ނިއުމާ މިސްގެ ޤަލަމުން: 18 ނޫނީ 19 އަހަރާ ހަމައަށް ކުދިން ސްކޫލުގައި އުޅެން ޖެހޭ ސަބަބުތައް

16 އަހަރާއި 17 އަހަރުގެ އުމުރުގެ ކުދިން ދަށު ސާނަވީ ނިމޭއިރު އަދި ވަރަށް ޅައެވެ. މި އުމުރުފުރާގެ ކުދިން ތަސައްރަފު ފުދި ބޮޑުވަންދެން މުދައްރިސުންނާއި ބެލެނިވެރިންގެ އެހީތެރިކަން އަދި ބޭނުންވާނެއެވެ. ހާއްސަކޮށް ހެޔޮބުއްދި އަންނާނެ ގޮތް ހަދައިދީ (ހެވާއި ނުބައި އެނގި ދަސްވެ) މުޖުތަމައުގައި ރީތި ދިރިއުޅުމެއް އުޅޭ ޒިންމާދާރު ޒުވާނަކަށް ހަދައިދޭން އެބަޖެހެއެވެ. މިގޮތުން މަތީ ސާނަވީ މަރުހަލާއަކީ މިކަމުގެ ހައްލެކެވެ. މަތީ ސާނަވީ މަރުކަޒުތަކުން ކުދިންނަށް ބޭނުންތެރި ދިރިއުޅުމުގެ މައުލޫމާތާއި، ތަފާތު ހުނަރާއި، އަޚްލާގާއި، ސުލޫކާއި، އިލްމު ފޯރުކޮށްދޭނެއެވެ. މިބައި މުހިންމު ވަނީ، ގިނަ ވަޒީފާތަކަށާއި ޔުނިވަރސިޓީ/ ކޮލެޖުގެ ކޯސްތަކުގެ ފުރުސަތުތަކަށް މަތީ ސާނަވީ ސުކޫލް ނިންމި ކަމުގެ ސަނަދު (ސުކޫލް ލީވިންގ ސެރޓިފިކެޓް) އެންމެ ކުޑަމިނުން ޝަރުތެއް ގޮތުގައި ބޭނުން ވާތީއެވެ.

މި ސުކޫލްތަކުގައި ކުދިންނަށް އެކުވެރިންނާ މުއާމަލާތްކޮށް، އެކުވެރިކަމުގެ ގުޅުންތައް ހެޔޮގޮތުގައި ދަމަހައްޓަން ކިޔައިދީ، އަދި އިޖުތިމާޢީ އެތައް ހުނަރުތަކެއް ތަރައްގީ ކުރުމަށް ފުރުސަތުތައް ފަހިކޮށް ދެއެވެ. މިފަދަ މުހިންމު ހުނަރުތައް ތަޖުރިބާކާރު މުދައްރިސުންގެ އެހީތެރިކަމާއެކު ދަސްވެގެންދާނީ ކުރިއާލައި ރާވައިގެން ކިޔެވުމާއި އުނގަންނައި ދިނުމުގެ ތެރެއިންނެވެ. އަދި މި އުމުރުގައި ސުކޫލުގައި އެކުދިން އުޅުމަކީ އެކުދިންގެ ޖަޒުބާތީ، ނަފްސާނީ ތަރައްޤީއަށް ވަރަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނޭ ކަމެކެވެ. ދިރިއުޅުމުގެ މުހިންމު ވަރަށް ގިނަ ނަޒަރިއްޔާތުތަކެއް އެކުދިންނަށް މަތީ ސާނަވީ މަރުހަލާގައި ދަސްވެ އަމިއްލަ ނަފުސުގެ ގިނަ ކުރިއެރުންތަކެއް ލިބި، އެކުދިން ކުރިއަށް ދާންވީ ރޮނގު ވެސް ވަރަށް ރަނގަޅަށް އިހުތިޔާރު ކުރާނެއެވެ.

21 ވަނަ ގަރުނުގެ ހުނަރުތަކަކީ ދިރިއުޅުމަށް ވަރަށް ބޭނުންތެރި ހުނަރުތަކެކެވެ. މަތީ ސާނަވީ ސްކޫލްތަކުން ކުދިންނަށް، ބިނާކުރަނިވި ފާޑުކިޔުންތެރި ވިސްނުން ކުރިއެރުވުމަށާއި މީހުންނާއި ގުޅިގެން އުޅުމަށް ދަސްކޮށްދޭނެއެވެ. ޑިޖިޓަލް ލިޓަރަސީ ކުރިއެރުވުމަށާއި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އުނގަންނައި ދިނުމުގެ ތެރެއިން މުދައްރިސުން ފުރުސަތުތައް ފަހިކޮށްދޭނެއެވެ. މިފަދަ ކަންތައްތައް އަށަގަންނުވަން މުދައްރިސުން ފިލާވަޅުތައް ތައްޔާރު ކުރާނީ ތަފާތު އަމަލާއި ތަޖުރިބާތައް ކުދިންނަށް ފަހިވާގޮތަށެވެ. މިގޮތުން މުދައްރިސުން ކުދިން ލައްވާ ތަފާތު ކަންކަމާއި ދޭތެރޭ އަމިއްލައަށް ފިކުރުކޮށް ވިސްނައި ނިންމުންތައް ނިންމުމަށް ހިތްވަރުދީ، އުފެއްދުންތެރިކަން ކުރިއެރުވުމަށް ތަފާތު ގޮތްގޮތަށް މަސައްކަތް ކުރުވާނެއެވެ. މި ހުނަރުތަކަކީ އެކުދިން ސުކޫލު ނިމުމުން އަމިއްލަ ދިރިއުޅުމުގެ ތަފާތު ގިނަ ހާލަތްތައް ކަނޑަށްތުކުރުމަށް ބޭނުންވާ މުހިންމު ހުނަރުތަކެކެވެ. އަދި ހަމަ ކުރިއަށް އޮތް ޔުނިވަރސިޓީ/ކޮލެޖުގެ ތައުލީމު ކާމިޔާބާއި އެކީ ފުރިހަމަ ކުރުމަށާއި، ވަޒީފާގެ މައިދާނުގައި ތަފާތު ކުރިއެރުމާއި ކާމިޔާބީތައް ހޯދުމަށް މިއީ ވަރަށް ބޭނުންތެރި ހުނަރުތަކެކެވެ.

ދަށު ސާނަވީ ނިމޭއިރު މިއީ އަދި ވަރަށް ކުޑަ ކުދިންނެވެ. އަދި މިއީ އުނގެނުމުގެ ވަރަށް ދަށް ހަރުފަތެކެވެ. ހާއްސަކޮށް މިކުދިން މިދަނީ ފުރާވަރުގެ އުމުރުގައި ގުދުރަތީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި ކުރިމަތި ލަމުންނެވެ. މިދަތުރަކީ އެހާ ފަސޭހަ ދަތުރެއް ނޫނެވެ. މިދަތުރުގައި ތަޖުރިބާކާރުންގެ އެހީތެރިކަން މިކުދިން ހެޔޮގޮތުގައި ބޮޑުކޮށް ޒިންމާދާރު ކުދިބައަކަށް ހެދުމަށް ބޭނުންވެއެވެ. ހާއްސަކޮށް މި އުމުރަކީ މިނިވަންކަމާއިއެކު ޒިންމާނެގުމަށް ދަސްކުރުމަށާއި އަމިއްލަ ނަފުސު ތަރައްޤީ ކުރުމަށް ވަރަށް މުހިންމު މުއްދަތެކެވެ. ވުމާއެކު، މަތީ ސާނަވީ ސްކޫލްތަކުން މިދުވަސްވަރު ކިޔެވުމުގެ އިތުރުން ދަރިވަރުންނަށް ދިރިއުޅުމަށް ބޭނުންވާ ޒިންމާތައް ނަގަން ދަސްކޮށްދިނުމާއި ތަފާތު ގިނަ މަސްއޫލިއްޔަތުތައް އެކުދިންނާއި ހަވާލުކުރާނެއެވެ. މިހެންވުމުން މަތީ ސާނަވީ ނިމޭއިރު އަމިއްލަ ދިރިއުޅުމުގެ ކަންކަން ކުރަން އެނގި ތަސައްރަފު ފުދި މިޒުވާނާ ހުންނާނީ އާއިލާއާއި މުޖުތަމައުގެ އެކި ކަންކަމުގައި ޒިންމާނަގަން ތައްޔާރަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *