ޤައުމީ މަންހަޖު ތަންފީޒު ކުރުމާއި، އެސެސްމެންޓް ޕޮލިސީ އާއި ނާލޯ ޓެސްޓުގެ ނަތީޖާއަށް ނަޒަރެއް

އިސްމާޢީލް ނަސީރު

އުނގަންނައި ދިނުމުގެ މި މަސައްކަތުގައި ބަލާ ހޯދުމަށް އަބަދުވެސް އަޅުގަނޑު ޝައުގުވެރިވާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ގޯލްތަކުގެ ތެރެއިން އެޑިޔުކޭޝަން ފޮރ އޯލް، މި ގޯލްއަށް ފަހު، 2017 އިން 2030 އަށް ކަނޑައެޅުނު ގޯލް 4، ފެންވަރު ރަނަގަޅު ތަޢުލީމު އެއްމެނަށް ( ކޮލެޓީ އެޑިޔުކޭޝަން ފޯ އޯލް) މި ލަނޑު ދަނޑިއެވެ. މީގެ ތަފްސީލްތަކާއި، މިގޯލްތައް ހާސިލްވުމުގައި މިކުޑަކުޑަ ދިވެހިރާއްޖެ އޮތް ހިސާބެވެ. މީގެ އިތުރުން ރާއްޖޭގެ އެޑިޔުކޭޝަން ސެކްޓަރ ޕްލޭން ދިރާސާކުރުމާއި، މުހިއްމު ޕޮލިސީތައް ކަމަށްވާ، އެސެސްމެންޓް ޕޮލިސީއާއި، އިންކްލޫސިވް އެޑިޔުކޭޝަން ޕޮލިސީ ދިރާސާކޮށް ހަދަމެވެ.

ކަންމިހެން ހިނގަމުން އަންނައިރު، ނެޝެނަލް އެސެސްމެންޓް ފޮރ ލާނިންގް، (ނާލޯ) އެސްސެސްމެންޓަކީ ވެސް ރާއްޖެއިން ދެވޭ ތައުލީމާއި މެދު މުހިއްމު ހޯދުންތަކެއް ދައްކުވައިދޭ މުހިއްމު އިމްތިހާނެކެވެ. މިހާތަނަށް ރާއްޖޭގައި ނެގުނު ނާލޯ އެސެސްމެންޓްތަކުގެ ނަތީޖާ ޕްރެސެންޓޭޝަން ބެލުމާއި، މިއެސްމެންޓްތަކުގެ ރިޕޯޓު ކިޔާހެދީމުއެވެ. މި ކޮންމެ ކިޔުމަކުން ވެސް އާ ސުވާލުތަކެއް ރާއްޖޭގެ މަދަރުސީތަޢުލީމުގެ ފެންވަރާ މެދު އުފެދެމުން އާދެއެވެ. މި އުފެދެމުން އައި ސުވާލުތަކަށް އާ ވިސްނުންތަކުން ވިސްނުމަށް އަޅުގަނޑުގެ ޝައުގު އުފެދުނީ، 30 ޖުލައި 2024 ވީ އަންގާރަދުވަހު، 2024 ވަނަ އަހަރުގެ ނާލޯ އެސެސްމެންޓްގެ ނަތީޖާ ހުށައެޅުން އަޑުއަހާލަން އިނުމުގެ ތެރެއިންނެވެ. މި އަޑުއެހުންތަކުން ވިސްނުމަށް ކުރި މަތިކުރުވި ހައިޕޮތެޓިކް ވިސްނުންތަކެއްގެ ސަބަބުންނެވެ. ފަހަރެއްގައި މި ޑިސްކަޝަން ގެންދެވުނު ގޮތް ތަފާތުވެފައި ހިތްގައިމުވީ ކަމުގައި ވެސް ވެދާނެއެވެ. ހަގީގަތުގައި ވެސް މި ލިޔުން ލިޔެލަން އަޅުގަނޑު ޝައުވެރިވީ އެހިސާބުންނެވެ.

2016 ވަނަ އަހަރުގެ ނާލޯޓެސްޓުގެ ނަތީޖާއިން މުޅިރާއްޖެއިން ގްރޭޑް 3 ގެ ދިވެހި ނަތީޖާއިން ދެއްކީ 62 އިންސައްތައެވެ. މި އެސެސްމެންޓް ނެގުނީ މުޅިން އާ މަންހަޖެއް ރޯލްއައުޓް ކުރެވުނުތާ އެއް އަހަރުގެ ތެރޭގައެވެ. އޭރު ވިސްނުމަށް އައީ އާ މަންހަޖުގެ ރޯލް އައުޓުކޮށް މުޅީން ފުރިހަމަ ނުވާތީ ދެއްކި ނަތީޖާއެއް ކަމުގައެވެ. ކޮންމެއަކަސް 2017 ވަނަ އަހަރު ގްރޭޑް 3 ގެ ނާލޯ އެސެސްމެންޓް ދިވެހި މިމާއްދާއިން ނެގުނެވެ. ނަތީޖާ ދެއްކީ 56 އިންސައްތައެވެ. މިއީ  އިންސައްތައިގެ ދައްވުމެކެވެ. އޭގެ ފަހުން ކޮވިޑް 19 ގެ ފުރަ ބަންދާ ދަރިވަރުންގެ އުނގެނުމަށް އައި އެތައް ހުރަސްތަކަކަށްފަހު، ހާލަތައް ވެސް ރިއާޔަތްކުރެވި ނެގުނު ދިވެހި ގްރޭޑް 3 ގެ ނާލޯ އެސެސްމެންޓުން ދެއްކީ 52.75 އިންސައްތައެވެ. މިއީ 2017 ވަނަ އަހަރަށްވުރެ 3.25 އިންސައްތައިގެ ދައްވުމެކެވެ. އެއަށް ފަހު 2024 ވަނަ އަހަރުގެ ނާލޯޓެސްޓް ގްރޭޑް 3 ގެ ދިވެހި ނަތީޖާ ދެއްކީ 40.18 އިންސައްތައެވެ. މިއީ 2021 ވަނައަރުގެ ނާލޯގެ ނަތީޖާއަށްވުރެ، 12.57 އިންސައްތައިގެ ދަށްވުމެކެވެ.

ގްރޭޑް 3 ގެ ދިވެހީގެ އިތުރުން، މިހާތަނަނަށް ނެގުނު ނާލޯ އެސެސްމެންޓްގެ އިނގިރޭސި މިމާއްދާއަށް ނަޒަރެއް ހިންގާލަމާތޯއެވެ. 2016 ވަނަ އަހަރު ނެގުނު ނާލޯޓެސްޓުގެ ނަތީޖާއިން 2016 ވަނަ އަހަރު މުޅި ރާއްޖެއަށް ބަލާއިރު ގްރޭޑް 3 ގެ އިނގިރޭސީގެ ނަތީޖާއަކީ 52.90 އިންސައްތައެވެ.  2017 ވަނައަހަރުގެ ނަތީޖާއަކީ 53.17 އިންސައްތައެވެ. ދެ އަހަރުގެ ނަތީޖާއަށް ބަލާއިރު، 0.27 އިންސައްތައިގެ ކުރިއެރުމެކެވެ. 2021 ވަނަ އަހަރުގެ ނަތިޖާއަކީ 57.54 އިންސައްތައެވެ. މިއީ ކޮވިޑް 19 ގެ ހާލަތަށް ބަލާ ނެގުނު ނެޝަނަލް އެސެސްމެންޓެއް ވެސް މެއެވެ. 2017 އާއި އަޅާކިޔާއިރު ހޯދުނީ 4.37 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް 2024 ވަނައަހަރުގެ ނަތީޖާއަކީ 54.28 އެވެ.2021 ވަނައަހަރާ އަޅާކިޔާއިރު 3.26 އިންސައްތައިގެ ދަށްވުމެކެވެ.

އާ މަންހަޖެއް ރޯލްއައުޓުކުރެވުނުތާ 9 އަހަރު ވީއެވެ. މި މުއްދަތުގެތެރޭގައި ހަތަރު ނެޝަނަލް އެސެސްމެންޓެއް ގްރޭޑް 3 އަދި 6ށް ނެގިއްޖެއެވެ. ނަތީޖާއިން ދެއްކީ ކަންބޮޑުވާން ޖެހޭ ކަންތައްތަކެވެ. ވަގުތު ނަގާނުލާ އަވަސް ފިޔަވަޅުތަކެއް ނިޒާމުގެތެރެއިން އަޅަން ޖެހޭ ކަންތައްތަކެއް ހުރިކަން މި ނަތީޖާތަކުން ބުނެދެއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މިއީ މަންހަޖުގެ މައްސަލައެއް ތޯއެވެ. ނޫނީ ސިލަބަސްތަކުގެ ކޮންޓެންޓް އެކްޕެންޝަންގެ މައްސަލައެއް ބާވައެވެ. ނުވަތަ ފޯމެޓިވް އެސެސްމެންޓަށް މާބޮޑަށް ބަރޯސާވެވުމާއި، ސަމަޓިވް އެސެސްމެންޓް ދޫކޮށް ލޯންގްޓާމް މެމޮރީ އަށް އެންކޯޑް ކުރަން ފަރިތަކުރުން ދޫކޮށްލުމާއި، ފޯމެޓިވް އެސެސްމެންޓް ޓޫލް ސެޓާއި، ޓޫލްއިންނެގޭ ޑޭޓާ ސެޓުގެ މައްސަލައެއް ބާވައެވެ. ނުވަތަ ޕެޑަގޮޖިކަލް އެޕްރޯޗާއި، ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި، ބަސްކިޔަވައިދިނުމުގައި މަންހަޖުގައި ބަޔާންކުރާ ސްޓްރޭންޑާއި ސަބްސްޓްރޭންޑްގައި ބުނާ މަފްހޫމްތައް ތަންފީޒުކުރުމުގެ މައްސަލައެއް ބާވައެވެ.

ސިލަބަސްތަކުގެ އެކްސްޕެންޝަން އަށް ބަލާއިރު، ރާއްޖޭގައި މިހާރު ތަންފީޒުކުރެވެމުން ދަނީ ސްޕައިރަލް މޮޑެލްގެ ކަރިކިއުލަމްއެކެވެ. ކަނޑައެޅިފައިވާ ކޮންމެ ކީސްޓޭޖެއްގައި މާއްދާގެ މަޢުލޫމާތު ނުވަތަ ކޮންޓެންޓު ހިމެނިފައި ވަނީ އެއް ކީސްޓޭޖެއްގައި ހިނެނޭ ގްރޭޑްތަކަށް އެއް ސުރުހީތަކެއް ނަގުލުވާ ގޮތަށެވެ. އަދި އުމުރުފުރަ އާއި ގްރޭޑް މަތިވާވަރަށް "ވާޓިކަލް "ކޮންޓެންޓް އަޕްޝިފްޓް ކުރެވިގެންނެވެ. އުފެދޭ ސުވާލަކީ، އުމުރާއި ގުޅޭގޮތުން އެކި ގްރޭޑްތަކަށް ގެނެވުނު ކޮންޓެންޓް އަޕްޝިފްޓުގެ މައްސަލައެއް އުޅެނީ ބާވައެވެ.

ފޯމެޓިވް އެސެސްމެންޓުގެ ތާރީޚަށް ބަލާއިރު، މި މަފްހޫމް ދުނިޔެއަށް ތަޢާރަފް ވެގެންދިޔައީ 1967 ވަނަ އަހަރުއެވެ. ފޯމެޓިވް އެސެސްމެންޓުގެ އާ ވާޝަން ތައާރަފްވެގެން ދިޔައީ 1998 ގައި ވިލިއަމް އަދި ޖޭމްސް ގެ ބްލެކްބޮސް އެކްސްޕެރިމެންޓަށް ފަހުގައެވެ. މި މޮޑެލްގެ މައިގަނަޑު އެއް މަގުސަދަކީ ތޫނު ފިލިދަރިވަރުންނަށް އުފެއްދުންތެރި ގޮތެއްގައި ވިސްނުން ފަހި ކުރުވުމެވެ. އެއީ އެސެސްމެންޓް އޭސްލާނިންގް ގައި ބުނާ، ސެލްފް އެސެސްމެންޓާއި ޕިއަރ ރިވިއު ތަކުންނެވެ.

ފޯމެޓިވް އެސެސްމެންޓާއި، ތިއަރީ ތަކުގެ ނަޒަރިއްޔާތުން މެމޮރީ ސްޓޭޖުތަކަށް ބަލާއިރު، ފޯމެޓިވް އެސެސްމެންޓަށް އެކަނި ދަރިވަރުގެ ފެންވަރު ވަޒަންކުރުމުގައި ބޭނުންކުރެވޭ ނަމަ ލޯންގްޓާމް މެމޮރީއަށް އެންކޯޑްކުރުމާއި، އަދި ލޯންގް ޓާމް މެމޮރީގައިވާ މަޢުލޫމާތު ރިޓްރައިވް ކުރުމުގެ ފުރުސަތު ހަނިވާނެ ކަމުގައި އަޅުގަނޑު ދެކެމެވެ. މިހެން މިކަން އޮތްނަމަވެސް 2015 ވަނައަހަރު ރޯލްއައުޓުކުރެވުނު މަންހަޖާއެކު، އެސެސްކުރުމަށް އެކުލަވާލެވުނު އެސެސްމްންޓް ޕޮލިސީގައި ބުނަނީ ފައުންޑޭޝަން ސްޓޭޖާއި، ކީސްޓޭޖު 1 އަދި 2 ގައި ރަސްމީކޮށް ތަންފީޒުކުރާނީ ހަމައެކަނި ފޯމެޓިވް އެސެސްމެންޓް ކަމުގައެވެ. އަދި އެ ޕޮލިސީ ބުނާގޮތުން ނުރަސްމީކޮށް ސަމަޓިވް އެސެސްމެންޓް އެ ސްކޫލަކުން ބޭނުންނަމަ ގެންދެވިދާނެކަމުގައެވެ. ނަމަވެސް، އޭގެ ދެ އަހަރެއްގެ ފަހުން ޕޮލިސީ ރިވައިސްކުރެވުނެވެ. އަދި ދެންނެވުނު ކީސްޓޭޖުތަކުގައި ސަމަޓިވް ޓެސްޓް ނުރަސްމީކޮށް ގެންދިއުމަށް އޮތް ފުރުސަތު މުޅީން އުނިކޮށްލިއެވެ. ކޮވިޑް 19 ގައި ފުރަބަންދުގެ ހާލަތުގައި ޕޮލިސީ ރިވައިސްކުރުމުގެ މަޝަވަރާތަކެއް ދިއައެވެ. އަދި އަލުން ރިވައިސްވެސްކުރެވުނެވެ. އެދުވަހު މަޝްވާކުރުމުގެ ޓެކްނިކަލްކޮމެޓީގައި އަޅުގަނޑަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ. އެދުވަހު ވެސް މިވާހަކަތައް ދެއްކީމެވެ. ބުއްދީގެ ނަޒަރަކުން ބަލާއިރު، މިހާރު އެސެސްމެންޓް ޕޮލިސީ އޮތްގޮތުން، 6 އަހަރު ދުވަހުގެ މުއްދަތަށް ދަރިވަރުން ލޯންގްޓާމް މޮމެރީ އަށް، ދަސްކުރާއެއްޗެއް މާބޮޑަށް އެންކޯޑްކުރުމަކަށް ޕޮލިސީ ތަނެއް ނުދެއެވެ. އަދި ލިބިފައިވާ މަޢުލޫމާތުތައް ސަމަޓިވް ޓެސްޓެއް ހަދައިގެން ރިޓްރައިވް ކުރާކަށް ބާރެއް ވެސް ނޭޅެއެވެ. މި ކަމުގަ ދިގުމުއްދަތުގެ އަސަރަކަށް ނޮލެޖްބޭސް އިކޮނޮމީއަކަށް ހުރަސްނޭޅިދާނެ ބާއެވެ.

ދެން އޮތީ ފޯމެޓިވް އެސެސްމެންޓުގައި މުދައްރިސުން ބޭނުންކުރައްވާނެ ޓޫލްސެޓްތަކެވެ. ކިޔުމާއި ބެލުން ޓެސްޓްކުރުމަށް ރަނިންގް ރިކޯޑެވެ. އެނެކްޑޯޓަލް ރިކޯޑެވެ. ލިޔުންތަކާއި އެހެނިހެން އުނގެނުމުގެ ހުނަރު ވަޒަންކުރުމަށް ބޭނުންކުރާ ޕޯޓްފޯލިއޯއެވެ. ކޭޑަބިލިއުއެލް ޗާޓެވެ. ޗެކްލިސްޓެވެ. ރުބްރިކެވެ. ޕްލޭސްމެޓެވެ. ނަމަވެސް، އުނގަންނައިދިނުމުގެ ހެކީގެ ގޮތުގައި މިޓޫލްތައް ދަރިވަރުންގެ އުނގެނުމުގައި ފެންނަނީ ކިހާވަރަކަށް ބާވައެވެ. މުދައްރިސުން އުފަލާއިއެކު މިޓޫލްތައް ބޭނުންކޮށް، ޑޭޓާ އިންފޯމް ޑެސިޝަން ނަގަނީ ކިހާވަރަކަށް ބާވައެވެ.

ޕެޑަގޮޖިކަލް އެޕްރޯޗަށް ބަލާއިރު، 5 ދާއިރާއެއް މަންހަޖުގައި ބަޔާވެގެން ވެއެވެ. މިދާއިރާތަކުގެ ތެރެއިން ، މާނަ ހުރިގޮތެއްގައި އުނަގަންނައިދިނުމަށް، ކޯޕަރޭޓިވް ލާނިން ބޭނުންކުރެވެނީ ކިހާވަރަކަށް ބާވައެވެ. ޕްރޮޖެކްޓް ބޭސްލާނިން ތަންފީޒުކުރުމާއި، ވަޒަންކުރުން ގެންދެވެނީ ކިހާވަރަކަށް ބާވައެވެ. އިންޑަކްޓިވް އަދި ޑިޑަކްޓިވް އެޕްރޯޗް ބޭނުންކުރެވުނީ ކިހާވަރަކަށް ބާވައެވެ. އަދި ނާލޯޓެސްޓުގެ ނަތީޖާއާއި ޕެޑަގޮޖީ އެޕްރޯޗާއި ގުޅުމެއް ނުވާނެ ބާވައެވެ.

ބަސްކިޔަވައިދިނުމުގެ ސްޓްރޭންޑް ތަކަކީ ކިޔުމާއި ބެލުމެވެ. އަޑުއެހުމާއި ވާހަކަދެއްކުމެވެ. ލިޔުމާއި ބަޔާންކޮށްދިނުމެވެ. އަދި ސަބްސްޓްރޭންޑްތަކަކީ ސްކީލްސް އާއި ސްޓްރެޓެޖީސްއެވެ. ލޭންގުއޭގް ފީޗަރ އަދި ސްޓްރަކްޗަރއެވެެ. ނުވަތަ ބަހުގެ ގަވާއިދާ ހަމައެވެ. އަދި ކޮމިއުނިކޭޓު ކުރާ ބޭނުމެވެ. މި ބައިތަކަށް ބަލާއިރު، ރިކައުންޓެއް ލިޔުއްވާނަމަ ލިޔުއްވަންފެށުމުގެ ކުރިން މުދައްރިސަކު ކުރުން ލާޒިމްކަންކަން ސިލަބަހުގައި ހުދާއި ކަޅުން ލިޔެފައިވެއެވެ. އަދި ލިޔުމުގެ ތެރެއިންނާއި، އެ ލިޔުމެއް ލިޔުމަށް ފަހު ޢަމަލުކުރާނެ ގޮތްތަކެވެ.

ދެންނެވުމު ކަންކަމުގެ އިތުރުން ނާލޯ ޓެސްތަކުގެ 4 އަހަރުގެ ނަތީޖާއާއި، ސޯސިއޯ އިކޮނޮމިކް، ކަލްޗަރ ނުވަތަ ވަސީލަތްތަކާއި ކިޔަވައިދޭ މީހުންގެ ފެންވަރުގެ މައްސަލައެއްދިމާވަނީ ބާވައެވެ. މުދައްރިސުން ހުއްޓުމެއްނެތި އެއް ހަރުފަތުން އަނެއް ހަރުފަތައް އުނގެނެމުން ދެއެވެ. ނުވަތަ ސުޕަރވިޝަން އަދި މޮނިޓަރިންގް މައްސަލައެއް އުޅެނީ ބާވައެވެ. މި އީ ހައްތާވެސް ސުވާލެވެ. 21 ވަނަ ގަރުނުގެ އުނަގަންނައިދިނުމަށް އެތައް ވަސީލަތަކާއިއެކު ސްކޫލްތަކުގެ އަމާޒު ދިރިއުޅުމަށް ތައްޔާރުކުރެވިފައިވާ ބަވަނަ ވެފައިވާ ދުނިޔެއަށް ލޯހުޅުވިފައިވާ ދަރީންތަކެއް ނެރުމަށް މަސައްކަތް ކުރެވެމުންދާއިރު، ގައުމީ ފެންވަރުގެ މިފަދަ އެސެސްމެންޓުތަކުގެ ނަތީޖާއާއިމެދު ވިސްނާ އަވަސް ފިޔަވަޅުތަކެއް އަވަސް މުސްތަޤުބަލެއްގައި އެޅުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ.

ނޯޓް: އިސްމާއިލް ނަޞީރަކީ ރ، ވާދޫ ސްކޫލުގެ ޕްރިންސިޕަލެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *