ޒަމާނީ ޓެކްނޮލޮޖީގެ ގޮންޖެހުންތަކާއި ކުރިމަތިލައި، ރައްކާތެރި ޑިޖިޓަލް މާޙައުލެއް ޔަޤީންކޮށްދޭނެ ފާރަވެރިން ބިނާކުރުމުގެ މުހިންމުކަން

އަޅުގަނޑުމެންގެ ދިރިއުޅުން މިއަދު މިވަނީ ޓެކްނޮލޮޖީއާއި ވަކިނުކުރެވޭނެ މިންވަރަށް ގުޅި ލާމެހިފައެވެ. އޮންލައިން ބޭންކިންގއިން ފެށިގެން، މުއާޞަލާތުކުރުމާއި، ތަޢުލީމު ހާސިލްކުރުމާއި، އަދި މުނިފޫހިފިލުވުމާ ހަމައަށް، ޑިޖިޓަލް ދުނިޔެއަކީ އަޅުގަނޑުމެންގެ ދުވަހުގެ ކޮންމެ ހިނދުކޮޅެއްގެ މުހިއްމު ބައެކެވެ. ނަމަވެސް، މި ފަސޭހަތަކާއެކު، އެއާ އެއްވަރުގެ ނުރައްކާތަކެއްވެސް އެބަހުއްޓެވެ. ސައިބަރ ހަމަލާތަކާއި، ޑޭޓާ ވަގަށްނެގުމާއި، އޮންލައިން މަކަރާއި ހީލަތުގެ ނުރައްކާ ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. މިފަދަ ގޮންޖެހުންތަކުން އަޅުގަނޑުމެންގެ މުހިއްމު މަޢުލޫމާތުތަކާއި، މާލީ އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކުރުމަށްޓަކައި، ޤާބިލް، ހުނަރުވެރި ސައިބަރ ސެކިއުރިޓީގެ މާހިރުންތަކެއް ބިނާކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މި މުހިއްމު ބޭނުންތެރިކަމަށް އިޖާބަދީ، ރާއްޖޭގައި ފުރުތަމަ ފަހަރަށް ވިލާ ކޮލެޖުގެ ސްކޫލް އޮފް ކޮންޕިއުޓަރ ސައިންސް އިން ތަޢާރަފްކުރާ، ބެޗްލަރ އޮފް ސައިންސް އިން ސައިބަރ ސެކިއުރިޓީ ޕްރޮގްރާމަކީ، މި ދާއިރާއިން މަތީ ތަޢުލީމު ހާސިލްކޮށް، ކުރިއަށް ދިއުމަށް ބޭނުންވާ ދަރިވަރުންނަށް ހުޅުވިގެންދާ ރަނުގެ ފުރުޞަތެކެވެ.

މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ، ސައިބަރ ސެކިއުރިޓީގެ މައިދާނުގައި ދިމާވާ ގިނަގުނަ އަދި ގޮންޖެހުން ބޮޑު މައްސަލަތައް ދެނެގަނެ، އެކަންކަމަށް ޢަމަލީ އަދި ޒަމާނީ ހައްލުތައް ހޯދައިދޭނެ، ތިއަރީއާއި ޢަމަލީ ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލުންތަކެއް އުފެއްދުމަށެވެ. ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް، ނެޓްވޯކްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ސައިބަރ ހަމަލާތަކުން ދިފާޢުވުމާއި، ޑިޖިޓަލް ފޮރެންސިކްސް އަދި ސެކިއުރިޓީ އޮޑިޓް ކުރުން ފަދަ މި ދާއިރާގެ މުހިއްމު ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދެވިފައިވެއެވެ. އަދި، ދުނިޔޭގެ މަޝްހޫރު ސިސްކޯ (Cisco) ގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ޢަމަލީ ތަމްރީނުތައް ފޯރުކޮށްދެވޭއިރު، މި ޕްރޮގްރާމަކީ، އިންޑަސްޓްރީގައި ޤަބޫލުކުރެވޭ ސިސްކޯ ސީސީއެންއޭ (CCNA) ސެޓިފިކޭޝަންތަކަށް (ޚާއްޞަކޮށް، ރޫޓިންގ އެންޑް ސްވިޗިންގ، ވަޔަރލެސް އެސެންޝަލްސް، އެންޓަރޕްރައިޒް ނެޓްވޯކިންގ، އިންޓްރޮޑަކްޝަން ޓު ނެޓްވޯކްސް، އަދި ސެކިއުރިޓީ އެންޑް އޮޓޮމޭޝަން ހިމެނޭ ގޮތަށް) ދަރިވަރުން ތައްޔާރުކޮށްދޭ ޕްރޮގްރާމެއްވެސްމެއެވެ. މީގެ ސަބަބުން، ދަސްވެނިވާއިރު ވަޒީފާގެ ބާޒާރަށް ނުކުންނައިރު، ދަރިވަރުންނަށް އިތުރު ޤާބިލްކަމަކާއި އިތުބާރެއް ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުގެ ސްކޫލް އޮފް ކޮންޕިއުޓަރ ސައިންސްގެ ހެޑް، އުދުމާ ޢަބްދުލް ލަތީފް ވިދާޅުވިގޮތުގައި "އިންފޮމޭޝަން ޓެކްނޮލޮޖީއާއި ސައިބަރ ސެކިއުރިޓީއަކީ ދުނިޔެއާއި ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ނުހަނު މުހިއްމު ދެ ތަނބު. އަޅުގަނޑުމެންގެ ބެޗްލަރ އޮފް ސައިންސް އިން ސައިބަރ ސެކިއުރިޓީ ޕްރޮގްރާމް ފަރުމާކޮށްފައި މިވަނީ، މި ދާއިރާއިން ބޭނުންވާ ޢަމަލީ ފަހުމާއި ފުޅާ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް، ވަރަށް ބޮޑު ސަމާލުކަމެއް ދީގެން. މިއީ ހަމައެކަނި އެކަޑެމިކް ޕްރޮގްރާމެއް ނޫން. މިއީ އިންޑަސްޓްރީގެ ބޭނުންތަކަށް ބަލައި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، އަދި ޕްރޮފެޝަނަލް ސެޓިފިކޭޝަން އިމްތިޙާނުތަކަށް ދަރިވަރުން ތައްޔާރުކޮށްދޭ ޕްރޮގްރާމެއް. އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ، މި ޕްރޮގްރާމުން ދަސްވެނިވާއިރު، ރާއްޖެއާއި ބޭރުގެ ވަޒީފާގެ ބާޒާރުގައި ވާދަކުރެވޭނެ ފެންވަރުގެ، ޤާބިލް ޒުވާނުންތަކެއް އުފެއްދުން."

މި ޕްރޮގްރާމުގެ ކަރިކިއުލަމް ފަރުމާކުރުމުގައި، ދުނިޔޭގައި މި ދާއިރާއިން ޤަބޫލުކުރެވޭ އެންމެ ފަހުގެ މިންގަނޑުތަކަށް ޚާއްޞަ ސަމާލުކަމެއް ދެވިފައިވެއެވެ. އެގޮތުން، އެސޯސިއޭޝަން ފޮރ ކޮމްޕިއުޓިންގ މެޝިނަރީ (ACM) އާއި، އައިއީއީއީ-ކޮމްޕިއުޓިންގ ސޮސައިޓީގެ ކަރިކިއުލަމް ގައިޑްލައިންތަކާއި، އަދި ޔޫކޭގެ ބްރިޓިޝް ކޮމްޕިއުޓިންގ ސޮސައިޓީ (BCS) ގެ ކޮމްޕިއުޓިންގ ކަރިކިއުލަމްތަކާ އަޅާކިޔައި، އެ މިންގަނޑުތަކަށް ފެތޭގޮތަށް ޕްރޮގްރާމްވަނީ ފަރުމާކުރެވިފައެވެ. މީގެ އިތުރުން، ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުންޏެއްކަމަށްވާ ހުވާވޭގެ، ހުވާވޭ އެކަޑަމީގެ ކޯސްތަކާވެސް މި ޕްރޮގްރާމުގެ މުހިއްމު ބައިތައް ގުޅުވާލެވިފައިވުމަކީ، ދަރިވަރުންނަށް ލިބޭ އިތުރު ފައިދާއެކެވެ.

ސައިބަރ ސެކިއުރިޓީ ދާއިރާގެ ތަޖުރިބާކާރަކު ފާހަގަކުރައްވާ ގޮތުގައި، "މިއަދު ދިވެހިރާއްޖެއަށް ބަލާއިރުވެސް، ސަރުކާރާއި، ކުންފުނިތަކާއި، އަދި އާންމު ފަރުދުންނަށްވެސް ސައިބަރ ހަމަލާތަކުގެ ނުރައްކާ އެބައޮތް. މިކަމުން ރައްކާތެރިވުމަށްޓަކައި، ހަމައެކަނި ޓެކްނޮލޮޖީއެއް ނުފުދޭ. ޢަމަލީ ހުނަރާއި، މައްސަލަ ހައްލުކުރުމުގެ ޤާބިލްކަމާއި، އަދި އެންމެ ފަހުގެ އިންޑަސްޓްރީ މިންގަނޑުތަކަށް އަހުލުވެރިވެފައިވާ މީހުން ބޭނުންވޭ. ސީސީއެންއޭ ފަދަ ސެޓިފިކޭޝަންތަކާއެކު މިފަދަ ޑިގްރީއެއް ފުރިހަމަކުރާ ދަރިވަރުންނަށް ވަޒީފާގެ ބާޒާރުގައި ވަރަށް ބޮޑު ތަރުހީބެއް ލިބޭނެކަން ޔަގީން. މިފަދަ ޕްރޮގްރާމްތަކުން ދަސްވެނިވާ ޒުވާނުންނަކީ، ޤައުމުގެ ޑިޖިޓަލް ވަޞީލަތްތައް ހިމާޔަތްކުރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ބަޔަކަށް ވާނެ."

މި ޕްރޮގްރާމާ ގުޅެން ޝައުޤުވެރިވާ ދަރިވަރަކު ބުނީ، "ޓެކްނޮލޮޖީއަކީ އަބަދުވެސް އަހަރެން ވަރަށް ޝައުޤުވެރިވާ ދާއިރާއެއް. ސައިބަރ ސެކިއުރިޓީގެ މުހިއްމުކަން މިހާރު ވަރަށް ބޮޑަށް އިޙްސާސްކުރެވޭ، ޚާއްޞަކޮށް އަޅުގަނޑުމެންގެ ހުރިހާ ކަމެއްހެން އޮންލައިންވެފައިވާއިރު. އޮންލައިންކޮށް ކަންކަން ކުރާއިރު ރައްކާތެރިކަމާ މެދު އަބަދުވެސް ވިސްނަން. މި ޕްރޮގްރާމްގައި ޢަމަލީ ތަމްރީނުތަކާއި ސިސްކޯ ސެޓިފިކޭޝަން ހިމެނޭކަން އެނގުމުން ވަރަށް އުފާވި، ސަބަބަކީ އެއީ ވަޒީފާ ހޯދާއިރު ވަރަށް ބޭނުންތެރި ބައިތައްކަން އެނގޭތީ. މިއީ ހަމައެކަނި ކިޔެވުމެއް ނޫން، މިއީ އަހަރެންގެ މުސްތަޤްބަލަށް، ރަނގަޅު ކެރިއަރއެއް ބިނާކުރުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށް ދެކެން."
މި ފަށާފައިވާ ޢިލްމީ ޕްރޮގްރާމް މެދުވެރިކޮށް، މި ދާއިރާއަށް ޝައުޤުވެރިވާ، އަދި ޤައުމަށް ޚިދުމަތްކުރުމުގެ ރޫޙު ހުރި ޒުވާނުންނަށް، އެމީހުންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މުހިއްމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ދޮރުތައް ހުޅުވިގެންދާނެކަން ޔަޤީނެވެ.

ނޯޓް: މިއީ، ވިލާކޮލެޖުން ހިންގާ ސައިބަރ ސެކިއުރިޓީއާ ބެހޭ ކޯހާ ބެހޭ އެޓްވަޓޯރިއަލްއެކެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *