ގުރޭޑް 1 ވަންނަ ދަރިވަރުން ލަސްނުކޮށް ފޯމް ހުށައެޅުމަށް އެޑިޔުކޭޝަން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
ގުރޭޑް އެކަކަށް ވަންނަން ބޭނުންވާ ދަރިވަރުންގެ ފޯމްތައް ހުށައަޅަން ޖެހެނީ 15 ނޮވެމްބަރުގެ ކުރިންނެވެ.
އެ މިނިސްޓްރީން ބުނީ، މާލޭގެ ސަރަހައްދުގެ ސަރުކާރު ސްކޫލްތަކުގެ ގުރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހުޅުވާލާފައިވާ މުއްދަތުގައި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ފޯމް ހުށައަޅާފައިވާ ކަމަށާއި ފޯމް ހުށައެޅުމުގެ މުއްދަތު ހަމަވާން ބާކީ ތިން ދުވަހަށް ވެފައިވާއިރު، މަދު އަދަދެއްގެ ދަރިވަރުންގެ އެޕްލިކޭޝަން ފޯމްތައް ލިބިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
" ވީމާ ގުރޭޑް 1 އަށް އަލަށް ވައްދަން ޖެހޭ ދަރިވަރުންގެ ބެލެނިވެރީން ލަސްނުކުރައްވާ ފޯމު ހުށައެޅުމަށް އެދެމެވެ. " އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ، ފޯމް ހުށައެޅުމުގެ ދެވަނަ ފުރުޞަތަކަށް ހުޅުވާލަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ކުދީންނަށް ޖާގަ ދެވޭނީ ފުރަތަމަ ފޯމް ހުށައެޅި ކުދިންނަށް ޖާގަދިނުމަށް ފަހު ކަމަށެވެ. މި ހާލަތުގައި އެ ކުދިންނާ އެއް އާއިލާއެއްގެ ކުދިން އުޅޭ ސްކޫލުތަކުން ޖާގަ ނުލިބުމުގެ ފުރުޞަތު ބޮޑުވާނެތީ، ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަޑިއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ވީހާ ވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުއްވުން އެދޭ ކަމަށެވެ.
advertisment
ހިޔާލު