އަންނަ ހަފްތާގައިވެސް އޮންލައިންކޮށް މާލެ ސަރަހައްދުގެ ކިޔެވުން ކުރިޔަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.
އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 16 މެއި އިން ފެށިގެން 20 މެއި އަށް މާލޭ ސަރަހައްދުގެ ސުކޫލުތަކުގެ އެލްކޭޖީން ފެށިގެން ގްރޭޑް 12ށް ކިޔަވައިދޭނީ އޮންލައިންކޮށެވެ. އެހެންނަމަވެސް، މި މުއްދަތުގައިވެސް އިމްތިހާނުތައް ކުރިއަށްދާނެކަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ސްކޫލްތަކުގެ އިތުރުން މާލެ ސަރަޙައްދުގެ ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުންގެ ކިޔެވުންވެސް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ޓިއުޝަން ސެންޓަރުތަކާއި، ގޭގެއާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި، ޤުރްއާން ކުލާސްތަކަށް ކުދިން ހާޒިރުކޮށްގެން މިވަގުތަށް ކިޔާވާދިނުން ވަނީ މަނާކޮށްފައެވެ.
މިނިސްޓްރީން މީގެ ކުރިންވެސް ވަނީ މާލޭ ސަރަހައްދުގައި ކޮވިޑް ގެ ކޭސްތައް އިތުރުވެފައިވާތީ އަޅާ ފިޔަވަޅެއްގެ ގޮތުން މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހަށް، މާލޭގެ ސްކޫލްތައް ބަންދުކޮށްފައެވެ. އަދި އެލްކޭޖީން ފެށިގެން ގްރޭޑް 12އާ ދެމެދުގެ ގްރޭޑްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް އޭރުވެސް އޮތީ ނިންމާފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ސުކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން އެންގީ މިދިޔަ ހަފްތާގައެވެ. ހަފްތާއެއްވީއިރުވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްނުކުރެވި އިތުރުވަމުންދާތީ އިއްޔެއިން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް ދަނީ ތަންފީޒު ކުރަމުންނެވެ.
advertisment
ހިޔާލު