މާނަ ހުރި ގޮތެއްގައި ޤައުމީ މަންހަޖު ތަންފީޒު ކުރުމަށް އެންމެ މުހިންމު އެއް ބަހާއަކީ އުނގަންނައިދިނުމުގެ ސައިންސް!

އިސްމާޢީލް ނަސީރު

އުނަގަންނައި ދިނުމުގެ ސައިންސަކީ، އުންގަންނައި ދިނުމުގައި މުދައްރިސަކު ބޭނުންކުރާނެ ޙަރަކާތްތަކާއި، ދަރިވަރުގެ ވަނަވަރު އެނގި ދަރިވަރަށް ބޭނުންވާ ކަންކަން އުނގަންނައި ދިނުމުގައި ފޯރުކޮށްދިނުމާ އެކު އުނގެނުމާއި އުނގަންނައި ދިނުމުގައި އެ ފިލާވަޅެއްގައި މުދައްރިސްނިންމާ ނިންމުންތަކެވެ.

އުނގަންނައި ދިނުމުގެ ސައިންސް ނުވަތަ ޕެޑަގޮޖީގެ ތެރެއިން މުދައްރިސްގެ ޙަރަކާތް ފުރަތަމަ އަމާޒުވާންވީ ދަރިވަރުން

އުނގެނުމުގެ ފަހި މާޙަލެއް ޤާއިމްކުރުމަށްޓަކައި ތިން ކަމަކަށް މުދައްރިސްގެ ވިސްނުން ގެންގުޅެން ޖެހެއެވެ. އެއީ ކްލާހުގެ ފިޒިކަލްސެޓިންގ އާއި، ދަރިވަރުންގެ އިމޯޝަނަލް ސެޓިންގ އާއި އަދި ކްލާހުގެ އެކަޑެމިކް ސެޓިންގ އަށެވެ.

އުނގެނުމަށް ފަހި މާޙައުލެއް އުފެއްދުން!

ކްލާހަށް މުދައްރިސް ހާޒިރުވުމާއިއެކު، މުދައްރިސްގެ އެންމެ މުހިންމު އެއް ހަރަކާތަކަށް ވާންވީ ކްލާހުން ފެންނާން ހުރި ވެށީގައިވާ ނުރަނގަޅު ކަންކަން ދެނެގަނެ އެކަންކަން ރަނގަޅު ކުރުމަށެވެ. އެގޮތުން ޑެސްކުތަކުގެ ތަރުތީބެވެ. ކިޔަވައިދެވޭ ބޯޑުގެ ސާފުކަމެވެ. ބޭކާރުކޮށް ކްލާހަށް ދޫކޮށްލެވިފައިވާ ގޮނޑިމޭޒު ފަދަ ތަކެތި އެއްފަރާތްކުރުން ނުވަތަ ކްލާހުން ބޭރަށް ނެރުމެވެ. މިއީ ދެ ދުވަހަކު ކުރަން ދަތިކަމަކަށް ވީ ނަމަވެސް އާދަވެ ކުރަން ފެށުމުން ސްކޫލްގެ ސަގާފަތް ވެސް މިކަމުގައި ބަދަލުކުރެވިގެންދާނެ ކަމެކެވެ. މި މަގުން ފިޒިކަލް ސެޓިން ރަނގަޅު ކުރާންޖެހޭ އެއްމެމުހިއްމު އެއްސަބަބަކީ މިއިން ކޮންމެ ކަމެއްގެ ތަރުތީބު ގެއްލިފައިވުމުން ބުނަން ނޭންގޭ އުނދަގޫތަކެއް ދަރިވަރުންނަށް އިހުސާސް ކުރެވޭނެތީއެވެ. ފިލާވަޅު ފެށުމުގެ ކުރިން ތަރުތީބު ނެތް ކްލާސްރޫމުން ފެންނަ މަންޒަރުތަކުން ސިކުނޑި އޯވަލޯޑްވާން ފަށައެވެ. މިކަމުގެ ސަބަބުން، ފިލާވަޅު ފެށުމުގެކުރިން އުނގެނުމުގެ ޝައުގު ބައެއް ދަރިވަރުންނަށް ގެއްލެން ފަށައެވެ. އެހެންކަމުން މި ސަބަބަށްޓަކައި ކްލާހުގެ ސާފު، ރީތި އަދި ތަރުތީބު ފިޒިކަލް ސެޓިންއެއް ބޭނުންވެއެވެ. ނަމަވެސް ބައެއް މުދައްރިސުންނަށް މިކަމުގެ މުހިންމުކަން އަދިވެސް އިހުސާސް ނުކުރެވޭތަން އާދެއެވެ. މި ނަޒަރިއްޔާތުން، ދަރިވަރުން އުނގެނޭ ކްލާސްރޫމަކީ ތިމާގެ އަމިއްލަ ކޮޓަރިއާއި އަމިއްލަގޭގެ ރީތިކަމާއި ތަރުތީބުކަން ބާއްވަންބޭނުންވާ ފަދައިން  މުދައްރިސްގެ ވިސްނުން ގެންގުޅުއްވަންވީ މުހިއްމު ކަމެކެވެ. އެއީ ސާފު ތަރުތީބު އަދި ފަހި މާޙައުލުގެތެރެއިން އުނގެނުމުގެ އުފާ ދަރިވަރުންނަށް ހޯދައިދިނުމަށްޓަކައެވެ.

އަޅުގަނޑުމެންގެ ބައެއް ދަރިވަރުންނަކީ އަމިއްލައަށް ފަތިހު ހޭލައިގެން ސްކޫލަށް އައުމުގެ ބަދަލުގައި މަންމަ ނުވަތަ ބަލަދުވެރިޔާ ގޮވާ ހޭލެއްވުމުން ތައްޔާރުވެގެން ސްކޫލަށް އަންނަކުދީންނެވެ. ސްކޫލަށް އަންނަން ތައްޔާރުވުން ލަސްވުމުން ގޭތެރެއިން އެތައް ހިންހަމަނުޖެހުމެއް ތަހައްމަލްކޮށް ސްކޫލާއިހަމައަށް އާދެވޭއިރު ޖަޒުބާތީ އުނދަގޫ ނުވަތަ އިމޯޝަނަލް ޑިސްޓާބެންސްއާ ކުރިމަތިލާން ޖެހެއެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކު ކްލާހުގައި ހިނގާ ބައެއް ކަންކަމުގެ ސަބަބުން ވެސް ދަރިވަރުންނަށް ޖަޒްބާތީ އުނދަގޫ ތަޙައްމަލްކުރަން ޖެހެއެވެ. މިފަދަ ހާލަތުގައި ދަރިވަރު ބޭނުންވާނީ  މުދައްރިސްގެ ކިބައިން އޯގާތެރިކަމެވެ. މުދައްރިސްގެ ސާދާ ހިނިތުންވުމެވެ. ހިތްވަރު އާލާވާނެ ބަސްތަކެވެ. އެއީ ފިލާވަޅު ފެށުމުގެ ކުރީން ޝައުގު ދެމެހެއްޓުމަށް ޓަކައެވެ. ދަރިވަރުންނަށް އުގެނުމުގެ މާޙަލުގެތެރެއިން އިތުބާރާއި ޔަގީންކަން ހޯދައި ދިނުމަށްޓަކައެވެ.

ކްލާސްރޫމްގެ ތަރުތީބާއި، ފަހި ޖަޒްބާތީ ތޫނުފިކަމުގެ ސިފަތަކުގެ އިތުރުން، ފިލާވަޅެއް މޮޅަށް ކިޔަވައިދިނުމަށް ޕޮޒިޓިވް ލާނިންގ އެންވަޔަރަމެންޓުގެ ތެރެއިން މުދައްރިސް ތިން ވަނައަށް ސަމާލުކަން ދޭންވީ އެކަޑެމިކް ސެޓިންނަށެވެ. އެގޮތުން، ކްލާސްރޫމަށް ދަރިވަރު ވަންނައިރު، އެކްލާސްރޫމަކީ ދަރިވަރު އުނގެނެން ނުވަތަ ކަމެއް މޮޅަށް ދަސްކުރަން ވަންނަ ތަނެއްކަމުގެ އިހުސާސް ދަރިވަރަށް ކުރެވެން ވާނެއެވެ. އެކަން އިހުސާސްވުމަށް ފުރިހަމަ ކްލާސްރޫމް ޑިސްޕްލޭތައް އަދި ކްލާސްރޫމް ރޫލްސްތައް ފެންނަން ވާނެއެވެ. ބޭނުންކުރާ ޓީޗިންގް އެއިޑްސްތަކުގެ ނަލަކަމާއި ފުރިހަމަކަމެއް އޭގައި އެކުލެވެން ވާނެއެވެ. ބޭނުންކުރެވޭ ޕްރެޒެންޓޭޝަންތަކާއި މިފަދަ ތަކެތީގެ ތަރުތީބާ ސެޓިންގ ރަނގަޅުވުވުމަކީ އެހާމެ މުހިއްމު ކަމެކެވެ.

މާނަހުރިގޮތެއްގައި އުނގަންނައިދިނުން ބައްޓަންކުރުން!

އުގަންނައިދިނުމުގެ ސައިސްސްގެ ޑައިމެންޝަންތަކުގެ ތެރެއިން އުނގެނުމަށް ފަހި މާޙައުލެއް އުފެއްދުމަށްފަހު ދެން އެއްމެ މުހިއްމުކަމަކީ މާނަ ހުރިގޮތެއްގައި އުނގަންނައިދިނުމެވެ. ކިޔަވައިދެވޭ އެއްޗަކާއި ދިރިއުޅުމާއި ގުޅުވާލުމެވެ. ހިސާބު ފިލާވަޅެއްގައި ސިމިލްޓޭނިއަސް އީކުއޭޝަން ކިޔަވައިދޭނަމަ، އެ އީކުއޭޝަން ދިރިއުޅުމުގައި ބޭނުންކުރަން ޖެހިދާނެ ކަންކަމާއި ޙާލަތްތައް ބުނެދިނުމެވެ. ސައިންސް ފިލާވަޅެއްގައި އެސިޑް އެންޑް އަލްކަލީސް ކިޔަވައިދޭނަމަ، ދިރިއުޅުމުގައި މި ދެ ސަބްސްޓެންސް ބޭނުންކުރެވޭ ނުވަތަ އެގުން މުހިއްމުވާސަބަބު ބުނެދިނުމެވެ. ސޯސިއަލް ސްޓަޑީސްފިލާވަޅެއްގައި ގައުމުތަކުގެ ދިދަ ކިޔަވައިދެވޭނަމަ، އެދިދަތައް އެނގުން މުހިއްމުވާ ސަބަބު ބުނެދިނުމެވެ. މިމަގުން، މިކަން ކުރެވިއްޖެނަމަ ދަރިވަރުންގެ އުނގެނުމުގެ ޝައުގު ދެމެހެއްޓޭނެއެވެ. މާނަހުރިގޮތެއްގައި ދަސްކުރާނެއެވެ.

ކުރިން ދަސްވެފައިވާ އެއްޗަކާއި އަލަށް ދަސްކުރާއެއްޗެއް ގުޅުވާލައިގެން ކިޔަވައިދިނުން!

އުނގެނުމުގެސައިސްގެ ތިންވަނަ ޑައިމެންޝަނަކީ އަލަށް އެއްޗެއް ދަރިވަރުންނަށް ތަޢާރަފްކޮށްދޭއިރު، އެ މަޢުލޫމާތު ކުރިން ދަރިވަރުންނަށް އެނގޭ މިންވަރު ވަޒަންކުރުމަށްފަހު ފިލާވަޅު ފެށުމެވެ. އެގޮތުން، ސައިސް ފިލާވަޅެއްގައި" ޕްރޮޕަޓީސްއޮފްމެޓަރ" ކިޔަވައިދޭން ފެށުމުގެކުރިން ހަރުތަކެތި ނުވަތަ ސޮލިޑްއަކީ ކޮބައިކަން، ލިކުއިޑް ނުވަތަ ދިޔާތަކެއްޗަކީ ކޮބައިކަމާއި އަދި ގޭހަކީ ކޮބައިކަން ދަރިވަރުންނަށް އެނގޭ މިންވަރު ވަޒަންކުރުމަށްފަހު ފިލާވަޅުފެށުމެވެ. މިކަމުގެ މައިގަނޑުބޭނުމަކީ ކުރިން އެނގޭމިންވަރާއި ގުޅުވައިގެން ދަސްކޮށްދެވޭނަމަ، ކުދިންގެ ޝައުގު ފިލާވަޅަށް އިތުރުވާނެތީއެވެ. ދަސްކުރާހިތުން ފިލާވަޅު ދަސްކުރާނެތީއެވެ. އާޚިޔާލުތަކާއި ގިނަ ސުވާލު ދަރިވަރުން އުފެއްދުމަށް މަގުފަހިވާނެތީއެވެ.

ވަކިވަކި ދަރިވަރުންގެ ތަފާތުތައް ދެނެގަނެ، އެތަފާތުތަކަށް ފެތޭގޮތަށް މުދައްރިސްގެ ކިޔަވައިދިނުން ބައްޓަންކުރުން!

އުނގެނުމުގެ ސައިސްގެ ހަތަރުވަނަ ޑައިމެންޝަނަކީ ވަކިވަކި ދަރިވަރުންގެ ތަފާތުތައް ދެނެގަނެ، އެތަފާތުތަކަށް ފެތޭގޮތަށް މުދައްރިސްގެ ކިޔަވައިދިނުން ބައްޓަންކުރުމެވެ. އެގޮތުން، ކްލާހުގެ އެވެރެޖަށްވުރެ ދަށްކުދީންނާއި، އެވެރެޖްކުދީންނާއި އަދި ވަރަށް މޮޅެތިކުދީންނަކީ ކޮބައިކަން މުދައްރިސް ދެނެގަންނަން ވާނެއެވެ. މިއީ މުދައްރިސަށް ދަރިވަރު އެނެގެންޖެހޭ ވަރަށް މުހިއްމު ހިސާބެކެވެ. އަދި އެކިއެކި ދަރިވަރުންގެ ލާނިންގ ސްޓައިލް ނުވަތަ ކުދީން އުނގެނި ދަސްކުރަން ބޭނުންކުރާ އުކުޅުތައް މުދައްރިސަށް ވަރަށްރަނގަޅަށް އެނގެން ވާނެއެވެ. އެހެންކަމުން، މުދައްރިސް ކިޔަވައިދިނުމަށް ބޭނުންކުރާ އެހީ ތިން ފެންވަރަކަށް ތައްޔާރުކުރަން ވާނެއެވެ. އެގޮތުން، ކޮންޓެންޓްގެ މިންވަރު ތަފާތުކުރުމާއި، ކިޔަވައިދޭ ގޮތް ތަފާތުކުރުމާއެކު ދަރިވަރުންލައްވާ ކުރުވާ މަސައްކަތުގެ މިންވަރު ތަފާތުކުރަންވާނެއެވެ. މިކަން މިމަގުން ކުރަން ޖެހެނީ ތިން ފެންވަރެއްގެ ދަރިވަރުން އުނގެނުމުގެ ފަހިކަމާ އެކު ޝާމިލުކުރުމުގެ ބޭނުމުގައެވެ. ދަރިވަރު ދަންނަ ކަންކަމުން ފެށުމުން، ދަރިވަރުގެ ނަފްސަށްކުރެވޭ އިތުބާރުބޮޑުވެ ޝައުގު އުފެދިގެންދާނެ ތީއެވެ. އެހެންކަމުން، އުނގެނުމުގެ ސައިންސް މޮޅަށް ބޭނުންކުރައްވާ މުދައްރިސުންގެ ފިލާވަޅުތަކުން، ތިން ފެންވަރެއްގެ ކޮންޓެންޓް މެޓީރިއަލް ފެންނާނެއެވެ. ހަމަ މިއާ އެކު ކިޔަވައިދިނުމުގެ ވައްޓަފާޅީގެތެރެއިން ވަކިވަކި ދަރިވަރުންނަށް ގައިޑެޑް ސަޕޯޓް މުދައްރިސް ދެއްވާތަން ފެންނާނެއެވެ.  ދަރިވަރުންލައްވާ ކުރުވާ މަސައްކަތުން ދަރިވަރުން ތައްޔާރުކުރާ ތަކެތި ތިން ފެންވަރެއްގައި  ކުރެވިފައިވާތަން ވެސް ފެނިގެންދާނެއެވެ. ކުރުގޮތަކަށް ދަންނަވާނަމަ، ކޮންޓެންޓް ޑިފެރެންޝިއޭޓް ކުރުމާއި، ޕްރޮސެސް ޑިފެރެންޓިއޭޓް ކުރުމާއި ޕްރޮޑަކްޓް ޑިފެރެންޝިއޭޓް ކުރުން ފެންނާނެއެވެ.

ދަރިވަރުން އުނގެނި ދަސްކުރިއެއްޗެއްގެ ބަލާހޯދުމާއިއެކު އޭގެމައްޗަށް ނަޒަރުހިންގާ ގޮތްކަނޑައެޅުން!

އުނގެނުމުގެ ސައިނސްގެ ފަސްވަނަ ޑައިމެންޝަނަކީ ރިފްލެކްޓިވް ޕްރެކްޓިސްއެވެ. ނުވަތަ ދަރިވަރުން ދަސްކުރި އެއްޗެއްގެ ފުންމިން، ދަރިވަރަށް ދަސްވި މިންވަރު އެކިއެކި ޓޫލްތައް ބޭނުންކޮށް ފެންވަރު ދެނެގަނެ ވަޒަންކޮށް އޭގެ އަލީގައި މުދައްރިސް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް އަޅަމުން ގެންދިއުމެވެ. އަދި ފެންވަރު ވަޒަންކުރުމުގައި އެފިލާވަޅެއްގެ ޒާތަށް ބަލާ، އެ ފިލާވަޅު ވަޒަންކުރުމަށް އެއްމެ މޮޅު ނުވަތަ އުނގެނި ދަސްކުރި އެއްޗެއް އޭގެ އެންމެ ފުންމިނަށް ވަޒަންކުރެވޭނެ ޓޫލްއަކީ ކޮބައިތޯ ބެލުމެވެ. މަސްވެރިއަކު މަހަށްދާއިރު ދިހަ ނަމްބަރު ކަންވާރާއި، ފަންސާސް ނަމްބަރު ކަންވާރާއި، ދިހަ ނަމްބަރުބުޅިއާއި ވިހި ނަމްބަރުބުޅި ވަކީން ގެންދާފަދައިންނެވެ.

އުނގެނުމުގެ ފެންވަރު އަބަދުވެސް މަތިކުރެވޭނީ އުނގަންނައިދިނުމުގެ ސައިސްސަށް މުދައްރިސް އަހުލުވެރިވެ ފަރިތަވެގެންނެވެ. އުނގަންނައިދިނުމުގެ ސައިސްސް މޮޅަށް ދަސްވެ ކްލާސްރޫމްގައި ކިޔަވައިދިނުމުގައި މޮޅަށް ބޭނުންކުރެވޭނަމަ  އެ ކުރެވޭ ފޮނި އިހުސާސަކީ ފިޔާގެ ދިލަ ލޮލަށް އިހުސާސްނުކުރެވި ފިޔާކޮށާ ފަދައިން އުނގެނުމުގެ ސައިންސް ކްލާހުގައި ބޭނުންކުރުމެވެ. އޮމާން އަމާން ކަނޑެއްގައި ނަލަ ދުވެލީގައި ދަތުރެއް ކުރެވުމުން ކުރެވޭ ފަދަ ހިތްގައިމު އިހުސާސްތަކެއް ކުރެވޭނެ ގޮތަށް ކްލާހުގައި އުނގެނުމުގެ ސައިންސް ބޭނުން ކުރުމެވެ. އެހެންކަމުން މޮޅު މުދައްރިސަކަށްވުމަށް އެއްމެ މުހިއްމު އެއް ހުނަރަކީ އުނގަންނައިދިނުމުގެ ސައިންސަށް ފަރިތަވެ މޮޅުވުމެވެ. މަންހަޖު މާނަހުރިގޮތެއްގައި ތަންފީޒުކުރުމަށް ހަމަ އެއްމެ މުހިއްމު އެއްކަމަކީ މުދައްރިސުން އުނގަންނައިދިނުމުގެ ސައިންސަށް މޮޅުވެ ފަރިތަވުމެވެ.

ނޯޓް: އިސްމާޢީލް ނަސީރަކީ ރ.ވާދޫސްކޫލުގެ ޕްރިންސިޕަލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *