މުހައްމަދު ލުޠުފީ
ޔޫސުފު ހުސައިން، ޔޫސުފު އާޔަން ބިން ޢަބްދުﷲ، އިޒްކާން މަޝްހޫދު، ރަޒާން ޝަފީޤް ޢަބްދުﷲ، މުހައްމަދު ނާއިމް ނަޖީޢު، މަޢާލް މުޙުތާރު ހުސައިން އަދި މުހައްދު އަޒާން އަޙުމަދު މި ހަތް ދަރިވަރުންނަކީ ފޭދޫގެ ދަރިންނެވެ. އުމުރުން ހަގުނަމަވެސް މިކުދިން މިހަވާލުވަނީ ފޭދޫގެ މިސްކިތްތަކުގެ ހިންގުމާއެވެ. މިއީ ފޭދޫގެ އައު ޖީލުގެ ޒުވާން އިމާމުންނެވެ. ފޭދޫގައި ހުކުރުކުރެވޭ މިސްކިތްތަކުގައި ރީތި ރާގަށް ޢަރަބި މަޚުރަޖުން މިހާރު ބަންގިގޮވަނީ މިކުދިންނެވެ. ފޭދުއާއި މަރަދޫގެ ބައެއް މިސްކިތްތަކުގައި އިމާމުންގެ ބެލުމުގެ ދަށުން މިކުދިން އިމާމުވެ ނަމާދުވެސް ކުރެއެވެ.
ނަމާދަށް އަހުލުވެރި އަޚުލާޤު ރަނގަޅު ޖީލެއް ތަރުބިޔަތު ކުރުމަށްޓަކައި ފޭދޫ އޮފީހުން އިސްނަގައިގެން ފެށި ޒުވާން އިމާމް ޕްރޮގްރާމް ގެ ފޮނި ނަތީޖާ ފޭދޫގެ މިސްކިތްތަކުން ދަނީ ފެންނަމުންނެވެ. ހުކުރު ދުވަހު، ފޭދޫ ހުކުރުކުރާ މިސްކިތްތަކުން ރީތި ރާގަށް ބަންގިގޮވަމުންދަނީ މި ޕްރޮގްރާމުން އުފެއްދި އިމާމުންނެވެ.
"މިއީ އަޅުގަނޑުމެން މުސްތަޤްބަލަށް ކުރި ވަރަށް އަގުހުރި އިންވެސްޓްމަންޓެއް. ދެހާސްބާވީސް، ދެހާސްތޭވީސް ގައި މީގެ ޕްރޮގްރާމެއް އަޅުގަނޑުމެން ފެށިން. ކާމިޔާބެއްނުވި. ނަމަވެސް، އަބަދުވެސް ކުރި އުއްމީދެއް އެއީ، ނާކާމިޔާބަކީ ނަތީޖާ ނެރުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް. ﷲ ގެވާގިފުޅާއި އެކު 2024 ވަނަ އަހަރު ފެށިގެން ކުރިޔަށް މިގެންދެވުނު ޕްރޮގްރާމް ވަރަށް ކާމިޔާބު." ޒުވާން އިމާމުން އުފެއްދުމަށް ފޭދޫ އޮފީހުން އިސްނަގައިގެން ފެށި ޕްރޮގްރާމާއި ބެހޭ ގޮތުން ގާނޫނީ ދާއިރާ އިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ފޭދޫ އޮފީހުގެ ކައުންސިލް އެގްޒެކެޓިވް އަލްއުސްތާޛް ޙަސަން ޒަރީރު ވިދާޅުވިއެވެ.
އިމާމްވެ ނަމާދު ކުރެވޭ ފެންވަރަށް ދަރިވަރުން ތައްޔާރުކުރުމަށް ފޭދޫ މަސްޖިދުލް މުނައްވަރު ގައި ކުރިޔަށް ގެންދެވުނު "ޒުވާން އިމާމް ޕްރޮގްރާމް" ގައި ކިޔަވައިދެއްވީ އައްޑޫގެ ދީނީ އިލްމުވެރިއެއް ކަމުގައިވާ އައްޝައިޚް އަޙްމަދު ނާޒިހް އެވެ. މި ޕްރޮގްރާމް ކޯޑިނޭޓްކޮށްދެއްވީ، މަސްޖިދުލް މުނައްވަރުގެ އިމާމު މުހައްމަދު ޝަފީގެވެ. 3 މަސްދުވަހަށް ހިންގުނު މި ޕްރޮގްރާމްގައި ބައިވެރިވި 7ދަރިވަރުން ވަނީ ރޭ ސެޓްފިކެޓް ހާސިލްކޮށްފައެވެ.
މިކުދިންގެ ގްރެޖުއޭޝަން ޚާއްސަ ހަފުލާ ރޭ ފޭދޫ ސްކޫލްގައި ވަނީ ބާއްވާފައެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ، އައްޑޫގެ އިލްމުވެރި އެއް ކަމުގައިވާ އަދި އައްޑޫގެ ދަރިންނަށް އިލްމު އުނގަންނަވައިދެއްވައި އެކުދިން ހެޔޮމަގަށް ބިނާކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު އެތައް އަހަރެއް ވަންދެން އުފުއްލެވި އައްޝައިޚް އިބްރާހީމް ރުޝްދީއެވެ. ރުޝްދީ ވިދާޅުވީ، އިމާމުންނަކީ، އިސްލާމްދީނުގައި ވަރަށް ގަދަރުދެވިގެންވާ ވަރަށް މަތިވެރި ބައެއް ކަމުގައެވެ. އެހެންކަމުން އިމާމުންގެ ދައުރު ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރައްވަމުން ގެންދެވުމަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ.
މި ކުދިންނަށް ހިންގުނު ނަމާދު ޕްރޮގްރާމާއި ބެހޭގޮތުން އައްޝައިޚް އަހުމަދު ނާޒިހު ވިދާޅުވީ، މި ޕްރޮގްރާމް ޑިޒައިންކުރީ، އާއްމުކޮށް ނަމާދުކުރާ، ޤުރުއާންކިޔަވަން ރަނގަޅަށް އެނގޭ ކުދިންނަށް އެކުދިންގެ ފެންވަރު ތަންކޮޅެއް މަތިކޮށްފައި އަދި އެކުދިންނަކީ، އިމާމުވެ ނަމާދު ވެވޭ ފެންވަރުގެ ކުދިންނަށް ހެދުމަށް ތަންކޮޅެއް ފަސޭހަގޮތަކަށް ގެންދިއުމަށެވެ.
" ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމި ގޮތަކީ އެއްވެސް ހޯމްވޯކެއް ނުދީ، ހަފުތާކު ދެރޭ ދެމާއްދާ ގެންދާގޮތަށް، އެއްމާއްދާއަކީ، ފިޤުހު، ދެން ތަޖުވީދު. މިކުދިންގެ ތަޖުވީދުވެސް ރަނގަޅު. މި ކޯހުން ދަސްކޮށްދިނީ، ނަމާދުގެ ހުކުމްތައް،ވ ނަމާދުގެ މަތިވެރިކަމާއި، ނަމާދުގެ ވާޖިބުތައް، ނަމާދުގެ ރުކުންތައް، ސުންނަތްތައް. މުޅި ކޯސް އަމާޒުކުރީ ނަމާދަށް." ނާޒިހު ވިދާޅުވިއެވެ.
"މިކުދިންގެ ފަރާތުން ވަރަށް ޝައުގުވެރިކަން ފެނޭ. މިކުދިންގެ ފަރާތުން ހިތްވަރު ލިބިގެން ފޭދޫ ނޫން އެހެންކުދިންވެސް މި ޕްރޮގްރާމަށް ހިތްޖެހި ޝައުގުވެރިވެގެން އުޅޭ."
ނާޒިހު ވިދާޅުވީ މިކުދިންނަށް އަމަލީ ތަޖުރިބާ ހޯދައި ދިނުމަށްވެސް ކޯހުގެ މުއްދަތުގައި މަސައްކަތް ކުރެވިފައިވާ ކަމުގައެވެ. މިގޮތުން ނާޒިހު އިމާމުވެ ނަމާދުކުރާ މަރަދޫ މިސްކިތަށް މިކުދިންނަށް ފަސޭހަ ފަސްވަގުތަކު ގެންދަނީއެވެ. ބައެއްކުދިން ވަރަށް ފަތިހު ތެދުވެގެން މިސްކިތަށް އާދެއެވެ. އެހާވެސް ޝައުގުހުރެއެވެ. އެކުދިން އެ މިސްކިތަށް މި ގެންދާ ސަބަބަކީ ކުލާހުގެ ބައިތައް ނިމުނަސް ކޮންފިޑެންސް އިތުރުކޮށްދޭން ވެގެންނެވެ. ރަށުން ބޭރު މިސްކިތެއް ވީމާ އައު މޫނުތަކުގެ ކުރިމަތީގައި ނަމާދުކޮށްލުމުގެ ތަޖުރިބާ ހޯދައިދޭށެވެ. އެއާއެކު އެކުދިންގެ ނަމާދުގެ ހަރަކާތްތައް ބަލާލުމަށާއި ހިތްހަމަނުޖެހޭ ކަމެއް ހުރިނަމަ އެކަން ރަނގަޅުކޮށްލާން ފުރުސަތު ދޭން ވެގެންނެވެ. ކޮންމެ ނަމާދެއްގައިވެސް ކަމެއް ފާހަގަވިނަމަ، އެކުއްޖަކާ ވަކިން ބައްދަލުކޮށް އެކަން ކިޔައިދެނީއެވެ. އެހެން ކުދިންނަކަށް އަނެއް ކުއްޖާގެ ފަރާތުން ރަނގަޅުކުރަން ބުނާ މައްސަލައެއް ނޭނގޭނެއެވެ. ރަނގަޅުކުރަން ބުނާ ކަމެއް ދެން ޖެހިގެން އަންނަ ވަގުތު އެކަމެއް ރަނގަޅުކޮށްފައި ހުންނަކަން މިކުދިންގެ ފަރާތުން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.
މިކުދިންނަށް ތަޖުރިބާ ހޯދައިދޭން އެންމެ ފުރަތަމަ މަސައްކަތްކުރީ ފޭދޫގެ މިސްކިތްތަކުގައި ބަންގިގޮވާށެވެ. އޭގެ ފަހުން ސިއްރުން ކިޔަވާ ނަމާދުތައް ކުރާށެވެ. ދެން އެއަށްވުރެ އެޑްވާންސްކުރީ އެވެ. ތަންކޮޅެއް ކުރު ނަމާދުތައް، މަޣްރިބު ނަމާދު ކުރަން ހަވާލުކުރީއެވެ. ދެން މިހެން ކުރިއަށް ދަމުންގޮސް މަރަދޫ މިސްކިތްތަކަށް ގޮސް ތަޖުރިބާ ހޯދައިދިނީއެވެ. "މީގެ ދެމަސްކުރިން ފެށިގެން ފޭދޫ ހުކުރު ކުރާ މިސްކިތްތަކުގައި ހުކުރު ބަންގިގޮވަނީ މިކުދިން. ދެން އެއްވެސް އެނައުންސްމަންޓެއް ދޭން ޖެހުނަސް، ކަށުނަމާދެއް އޮތަސް، ދީނީ ދަރުސެއް އޮތަސް ހުކުރު ޖަމާއަތުގައި އެނައުންސްމެންޓް ދެނީ މިކުދިން." ޝައިޚް ނާޒިހު ކިޔާދެއްވިއެވެ.
ނަމާދުގައި ކުށެއް ކުރެވުމުން ކަންތައް ކުރާނެ ގޮތާއި އަދި ކުށުސަޖިދަ ޖަހާނެ ވަގުތު، ބަންގި ޕްރެކްޓިސް ކްލާސް، ޖަބީރާގައި ވުލޫޢު ކުރާނެގޮތާއި ތަޔައްމުމް ކުރާނެގޮތް މި ޕްރޮގްރާމްގައި ދަރިވަރުންނަށް ދަސްކޮށްދިނެވެ. މިސްކިތު ކިލާސްގެ އިތުރުން މައިދާންތަކުގައި ނަމާދުކުރާނެ ގޮތުގެ ތަމްރީން ވެސް ވަނީ ދެވިފައެވެ.
"މި ޕްރޮގްރާމް ނިންމި ކުދިން، އިންޝާﷲ، މިކުދިން ވާނެ އައްޑޫންވެސް ފާހަގަވާ ވަރުގެ އިމާމުންނަށް. މީގެ ތެރެއިން ގިނައީ ޤުރުއާނުންވެސް ބޮޑުބައެއް ހިތުން ދަސްކޮށްފައިވާ ކުދިން. އެންމެ މަދުވެގެންވެސް ހަމަ އެއްފޮތް ދަސްވެފައިތިބި ކުދިން ގިނައީ. ބައެއް ކުދިން ފަނަރަ ފޮތް ދަސްވެފައި ތިބީ. މިކުދިންގެ ޤުރުއާންގެ ފެންވަރު ބޮޑުތަނުން ރަނގަޅުވާނެ. ތަޖުވީދަށް ބަލާއިރުވެސް ގިނަ އިމާމުންނަށްވުރެ ރަނގަޅުވާނެ. ނަމާދުގެ ހަރަކާތްތަކަށް ބަލާއިރުވެސް މިކުދިންގެ އުމުރުގެ ކުދިންނަށް ބަލާއިރު މި ކުދިން ހަމަ ރަނގަޅުވާނެ." ޝައިޚް ނާޒިހު ވިދާޅުވިއެވެ.
މިކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ހެޔޮއެދޭ އެކި ފާރާތްތަކުން ވަނީ އިނާމު ދީފައެވެ. އަދި ދަތުވެރިޔާ އުމުރާ ގްރޫޕްގެ ފަރާތުން ވަނީ މިކޯހުގެ އެއް ބައިވެރިއަކަށް އުމުރާ ދަތުރެއްދީފައެވެ.
ޒުވާން އިމާމުން އުފެއްދުމަށް ފޭދޫ އަވަށުއޮފީހުން އިސްނަންގަވައިގެން ފެށި ޒުވާން އިމާމް ޕްރޮގްރާމްގެ ސަބަބުން މިސްކިތްތައް ބަލަހައްޓާނޭ، ރީއްޗަށް ޤުރުއާން ކިޔަވާ މޮޅު އިމާމުން މުސްތަގްބަލްގައި ފޭދޫއިން ފެނިގެން ދާނެއެވެ.
ހިޔާލު