ޢަބްދުﷲ ރަޝީދު (ހަވަލި)
ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ޒަމާނުއްސުރެ ކިޔަވާދެމުން އައިސްފައިވަނީ މައިގަނޑު ތިން ސްޓްރީމަކަށެވެ. އެއީ ސައިންސް ސްޓްރީމް، ބިޒްނަސް ސްޓްރީމް އަދި އާރޓްސް ސްޓްރީމެވެ. 2015 ގެ އަހަރުތަކުން ފެށިގެން މީގެ ތެރެއަށް ބީޓެކް ސްޓްރީމްގެ ގޮތުގައި ސްޓްރީމެއް ނުވަތަ މާއްދާއެއް ތަޢާރަފްވެގެން ދިޔައެވެ. މިހާރުވެސް ބައެއް ސްކޫލުތަކުގައި ބީޓެކް ސްޓްރީމަށް ކިޔަވާދެމުން ދެއެވެ.
ލިބެންހުރި މަޢުލޫމާތުތަކަށް ބަލާއިރު، އާރޓްސް ސްޓްރީމަކީ ފަނޑުވަމުން އުވެމުންދާ ސްޓްރީމެކެވެ. މި ސްޓްރީމަށް ކިޔަވާދޭ ސްކޫލުތަކުގައި އެންމެ ކުލާހަކަށް ހަމަވާވަރަށް ވެސް ދަރިވަރުން ނުލިބެއެވެ. އާރޓްސް ސްޓްރީމުގައި މައިގަނޑުގޮތެއްގައި ކިޔަވާދެމުން އަންނަނީ، ހިސްޓްރީ، ޖިއޮގްރަފީގެ އިތުރުން އިކޮނޮމިކްސް އެވެ. މަދު ހާލަތްތަކެއްގައި އިނގިރޭސި ލިޓެރޭޗަރވެސް ކިޔަވާދެއެވެ. ނަމަވެސް ކުރިންދެންނެވިހެން މި މާއްދާތައް ކިޔަވާ ދަރިވަރުންގެ ޢަދަދު މަދުވެ، ސްކޫލުތަކުގައި މި ސްޓްރީމަށް އެކަށީގެންވާގޮތެއްގައި ކިޔަވައެއް ނުދެއެވެ. އެހެންކަމުން މި ސްޓްރީމާއިމެދު ފުންކޮށް ވިސްނާލުމަކީ މުހިއްމު ކަމެކެވެ.

އާރޓްސް ސްޓްރީމުގެ މައިގަނޑު 3 މާއްދާގެ ތެރެއިން ހިސްޓްރީގެ ގިނަ މަޢުލޫމާތުތަކަކީ ހިތުދަސްކުރުމުގެ މައްޗަށް ބިނާވެގެންވާ މާއްދާއަކަށް ވެފައި، ޒަމާނީ ޓެކްނޮލޮޖީ އަށް އަހުލުވެރިވެފައިވާ، ބޭނުން އިރަކު ބޭނުން މަޢުލޫމާތެއް ލިބެން އޮތް ޒަމާނެއްގައި މި މާއްދާ ކިޔެވުމަށް ދަރިވަރުން ޝައުޤުވެރިކަން ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހަމަ އެހެންމެ ޖިއޮގްރަފީއޭ ބުނުމުން ހަމައެކަނި ނިޔަމިކަމާއި، ދުނިޔޭގެ ޗާޓުގެ ބޭރަށް ވިސްނުން ގެންގުޅެން ދަތިކަމަކަށް ވަނީކަމަށް ވެސް ވެދާނެއެވެ. ދެން އޮތް އިކޮނޮމިކްސް އަކީ ހުރިހާ ސްޓްރީމެއްގައި ވެސް، އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި އޮންނަ މާއްދާއަކަށް ވުމުން، އެ މާއްދާ ކިޔަވަން ކޮންމެހެން އާރޓްސް ސްޓްރީމް ނަގާކަށް ނުޖެހެއެވެ. ކަން މިހެން އޮތުމާއެކު، ފަށާތަޢުލީމުގެ މަރުޙަލާގައި، ނުވަތަ ދަރިވަރުން މިހާރުގެ ގޮތުން ނަމަ ކީސްޓޭޖް 3 ގައި މި މާއްދާތަކާއި، ސްޓްރީމާއި ބެހޭގޮތުން މިހާރަށްވުރެ ބޮޑަށް މުދައްރިސުންނާއި ދަރިވަރުން، އދި ބެލެނިވެރިން ވެސް ހޭލުންތެރިކުރުވަން ޖެހެއެވެ. މި މާއްދާތައް ކިޔަވައިގެން ކުރިއަށް ދެވެން ހުރި ދާއިރާތަކާއި، މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި، ވަޒީފާގެ ގޮތުން ކުރިއަށް ދެވެންހުރި ފުރުޞަތުތައް އޮޅުން ފިލުވާދޭން ޖެހެއެވެ.
މީގެ އިތުރުން މި ސްޓްރީމާދޭތެރޭ މުޅިން އެހެން ނަޒަރިއްޔާތަކުން ވެސް ވިސްނާލުން މުހިއްމެވެ. ދިވެހިރާއްޖޭގެ ސްކޫލުތަކުގައި އާރޓްސް ސްޓްރީމްގައި މި ކިޔަވާދޭ މާއްދާތައް، ދުނިޔޭގެ ބައެއް ޤައުމުތަކުގައި އާރޓްސް ސްޓްރީމް ނުވަތަ ސޯޝަލް ސައިންސް ސްޓްރީމްގެ ގޮތުގައިވެސް ބޭނުންކުރެވެއެވެ. އެގޮތުން ހައި ސްކޫލު (އޭލެވެލް) ނުވަތަ ފުރަތަމަ ޑިގްރީއަށް ސޯޝަލް ސައިންސްގެ ދާއިރާއިން ކިޔެވުމަށް ތަފާތު ގިނަ މާއްދާތަކެއް ހުރެއެވެ. އެގޮތުން ހިސްޓްރީއާއި ޖޯގްރަފީގެ އިތުރުން ސައިކޮލޮޖީ، ސޯސިއޮލޮޖީ، މީޑިއާ ސްޓަޑީސް ފަދަ މާއްދާތައް ހިމެނެއެވެ. ހަމަ އެހެންމެ ދިވެހިރާއްޖޭގައި ހަދަމުން މިދާ ކޭމްބްރިޖް އޯލެވެލް އަދި އޭލެވެލްގައިވެސް މި މާއްދާތައް ހުރެއެވެ. އެގޮތުން ކޭމްބްރިޖް އޯލެވެލް/ އައި. ޖީ. ސީ. އެސް. އީ. ގެ މާއްދާތަކުގެ ތެރޭގައި ސޯސިއޮލޮޖީ (2251)، ސައިކޮލޮޖީ (9990)، މީޑިއާ ސްޓަޑީސް (9607) ހިމެނެއެވެ. މިގޮތުން ދިވެހިރާއްޖޭގައި ހިންގާ ބައެއް އަމިއްލަ މަދަރުސާތަކުގައި ސޯސިއޮލޮޖީފަދަ މާއްދާތައް ކިޔަވާދެމުން ގެންދެއެވެ.

ދިވެހިރާއްޖެއާއި ރާއްޖޭން ބޭރުން ލިބެންހުރި މަތީ ތަޢުލީމުގެ ފުރުޞަތުތަކަށް ބަލާއިރު ވެސް މިދެންނެވި މާއްދާތަކަކީ، މިހާރުވެސް ޔުނިވަރުސިޓީތަކުގައި ޑިޕްލޮމާއިން ފެށިގެން މާސްޓާރސް ފެންވަރަށް ކިޔެވެން ހުރި މާއްދާތަކެކެވެ. ހަމަ އެއާއެކުމެ، ޒަމާނަށް އަންނަ ބަދަލުތަކާއެކު، ފަހިވާ ވަޒީފާގެ ފުރުޞަތުތަކަށް ބެލިނަމަ ވެސް މި މާއްދާތަކަށް އެކަށީގެންވާވަރުގެ ތަރުހީބެއް އެބައޮތެވެ. ދިވެހި ސަރުކާރުގެ ގެޒެޓްގައި އިޢުލާންކޮށްފައިވާ ބައެއް މަޤާމުތަކަށް ބަލާއިރު، ތަޢުލީމީ ރޮނގުގެ ތެރޭގައި މިދަންނަވާ މާއްދާތައް ހިމަނާފައި އެބަހުއްޓެވެ. މިސާލަކަށް ދަންނަވާނަމަ މިހާރަކަށް އައިސް ފުޅާވަމުން އަންނަ އެއް ދާއިރާކަމަށްވާ، ޕަބްލިކް ރިލޭޝަން ގެ މަޤާމަށް ޖާރނަލިޒަމް، މާކެޓިންގް، މީޑިއާ، ޕަބްލިކް ރިލޭޝަންސް، ހިމަނާފައިވެއެވެ. ހަމައެހެންމެ ކައުންސެލިންގް ދާއިރާއަކީ ފުޅާވަމުން، ވަޒީފާގެ ފުރުޞަތުތައް ފަހިވަމުން އަންނަ ދާއިރާއަކަށް ވުމާއެކު، ސައިކޮލޮޖީއަކީ މިދާއިރާއަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް މުހިއްމު މާއްދާއަކަށް ވާނެއެވެ. މިއާއެކު މީޑިއާގެ ދާއިރާއަކީ ވެސް މިއަދު ވަޒީފާގެ ގިނަގުނަ ފުރުޞަތުތަކެއް ހުރި ދާއިރާއެއްކަން ދިވެހި ސަރުކާރުގެ ގެޒެޓް ބަލާލުމުން ވެސް އެނގެއެވެ.

އެހެންކަމަށް ވުމާއެކު، ޒަމާނުއްސުރެ އާރޓްސް ސްޓްރީމުގައި ކިޔަވަމުން މި އަންނަ ހިސްޓްރީ އަދި ޖޯގްރަފީގެ އިތުރުން މި ސްޓްރީމްގައި ހިމެނިދާނެ އެހެނިހެން މާއްދާތަކަކީ ކޮބައިތޯ ބަލާ، ދިރާސާކޮށްގެން ނަމަ ވެސް އާރޓްސް ސްޓްރީމްގެ މާއްދާތައް މުރާޖަޢާކުރުމަކީ ފެންނަކަމެކެވެ. އެކަމުގެ ސަބަބުން ދަރިވަރުންގެ މެދުގައި މި ސްޓްރީމަށް ޝައުގުވެރިކަން އުފެދުމާއި، މަތީ ތަޢުލީމުގެ މަރުޙަލާއަށް ދާއިރު، އެމާއްދާތަކުގެ އަސާސީ ބައިތައް އެނގިގެން ދާނެއެވެ. މީގެއިތުރުން އިސްވެ ދެންނެވުނު ގިނަ މާއްދާތަކަކީ އިޖްތިމާޢީ އަދި އިންސާނީ އަޚްލާޤާއި މުޢާމަލާތްތަކާއި ގުޅުން ހުރި މާއްދާތަކެއް ކަމަށް ވުމުން، އޭގެ ހެޔޮބަދަލު ގިނަދުވަސްތަކެއް ފަހުން، މުޖުތަމަޢުގެ ތެރެއިން ފެނިގެންވެސް ދާނެއެވެ.
advertisment
ހިޔާލު