މާފުށީ ކައުންސިލުން ދަރިވަރުންނަށް ހޯދައި ދިނީ "ކޫލް ސްކޫލް"އެއްގެ އުފާވެރިކަން

ކޫލް ސްކޫލް ޕްރޮޖެކްޓަށް އެ ރަށު ކައުންސިލުން ދެ މިލިއަނެއްހާ ރުފިޔާ ޚަރަދު ކޮށްފައިވޭ

" ކޫލް ސްކޫލެއްގައި ހިތަށް ފިނިކަން އަންނާނެ. އުފާވެރިކަން އިހުސާސްވާނެ. ފިނިކަމާއެކުގައި ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮބަދަލުތަކެއް އަންނާނެ. ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ. ހިތް އުފާވާނެ. ބުލީއެއް ނުކުރާނެ. ރުޅިވެރިކަމެއް މިފަދަ މާހައުލެއްގައި ނޯންނާނެ" ކޫލް ސްކޫލް ޕްރޮޖެކްޓް ފައްޓަވައި ދެއްވައި އެ ޕްރޮޖެކްޓްގެ މަފުހޫމް ހާމަކޮށް ދެއްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް އެހެން ވިދާޅުވީ، ހުސްވި ޖޫން މަހުގެ ދެވަނަ ދުވަހު ކ. މާފުށީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އިޖްތިމާއީ ޒިންމާއެއްގެ ގޮތުން ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރަން އެޑިޔުކޭޝަން މިނިސްޓްރީން އޮތީ ނިންމާފައެވެ.

މާފުށީ ސްކޫލުގައި ފެށީ އެ ޕްރޮޖެކްޓްގެ ފެށުމެވެ. އެރަށު ކައުންސިލުން ދެ މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ފެށި މަސައްކަތުގެ ފިނިކަން އެ ސްކޫލުގެ ދަރިވަރުންނަށް ފުރިހަމަ މާނައިގައި ވާން ފެށީ މި ހަފުތާގައެވެ. އެ ސްކޫލުގެ ހުރިހާ ކުލާސްރޫމް ތަކާއި މަލްޓިޕާރޕަސް ހޯލުގައި 79 އޭސީ ހަރުކުރިއެވެ.

މާފުށީ ކައުންސިލުގެ ރައީސް ޙަސަން ޞަލާޙު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ރަށު ސްކޫލް އޭސީ ކުރަން އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް ޚަރަދު ކުރަން ޖެހުނު ކަމަށާއި ކަރަންޓް ވިއުގައިގެ އިތުރުން އާ ޕެނަލްބޯޑެއް ބަހައްޓަން ޖެހުނު ކަމަށެވެ. އެހެންވެ ކުރިން އަންދާޒާ ކުރި ވަރަށްވުރެ މަސައްކަތާއި އަދި އެކަމަށް ހޭދަވި މުއްދަތު ވެސް އިތުރުވި ކަމަށެވެ.

އަދި އޭނާ ވިދާޅުވީ، ކުދިންނަށް ކިޔެވޭނެ އެކަށީގެންވާ މާހައުލެއް ޤާއިމް ކުރެވިއްޖެ ކަމަށް ކައުންސިލުން ޤަބޫލު ކުރައްވާ ކަމަށެވެ.

" މިނިސްޓަރު ފާހަގަ ކުރެއްވި ފަދައިން " ކޫލް ސްކޫލް" ގެ ހަޤީޤީ ފައިދާ މިހާރު ވެސް ކުލާސްރޫމްތަކުގެ ތެރެއިން، ސްކޫލުގެ ތެރެއިން ފެންނަން ފަށައިފި. ކުދިންނާއި ޓީޗަރުން އަދި ހުރިހާ މުވައްޒަފުންގެ ފަރާތުން ފެންނަނީ އުފާވެރިކަން. އެ ހިތްހަމަޖެހުން" ޞަލާޙު ވިދާޅުވިއެވެ.

" ބައެއް ޓީޗަރުންނާ ބައްދަލުވާއިރު އެބަ ވިދާޅުވޭ، ކިޔަވައިދިނުމަށް ކުރިން ބޭނުން ކުރަން ޖެހުނު ހަކަތަ މިހާރު ބޭނުމެއް ނުވެއޭ. ކުރިން ދައްކާހާ ބާރަށް ވާހަކަ ދައްކާކަށް ނުޖެހެއޭ. އޭގެ ސަބަބުން ޓީޗަރުންގެ މެންޓަލިޓީއަށް ވެސް ހެޔޮ ބަދަލުތަކެއް އަތުވެއްޖެއޭ"

ކުރިން ހޫނުގެ ތެރޭގައި ބާއްވަމުން އައި ބައްދަލުވުންތަކާއި ޖަލްސާތައް މާފުށީ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައި މިއަދު ބާއްވަނީ ހިތްގައިމު ފިނި މާހައުލެއްގައެވެ. އެއީ ވެސް ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންގެ ހިތަށް ލިބުނު ފިނިކަމެކެވެ.

މާފުށީ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުއްނާޞިރު މުޙައްމަދު ވިދާޅުވީ، އެރަށު ކައުންސިލުން ކޮށްދެއްވި މަސައްކަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށާއި އޭގެ ފައިދާ މިހާރު ވެސް އެ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ފެންނަން ފަށައިފި ކަމަށެވެ.

"ކުދިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަން. އެ އުފާވެރިކަން މުދައްރިސުންނާއި ހުރިހާ މުވައްޒަފުންގެ ފަރާތުން ވެސް ފެންނަނީ" ޢަބްދުއްނާޞިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، " ކޫލް ސްކޫލް" އާ އެކު ކުދިންގެ އުޅުމަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެކަން ފާހަގަ ކުރެއްވޭ ކަމަށެވެ.

 

" ކުލާސްތަކަށް ވަދެލީމާ އެނގޭނީ ކުދިންގެ މޫނުމަތިން އެ ފެންނަ އުފާވެރިކަން. އެކުދިންގެ މޫޑަށާއި އުޅުމަށް އައިސްފައިވާ ބަދަލު" ޢަބްދުއްނާޞިރު ފާހަގަ ކުރެއްވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުދިންނަށް އައި ހެޔޮ ބަދަލެވެ.

ޞަލާޙު ވިދާޅުވީ، މާފުށީ ކައުންސިލަށް އެވަރުގެ ބޮޑު ޚަރަދެއް ކުރެވުނީ، ލޯކަލް ޓޫރިޒަމުގެ ހެޔޮ ފައިދާ ކައުންސިލަށް ވަންނާތީއެވެ. އެހެންވެ އެ ކައުންސިލުން އޮތީ " ކޫލް ސްކޫލް" އަކަށް އެރަށު ސްކޫލް ބަދަލުކޮށްފައި ދޫކޮށްލާ ގޮތަކަށް ނޫނެވެ. ހަރުކުރި އޭސީތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ޒިންމާ އާ ވެސް ހަވާލުވީ ކައުންސިލުންނެވެ.

މިއީ " ކޫލް ސްކޫލް" ޕްރޮޖެކްޓްގެ އެންމެ ސްކޫލެއްގެ ތަޖުރިބާއެވެ. މުޅި ރާއްޖެއަށް މި ޕްރޮޖެކްޓް ފުޅާވެގެންދާއިރު ދަރިވަރުންގެ އުޅުމަށާއި އަޚްލާގާއި ސުލޫކަށް ހެޔޮ ބަދަލެއް އަންނާނެ ކަމީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *