ޝަޔާން: ނަތީޖާ ނެރެން އެހެން ކުދިންނަށް ކިޔަވައިދިނީ

ޝަޔާން ހޯދީ، އޯލެވެލްއިން އެއްވަނަ، ގދ. އޭއީސީން ސާނަވީން ވެސް އެއް ވަނަ

އޯލެވެލްއިން އެއްވަނަ ހޯދުމުގެ ވިސްނުން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ މުޙައްމަދު ޝަޔާން ސައިޒަން ގެންގުޅުނު ނަމަވެސް، އެކަމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމުގެ އިހުސާސްވީ މޮކް އެގްޒާމްގެ ނަތީޖާ ފެނުމުންނެވެ. އެއީ، ދެކެމުން އައި ހުވަފެންތަކާއި އުއްމީދުތަކުގައި ކުލަޖައްސަން އޭނާގެ ނަފުސު ހޭލައްވާލި ނަތީޖާއެކެވެ. ކިޔެވުމާ މެދު ސީރިއަސްވެ ވަކި ތާވަލެއް ހަދައިގެން މަސައްކަތް ފެށުނީ އެ ނަތީޖާ އަށް ފަހުއެވެ.

" މޮކް އެގްޒާމްގެ ނަތީޖާއާ ހަމައަށް، މާ ބޮޑަށް ކިޔެވުން ދޫކޮށްލެވިފައިވާ ކަމުގެ އިހުސާސް ކުރެވުނީ. އެ ހިސާބުން ވަރަށް ބޮޑު ހިތްވަރެއް ކޮށްގެން ހަޤީޤީ ނަތީޖާއާ ހަމައަށް އާދެވުނީ" މިދިޔަ އަހަރު އޯލެވެލްއިން އެއްވަނަ އަދި ގދ. އޭއީސީން ސާނަވީން އެއް ވަނަ ހޯދި ޝަޔާން ބުންޏެވެ.

އިސްކަންދިނީ އެހެން ކުދިންނަށް ކިޔަވައިދޭން

ސައިންސް ސްޓްރީމްގައި ކިޔެވި ޝަޔާން ބުނީ، ޓިއުޝަނަށް ދިއުމުގެ ބަދަލުގައި އޭނާ ބެލީ " ސެލްފް ސްޓަޑީޒް" އާއި ގުރޫޕް ސްޓަޑީގެ ގޮތުގައި އެހެން ކުދިންނަށް ކިޔަވައި ދޭށެވެ. އެހެން ކުދިންނަށް ކިޔަވައި ދިނުމަކީ ކިޔެވުމުގައި ޝަޔާން ގެންގުޅުނު އެންމެ މުހިންމު އެއް އުކުޅެވެ. އޭގެ ސަބަބުން އޭނާއަށް ނޭނގޭ އެތައް ކަމެއް ދަސްކުރަން މަޖުބުރުވެއެވެ. އަދި ކުދިން ކުރާ ސުވާލުތަކަށް ޖަވާބު ހޯދަން މަސައްކަތް ކުރުމަކީ ވެސް ކިޔެވުމަށް ލިބުނު އިތުރު ހިތްވަރެކެވެ.

" ޓިއުޝަނަކީ ވެސް ވަގުތު ތަކެއް ހޭދަވާ ކަމެއް. އިތުރު ހަރަކާތްތަކަށް ވަގުތު ދެމުން ކިޔަވަން ވަގުތު ހުސްކޮށްފައި ޓިއުޝަނަށް ދޭން ޖެހޭ ވަގުތެއް ނޯވޭ. ޓިއުޝަން ނެގުމަށްވުރެ އަޅުގަނޑަށް މުހިންމުވީ ސެލްފް ސްޓަޑީޒާއި ގުރޫޕް ސްޓަޑީޒް" ޝަޔާން ބުންޏެވެ.

ޝަޔާން ބުނީ، އޯލެވެލްގެ ހުރިހާ އިމްތިޙާނެއް ނިންމާލިއިރު، އަށް މާއްދާއިން އޭ ސްޓަރ ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ނަމަވެސް ދިވެހި މާއްދާއާ ދޭތެރޭ ކޮންމެ ވެސް ވަރެއްގެ ނުތަނަވަސް ކަމެއް އޮތް ކަމަށެވެ.

" ދިވެހިން އޭ ސްޓަރއެއް ލިބިދާނެ ބާވައޭ ސުވާލު އުފެދުނު ވަގުތު އައި"

ޝަޔާން ބުނީ، ދިވެހި މާއްދާއަށް ވަކިން ފޯކަސް ކޮށްގެން ޕާސްޓްޕޭޕަރު ގިނައިން ހެދިކަމަށާއި ގިނަ ވަގުތުތަކެއް އެ މާއްދާއަށް ހުސްކުރަން ޖެހުނު ކަމަށެވެ.

ސީއެޗްއެސްއީ ހުޅުމާލޭގައި ގުރޭޑް 11އަށް މިހާރު ކިޔަވަމުން އަންނަ ޝަޔާން ބުނީ، އޯލެވެލްއަށްވުރެ އޭލެވެލް އޭނާއަށް މާ ފަސޭހަ ކަމަށެވެ.

" ކިޔަވަންވީ ސްޓައިލް ދަސްވެފައި ހުރީމާ ފަސޭހަވީ. ކޮންޓެންޓަށް ބަލާއިރު ވެސް އޭލެވެލް މާ ފަސޭހަ " މެޑިސިންގެ ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުޤުވެރިކަމުގައި ހުރި ޝަޔާން ބުންޏެވެ.

ޝަޔާން އޭލެވެލްއާ ކުރިމަތިލީ ވަކި ޓާގެޓެއް އޮވެގެންނެވެ. އޭނާގެ ޓާގެޓަކީ އެއް މާއްދާއަށްވުރެ ގިނަ މާއްދާއިން ބްރިލިއަންސް އެވޯޑް ހޯދުމެވެ.

ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވުން މުހިންމު

އޯލެވެލް ނިންމާލިއިރު، ޝަޔާންއަކީ ގދ. އޭއީސީގެ ކެޕްޓަނެވެ. ސީއެޗްއެސްއީ ހުޅުމާލޭގެ ގުރޭޑް 11 ގައި މިހާރު ކިޔަވަމުން ދާއިރު، އެ ސްކޫލުގެ ކެޕްޓަންގެ ޒިންމާ އޮތީ އޭނާގެ ކޮންޑުގައި އެޅިފައެވެ. އިސްދަރިވަރެއްގެ އިތުރުން އިތުރު އެތައް ހަރަކާތެއްގައި އޭނާ ވަނީ ބައިވެރިވެފައެވެ. ޚާއްޞަ ގޮތެއްގައި ފުޓްބޯޅައާއި ޤުރުއާން މުބާރާތަކީ އޭނާ ޤަވާއިދުން ބައިވެރިވާ މުބާރާތްތަކެވެ. އެންމެ ފަހުން ބައިވެރިވި ގދ. އަތޮޅު ޤުރުއާން މުބާރާތުން އެއް ވަނަ ވެސް ލިބިފައިވެއެވެ.

" ކިޔެވުން ބެލެންސް ކުރުމަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވުން ވަރަށް މުހިންމު. އޭރުން ހަޤީޤީ ކާމިޔާބީއެއް ލިބޭނީ" ޝަޔާން ބުންޏެވެ.

ލިބޭ ހުސްވަގުތުގެ ބޭނުން ޝަޔާން ކުރަނީ ޤުރުއާން ހިފުޘު ކުރާށެވެ. އެ މަސައްކަތް ކުރިއަށް ގެންދާތާ މިހާރު ދުވަސްތަކެއް ވެސް ވެއްޖެއެވެ.

އެހެން ކުދިންނަށް ޝަޔާން ދިން މެސެޖަކީ މިއެވެ. "ޓާގެޓަކަށް ކަނޑައަޅައިގެން ތާވަލެއް ހަދައިގެން ކިޔެވުން ކުރިއަށް ގެންދިއުން މުހިންމު. ސެލްފް ސްޓަޑީޒްއަށް ވަގުތު ދިނުމާއެކު ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވުން އެހާމެ މުހިންމު"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *