އެއްވެސް މެޗަކުން ބަލިނުވެ، ހޭންޑްބޯޅަ ފިއެސްޓާގެެ އަންހެން ޗެމްޕިއަންކަން އުކުޅަހު ސްކޫލަށް

އެއްވެސް މެޗަކުން ބަލިނުވެ "އިންޓަރ ސްކޫލް ހޭންޑްބޯޅަ ފިއެސްޓާ 2024″ ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އުކުޅަހު ސްކޫލުން ހޯދައިފިއެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ، ޖަމާލުއްދީން ސްކޫލާ ވާދާކޮށް 0-11 ލަނޑުގެ ތަފާތަކުންނެވެ. ފައިނަލް މެޗްގެ ފުރަތަމަ ހާފް ކުޅުނީ މިދިޔަ ހަފްތާގައެވެ. ވިއްސާރަ ވުމުގެ ސަބަބުން މެޗްގެ ދެވަނަ ހާފު ކުރިޢަށް ނުގެންދެވިގެން  އިއްޔެ ކުޅޭ ގޮތަށް ނިންމީއެވެ. އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗްގެ ދެވަނަ ހާފުގައި އުކުޅަހު ސްކޫލުން ހަތް ލަނޑުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ހާފުގައި އުކުޅަހުން ހަތަރު ލަނޑުގެ ލީޑެއް ނެގިއެވެ. މިއީ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތެެއްގައި އެ ސްކޫލުން ބައިވެިރިވި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ފައިނަލުން ޖާމާލުއްދީން ސްކޫލް ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 2-4 ގެ ނަތީޖާއަކުން އަމީނިއްޔާ ބަލިކޮށްފައެވެ. އުކުޅަހު ސްކޫލުން ފައިނަލަށް އައީ ސެމީގައި 3-7 ގެ ތަފާތަކުން ތާޖުއްދީން ސްކޫލް ބަލިކޮށްގެންނެވެ.

މިއަހަރު މުބާރާތުގެ އަންހެން ޑިވިޝަންގައި 22 ޓީމަކުން ވާދަކުރިއެވެ. މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި 22 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

"އިންޓަރ ސްކޫލް ހޭންޑްބޯޅަ ފިއެސްޓާ މި އަހަރު ކުރިއަށް ގެންދިޔައީ 12 އަހަރުން ދަށުގެ ކުދިންނަށެވެ.

އުކުޅަހު ސްކޫލުން ބުނީ، މުބާރާތުގައި އަލަށް ބައިވެރިވެ އެއްވެސް މެޗަކުން ބަލިނުވެ ތަށި ހޯދުމަކީ އެއީ އެ ސްކޫލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އެ ކާމިޔާބީގައި ކޯޗް ތީކްޝަނާ އަންޖެލޯ ޖޯސެފް ޕެރޭރާގެ ހިއްސާ ބޮޑުކަމަށް އެ ސްކޫލުން ފާހަގަ ކުރެއެވެ.

އުކުޅަހު ސްކޫލުން ބުނީ، އެ ސްކޫލުގެ ޓީމަށް އެކިގޮތްގޮތުން އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކުރާކަމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *