"އަޅުގަނޑުގެ މައިންބަފައިންގެ އެފަދަ ތަނަވަސް ކަމެއް ނެތުމުން އަޅުގަނޑަކަށް ނުކިޔެވުނެވެ. އެ ނަސީބެއް ނުލިބުނެވެ. އަކަމަކު މިއަދު އަޅުގަނޑަށް ދިވެހި ކުދިންނަށް އެކަން ކޮށްދެވެން އެބައޮތެވެ. އަޅުގަނޑު ބޭނުންވަނީ، ރާއްޖޭގެ ޒުވާން އަދި ޤާބިލުކަން ހުރި ކުދިންނަށް އެ ފުރުޞަތު ދިނުމަށެވެ. އެކަމަކު އެކުދިން ވާންޖެހޭނީ ކިޔަވަން ޝަޢުޤު ހުރި މޮޅެތި ކުދިންނަށެވެ. އަދި އެކުދިންގެ މައިންބަފައިންނަށް އެފަދަ ކަމެއް ކޮށްދެވޭނެ ތަނަވަސްކަމެއް ނެތް ކުދިންނަށް ވެސް ވާންޖެހޭނެއެވެ." މަތީ ތައުލީމު ފޯރުކޮށްދިނުމުގެ އަޒުމުގައި ވިލާ ސްކޮލަރޝިޕް ޕްރޮގްރާމް ފެށުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ. މަޙްމޫދު ޝަޢުޤީއާއެކު ފުރަތަމަ ބޭއްވި ބައްދަލުގައި ވިލާގެ ޗެއަރމަން ޤާސިމް އިބްރާހިމް ވިދާޅުވެފައިވެއެވެ.
އެ ވާހަކަ ބަޔާން ކުރެއްވީ، ރޭ ނެރުއްވި ޤާސމް އިބްރާހިމްގެ ހަޔާތުނާމާގައެވެ. 700 ސަފްޙާގެ މި ފޮތް ލިޔުއްވީ ނޫސްވެރިޔާ މުޙައްމަދު ޖަމީލެވެ.
އެ ފޮތުގައި ބުނެފައިވާ ގޮތުން، ފުރަތަމަ ފަހަރަށް އަމިއްލަ ފަރާތަކުން ސްކޮލަރޝިޕް ޕރޮގްރާމެއް އިއުލާނުކުރީ ގާސިމްގެ ވިލާ ކުންފުނީގެ ތެރެއިންނެވެ. 1990ގެ އަހަރުތަކާ ހަމައަށް އައި އިރު ވެސް ރާއްޖޭގައި ކުދިންނަށް މަތީ ތައުލީމު ދެވޭނެ ގޮތެއް ނުހުރެއެވެ. ފެކަލްޓީއެއް، ކޮލެޖެއް، އުނިވަރސިޓީއެއް ނުހުރެއެވެ. ސަރުކާރުގެ ސްކޮލަރޝިޕެއްގެ ދަށުން ނޫން ގޮތަކަށް ރާއްޖެއިން ބޭރަށް ކިޔަވަން ދެވޭނެ ގޮތެއް ނޯވެއެވެ. ސަރުކާރުގައި އެ ތަނަވަސް ކަމެއް ނެތެވެ. މައިންބަފައިން އަމިއްލައަށް ޚަރަދުކޮށްގެން، ކުދިން ބޭރަށް ފޮނުވޭ ވަރުގެ ތަނަވަސްކަމެއް ވެސް ގިނަ ބައެއްގެ ނުހުރެއެވެ. ސަރުކާރުން ސީދާ ޚަރަދުކޮށްގެން ރަދުކޮށްގެން ކުރާ ކަމަކަށް އޮންންނީ ކޮންމެ އަހަރަކު ވެސް ސްކޫލް ނިންމާ ކުދިންގެ ތެރެއިން ދެ ކުއްޖަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑެކެވެ.
ޤާސިމް އޭނާގެ ޚަރަދުގައި ހިލޭ ބޭސްފަރުވާއަށް މީހުން ފޮނުއްވަމުން ގެންދެވިއިރު، ބޭރަށް ކިޔަވަންދާ ކުދިންނަށް މަދުމަދުން އެހީތެރިކަން ދެއްވަމުން ގެންދެވިއެވެ. ބައެއް ކުދިންނށް ކިއެވުމުގެ ޚަރަދު އެއްކޮށް ވެސް ހަމަޖައްސަވައިދެއްވިއެވެ.
އެ ފޮތުގައި ބުނެފައިވާ ގޮތުގައި، ދިވެހި ކިޔަވާކުދިންނަށް މަތީ ތަޢުލީމު ޙާޞިލްކުރުމާއި ބޭރަށް ދެވޭނެ ކަމަށް ޤާސިމް ދެކެވަޑައިގެންނެވީ 1998 ސަންއައިލެންޑާއި އޭގެ ފަހުން ރޯޔަލްއައިލެންޑް ހުޅުވުމަށްފަހު ވަޒީފާއަށް ދިވެހިން ހޯއްދަވަން ފެއްޓެވުމަށްފަހުއެވެ.

ކަންކަން ރަނގަޅަށް ކުރަން އެނގޭ ދިވެހި ކުދިން ލިބިވަޑައެއްނުގަންނަވާތީ، ފުރަތަމަ އޭނާގެ ރިސޯޓްތަކުގެ ސްޓާފުންނަށް ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް ހިންގަން ފެއްޓެވީއެވެ. އެކަން ކުރިއަށް ގެންދެވީ ކޮންމެ ރިސޯޓެއްގައި ޓްރޭނިން މެނޭޖަރެއް ބަހައްޓައި، ހަފުތާ ބަންދާ ދިމާކޮށް ކިޔަވައިދޭ ގޮތަށެވެ. އެ ކޯސްތަކުގައި ކިޔަވައިދެއްވަން އިނގިރޭސި ވިލާތުން ޓީޗަރުން ވެސް ފަހުން ގެންނެވިއެވެ.
ކިޔަވާކުދިން ރާއްޖޭއިން ބޭރުން މަތީ ތަޢުލީމު ހާޞިލްކުރަން ފޮނުއްވާން ހައްދަވާނެ ގޮތަކާމެދު ކިޔާލު ފާޅުކުރައްވަމުން އަޒުމް ކަނޑައެޅުއްވީ، އުމުރުފުޅުން 50ވަނަ އަހަރާ ދިމާކުރައްވައި، އެކަން ފެއްޓެވުމަށެވެ. އެކަމުގައި އެހީތެރިކަން ދެއްވީ ޑރ. މަޙްމޫދު ޝަޢުޤީއެވެ. އޭނާއަކީ ކެނެޑާގެ ޔުނިވަރސިޓީއަކުން ޕީއެޗްޑީ ހާޞިލް ކުރައިގެން ހުންނެވި ބޭފުޅެކެވެ. ޝަޢުޤީ ގެންދަވައިގެން ބައްދަލުކުރައްވައިފައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.
ސްކޮލަރޝިޕް ޕްރޮގްރާމް ރާއްވަމުން ގެންދެވިއިރު ޤާސިމް ބޭނުންފުޅުވީ، ފަށައިގަންނަވާން ވެސް 100 ކުދީންނަށް އެއް ފަހަރާ ފުރުޞަތު ދެއްވުމަށެވެ. އެއީ ޑިގްރީއާއި މާސްޓަރސްއާއި ޕީއެޗްޑީއަށް ކިޔެވުމަށެވެ. އެކަމަކު ފަންނީ ބޭފުޅުންނަށް ފެނިވަޑައިގަތީ އެއީ ފަށައިގަންނަން މާ ބޮޑު އަދަދެއް ކަމަށެވެ.
ސްކޮލަރޝިޕް ޕްރޮގްރާމް ރާއްވަވައި ދާންވީ ޤައުމުތަކާއި ކުދިންނާއެކު ހައްދަންވަން ޖެހިވަޑައިގަންނަވާ އެއްބަސްވުންތައް ނިމުމުން ސަރުކާރުގެ ވިސްނުން ހުރި ގޮތް ބައްލަވާން ޖެހޭނެކަމަށް ޤާސިމަށް ވިސްނިވަޑައިގަތެވެ. އެއީ ސިޔާސީ މަސްރަހަށް އަންނަމުން ދިޔަ ބަދަލުތަކުންނާއި ސަރުކާރުން ޚަރަދުކޮށްގެން ހިންގާ އެފަދަ ސްކޮލަރޝިޕް ޕްރޮގްރާމެއް ނެތީސް ފައްޓަވަން އުޅުއްވައިފިނަމަ ހުރަސްތަކެއް ކުރިމަތިވެދާނެކަމަށް ހީފުޅުވާތީއެވެ. އެވާހަކަ ފުރަތަމަ ދެއްކެވީ އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މުޙައްމަދު ލަތީފާއެވެ. އެވާހަލަ ދެންނެވީމާ ޤާސިމް އަތުގައި ހިއްޕަވައިގެން އެއްފަރާތަކަށް ޖެހިވަޑައިގެން ޑރ. ލަތީފު ވިދާޅުވިއެވެ.
"ސުބްހާނައްﷲއެވެ. ތިޔަ ކަން އެއްގޮތަކަށް ވެސް ކުރައްވާށެވެ. ޤާސިމްގެ ދުވަސް ދިޔައީއެވެ. ގެންގޮސް ހައްޔަރުވެސް ކޮށްފާނެއެވެ. ތިޔައީ ޤާސިމް ކުރައްވަން ސަރުކާރުން ވަރަށް ނުރުހޭނެ ކަމެކެވެ. ތިޔަކަން ކުރައްވާކަށް ނުވާނެއެވެ" ޑރ. ލަތީފު އެހެން ވިދާޅުވީމާ ޤާސިމް އިސްތަށިފުޅު ޖައްސަވައިލެއްވިއެވެ. އިތުރަށް ދެން އެވާހަކައެއް ނުދައްވަކަވާ ކަމަށް އެ ފޮތުގައި ބުނެފައިވެއެވެ.

އޭގެ ދެމަސް ދުވަސް ފަހުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުދީންނަށް ކިޔަވައިދޭން އެކުލަވައިލި ސްކޮލަރޝިޕް ޕްރޮގްރާމް، ވިލާ ސްކޮލަރޝިޕްގެ ނަމުގައި އިއުލާން ކުރެއްވިއެވެ. ރޭޑިޔޯއާއި ޓީވީން ގޮވައި، ރާއްޖޭގައި ނުކުންނަ ނޫސްތަކުގައި އެ ވާހަކަ ޖެހިއެވެ. ސްކޮލަރޝިޕް ޕްރޮގްރާމް އިއުލާން ކުރެއްވީ ޤާސިމްގެ 50 ވަނަ އުފަންދުވަހުއެވެ. އަދި އެ ދުވަހު އޭނާއަށް އެކި ފަރާތްތަކުން ދައްކަން ހުރި 50 މިލިއަން ރުފިޔާވެސް މައާފުކޮށްދެއްވިއެވެ.
ސްކޮލަރޝިޕް ޕްރޮގްރާމް އިއުލާން ކުރެއްވި އިރު، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ކަންކަން ބަލަހައްޓަވާ މިނިސްޓަރަކަށް ހުންނެވީ އަބްދުﷲ ކަމާލުއްދީނެވެ. އެކަން އިއުލާން ކުރެއްވީމާ އޭނާ ވިދާޅުވީ، އެ ކަން ކުރައްވަން ސަރުކާރުން ހުއްދަހޯއްދަވަން ޖެހެނޭ ކަމަށް ރައީސް އޮފީހުން އަންގަވާފައިވާ ކަމަށެވެ. އެ ހުއްދަ ހޯދަން އެ މިނިސްޓްރީން ރައީސް އޮފީހަށް ލިޔެގެން ރައީސް އޮފީހުން ޖަވާބެއް ނުދެއްވައި ދިގުލާން ފެށުމުން، ޤާސިމް ރައީސް އޮފީހަށް ގުޅުއްވީ ޤާސިމެވެ. ނަތީޖާއަކަށް ވީ، ސްކޮލަރޝިޕްގެ ދަށުން ކުރެވޭ އެއްބަސްވުމާއި އިންޝުއަރެންސްއާ ބެހޭ ލިޔުންތައް ފޮނުއްވަން އެންގެވުމެވެ. ސްކޮލަރޝިޕް ޕްރޮގްރާމާ ބެހޭ ގޮތުން ރައީސް އޮފީހުން ފާޅުކުރެއްވި ކަންބޮޑުވުމަކީ، ކުދީންތަކެއް ކިޔަވާން ގޮސް ތިއްބައި ވިލާއަށް ދިމާވާ ގޮތަކުން އެ ކުދިންނަށް އެހީ ލިބުން ހުއްޓިއްޖިއްޔާ ވާނެ ގޮތެކެވެ. ގާސިމްގެ ޖަވާބަކަށްވީ "އެހެން ވެއްޖިއްޔާމު ސްކޮލަރޝިޕް ނިމުނީއެވެ. އެ ކުދިން ރާއްޖެ ގެންނާނީއެވެ. އެހާތަނަށް ކުރި ޚަރަދެއް ދައްކާކަށް ވެސް ނުޖެހޭނެ"އެވެ.
"ސްކޮލަރޝިޕް ޕްރޮގްރާމް ރޭއްވުމުގައި ގެންގުޅުއްވި ވިސްނުންފުޅަކީ، ކޯހަށް ހިނގާ ޚަރަދުގެ 50 އިންސައްތަ ކޯހަށް ދާ ކުއްޖަކު އަނބުރައި ދެއްކުމެވެ. އަނެއްބައި ވިލާއިން ހިލޭ ފޯރުކޮށްދިނުމެވެ. އެގޮތަށް ނިންމީ، ކިޔެވުމަކީ ކޮންމެވެސް ވަރެއްގެ އަގެއް ދައްކަންޖެހޭ އެއްޗަކަށް ކުދީންނަށް ވިސްނައިދެއްވުމަށެވެ. ކުދީން ކިޔަވައިގެން އައިސް ދައްކާ އެއްޗަކީ އެހެން ކުއްޖަކަށް ކިޔަވައިދޭން ކުރާ ޚަރަދަކަށް ހެއްދެވުމެވެ" ސްކޮލަރޝިޕްގެ އެންމެ މުހިންމު އެއް މަޤްޞަދަކީއީއެވެ.
ސްކޮލަރޝިޕްގައި ދާ ކުދިންނަށް މަޖުބޫރު އެއްކަމެއް އޮވެއެވެ. އެއީ ކިޔަވައިނިމިގެން އައިސް ރާއްޖެއަށް ޚިދުމަތް ކުރުމެވެ.
ސަރުކާރުގެ ހުއްދައާއެކު، ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ރާއްޖެއިން ބޭރަށް، ފުރަތަމަ ބްޗް ފުރީ 2000 ވަނަ އަހަރުއެވެ. އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން ސްކޮލަރޝިޕް ޕްރޮގްރާމް އެގޮތަށް ކުރިއަށް ގެންދަން ދަތިކަމަކަށްވިއެވެ. ކިޔަވާކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވިއެވެ. އެއާއެކު އެއް ފުރާޅެއްގެ ދަށުން ކަންތައްތައް ބަލަހައްޓަން 2003 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހު ވިލާ ފައުންޑޭޝަން އުފެއްދެވިއެވެ.
ސްކޮލަރޝިޕްތަކަށް ކުދިން ހޮވަނީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާނެ ދާއިރާތައް ފާހަގަކުރައްވައިގެންނެވެ. އޭގެތެރޭގައި އެހާތަނަށް ދިވެހިންގެ ތެރޭގައި ތަމްރީނު ކުރެވިފައި ނެތް ފޮރެންސިކާއި ޓެކްސޭޝާން ފަދަ ދާއިރާތައް ހިމެނެއެވެ. ފޮރެންސިކްގެ ދާއިރާއިން ކިޔަވައިގެން އައިސް ސިފައިންގެ ތެރެއަށް ފުރަތަމަ ވަން ކުދީންނަކީ ވިލާގެ ތެރެއިން ތަމްރީނު ލިބުނު ކުދިންނެވެ. ކުރިމިނޮލޮޖީގެ ދާއިރާއިން އިތުރަށް ހުޅުވާލި ސްކޮލަރޝިޕް ޕްރޮގްރާމުގައި ސިފައިންގެ ތެރެއިން ކުދިން ފޮނުވާން ސަރުކާރުން ބޭނުން ނުވިއެވެ.
އެ ފޮތުގައި ލިޔެފައިވާ ގޮތުގައި، ވިލާގެ ސްކޮލަރޝިޕްގައި ކިޔަވަންދާން ސިފައިންގެ ކުދިންނަށް މަނާކުރިއެވެ. ސަރުކާރުން އުފެއްދެވި ޓެކްސް އޮތޯރިޓީ ހިންގަން ފުރަތަމަ ލެއްވި ބޭފުޅުންނަކީ ވެސް ވިލާގެ ތެރެއިން ކިޔަވައިގެން ނުކުތް ބޭފުޅުންނެވެ. ސްކޮލަރޝިޕްގެ ފުރުޞަތު ފުޅާ ކުރުމުގެ ގޮތުން ޕައިލެޓުންނާއި ޑައިވަރުންނާއި އިންފޮމޭޝަން ޓެކްނޮލޮޖީއާއި މެޑިސިންއާއި ޤާނޫނީ ދާއިރާއިންނާއި ބިޒްނަސްއާއި މާކެޓިންއާއި ޕޮލިޓިކަލް ސައިންސާއި އެކައުންޓިންގއާއި އިންޖިނިއަރިންގ ދާއިރާތަކުން ސްކޮލަރޝިޕް ތައާރަފު ކުރެއްވިއެވެ.
ވިލާ ސްކޮލަރޝިޕަކީ މަތީ ތައުލީމަށް ރާއްޖޭގައި ހުޅުވާލި އެންމެ ބޮޑު މަޝްރޫއެވެ. އަމިއްލަ ފަރާތަކުން ހިންގެވި އިލްމީ އެންމެ ބޮޑު މަސައްކަތެވެ. ސަރުކާރަށް ނުކުރެވި އޮތް ކަމެއް، މުޅި ރާއްޖެއަށް ފުޅާކުރުމަށް ފަރުދަކުވި ބޮޑު ޤުރުބާނީއެކެވެ.
advertisment
ހިޔާލު