އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ ކުރިނބީ ސްކޫލުގެ އަޙްމަދު ޒައިން ޢަލީ ހޯދައިފިއެވެ. މިއީ އެ ސްކޫލުގެ ދަރިވަރަކު އެ ރަށު ސްކޫލުގައި ކިޔަވައިގެން އެފަދަ ވަނައެއް ހޯދި ފުރަތަމަ ފަހަރެވެ.
ޒައިންގެ ކާމިޔާބާއެކު ކުރިނބީ ރައްޔިތުންނާއި އެރަށު ސްކޫލުން ވަނީ އޭނާއަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
"މިއީ ސްކޫލުގެ ޙަޔާތުގައި ވެސް ވަރަށް ބޮޑު އުފަލެއް. މި އުފަލުގައި މުޅި ރަށާއި ސްކޫލް ޝާމިލުވޭ" ޒައިންގެ ކާމިޔާބާ ގުޅިގެން ޕްރިންސިޕަލް ނާޒިމް ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ފާއިތުވި އަހަރު 8 ދަރިވަރުން އެ ސްކޫލުން އޯލެވެލްގައި ބައިވެރި ކުރުވިއެވެ. އޭގެ ތެރެއިން 3 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. ޒައިން ހިމެނުނީ ގަދަ ދިހައެއްގެ ނުވަ ވަނައިގައެވެ.
ޒައިން ބުނީ އިނގިރޭސި މާއްދާއިން ދުނިޔޭގެ ވަނައަކަށް އަބަދުވެސް އުއްމީދު ކުރި ކަމަށާއި އެ މާއްދާއަކީ އޭނާއަށް ކިޔަވަން އެންމެ ފަސޭހަ މާއްދާކަމަށެވެ.
"އިނގިރޭސި މާއްދާއަށް މޮޅުވާން ވަކިކަމެއް ނުކުރަން. ކުރިހާ ވެސް ކަމަކީ ފިލްމާއި ސީރީޒް ބެލުން. ދެން ޓީޗަރުންދިން އިރުޝާދާއެކު ފިލާވަޅުތައް ހަދަން ސަމާލުކަން ދިނީ" ޒައިން ދަރިވަރު ނޫހަށް ކިޔައިދިނެވެ.
ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލުގެ 11 ގައި މިހާރު ކިޔަވަމުން އަންނަ ޒައިން ބުނީ، ދުނިޔޭގެ ވަނައެއް ލިބުމަކީ އޭނާގެ މަންމަ ދެކެމުން އައި ހުވަފެނެއް ކަމަށާއި މަންމައާއި ރަށާއި އަދި ސްކޫލް ފަޚުރުވެރިވާ ފަދަ ދަރިވަރަކަށް ވުމުން އެކަމާ އުފާ ކުރާ ކަމަށެވެ.

"ގިނަ ބަޔަކު ގުޅާފައި މަރުހަބާ ކިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. ކުރި މަސައްކަތުގެ އަގުވަޒަން ކުރެވުނު ކަމުގެ އިހުސާސެއް" ޒައިން ބުންޏެވެ.
ޒައިން ބުނީ، އޯލެވެލްއަށް ތައްޔާރު ކޮށްދޭން ރަށު ސްކޫލުގެ ޓީޗަރުން ކުރީ ބުރަ މަސައްކަތެއް ކަމަށާއި އެކަމަށްޓަކައި ހުރިހާ ޓީޗަރުންނާއި ޕްރިންސިޕަލާއި ސްކޫލުގެ މެނޭޖްމަންޓަށް ޚާއްޞަ ޝުކުރެއް އަދާކުރާ ކަމަށެވެ.
އޭލެވެލްގައި ލިބުނު ކާމިޔާބާއެކު މިހާރު އޭނާ މަސައްކަތް ކުރަނީ ހައިއެޗީވަރސް ނޫނީ ޕްރެޒިޑެންޑް ސްކޮލަރޝިޕަށެވެ.
"އެކަން ކާމިޔާބު ވޭތޯ މަސައްކަތް ކުރަނީ. އަދިވެސް އިތުރަށް މަސައްކަތް ކުރަން ޖެހޭ" ޒައިން ބުންޏެވެ.

ޒައިން ބުނީ، ޖަލާލުއްދީނުގެ ޓީޗަރުންނާއި ކުދިންގެ ފަރާތުން ފުރިހަމަ އެއްބާލުމެއް ލިބޭ ކަމަށާއި އުއްމީދު ކުރަނީ އޭލެވެލްގައި ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށެވެ.
ކިޔަވާ ކުދިންނަށް ޒައިން ބުނީ، ކިޔެވުން ދޫކޮށް ނުލައި ފަރުވާތެރިކަމާއެކު މަސައްކަތް ކުރުމަށާއި ރަނގަޅު އެކުވެރިންނާއެކު ކިޔަވަން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.
"ރަނގަޅު އެކުވެރިންގެ ފަރާތުން ކިޔެވުމަށް ހިތްވަރު ލިބޭނެ. އެފަދަ އެކުވެރިން ހޯދުމަކީ އެއީ ވަރަށް މުހިންމު ކަމެއް" ޒައިންގެ ނަސޭހަތަކީ އެއީއެވެ.
advertisment
ހިޔާލު