އޭނާ ބަލަނީ ކިޔެވުމާއި ކުޅިވަރުގައި ވެސް ކުދިންނަށް ނަމޫނާ ދަރިވަރަކަށް ވާން
އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާތިމަތު އާޝާ ރަޝީދު (އާއްކޮ)ގެ ހިތް ހޭންޑްބޯޅައަށް ދޫވީ ރަސްދޫ ހޭންޑްބޯޅަ އެކަޑެމީއަށް ވަން ހިސާބުންނެވެ. 8 އަހަރުގައި އެ އެކަޑެމީގެ ކޯޓަށް އެރި ގޮތަށް އޭނާގެ ވިސްނުމާއި ފިކުރު އެ ކުޅިވަރަށް ހުސްކޮށްލިއެވެ. ނަތީޖާއަކީ އަޙްމަދު ރަޝީދު (އައްމަ ކޯޗް) 2017 ވަނަ އަހަރު އުފެއްދި ރަސްދޫ ހޭންޑްބޯޅަ އެކަޑަމީން ފުރަތަމަ ޓްރެއިނިންގ ހެދި 20 ކުދިންގެ ތެރެއިން އެންމެ މަތީގައި ހުނަރު ދައްކާލި އެއް ކުޅުންތެރިއަކަށް އާއްކޮ ވުމެވެ.
"އާއްކޮއަކީ ގަވައިދުން ޕްރެކްޓިސްތަކަށް އައިސް ބުރަކޮށް މަސައްކަތް ކުރި ކުއްޖެއް. އޭގެ ނަތީޖާ މިހާރު ކޯޓްތެރޭގައި އޭނާ އެ ދައްކަނީ" އައްމަ ކޯޗް ބުންޏެވެ.
އަންނަ އަހަރު އޯލެވެލްގައި އިށީންނަން ތައްޔާރުވަމުން އަންނަ އާއްކޮއަކީ އއ. އޭއީސީގެ މި އަހަރުގެ ކެޕްޓަނެވެ. ސްކޫލް ކެޕްޓަންގެ ޒިންމާއާ އެކު އޭނާގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރީ ފާއިތުވި ދެ އަހަރު 17 އަހަރުން ދަށުގެ އަންހެން ހޭންޑްބޯޅަ ތަށި އެ ސްކޫލަށް ހޯދައިދިނުމުގައެވެ. އަންނަ އަހަރަކީ އެ ތަށި މިލްކު ކުރަން އއ. އޭއީސީން ނުކުންނާނެ އަހަރެވެ. އެކަމަކު އެ ޓީމުގައި އާއްކޮއެއް ނުހިމެނޭނެއެވެ.
"އަޅުގަނޑު ނެތަސް، ދެކެން ބޭނުންވަނީ މޮޅު ކުޅުމަކާއެކު ތަށި މިލްކުކުރާތަން. އެކަމުގައި އަޅުގަނޑަށް ދެވެން އޮތް ހުރިހާ ސަޕޯޓެއް ދޭން މިހިރީ ތައްޔާރަށް" ދަރިވަރު ނޫހަށް އާއްކޮ ބުންޏެވެ.
އާއްކޮ ދެކޭގޮތުގައި ދުރާލާ ޕްރެކްޓިސް ފަށައި އެއް ރޫހެއްގައި ކުޅެފިނަމަ އެއީ ނުވާނެ ކަމެއް ނޫނެވެ. އަންނަ އަހަރު ނުކުންނަ ޓީމުގައި އެ ފެންވަރު ހުންނާނެއެވެ.
އާއްކޮވަނީ އިންޓަރ ހައުސް ހޭންޑްބޯޅަ މުބާރާތުގެ ތަށި އޭނާގެ ހައުސްއަށް މި އަހަރު މިލްކުކޮށްދީފައެވެ. އެއާއެކު އެ މުބާރާތުގެ އެންމެ ގިނަ ގޯލްޖަހައި، އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އޭގެ އިތުރުން ރަސްދޫ ކައުންސިލުގެ 3ވަނަ ހޭންޑްބޯޅަ މުބާރާތުން ރަނަރަޕްކަން ލިބުނުއިރު، އެ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ވެސް އާއްކޮ ހިމެނުނެވެ.
ސްކޫލާއި ރަށުގެ އިތުރުން ޤައުމީ ފެންވަރުގައި ވެސް އާޝާގެ ހުނަރު ދަނީ ދައްކަމުންނެވެ. އެގޮތުން ވެމްކޯ ހޭންޑްބޯޅަ ޗެމްޕިއަންޝިޕްގައި އާޝާ ކުޅުނީ ޔޫތް ސްޕޯޓްސް ކުލަބަށެވެ. އަދި އޭނާއަކީ 17 އަހަރުން ދަށުގެ ޤައުމީ އަންހެން ހޭންޑްބޯޅަ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ. ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި އިންޓަރނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަންސްގެ ސައުތު ސެންޓްރަލް އޭޝިއާ މުބާރާތުގައި ރާއްޖެއަށް ލޯ މޮޑަލް ހޯދައިދިން ޓީމުގައި ވެސް އޭނާ އަކީ މުހިންމު ބައިވެރިއެކެވެ. އެއީ ހޭންޑްބޯޅަ ކޯޓްގައި އާއްކޮ އެންމެ އުފާވި ދުވަހެވެ.
"އިންޓަރނޭޝަނަލް މުބާރާތެއްގައި އަލަށް ބައިވެރިވެ ރާއްޖެއަށް ބްރޯންޒް މެޑަލެއް ހޯދައިދެވުނީމާ ވަރަށް އުފާވި" އާއްކޮ ބުންޏެވެ.
އާއްކޮ އެންމެ ދެރަވީ، އަރިއުތުރު ސްޕޯޓްސް ފެސްޓިވަލް ހޭންޑްބޯޅަ މުބާރާތުގެ ތަށި މިލްކުރަން ނުކުތް ފަހަރު، ސްކޫލުގެ ކަންތައްތަކުގައި ބުރަކޮށް އުޅެން ޖެހުމުން އެ މުބާރާތުގައި ބައިވެރިނުވެވުނީތީއެވެ. އަދި ހަ ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ބަދަލުގައި ތިން ކުޅުންތެރިން ހޮވިއިރު އޭގެތެރޭގައި ނުހިމެނުނީމައެވެ.
އާއްކޮ މިހާރު ބޭނުންވަނީ، ސީނިއަރ ހޭންޑްބޯޅަ ޓީމުން ޖާގަ ހޯދާ، ރާއްޖެއިން ބޭރުގެ މުބާރާތަކުން ރާއްޖެއަށް މެޑަލެއް ހޯދައި ދޭށެވެ.
އާއްކޮ އެންމެ އިސްކަން ދެނީ ކިޔެވުމަށެވެ. އޭގެ ފަހަށް ހުރިހާ ވަގުތެއް ހުސްކުރަނީ ހޭންޑްބޯޅައަށެވެ. ހެނދުނު 8 ހަވީރު 3 އަށް ހޭދަކުރަނީ ސްކޫލުގައި ކިޔެވުމާއި އެކްސްޓްރާ ގަޑިތަކުގައެވެ. އޭގެ އިތުރުން ޓިއުޝަނަށް ވެސް ވަގުތު ހުސްކުރެއެވެ. އާންމު ގޮތެއްގައި ކިޔަވަން ދެ ގަޑިއިރު ގޭގައި ހޭދަކުރެއެވެ. ހޭންޑްބޯޅަ ޕްރެކްޓިސް ކުރަނީ ހަވީރު ނޫނީ ރޭނގަޑުގައެވެ.
ހޭންޑްބޯޅައިގެ އިތުރުން އާއްކޮއަކީ ގައިޑެކެވެ. ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ނަގައި ކިޔަމުން މައުޒުމޫނު ލިޔުން ފަދަ މުބާރާތްތަކުގައި ބައިވެރިވެއެވެ.
އާއްކޮގެ ކާމިޔާބީގައި ހިއްސާދާރުންގެ ލިސްޓެއް އެކުލަވާލާއިރު، އެ ލިސްޓްގެ ކުރީގައި އޮތި މަންމަ ޒުނައިރާ އިބްރާހިމާއި ބައްޕަ އަލީ ރަޝީދުގެ ނަމެވެ. ޚާއްޞަކޮށް މަންމަ ނަން ފާހަގަކުރީ، ޕްރެކްޓިސް ކުރަން ގެންގޮސް ގެނެސްދީ، އޮފީހުގައި ބުރަކޮށް އުޅެމުން އެނާ ކުޅޭ ކޮންމެ މެޗެއް ބަލަން، އެންމެ ބޮޑު ސަޕޯޓަރުގެ ގޮތުގައި މަންމަ ހުންނާތީއެވެ. އޭގެ ފަހުން ދޮންތި ޢާއިޝަތު ޢީޝާއާއި ދޮންބެ އަހްމަދު އިޝާންގެ އެހީތެރިކަމަކީ ކުރިއަށް ދިއުމުގައި އާއްކޮގެ ކާމިޔާބުވުމުގެ ސިއްރެވެ.
އާއްކޮ ދެކޭގޮތުގައި ހޭންޑްބޯޅައިގައި ރަސްދޫއާއި އެ ސްކޫލުގެ ނަން ހޭންޑްބޯޅައިގައި ގަދަ ބާރަކަށް ހަދައިދިނީ އެރަށުގައި ފެށި ހޭންޑްބޯޅަ އެކަޑެމީއެވެ. އެހެންވެ އެ އެކަޑެމީގެ ވެރިޔާ އައްމަ ކޯޗަށް ޚާއްޞަ ޝުކުރެއް އާއްކޮ ރައްދުކުރެއެވެ.
"އައްމަ ކޯޗްގެ މަސައްކަތުން ހޭންޑްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ރަސްދޫ ފެންނަނީ" އާއްކޮ ބުންޏެވެ.
ޤައުމީ ޓީމުގައި އޭނާއަށް ކޯޗްކޮށްދިން ކޯޗުންގެ ނަންތައް ވެސް އާއްކޮ ނުހަނު ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ. އޭގެ ތެރޭގައައި ނައްފަ ކޯޗާއި ރަޒުނީ ކޯޗާއި ރުޒާމް ކޯޗް ހިމެނެއެވެ. ދެން އޮތީ އޭނާއެކު ޓީމުތަކުގައި ހިމެނުނު މެމްބަރުންނެވެ. އެއީ އެއް އާއިލާއެއްގެ ގޮތުގައި އޭނާއަށް ކުރިއަށް ދިއުމަށް ހިތްވަރު ދިން އެކުވެރިންނެވެ.
އޯލެވެލްއަށްފަހު ވެސް އާއްކޮ ހުރީ ކޯޓުން ފައިބާގޮތަކަށް ނޫނެވެ.
އޭނާ އަބަދުވެސް ބަލަނީ، ކިޔެވުމާއި ކުޅިވަރުގައި ވެސް ކުދިންނަށް ނަމޫނާ ދަރިވަރަކަށް ވާށެވެ.
ހިޔާލު