ރާއްޖޭގައި އެންމެ ދުވަސްވީ ސްކޫލު ކަމަށްވާ މަޖީއްޔާ ސްކޫލަށާއި ތަޢުލީމީ ދާއިރާއަށް 39 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު، އެ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ސޯލިޙް ޚިދުމަތް ރިޓަޔަރ ކުރެއްވީ އިއްޔެއެވެ. ދެ ފަހަރެއްގެ މަތިން 14 އަހަރު މަޖީދިއްޔާ ސްކޫލަށް އައިސްތު ޚިދުމަތް ކުރެއްވިއެވެ. ޕްރިންސިޕަލެއްގެ ގޮތުން ނުވަ އަހަރު ޚިދުމަތް ކުރެއްވިއެވެ.
އައިސްތުގެ ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން އަންގާރަ ދުވަހު ވަނީ މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން ޚާއްޞަ އެސެމްބްލީއެއް ބާއްވާފައެވެ. އެ އެސަމްބްލީގައި މުޅި މަޖީދިއްޔާގެ އާއިލާއިން އައިސްތުއަށް ދެއްވީ ރަތްދޫލައިގެ އަލްވަދާއުއެކެވެ.
ޕްރިންސިޕަލެއްގެ ހައިސިއްޔަތުން މަޖީދިއްޔާގައި މަސައްކަތް ކުރައްވާނެ އެންމެ ފަހު ދުވަހު، މަންމައަށް ސަޕްރައިޒެއް ދެއްވަން އެ ސްކޫލަށް ދިޔަ އޭނާގެ ދަރިފުޅު އަފްނާން އަހްމަދާއި އޭނާގެ އެންހެނުންނަށް ލިބުނީ މާބޮޑު ހައިރާން ކަމަކާއި މާ ބޮޑު ސަޕްރައިޒެކެވެ.

އަފުނާން އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވާ ގޮތުގައި، މަޖީދިއްޔާ ސްކޫލަށް ވަދެވުމުން ކުރެވުނީ މުޅިން ތަފާތު އިހުސާސެއް ކަމަށެވެ.
އަފްނާން ބުނީ، އެ އެންމެންގެ ފަރާތުން ފެނުގެން ދިޔައީ މަންމައަށް އޮތް ލޯތްބާއި އިޚްތިރާމް ކަމަށާއި ދަރިވަރުންނާއި މުދައްރިސުންނާއި އެހެނިހެން ސްޓާފުންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އޭނާ ހައިރާންވި ކަމަށެވެ. އޭގެ ސަބަބުން އޭނާގެ ހިތަށް ވަރަށް ބޮޑަށް އަސަރެއް ކުރުވި ކަމަށެވެ. އަދި އިޚްތިޔާރަކާ ނުލައި ރޮވުނު ކަމަށެވެ.

"އެއީ މަންމަގެ މަސައްކަތުގައި ލޯބި ލިބިފައިވާ މިންވަރު ދައްކުވައިދިން ވަގުތު ކޮޅެއް. މަންމަގެ ސަބަބުން އަހަރެން ހުރީ ވަރަށް އިމްޕްރެސްވެއްޖެ" މަންމައަށް ތައުރީފު ކުރަމުން އަފްނާން ލިޔެފައިވެއެވެ.
އަފްނާން، އޭނާގެ މަންމަ ސިފަކޮށްފައި ވަނީ، ކުރަން ހިތުލައިފި ކޮންމެ ކަމެއް ވެސް ކުރާ، ހިތްވަރުގަދަ މީހެއްގެ ގޮތުގައެވެ. އަދި ބަސް މަދުކޮށް އަމަލު ގިނަކުރާ މީހެއްގެ ގޮތުގައެވެ.
އަފްނާން ލިޔެފައިވާ ގޮތުގައި، އޭނާ ބޮޑުވަމުން އައި އިރު ވެސް އެއީ ވަރަށް ބިޒީ މަންމައެއް ނަމަވެސް އަބަދުވެސް މަސައްކަތް ކުރެއްވީ މަސައްކަތާއި އަމިއްލަ ދިރިއުޅުން ބެލެންސް ކުރައްވައިގެން ކަމަށެވެ. ކާމިޔާބު މަންމައެއްގެ ގޮތުގައި ދިރިއުޅުން ބިނާކުރުމަށް މަންމައަށް މަސައްކަތް މުހިންމުވީ ކީއްވެގެންކަން ކުރިން ނުވިސްނުނު ކަމަށާއި އެކަމަކު މިއަދު އެ މަސައްކަތް އެގޮތަށް މަންމަ ކުރެއްވުމުގެ ނަތީޖާއަކީ މަސައްކަތުގައި ކުރިއަށް ދިއުމަށް ހުރިހާ އަންހެނުންނަށް ލިބޭ ހިތްވަރަކަށްވެ، އަންހެނުންނަށް ކަންކަން ވާނެކަން އަންގައި ދިނުން ކަމަށެވެ. އެކަމަށްޓަކައި ވެސް އަފްނާން ވަނީ އޭނާ މަންމައަށް ޝުކުރުއަދާކޮށްފައެވެ.

އަފްނާން ލިޔެފައިވާ ގޮތުގައި އޭނާ އަދާކުރަމުންދާ ވަޒީފާގައި ހޭދަ ކުރި ހަތް އަހަރު ދުވަހުގެ ތެރޭގައާއި ދެ ކުދިންގެ ބައްޕައެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ކަންތައްތަކެއް ތަޖުރިބާ ކޮށްފިކަމަށާއި، އޭނާ ބޮޑުވަމުން އައި ދުވަސްވަރު މަންމައަށް ވަގުތު ނުދެވިގެން އޭރު ކުރި ޝަކުވާތަކަށް މިއަދު މަޢާފަށް އެދޭ ކަމަށެވެ. އޭނައަށް ދިރިއުޅުމެއް ހޯދައި ދޭން މަންމަ އޭރު މަސައްކަތް ނުކުރި ނަމަ މިއަދު އޭނާ އޭނާގެ ގޮތުގައި ނުހުންނާނެ ކަމަށާއި އެ ހުރިހާ ކަމަކަށް މިއަދު ޝުކުރުވެރިވާ ކަމަށް ވެސް އަފްނާން ލިޔެފައިވެއެވެ.

ބުރަ މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެކަން އަމަލީ ގޮތުން ދައްކައި، އެހާ ބިޒީކޮށް އުޅެމުން ރަނގަޅު ބައްޕައަކަށް ވާން ދަސްކޮށްދީ، އޭނާގެ ދެ އަންހެން ދަރިންނަށް ނަމޫނާ މާމައެއް ލިބިފައިވާކަން ވެސް ފާހަގަކޮށް އައިސްތުއަށް އަފްނާން ވަނީ ޝުކުރުއަދާކޮށްފައެވެ.
" މަންމަ އަބަދުވެސް އަހަރެން ބަލާނީ ނަމޫނާއަކަށް އަހަރެންގެ ހީރޯއަކަށް. އުފާވެރި ރިޓަޔަމަންޓަކަށް އެދެން. ހަޔާތުގެ މި ސަފުހާ، މަންމަ އުފާވާ ކަންކަމަށް ޚާއްސަކުރޭ. މަންމައަށް އުފާވެރިކަން ހައްގު،" އަފްނާންގެ ހިތުގައި އުފެދިވާ ޚާއްޞަ ޤަދަރު ބަންޑުން ކޮށްލިއެވެ.
ސްކޫލް ނިންމުމަށްފަހު ޓީޗިންގ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު، ޕްރައިމަރީ ޓީޗަރެއްގެ ގޮތުން އައިސްތު ފުރަތަމަ މަސައްކަތް ކުރެވީ ވެސް މަޖީދިއްޔާ ސްކޫލުގައެވެ. ޖަމާލުއްދީން ސްކޫލުގެ ސްޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ބަދަލުކުރެއްވީ އިމާދުއްދީނަށެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް މަޖީދިއްޔާ ސްކޫލަށް ޚިދުމަތް ކުރައްވަން ފެއްޓެވީ އެސިސްޓެންޓް ޕްރިންސިޕަލެއްގެ ގޮތުންނެވެ.
މަޖީދިއްޔާގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ލިބިވަޑައިގެންނެވި ފުރުޞަތެއްގައި މާސްޓަރސް ފުރިހަމކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއެވެ. ކިޔަވާވިދާޅުވުމަށްފަހު، މަސައްކަތް ކުރައްވަމުން ފެއްޓެވީ ތާޖުއްދީންސްކޫލުގެ ޕްރިންސިޕަލަކަށެވެ. މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ވަޑައިގެންނެވީ 2016 ވަނަ އަހަރުއެވެ.
advertisment
ހިޔާލު