ފާސްވާން އިމްތިހާނުތަކުން މަދުވެގެން 50 އިންސައްތަ ހޯދަން ޖެހުމަކީ އެމްއެންޔޫއިން ކުރިއްސުރެ އަމަލުކުރަމުން އަންނަ އުޞޫލެއް

އިމްތިހާނުތަކުން ފާސްވާން މަދުވެގެން 50 އިންސައްތަ ހޯދަން ޖެހުމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން މާ ކުރިއްސުރެ އަމަލުކުރަމުން އަންނަ އުޞޫލެއް ކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.

އެހެން މީހުން ލައްވައި އެސައިންމަންޓްތައް ހެދުން ހުއްޓުވުމުގެ ގޮތުން، މަތީ ތައުލީމް ފޯރުކޮށްދޭ އިންސްޓިޓިއުޝަން ތަކުން ހިންގާ ކޯސަތަކުން ދޭ އިމްތިހާނުތަކުން މަދުވެގެން 50 އިންސައްތަ ފާސްވާން ޖެހޭ ގޮތަށް ޤަވާއިދު އިސްލާހު ކުރަން މޯލްޑިވްސް ކުލެސިފިކޭޝަން އޮތޯރިޓީން ވަނީ ނިންމާފައެވެ. މި ބަދަލާއެކު އިމްތިހާނުތަކުން 50 އިންސައްތައިން ފާސްވެގެން ނޫނީ އެ ކޯހަކުން ދަރިވަރަކަށް ފާހެއް ނުވެވޭނެއެވެ.

ކޯސްތަކުގެ ފެންވަރު ހިފަހައްޓަން ކޮންޓްރޯލްޑް އިމްތިޙާނުތަކުން މަދުވެގެން 50 އިންސައްތަ ފާސްވާން ޖެހޭ ގޮތަށް، އިމްތިޙާނު ކުރުމުގެ އުޞޫލު އެކުލަވާލައި އެއަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަމަލުކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. މިއީ ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކުގެ ފެންވަރު ހިފަހައްޓަން އެ ޔުނިވަރސިޓީން ދުރާލާ އަޅާފައިވާ ފިޔަވަޅެކެވެ. މޯލްޑިވްސް ކުލެސިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ދަރިވަރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެކަން ފާހަގަ ވެސް ކުރެއްވިއެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ސީނިއާ ލެކްޗަރަރ އައިމިނަތު ޒުބައިރު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ޔުނިވަރސިޓީން ހިންގާ ކޯސްތަކުގެ ފެންވަރު ހިފެހެއްޓަން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އިމްތިޙާނުތަކުން މަދުވެގެން 50 އިންސައްތަ ހޯދަން ކަނޑައަޅާފައި އޮންނައިރު ބައެއް ކޯސްތަކުގައި އެ އަދަދު 70 އިންސައްތައާ ހަމައަށް ވެސް ކޮންޓްރޯލް ކޮށްފައި އޮންނަ ކަމަށެވެ.

އައިންތު ވިދާޅުވީ، 50 އިންސައްތަ މަދުވެގެން އިމްތިޙާނުތަކުން ހޯދަން ޖެހޭއިރު، ދަރިވަރުން ހަދާ ޕްރެޒެންޓޭޝަންތަކާއި އެސައިންމަންޓް ތަކުގެ ބައެއް ހަދާނީ ވެސް ލެކްޗަރާއިންގެ ކުރިމަތީގައި ކަމަށެވެ.

"އިމްތިހާނުތަކުން މިނިމަމް 50 ހޯދަން މި އޮންނަނީ. މެކްސިމަމް އޮންނަނީ ލެކްޗަރާއިންގެ އަތްމައްޗަށް ދޫކޮށްލާފައި" އައިންތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުލާހުގައި ދޭ އެސައިމަންޓް ޑިޒައިން ކޮށްފައި ހުންނަނީ ކުލާހުގައި އެއްބައި ހަދާފައި ގޭގައި ވެސް ބައެއް ހަދާ ގޮތަކަށް ކަމަށެވެ. އެހެންވެ މުޅި އެސައިންމަންޓް މީހަކު ލައްވައި ނޫނީ އޭއައި ފަދަ ވަޞީލަތެއް ބޭނުން ކޮށްގެން ހެދުމުގެ ފުރުޞަތު ކުޑަވާނެ ކަމަށެވެ.

ޗެޓްޖީޕީޓީ އޭއައި ފަދަ ވެބްސައިޓުތަކުގެ އެހީގައ އެސައިންމަންޓް ހަދާފައި ހުރިކަން ކަށަވަރު ކުރުމަށް ޓާންއިޓްއިން ސޮފްޓްވެއަރ އެއްގެ ބޭނުން އެ ޔުނިވަރސިޓީން ކުރަމުން އަންނަ ކަމަށް އައިންތު ވިދާޅުވިއެވެ.

މަތީ ތައުލީމުގެ ކޯސްތަކުގެ އެސައިންމަންޓްތައް އަގަށް ހަދައިދޭ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އިސްތިހާރު ކުރަމުންދާ ޕޭޖްތައް ފުލުހުން މެދުވެރިކޮށް ބްލޮކް ކުރަމުންދާ ކަމަށް ކުލެސިފިކޭޝަން އޮޓޯރިޓީން ވަނީ ބުނެފައެވެ. އެ އިދާރާއިން ދަރިވަރު ނޫހަށް ބުނީ، އެފަދަ ޕޭޖްތައް ބްލޮކް ކުރާއިރަށް އިތުރު ޕޭޖް ހަދައިގެން އެ މަސައްކަތް އިސްތިހާރު ވެސް ކުރާ ކަމަށެވެ.

މަތީ ތައުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޝަން ތަކުން ހިންގާ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށް އެފަދަ އިންސްޓިޓިއުޓް ތަކުން ހަރުދަނާ ފިވަޅުތަކެއް އަޅަން ޖެހޭއިރު ޤައުމީ ޔުނިވަރސިޓީން ވަނީ އެ ފިޔަވަޅު ދުރާލާ އަޅަާ، ނަމޫނާ ދައްކާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *