މުދައްރިސް ރުޅިދުރިވިކަން އެނގޭ ހިސާބުން ދަރިވަރުގެ މަގްސަދު ޙާޞިލްވީއެވެ.

ނިއުމާ މުޙައްމަދު (ނިއުމާ މިސް)

ދަރިވަރަކު ނުރަނގަޅު ކަމެއް ކުރަމުންދާ ނަމަ އެ ދަރިވަރެއްގެ އެ ބިހޭވިއާ އެހެން ދިމާލަކަށް އަނބުރާލަން މަސައްކަތް ކުރާށެވެ. މިސާލަކަށް އެމީހުންގެ އެ އެނަރޖީ ނުވަތަ އެ ހަކަތަ އެހެން ދިމާލަކަށް އަނބުރައިލަން ޚާއްޞަ ސަމާލުކަމެއް  ދޭށެވެ.

އެފަދަ ހާލަތެއްގައި ދަރިވަރުގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރައިލުމަށް ރީޑައިރެކްޓް ބިހޭވިއަރ ސްޓްރެޓެޖީ މުދައްރިސުންނަށް ކުލާހުގައި ބޭނުން ކުރެވިދާނެއެވެ. މިއީ އެ ދަރިވަރުގެ އެ ގޯސް އަމަލު މެނޭޖްކޮށް ރަނގަޅު މަގުދައްކައި ދިނުމަށް ބޭނުންކުރާ އުކުޅެކެވެ. މި އުކުޅު ބޭނުން ކުރުމުން އަބަދު ލޭބަލްކޮށް ފާޑުކިޔައި ނުވަތަ އަދަބު ދިނުމުގެ ބަދަލުގައި އެކުދިންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަން މަސައްކަތް ކުރުވައެވެ.

މިއުކުޅު ބޭނުންކޮށް މުދައްރިސަކު ނުވަތަ ބެލެނިވެރިއަކު ވިޔަސް އެވަގުތު އެކުއްޖާގެ ޝައުގުވެރިކަން ހުރި ނެތް ގޮތް ބަލާ އޭނާގެ ބޭނުންތަކާ އެއްގޮތްވާ ގޮތަށް އަމަލު ކުރުވިދާނެއެވެ. މި ގޮތައް ހެދުމުން ނުރަނގަޅު އަމަލު ދެއްކި ދަރިވަރަށް އަލުން ހަމަޖެހި އުނގެނުމަށް ފޯކަސް ކުރުވުމަށް އެހީތެރިވެ ދެވިދާނެއެވެ. މި އުސޫލުގެ ސަބަބުން ކުލާސް މާހައުލުގެ ހަމަޖެހުން އަލުން އައިސް މުދައްރިސަށް ކުލާސް ކޮންޓްރޯލްކޮށް އަލުން އުނގެނުން ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއެވެ. އަދި އެ ދަރިވަރު އަމިއްލަ ނަފުސު ބަލަހައްޓަން އެނގި  ނަފުސު ކޮންޓްރޯލް ކުރުމުގެ ހުނަރުތައް ދަސްކުރުމަށް އެހީތެރިކަން ފޯރުކޮށް ދެވެއެވެ.

ދަރިވަރެއްގެ އެ ގޯސް އަމަލު އެހެން ދިމާލަކަށް ބަދަލުކޮށްލަން މަސައްކަތް ކުރުމުގެ ކުރިން އޭނާ އެކަމެއް އެކުރަނީ ކީއްވެގެންކަން ދެނެގަތުން މުހިންމެވެ. މިސާލަކަށް، ދަރިވަރު ފޫހިވެ، މާޔޫސްވެ، މުދައްރިސުގެ ސަމާލުކަން ހޯދަން ނުވަތަ އެ މަސައްކަތަކީ އޭނާއަށް ވިސްނޭ ވަރަށްވުރެ އުނދަގޫ މަސައްކަތައް ވުމުން ބައެއް ފަހަރު މުދައްރިސް ރުޅިއެރުވުމުގެ ބޭނުމުގައި ގަސްތުގައި ކުރި ކަމަކަށް ވެސް ވެދާނެއެވެ.

އަސްލު ސަބަބު ދެނެގަތުމަކީ ރަނގަޅު ރީޑައިރެކްޝަން ސްޓްރެޓެޖީއެއް ހޮވުމުގައި މުދައްރިސަށް އެހީތެރިވެދޭނެ ކަމެކެވެ.

މިސާލު: ދަރިވަރަކު މެދުނުކެނޑި ގަލަމުން މޭޒުމަތީގައި ތަޅަމުން އެހެން ކުދިންގެ ސަމާލުކަން ނަގާލަމުން ދާނަމަ، އެކަމުން ދަރިވަރު ފޫހިވެފައިވާކަން މުދައްރިސަށް ވިސްނިދާނެއެވެ. މިގޮތައް ދިމާވުމުން، މުދައްރިސަށް އެ އަމަލު ރީޑައިރެކްޓް ކުރުމަށް އޭނާއަށް ގޮވާލާފައި " ކޮބާ ފޫހިވީތަ؟ ހިނގާ އެހެން މަސައްކަތެއް ކޮށްލަން" މިހެން ބުނެވިދާނެވެ.

ނޫނީ، އޭނާއަށް އެފިލާވަޅު ބޮޑަށް އެނގި ވެސް ދާނެއެވެ. އެފަދަ ހާލަތެއްގައި އޭނާއާއި އެހެން ދަރިވަރަކަށް ކިޔަވައިދޭން ހަވާލުކޮށްލާފައި އެ މަސްއޫލިއްޔަތު އަދާ ކުރޭތޯ ބަލަމުން ގެންދާށެވެ.

ބައެއް ހާލަތްތަކުގައި އޭނާ އެ އުޅެނީ ގަސްތުގައި މުދައްރިސް ރުޅިއަރުއްވާށެވެ. މިގޮތަށް އޭނާ ކުރި އަމަލުގެ ސަބަބުން އެ ފިލާވަޅު މުދައްރިސު ކުރިއަށް ނުގެން ގޮސް ހުއްޓާލާނެކަން އޭނާއަށް އިނގޭނެއެވެ. އަދި ލީޑިން ޓީޗަރު ކުލާހަށް ދުރުވެ އެކަމާ އޭނާ އާ ދިމާލަށް ހަޅޭއްލަވާނެކަން ނުވަތަ އޭނާ ކުލާހުން ބޭރަށް ގެންގޮސް އެލްޓީ ރޫމަށް ގެން ގޮސް ނަސޭހަތްދީ އެތާގައި އެ ވަގުތު ފިލާވަޅު ނުހަދާ ހުރެވޭނެކަން ވެސް އެނގޭނެއެވެ. މިއީ ގިނަ ފަހަރަށް އެމީހުންގެ ހުރި ހުށިޔާރުކަމާއި ކެރޭކަން އެހެން ކުދިންނަށް ދައްކާލަން ކުރާ ކަމެކެވެ. ނަމަވެސް މުދައްރިސު ދައްކައި ދޭންވީ އެޢަމަލުގެ ސަބަބުން މުދައްރިސް ރުޅި ނާންނަކަމެވެ. އެފަދަ ހާލަތެއްގައި " އޭނާ ކައިރިއަށް ގޮސް ސިއްރުން ބުނެލާނީ ކަރުދާސް ބޯޅަ ތި އުކީ މިސްއަށް ގޮވާލަން ހޭ؟ ދެން ފަހަރަކުން އަތް މައްޗަށް ހިއްލާލުމުން ނުވަތަ މިސްއަށް ގޮވާލިއަސް އަންނާނަމޭ" ބުނެވިދާނެއެވެ.

ބައެއް ފަހަރު، ދަރިވަރެއްގެ އެ ގޯސް އަމަލުގެ ފޯކަސް ބަދަލުކުރުމަށް ބޭނުން ވަނީ މުދައްރިސުގެ ފަރާތުން އެއްވެސް ރުޅިވެރިކަމެއް ނުދެއްކުމެވެ. އަދި އެކަމެއް މުދައްރިސަށް ފާހަގަވިކަން ލޯބިން މަޑުމައިތިރި ކަމާއެކު ބުނެލުމެވެ.

މުދައްރިސު އެއަމަލާއި ދޭތެރޭ އަޅާނުލައި އޭނާއާއި ރީތިކޮށް ހިނިތުންވެލައި ވާހަކަ ދައްކާލާށެވެ. އޭނާއަށް ކުރެވުނު އެކުށް މާބޮޑު ކުށަކަށް ނުވާނަމަ ރަނގަޅު ކޮށްލާނެއެވެ.  އަނެއް ދުވަހު އޭނާ އެގޮތައް އަމަލު ނުކުރުމަށް މުދައްރިސް މިގޮތަށް ހެދުމުން އެހީތެރިވެ ދެއެވެ.

މުދައްރިސު ރުޅިއައިސްފިކަން އެނގޭ ހިސާބުން އޭނަގެ މަގްސަދު ހާސިލްވީއެވެ.

ލޯތްބާއި އަޅާލުމާއި އޯގާތެރި ކަމަކީ ވަރަށް ވަރުގަދަ ހަތިޔާރެކެވެ. އޭނާ އަކީ ގޭގައި ވެސް މައިންބަފައިންގެ އަޅާލުމާއި ލޯބި ނުލިބޭ ކުއްޖަކަށް ވެދާނެއެވެ.

ބައެއް ފަހަރު ވަކި މަސައްކަތަކަށް ދަރިވަރުން ފޫހިކަން ދައްކާ ދެކޮޅު ހަދަނީ އެއީ އުނދަގޫ ނުވަތަ ޝައުގުވެރިކަމެއް ނެތް ކަމެއް ކަމަށް އޭނާއަށް ހީވާތީއެވެ. އެ މަސައްކަތުގެ މުހިންމުކަން ހާމަވާ ގޮތަށް ނުވަތަ އެ މަސައްކަތެއް އިތުރަށް ޝައުގުވެރިވާ ގޮތަށް އަލުން ބަދަލުކޮށްލާ އޭނާއާއި ސުވާލެއް ކޮށްލުމުން ވެސް  އެކަމެއް އޭނާ ހުއްޓާލަފާނެއެވެ. ނުވަތަ މުދައްރިސު ކުލާހުގައި ހިނގާލާށެވެ. އޭނާގެ ކައިރިއަށް ގޮސް އޭނާއަށް ސަމާލުކަންދީ ނޭގުނު ތަނެއް ކިޔަދީ އޮޅުން ފިލުވައިދޭށެވެ. ނުވަތަ ކުލާހުގެ އެންމެ ކުރީގައި ހުރި މޭޒަކަށް ބަދަކުކޮށްލާށެވެ.

ދަރިވަރުންގެ ގޯސް އާދަތައް އެހެން ދިމާލަކަށް ބަދަލުކޮށްލަން  ނުވަތަ އަނބުރާލަން މަސައްކަތް  ކުރުމަކީ ބައެއް ފަހަރަށް ދަރިވަރުންގެ ނުރަނގަޅު އާދަތައް މުދައްރިސަށް ކޮންޓްރޯލް ކޮށްލެވިދާނެ ގޮތެކެވެ. މިއީ މުދައްރިސުން ދަރިވަރުންގެ ގޯސް އަމަލުތަކަށް ރަނގަޅު މަގުދައްކައިދީ، އެ ބިހޭވިއަރ/ ގޯސް އަމަލު ހައްލުކުރުމަށް އެހީތެރިވެދޭ އުކުޅެކެވެ. އަބަދު އޭނާ ލޭބަލްކޮށް އަދަބު ދިނުމުގެ ބަދަލުގައި ރީޑައިރެކްޝަން ފޯކަސް ކުރަނީ ދަރިވަރެއްގެ ހަކަތައާއި ސަމާލުކަން ހެޔޮ ދިމާލަކަށް ބަދަލުކުރުމަށެވެ. މި އުސޫލުގެ ސަބަބުން  މުދައްރިސުންނަށް ދިމާވާ އުނދަގޫތައް ހައްލުކޮށް ދަރިވަރުން ރަނގަޅު މަގު އިޚްތިޔާރު ކުރުމަށް ހިތްވަރު ލިބެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *