ހުވަނި ސްޕްރޭ- ހުވަނިން ސަލާމަތް ވުމަށް ވ. އޭއީސީގެ ދަރިވަރުންގެ އީޖާދީ ހައްލު

ފެލިދޫގައި އާންމު އުނދަގުލަކަށްވެފައި އޮތް ހުވަނީގެ މައްސަލައަށް އެ ސްކޫލުގެ ދަރިވަރުން ހޯދައި ދިނީ ތިމާވެއްޓާއި ރައްޓެހި ޚަރަދު ކުޑަ އިތުބާރު ހުރި ފަރުވާއެއް.

ހުވަނި ހެފުމުން ނުވަތަ އޭގެ ވަލުގައި ޖެހިގެން ގައި ކަހައި ހިރުވުމާއި އެލާޖިކް ވެގެން، ކޮންމެ ދުވަހަކުހެން ކިޔެވުމުގެ ތެރެއިން ތިން ހަތަރު ކުއްޖަކު ގެއަށް ދާން ޖެހެއެވެ. އެ އުނދަގުލުން ސަލާމަތްވުމަށް ވ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުރި ގިނަ އަދަދެއްގެ މިދިލި ގަސްތައް ވެސް ކަނޑާލިއެވެ. ނަމަވެސް، ފަސް ހެކްޓަރުގެ މައްޗަށް އޮތް ފެލިދޫ ރައްޔިތުންނަށް އާންމު އުނދަގުލަކަށް ވެފައި އޮތް ހުވަނީގެ އުނދަގޫ އޮތީ ސްކޫލުގެ ގޯތިތެރޭގައި ހުރި މިދިލިގަސްތައް ކަނޑާލައިގެން ހައްލު ކުރެވޭ ވަރަށްވުރެ ބޮޑުވެފައެވެ. އެ ވަބާއިން ސަލާމަތް ވުމަށް އެދެވޭ ފަރުވާއެއް ހޯދަން ވ. އޭއީސީގެ ގުރޭޑް 7ގެ ދަރިވަރުންނަށް މަޖުބޫރުވީ އެހެންވެއެވެ. ދަރިވަރުން ފަރުވާ ހޯދީ ޔުނިސެފްގެ އަޕްޝިފްޓް ޕްރޮރާމުގެ ތެރެއިންނެވެ.

އަޕްޝިޕްޓް ޕްރޮގްރާމުގައި ރާއްޖޭގެ 45 ސްކޫލަކުން ބައިވެރިވިއެވެ. އޭގެ ތެރެއިން ކާމިޔާބު ކަމާއެކު މަސައްކަތްތައް ފުރިހަމަ ކުރީ އެންމެ ސާދަ ސްކޫލަކުންނެވެ. އެ ސާދަ ސްކޫލުގެ ތެރެއިން އެންމެ ރަނގަޅު ހަ ޕްރޮޖެކްޓެއް ހޮވިއިރު، އޭގެ ތެރޭގައި، ވ. އޭއީސީގެ ދަރިވަރުންގެ، ހުވަނި ސްޕްރޭ ހިމެނުމަކީ އެއީ އެ ސްކޫލާއި މުޅި ރަށަށް ލިބުނު ހިތްހަމަޖެހުމެކެވެ. ބޮޑު ވަބާއަކުން ސަލާމަތް ވުމަށް ލިބުނު އުއްމީދެކެވެ.

އަޕްޝިޕްޓް ޕްރޮގްރާމުގައި ވ. އެއީސީގެ ދަރިވަރުން ގޮވައިގެން އިސްކޮށް މަސައްކަތް ކުރެއްވި އެ ސްކޫލުގެ ބިޒްނަސް ޓީޗަރު ޒޫނާ ހަސަން ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުގެ ގުރޭޑް 7ގެ ދަރިވަރުންގެ ޕްރޮޖެކްޓް، ހުވަނިން ސަލާމަތްވާނެ ގޮތެއް ހޯދަން އަމާޒުކުރުމުގެ ވިސްނުންއައީ ދަރިވަރުންގެ ފަރާތުން ކަމަށެވެ. ދަރިވަރުން ބޭނުންވީ މުޅިރަށަށް ބަލާއިރު އާންމު އުދަނގުލަކަށް ވެފައި އޮތް ބޮޑު މައްސަލައަކަށް އެދެވޭ ހައްލެއް ހޯދާށެވެ.

ހުވަނި ގިނަވަނީ ވާލުގެ ޒަރިއްޔާއިން އެކިގަސްތަކަށް ދަތުރުކުރުމުންނާއި ހުވަނި ކޮކާ އެކި އެކި ގަސްތަކުގައި ގޮސް ބިސް އެޅުމާއި ޖައްވު ހޫނުކަމުންނާއި ރައްޔިތުންނަށް އެއާމެދު ސަމާލްކަން ނުދެވުމުން ކަމަށް، ދަރިވަރުންގެ އެ މަސައްކަތް ދައްކުވައިދޭ އަށް މިނެޓްގެ ވީއޯގައި ބުނެފައިވެއެވެ.

އަނބުގަހާއި ފޭރުގަހާއި މުރަނގަ ގަހާއި އަދި ޖަނބުރޯލު ފަދަ މީހުން ކެއުމަށް ބޭނުންކުރާ ގަސްގަހުގައި ވެސް ހުވަނި ގިނަވެ ފަތްތައް ކައި އޭގައި އަޅާ މޭވާފަދަ ތަކެއްޗަށް އޮތީ އަސަރުކޮށްފައެވެ. ހުވަނިން ސަލާމަތް ވުމަށް ކެމިކަލް ސްޕްރޭއެއް އާންމުކޮށް އެރަށުން ނުލިބޭއިރު، އެއިން ސަލާމަތް ވަނީ ގަހުގައި ހުވަނި އަޅާފައި ހުރި ސަރަހައްދު ކޮށާލައިގެން ނޫނީ އަންދާލައިގެންނެވެ.

ހުވަނި ސްޕްރޭ ތައްޔާރު ކުރުމަށް ގިނަ ދިރާސާތަކެއް ދަރިވަރުން ކުރިއެވެ. އިންޓަރނެޓާއި ރަށުގައި ތިބި ދަނޑުވެރިކަން ކުރާ މީހުންގެ ކައިރިން މައުލޫމާތު ހޯދައި އެއްކުރިއެވެ. ފަންޏާއި ސޫފިފަދަ ތަކެތިން ސަލާމަތްވާން ދަނޑުވެރިކަމުގައި ގެންގުޅޭ ސްޕްރޭ ފަދަ ތަކެތީގެ ދިރާސާތަކެއް ކުރިއެވެ. އެއާއެކު އާންމުކޮށް ގޭގައި ބޭނުންކުރާ ކެމިކަލް ފަދަ ތަކެތީގެ ދިރާސާއެއް ވެސް ހެދިއެވެ.

ޒޫނާ ވިދާޅުވި ގޮތުގައި ހުވަންޏަށް އަމާޒުކޮށްގެން ސްޕްރޭއެއް ހަދާފައި ހުރިކަމެއް އިންޓރނެޓުން ހޯދި މައުލޫމާތުން އެނގެން ނެތެވެ.

" ދަރިވަރުން ބޭނުންވީ ތިމާވެއްޓާ ވެސް ރައްޓެހި ޚަރަދު ވެސް ކުޑަ އުފެއްދުމަކަށް ދާން" ޒޫނާ ވިދާޅުވިއެވެ.

އެތައް ދިރާސާތަކެއްގެ އެހީއާއެކު ހުވަނި ސްޕްރޭ ހަދަން ދަރިވަރުން ބޭނުން ކުރީ އާންމުކޮށް ގޭގޭގައި ބޭނުން ކުރާ ބޭކިން ސޮޑާއާއި ވިލިގާއާއި މާމާލެމަންއެވެ.

ޒޫނާ ބުނީ، ސްޕްރޭ ތައްޔާރުމުގައި ބާވަތްތައް އަޅަން ޖެހޭ މިންގަނޑު ކަނޑައަޅަން ވަރަށް ގިނަ ވަގުތު ދަރިވަރުންނަށް ހޭދަކުރަން ޖެހުނު ކަމަށެވެ. ކޮންމެ ފަހަރަކު ވެސް އެކި މިންވަރަށް އަޅައިގެން ޓެސްޓް ކުރަމުން، މަސައްކަތް ކުރާ ވަރު ބަލަމުން އެއިން ނުކުންނަ ނަތީޖާ ދިރާސާކުރަމުން ކާމިޔާބާ ހަމައަށް ދެވުނީ ދެ މަހެއްހާ ދުވަހުގެ މަސައްކަތުން ކަމަށެވެ.

" އަޕްޝިޕްޓްގައި ބައިވަރު ޑޮކިއުމަންޓްތައް ހުށަހަޅަން ޖެހޭ. ޑޮކިއުމަންޓްތައް ގިނަވެގެން އެ މަސައްކަތް ދަރިވަރުންނަށް ބުރައަކަށްވި. އެހެންވެ ބައެއް ފަހަރު ނުވާނެ ކަމަށް ބަލައި ބައެއް ކުދިންގެ ވިސްނުން ހުއްޓާލާ ހިސާބަށް ވެސް ގެންދިޔަ" ޒޫނާ ވިދާޅުވިއެވެ.

ޒުނާ ވިދާޅުވި ގޮތުގައި ހުވަނި ސްޕްރޭ ތައްޔާރު ކުރުމުގައި އެކި ބާވަތްތައް އަޅަން ޖެހޭ މިންގަނޑަށް ބަދަލު ގެނައުމުގެ ތެރޭގައި ވިނިގާ މާ ގިނައިން އެޅިގެން ގަސްގަހުގެ ފަތްތައް ރަތްވެ ހަލާކުވުމާއި ބައެއް ފަހަރު ގަސްތައް މަރުވުން ފަދަ ކަންތައްތަ ވެސް ކުރިމަތިވިއެވެ. އެހެން ދިމާވާ ކޮންމެ ފަހަރަކު ސްޕްރޭ ތައްޔާރު ކުރަން އަޅަން ޖެހޭ މިންގަޑުތަކަށް ބަދަލުތައް ގެންނަ ކަމަށާއި އެ ގެންނަ ބަދަލުތައް މަސައްކަތް ކުރަނީ ކިހާ ވަރަކަށްތޯ ބަލަމުން ގޮސް ކާމިޔާބު ހޯދުނީ ދަރިވަރުން ހުއްޓާނުލާ ކުރި ބުރަ މަސައްކަތުންނެވެ.

އެންމެ ބޮޑަށް އޭނާ ފާހަގަ ކުރެއްވީ، ހުވަނި ސްޕްރޭ ކާމިޔާބު އެއްޗަކަށް ހަދަން ދަރިވަރުން އަޖުމަ ބެލުމަށް ކުރިއަށް ގެންދިޔަ މަސައްކަތަށް ރަށުގެ ރައްޔިތުންގެ ފަރާތުން ދިން އެއްބާލުމެވެ. ގިނަ ގޭގޭގައި، ހުވަނި އަޅާފައި ހުރި ގަސްތައް އޮތީ ދަރިވަރުން ތައްޔާރު ކުރި ސްޕްރޭގެ އަޖުމަ ބަލަން ހިތަކަށް ދޫކޮށްލާފައެވެ.

ވ. އޭއީސީގެ ދަރިވަރުން ހުވަނި ސްޕްރޭ ތައްޔާރު ކުރަނީ 1.5 ލިޓަރުގެ ފެންފުޅިއެއްގެ ތެރެއަށް މޭޒުމަތީ ދެ ސަމްސާ ވިނިގާއާއި ބޭކިން ސޮޑާއާއި މާމާލެމަން އަޅައިގެންނެވެ. މި ސްޕްރޭ ޖެހުމުން ހުވަނި މަރުވަން ނަގަނީ ފަސް މިނެޓާއި ހަތް މިނެޓާ ދެމެދުގެ ވަގުތެކެވެ. މިއީ ތިމާވެއްޓާ ރައްޓެހި ސްޕްރޭއެއް ނަމަވެސް ބޭނުންކުރި ތަކެތީގެ އަސަރު ވާރޭ ނުވެހޭ މޫސުމެއްނަމަ ކޮންމެސް ވަރަކަށް ފަތްތަކަށް ކުރާނެތީ އޭގެ އަސަރު ފިލުވާލަން ސްޕްރޭ ޖެހުމަށްފަހު ގަޑިއިރެއް ފަހުން ފެންޖަހާލަން ޖެހޭނެއެވެ. މިއީ ރައްކާތެރިކަމުގެ ގޮތުން ކުރުން މުހިންމު ކަމެކެވެ.

މި ސްޕްރޭ ޓެސްޓުކުރީ އެ ސްކޫލުގެ ދަރިވަރުންނަށް ލިބިފައި ހުރި ވަސީލަތްތަކާއި ސްކޫލް ލެބްގެ ވެސް އެހީގައި ނަމަވެސް ފުރުސަތު ލިބެއްޖެނަމަ ލެބް ޓެސްޓުތަކުގެ މާހިރުންގެ އެހީއާއެކު އެ ސްޕްރޭ އަދި އެއަށްވުރެއް ވެސް ބޭނުންތެރިކޮށް ގިނަ ދުވަހަށް ރައްކާކުރެވޭ ގޮތަށް ޕައުޑަރެއްގެ ގޮތުގައި ތައްޔާރުކޮށް، ފެނަށް އަޅައިގެން ބޭނުންކުރެވޭ ގޮތަށް ތައްޔާރުކުރަން ބޭނުންވާ ކަމަށް އެ ސްކޫލުން ބުނެއެވެ.

ދަރިވަރުން ތައްޔާރު ކުރި ސްޕްރޭ އެ ސްކޫލުގެ ބައެއް ޓީޗަރުން ވެސް ގޭގައި އަމިއްލައަށް ތައްޔާރުކޮށް އޭގެ ތަޖުރިބާ ވަނީ ކޮށްފައެވެ. އެ ރަށުގެ ކައުންސިލުން ވެސް ދަރިވަރުންގެ މަސައްކަތަށް ޝުކުރުއަދާ ކުރިއެވެ. 703 މީހުން ދިރިއުޅެމުން އަންނަ އެ ކުޑަ ރަށުގެ ރައްޔިތުންނަށް ލިބުނީ ހިތްހަމަ ޖެހުމުގެ ނޭވާއެކެވެ.

ވ. އޭއީސީން ނިންމާފައި އޮތީ އެ ސްކޫލުގައި ބާއްވާ ޚާއްޞަ ފެއަރއެއްގެ ތެރެއިން އެ މައުލޫމާތު ރަށުގެ ރައްޔިތުންނާ ހިއްސާކުރާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *