ޒުވާން ކުދިންނަށް މައިސާގެ ނަމުގައި ވޮލީ އެކަޑަމީއެއް ހުޅުވައިފިއެވެ.
މައި ސްޕޯރޓްސް އެކެޑެމީގެ ނަމުގައި މި އެކަޑަމީގައި އިސްކޮށް މަސައްކަތް ކުރަނީ، ޤައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗު މުޙައްމަދު ޝަރަފް އެވެ. މި އެކަޑަމީގެ ޓެކްނިކަލް ޑިވިޜަން މަސައްކަތްތައް ހިންގަނީ ސީދާ އޭނާގެ ބެލުމުގެ ދަށުންނެވެ. މި އެކަޑަމީގެ ފުރަތަމަ ބެޗުގެ ތަމްރީނުތައް ފާއިތުވެ ދިޔަ ޖެނުއަރީ މަހުވަނީ ފަށާފައެވެ.
މިހާރު މި އެކަޑަމީގައި، އެކި ޢުމުރު ފުރާތަކުގެ 50 އަށް ވުރެ ގިނަ ކުދިން ދަނީ ތަމްރީނު ހަދަމުންނެވެ.
މައިސާއިން ބުނި ގޮތުގައި، މިހާރު އެ އެކަޑަމީން ފޯކަސްކުރަނީ ޢުމުރުން 12 އަހަރުން ދަށުގެ ކުޅުންތެރިންނާއި އަދި 16 އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ. 12 އަހަރުން ދަށުގެ ޢުމުރުފުރާ ޙާއްސަވަނީ ގްރޭޑް 1 ން ގްރޭޑް 5 ގެ ދަރިވަރުންނަށެވެ. މި ޢުމުރު ފުރާގެ ކުދިންނަށް ތަމްރީން ދެނީ މިނީ ވޮލީގެ އަސާސްތަކުގެ މައްޗަށް ބިނާކޮށެވެ. ޢުމުރުން 16 އަހަރުން ދަށުގެ ޢުމުރު ފުރާ ޙާއްސަކޮށްފައިވަނީ ގްރޭޑް 6 ން ގްރޭޑް 10 އަކާއި ދެމެދު ކިޔަވާ ކުދިންނަށެވެ. މި ޢުމުރުގެ ކުދިން ތަމްރީން ޕްރޮގްރާމުތައް ރާވާފައިވަނީ ޖޫނިއަރ ވޮލީގެ އަސާސްތަކުގެ މައްޗަށް ބިނާކޮށެވެ
މައިސާއިން މަސައްކަތް ކުރަނީ ރޯދަމަހަށްފަހު، ޔޫތު ވޮލީ ބޯލްގެ ތަމްރީނުތައް ފަށާށެވެ. އެއީ ގްރޭޑް 11 އަދި 12 ގެ ދަރިވަރުން ނުވަތަ 20 އަހަރުން ދަށުގެ ޢުމުރުފުރައަށް ޚާއްޞަ ކޮށްގެންނެވެ.
ކޯޗުންގެ ގޮތުގައި، މި އެކަޑަމީގައި މަސައްކަތް ކުރައްވާނީ ޒުވާން ކުޅުންތެރިން އުފެއްދުމުގެ ތަޖުރިބާ ލިބިފައިވާ ދިވެހި ކޯޗުންނާއި ސްރީލަންކާގެ ކޯޗުންނެވެ. މިވަގުތު ސްރީ ލަންކާގެ 2 ކޯޗަކު މަސައްކަތް ކުރަމުން އެބަގެންދެއެވެ. މި 2 ކޯޗުންނަކީ ވެސް ބައިނަލް އަޤުވާމީ ވޮލީ އިދާރާ އެފް.އައި.ވީ.ބީ.ގެ ކޯޗުންގެ އެކި ފަންތީގެ ކޯސްތައް ފުރިހަމަކޮށްފައިވާ ކޯޗުންނެވެ.
ޝަރަފު ބުނީ، އެ އެކަޑަމީއަށް ސްރީލަންކާގެ ކޯޗުން ގެންނަނީ އެ ޤައުމުގެ ތަޖުރިބާކާރު ކޯޗިންގ ޓީމަކުން ކޯޗުންގެ ފެންވަރު ވަޒަންކުރުމަށްފަހު ކަމަށެވެ.
ވީ.އޭމް.އެމް.އެކްސް ކޯގެ މެމްބަރެއްގެ ގޮތުގައި މިދިޔަ ހަފްތާގައި އިންތިޚާބުވި ޝަރަފު ބުނީ، އެކަޑަމީގެ މަސައްކަތް ފެށީ،
މިއީ މީގެ 30 އަހަރެއްހާ ކުރިން އުފެދިފައިވާ އެކުވެރިކަމާއި އެކު ދެގޮތެއްނުވެ ތިބި ސްކޫލް ދައުރުގެ ބައެއް އެކުވެރިން ގުޅިގެން ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި މި އެކަޑަމީގެ ތެރެއިން ތަމްރީނުވާ ކުދިންގެ ކިބައިން، ކުޅިވަރުގެ އަޚުލާޤާއި އަދި ކުދިންގެ ކެރެކްޓަރ ބިލްޑްކޮށް، އެކަކުއަނެކަކަށް އަޅާލާ ރީތި އާދަތަކެއް ފެންނާނެ ކަމަށެވެ.
މައިސާގެ މަސައްކަތްތައް މިވަގުތު މާލޭ ސަރަހައްދުގައި ހިގަމުން ދިޔަ ނަމަވެސް އަތޮޅު ތަކުގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދަން ވަނީ ޕްލޭންކޮށްފައެވެ.
މައި ސްޕޯޓްސް އެކަޑަމީ(މައިސާ)ގައި ކުދިން ބައިވެރިކުރުމަށް 7496972 އަށް ގުޅުމަށް އެ އެކެޑަމީން އެދެއެވެ.
ހިޔާލު