިތަކެއް ދިމާވާ ނަމަ، ދެ ޤައުމުގެ ދެމެދުގައި ވާހަކަދެކެވި، މިފަދަ ކަންކަން ފަސޭހަކުރަން އެބަޖެހެއެވެ. މިކަމުގައި އެގައުމުތަކުގައި ހުންނަ އެމްބަސީތަކާއި، ކޮންސިއުލޭޓްތަކުގެ ދައުރު މިހާރަށްވުރެ ފުޅާވާންޖެހެއެވެ. މީގެކުރިން އެ ފަދަ ފުރުޞަތުތަކުގެ ބޭނުންހިފައި މިހާރު ޤައުމަށް ޚިދުމަތްކުރަމުންދާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކޮށް މަތީ ތަޢުލީމަށް ދާން ބޭނުންވާ ފަރާތްތަކަށް ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މުހިއްމު ކަމެކެވެ.
އެހެންކަމަށްވުމާ އެކު ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމަކަށް މީހުން ބިނާކުރުމަށް ޓަކައި ލިބޭ އަގުހުރި ފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފޭނެގޮތަކީ ކޮބައިތޯ ބަލަން އެބަޖެހެއެވެ. އެއީ ޤައުމީ ފެންވަރެއްގައި ދިރާސާއެއްކޮށްގެން ނަމަވެސް ކޮންމެހެން މިއަދު ކުރަންވެއްޖެ ކަމެކެވެ. އެކިއެކި ކުންފުނިތަކާއި، ސަރުކާރުގެ މުވައްސަސާތަކުންނާއި، ބޭރުގެ އެކިޤައުމުތަކުން މި ހުޅުވާލެވޭ ފުރުޞަތުތަކުގެ ބޭނުން ހިފޭނެ ނިޒާމެއް ޤާއިމުކުރުމަކީ މުހިއްމު ކަމެކެވެ. ޢިލްމާއި ހުނަރަކީ ޤައުމުގެ ތަރައްޤީއަށް މުހިއްމުކަމެއްކަމަށްވުމާ އެކު، މައުނަވީ ގޮތެއްގައި މީހުން ބިނާކުރުމަކީ ޤައުމެއްގެ ހައިސިއްޔަތުން ކޮންމެހެންވެސް މިއަދު ކުރަންޖެހިފައިވާ ކަމެކެވެ.
advertisment
ހިޔާލު