ތައުލީމީ ނިޒާމު އޮތީ، އޯލެވެލްއިން ފަސް މާއްދާއިން ފާސްވުމާއި ތިން މާއްދާއިން އޭލެވެލްއިން ފާސްވުމާ ދޭތެރޭގައި ހިފެހެއްޓިފައި
ތަޢުލީމީ ނިޒާމު އޮތީ، އޯލެވެލްއިން ފަސް މާއްދާއިން ފާސްވުމާއި ތިން މާއްދާއިން އޭލެވެލްއިން ފާސްވުމާ ދޭތެރޭގައި ހިފެހެއްޓިފައި ކަމަށާއި މިހާރު ކުރާ މަސައްކަތަކީ " އޯލެވެލްއާއި އޭލެވެލްއާ ދޭތެރޭގައި އޮތް ގެޕް ކުޑަކުރުމުގެ މަސައްކަތް" ކަމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ރޭ ވިދާޅުވެއްޖެއެވެ.
މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރެން 1000 ދުވަސް ގުނަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ތަޢުލީމީ ނިޒާމަށް މިހާރު ގެންނަ ބަދަލުތަކާ ގުޅޭ ތަފްޞީލުތަކެއް މިނިސްޓަރު ވަނީ ހާމަކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ، ތަޢުލީމުގެ ޤާނޫނުން ލާޒިމް ކުރަނީ 18 އަހަރު ވަންދެން ތަޢުލީމް ދޭން ކަމަށްވި ނަމަވެސް އަޅުގަނޑުމެން ބައްޓަން ކޮށްފައި އޮތް ތަޢުލީމުގެ ނިޒާމުގައި ގުރޭޑް 10 ނިމޭއިރު ތިން މާއްދާއިން ފާސްނުވެއްޖެނަމަ މަތީ ސާނަވީއަށް ދިއުމުގެ ދޮރު އެއްކޮށް އޮންނަނީ ބަންދުވެފައި ކަމަށެވެ.
" ޒަމާން ބަދަލުވެއްޖެ. މަތީ ތައުލީމުގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުން ފުރުޞަތު ފަހިކޮށްދޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެ. ފަސޭހަވެއްޖެ. އިނޮވޭޓެޑް ގޮތްތައް މަތީ މަރުކަޒުތަކުން މިހާރު އެވަނީ ފަހިކޮށްދީފައި" މިނިސްޓަރު އިސްމާއިލް ވިދާޅުވިއެވެ.

" އަޅުގަނޑުގެ ހިތުން ދެ މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް އޭލެވެލްއަށް ކިޔެވޭނެ ނިޒާމެއް ޤާއިމް ކުރެވިއްޖެކަމަށް ވަނީނަމަ ސްކޫލުގެ ނިޒާމުން މަތީ ސާނީ ނިންމައި ޔުނިވަރސިޓީއަށް ވަނުމުގެ ފުރުޞަތު އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ"
އިސްމާއިލް ވިދާޅުވީ، މި ސަރުކާރުގައި އެ މަސައްކަތް ކުރާނެ ކަމަށާއި " އެ ފުރުޞާތު ނުދީފިކަމުގައި ވަނީނަމަ ދާނީ މަގުމައްޗަށް" ކަމަށެވެ. އެކަމުގެ ސަބަބުން " އޭގެ ގެއްލުމާއި ޤައުމު ދައްކަން ޖެހޭ އަގު މާބޮޑުވާނެ" ކަމަށެށެވެ.
މިނިސްޓަރު ވިދާޅުވީ، އޯލެވެލްއާއި އޭލޭވެލްއާ ދޭތެރޭގައި ގެޕެއް އެބައޮތް ކަމަށާއި އެ ގެޕް ކުޑަކުރަން ކުރާ މަސައްކަތަކީ ތައުލީމުގެ ފެންވަރު ވައްޓާލުމެއް ނޫން ކަމަށެވެ.
" މިއީ އެއްގޮތަކަށް ވެސް ދެވޭ ތަޢުލީމުގެ ފެންވަރު ވައްޓާލުމެއް ނޫން. އަދި ދެވޭ ތަޢުލީމުގެ ކޮލިޓީ ދަށްކޮށްލުމެއް ވެސް ނޫން. އަދި އެހެން ކުދިން ކުރާ މަސައްކަތުގެ އަގު ވަޒަން ނުކުރުމެއް ވެސް ނޫން. މިގޮތަށް އަޅުގަނޑުމެން ކުރިއަށް ދިޔާމަ އަޅުގަނޑުމެންގެ ޤައުމުގައި މަގުމަތިވާ ކުދިންގެ އަދަދު މަދުވެ ޒުވާނުންނަށް މި ބުނާ އޭލެވެލް ޕްރޮގްރާމުގެ ތެރެއިން އެކިއެކި ހުނަރާއި މައުލޫމާތު ފަހިކޮށްދެވި ޤައުމު ބިނާކުރުމަށް މިއަށްވުރެ ރަނގަޅު ފުރުޞަތެއް ޒުވާނުންނަށް ލިބިގެން ދާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން" މިނިސްޓަރު ރޭ ވިދާޅުވިއެވެ.
1927ވަނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހު، އެ ސްކޫލުގެ ނަން ފަހުން މަޖީދިއްޔާ ސްކޫލަށް ބަދަލުވެ ޒަމާނީ ތަޢުލީމުގެ ބިންގާ އެޅިގެން ދިޔައިރުގައި، އަލްމަރުޙޫމް އައްޝައިޙް ހުސައިން ޞަލާހުއްދީން އެ މަސައްކަތް ކުރެއްވިއިރުގައި ވެސް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގެންނެވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އެ ކުރެއްވި މަސައްކަތްޕުޅަށް ހަޖޫޖެހި މީހުން ތިއްބެވި ކަމަށާއި އެ މަސައްކަތްޕުޅަކީ އެހާ މުހިންމު ނޫން މަސައްކަތްޕުޅެއްކަން ދެއްކުމަށްޓަކައި އެކަމުގެ މައުލޫމާތު އެނގިވަޑައިނުގެން ބައެއް ބޭފުޅުން މަސްކަތް ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" އެހެން ނަމަވެސް މިއިން އެނގެނީ ވަރުގަދަ އަޒުމަކާ އީމާންތެރިކަމަކާއެކު އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްގެން މެނުވީ ޤައުމުގައި ތަޢުލީމް ނޭރުވޭނެކަން. އޭގެ ހެކި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މި މަޖީދިއްޔާގެ ގޯތިތެރެއިން މި މަޖީދިއްޔާގެ ރަތްކުލައިން މަޖީދިއްޔާގެ މޮޓޯއިން"
ޑރ. އިސްމާއިލް ވިދާޅުވީ، ހުރިހާ ރަށަކަށް ތައުލީމް ފުޅާވެ ފެތުރިގެން ދިޔައީ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމުގެ ޒައާމަތުގައި ކަމަށާއި 2001 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގައި ސާނަވީ މަރުހަލާއަށް ގިނަ ރަށްރަށުގައި ކިޔަވައި ނުދޭ ކަމަށާއި އެމަނިކުފާނު ކިޔަވާވިދާޅުވި ދުވަސްވަރު ވެސް މަޖްބޫރު އެއް މާއްދާއިން ފެއިލްވިޔަސް ސްކޫލުން ވަކިކުރާ ކަމަށެވެ.
އޭރު ދިވެހި އިސްލާމް އިނގިރޭސި ހިސާބުން 39 ލިބިފައި، ދެން ހުރި މާއްދާތަކުން ބީ ގުރޭޑް ހޯދާފައި ހުންނަ ދަރިވަރުން ވެސް ސްކޫލުތަކުން ވަކިކޮށްފައި އެބަހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިހާރު ގެންނަން އެޑިޔުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާ ބަދަލާ ގުޅޭ ގޮތުގެ ތަފްޞީލެއް ދެއްވައި މިނިސްޓަރު ރޭ ވިދާޅުވީ، އޭރު އެޑިޔުކޭޝަން މިނިސްޓްރީން ނިންމި އެންމެ މުހިންމު ނިންމުމަކީ ސާނަވީ މަރުޙަލާ ހަމައަށް ދަރިވަރުންނަށް ކިޔެވޭނެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ. އެ ނިންމުން ނިންމުމުން ވަރަށް ގިނަ ގޮންޖެހުންތަކެއް އޭރުގެ އެޑިޔުކޭޝަން މިނިސްޓްރީއަށް ކުރިމަތިވިކަން ފާހަގަ ކުރެއްވިއެވެ.
" އޮޓޯ ޕްރޮމޯޝަނެއް ލީ ހެއްޔޭ. ކިހިނަކުން ހެއްޔޭ ނަތީޖާއެއް ނެރެވޭނީ. ވަރަށް ބޮޑު ގޯހެކޭ ތިހަދަނީ. ތަޢުލީމުގެ ފެންވަރު ދާނީ ދަށަށޭ. އެހެން ނަމެވެސް އެ ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއަކަށް ވެގެން ދިޔައީ މިއަދު ދިވެހިރާއްޖޭގައި 16 އަހަރު ނުފުރޭ ކުއްޖަކު ތަޢުލީމުން މަހޫރުމް ވެފައެއް ނެތް. އަޅުގަނޑު އެމަނިކުފާނަށް އައްސަރިބަހާއި ސާބަސް މިފުރުޞަތުގައި ދަންނަވަން" ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން އަބްދުލް ޤައްޔޫމަށް ތައުރީފު ކުރައްވައި މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. އިސްމާއިލް ވިދާޅުވީ، ތައުލީމީ ނިޒާމު މިހާރުވެސް އޮތީ އޭރު 2001 ވަނަ އަހަރު އެ އެޅުއްވި ފިޔަވަޅުގައި ކަމަށެވެ.
" އަޅުގަނޑުމެން ފާޑުކިޔުންތަކަކަށް ނުއެއް ބަލާނަން. އަޅުގަނޑުމެން ބަލާނީ ޤާނޫނީ ގޮތުން މަތިވެފައިވާ ޒިންމާއަށް، ދީނީ ޤައުމީ ވާޖިބު އެއީ. ވީހާވެސް ފަހި ފުރުޞަތެއް ދަރިވަރުންނަށް ފޯރުކޮށްދީގެން ތައުލީމުގެ ފުރުޞަތު ފަހިކޮށްދިނުން"
advertisment
ހިޔާލު