ޢާއިލާގެ ތެރޭގައި ތަޢުލީމާއި ނަފްސުގެ ކުރިއެރުމަށް ހިތްވަރުދޭން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޙުޔުބާގައި ފާހަގަކޮށްފައިވެއެވެ.
ޢާއިލީ ޒިންމާގެ ތެރޭގައި މުޖުތަމަޢަށް ބޭނުންވާ ހުރިހައި ދާއިރާތަކަށް މީހުން ބިނާކުރުން ހިމެނޭ ކަމަށާއި އޭގެ ތެރޭގައި މުފައްކިރުންނާއި، އެދުރުންނާއި، ފަންނުވެރީންނާއި، މަސައްކަތްތެރީންނާއި، ފާރަވެރީން އުފެއްދުން ހިމެނޭ ކަމަށް ބުނެފައިވެއެވެ. ހުޠުބާގައި ބުނެފައިވަނީ، އަދި ޢާއިލީ ގުޅުމުގެ ބޭނުމަކީ މި ފަދަ ޝަޚުޞިއްޔަތުތައް ބިނާކުރުން ކަމަށާއި މި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނީ ޢާއިލީ ގުޅުން ހަރުދަނާ ކުރެވިގެންނެވެ. ތަނަވަސްކަން ލިބިގެންވާ މީހުން، ދަތިޙާލުގައި އުޅޭ މީހުންނަށް އެކިގޮތްގޮތުން އެހީތެރިވެދީގެންނެވެ. ޢާއިލީ ގުޅުން ހަރުދަނާ ކުރުމަށް ޓަކައި ޢާއިލާގެ މެންބަރުންގެ މެދުގައި އެއްބާރުލުމާއި އެއްބައިވަންތަކަން ޤާއިމުކުރާން ޖެހެއެވެ.
" ޢާއިލާގެ ހުރިހާ މެންބަރުން ގުޅިގެން ޢާއިލާ ހަރުދަނާކުރާން މަސައްކަތްކުރާން ޖެހެއެވެ. ޢާއިލާގެ ތެރޭގައި އިޙްތިރާމްކުރުމާއި އަގުވަޒަންކުރުން އޮންނާން ޖެހެއެވެ. ބިނާކުރަނިވި ފާޑުކިއުންތަކާއި ގުޅުންތައް ޤާއިމުކުރެވޭން ޖެހެއެވެ. އެކަކު އަނެކާގެ އަޑުއެހުމާއި އިޙްސާސްތަކާއި ބޭނުންތައް، އިޙްތިރާމާއެކު ހިއްސާކުރުމުގެ މާހައުލެއް އުފައްދަން ޖެހެއެވެ. ކެތްތެރިކަމާއި ތަޙައްމަލުކުރުން ކުރިއަށް ނެރޭން ޖެހެއެވެ. ކެތްތެރިކަމާއި ތަޙައްމަލުކުރުމަކީ، ބިނާކުރަނިވި ގޮތެއްގައި ކޯޅުންތަކާއި މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭ ކަމެއްކަން އަމިއްލައަށް ޤަބޫލުކޮށް، ޢާއިލީ އެހެން މެންބަރުންނަށް ސާފުކޮށްދީ ވިސްނައިދޭން ޖެހެއެވެ. ޢާއިލާގެ މެންބަރުންގެ ތަޢުލީމާއި ކުރިއެރުމަށް ޓަކައި ރޭވުންތަކެއް ރާވައި ޢަމަލީ މަސައްކަތްތައް ދުރާލައި ކުރާންޖެހެއެވެ"

ހުނަރާއި ޢިލްމު ތަރައްޤީކުރުމަށް ހޭދަކުރުމަކީ، ދިރިއުޅުމުގައި ކާމިޔާބީއަށް ވާޞިލްވާން އެހީތެރިވެދޭ ބާރެއްކަން ޢާއިލާގެ ކޮންމެ މެންބަރަކަށް ޅަފަތުން ފެށިގެން ވިސްނައިދޭން ޖެހޭކަން ބަޔާން ކުރައްވައި ހުޠުބާގައި ބުނެފައ ވަނީ، އެކަން ތަންފީޒުކުރުމަށް މަސައްކަތްކުރާން ޖެހޭ ކަމަށާއި ޢާއިލާގެ ތަނަވަސްކަން ހުންނަ ފަރާތްތަކުން އުފަލާއެކު އެ ޒިންމާ ނެގުމަކީ ދިރިއުޅުމުގެ އަސާސެއްކަމުގައި ހަދާން ޖެހޭ ކަމަށެވެ.
ތިބާއަށް ﷲ ދެއްވާ މުދަލާއި ތަނަވަސްކަމަކީ ހަމައެކަނި ތިބާގެ މިލްކެއް ނޫން ކަމަށާއި އެ މުދަލަކީ އޭގައި އެތައް ބަޔެއްގެ ޙައްޤު އެކުލެވިފައިވާއިރު އޭގެ ތެރޭގައި މައިންބަފައިންގެ ޙައްޤުތަކާއި ތިބާގެ އަޚުންނާއި އުޚްތުންގެ ޙައްޤުތައް ހިމެނޭ އެއްޗެއްކަން ދެނެގަންނަން ހަނދާންކޮށްދީފައިވެއެވެ.
" ޢާއިލީ ގުޅުން ދެމެހެއްޓުމަށްޓަކައި އެއިން ހޭދަކުރާށެވެ! ދުނިޔޭގައި ބާއްޖަވެރި ޙަޔާތެއް ހޭދަކުރުމުން އެމީހުން މަޙުރޫމު ނުކުރާށެވެ! ތިބާގެ ދައްތަ ނުވަތަ ބޭބެ އަދި ޢާއިލާގައި ކެރިފޯރުންތެރިކަން ކުޑަ ފަރާތްތަކުގެ މަތީން ހަނދާން ނައްތައި ނުލާށެވެ! މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އެ މީހުން މުސްކުޅި ޢުމުރުގައި އެކަނި އުޅޭން ދޫކޮށްނުލާށެވެ!"
މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރު ވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ."

ޢާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅައިލުމާއި، ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަޙުރޫމްވެފައިވާ އެތައް އެތައް ކުޑަކުދީންނާއި، ދޮށީ ޢުމުރުގެ މީހުން މި ދިވެހި ފަސްގަނޑުގައިވެސް ދިރިއުޅެމުން އެބަދެއެވެ. ސަރުކާރުގެބެލުމުގެ ދަށުން ހިންގަމުންދާ މަރުކަޒުތަކުގައި އެބަތިއްބެވެ. މިއީ ދީނީގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު، ކަންބޮޑުވާން ޖެހޭ ކަމެކެވެ. ޢާއިލީ ވެށްޓެއްގައި އުފާވެރިކަމާ އެކު ދިރިއުޅުމަކީ ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ޙައްޤެކެވެ. އެ ޙައްޤުން ޢާއިލާގެ މެންބަރަކު މަޙްރޫމުކުރުމަކީ އިންސާނީ ކުރިމަގަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމެކެވެ. ޚާއްޞަކޮށް ޢުމުރުން ދުވަސްވީ ޢާއިލީ މީހުންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި ނަފުސާނީ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ޢާއިލާތަކުގެ އަޅާލުމެއް ނެތި މި ފަދަ މަރުކަޒުތަކުގައި ދިރިއުޅޭން ޖެހުމަކީ އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުމަށް މަގުފަހިވާ ކަމެއްކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، މި ކަންކަމާ މެދު ފުންކޮށް ވިސްނައި، ޢާއިލީ ގުޅުން ވަރުގަދަކުރުމަށް ޓަކައި ޢާއިލާގެ މެންބަރުންނަށް ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ޙައްޤު ހޯއްދައިދިނުމަށް ޢާއިލާގެ ކޮންމެ ފަރުދަކު މަސައްކަތްކުރާން ޖެހެއެވެ.
ޢާއިލީ ގުޅުން ދެމެހެއްޓުމަށް ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން، ޤައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރުމަކީ މިއަދު ކުރާން ޖެހިފައިވާ ދީނީ، އިޖުތިމާޢީ ބޮޑު މަސައްކަތެއްކަން ހުތުބާގައި ވަނީ ހަނދާން ކޮށް ދީފައެވެ.
ތާރީޚީ ގޮތުން ބަލާ އިރު އިންސާނިއްޔަތު ދުށް ފުރަތަމަ ޖަމާޢަތަކީ ޢާއިލާއެވެ. އެޢާއިލާގެ އުނގަކީ ތުއްތު ކުއްޖާއަށް އެންމެ ފުރަތަމަ އަމާންކަމާއި ޙިމާޔަތާއި ލޯބި ދިން އުނގެވެ. އިންސާނާގެ ޝަޚުޞިއްޔަތު ބިނާކޮށްދީ ތަހުޛީބު މުވާޠިނަކަށް ހަދައިދޭ މަދަރުސާއެވެ. ޢާއިލާއަކީ ކުއްޖާ ބޮޑުވެ، ދިރިއުޅުމުގެ ހަމަތަކާއި، އުޞޫލުތަކާއި، ސަޤާފަތްތަކާއި، އާދަކާދަތައް ލިބިގަންނަ މަރުކަޒެވެ. ހަރުދަނާ މުޖުތަމަޢެއްގެ އަސާސަކީ ޢާއިލާތަކެވެ. އެހެންކަމުން ޢާއިލާއަކީ މުޖުތަމަޢުގެ ބިންގަލެވެ. މި ބިންގާ ވަރުގަދަކުރެވިގެން ނޫނީ މުޖުތަމަޢު ބާރުވެރިއެއް ނުކުރެވޭނެއެވެ.
[1] سورة النساء: ٣٦
advertisment
ހިޔާލު