-
އޯލެވެލްގެ ކުރިން ޤުރުއާން ހިތުދަސްކުރުމަކީ އޭނާ ކަނޑައެޅި އަޒުމެއް!
ޤުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސެޓްފިކެޓް ލިބުމުން ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު ރަސްލާން އަބްދުއްރައްޒާގެ ޝަރަފުގައި ޚާއްޞަ އެސަމްބްލީއެއް އެ ސްކޫލުން ބާއްވައިފިއެވެ. ރަސްލާނުގެ އެ ކާމިޔާބީއަކީ އެ ސްކޫލާއި އޭނާގެ މައިންބަފައިންނާއި އަދި ރ. މީދޫއަށް ވެސް ލިބުނު ފަޚުރެކެވެ.
ރަސްލާނަކީ އެ ސްކޫލުގައި ބާއްވާ ޤުރުއާން މުބާރާތްތަކުން ވަނަތައް ހޯދަމުން އަންނަ ދަރިވަރެކެވެ. ޤުރުއާން ހިތަދަސްކޮށް ހާފިޒުގެ ކަމުގެ ތާޖު ހޯދުމުގެ ހިތްވަރު ހޯދީ ވެސް ސްކޫލުގައި ބާއްވާ މުބާރާތްތަކުން ލިބެން ފެށި ވަނަތަކުންނެވެ.

ރަސްލާނަށް ލިބުނު ކާމިޔާބީތަކަށް ބަލާއިރު، މީދޫ ޖަމިއްޔާ ތަކުން ބޭއްވި ޤުރުއާން މުބާރާތުގެ އުމުރުފުރާތަކުން ހޯދި ވަނަތަކާއި ރ. އޭއީސީން ބޭއްވި ޤުރުއާން މުބާރާތްތަކުން ވަނަތައް ހިމެނެއެވެ.
މިހާރު ގުރޭޑް 10ގައި ކިޔަވަމުންދާ ރަސްލާން ކަނޑައެޅި އަޒުމަކީ، އޯލެވެލްއާ ކުރިމަތި ލުމުގެ ކުރިން ގުރޭޑް ނުވައެއްގައި ޤުރުއާން ހިތުދަސްކޮށް ހާފިޒަކަށް ވުމެވެ.
" ހިފްޒް ކުރަން ފެށިއިރު ވެސް ބޭނުންވި ގުރޭޑް ދިހައަކަށް ދިއުމުގެ ކުރިން ހިފްޒްކޮށް ނިންމަން. އަލްހަމްދު ލިއްﷲ ،ރަސްލާން ބޭނުންވި ގޮތަށް ހިތުދަސް ކުރުމުގެ ހުރިހާ ކަމެއް ނިމިގެން ދިޔައީ. " ރަސްލާންގެ ބައްޕަ އަބްދުއްރައްޒާޤު އީސާ ދަރިވަރު ނޫހަށް ބުންޏެވެ.

މިހާރު 15 އަހަރު ފުރިފައިވާ ރަސްލާން ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒް ކޮމިޓީއަށް ޤުރުއާން ކިޔައިދީ ނިންމީ މި މަހުގެ އެއްވަނަ ދުވަހުއެވެ. ރަސްލާންގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެއްވަނަ ދަރަޖައިގައި ފާސްވެ ހާފިޒަކަށް ވުމުންނެވެ.
ޤުރުއާން ހިތުދަސްކޮށް ޤުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ ހިފްޒް ކޮމިޓީއަށް ކިޔައިދިނުމާ ދޭތެރޭ ދެ އަހަރާއި ބައި ހޭދަވިއެވެ. އެ މުއްދަތުގެ ތެރޭގައި ރަސްލާނުގެ ދުވަހީ ތާވަލުގެ ބޮޑުބައި ހޭދަކުރީ ޤުރުޢާނުގެ ތެރޭގައެވެ. ދަސްކުރުމާއި މުރާޖަޢާ ކުރުމުގައެވެ.
ފުރަތަމަ 10 ފޮތް ރަސްލާން ދަސްކުރީ އަމިއްލައަށެވެ. އޭގެ ފަހުން ބައެއް ޤާރީންގެ އެހީތެރިކަން ހޯދިއެވެ. އޭގެ ތެރޭގައި ހިފްޡް މަޝްރޫޢު ޖަމްޢިއްޔަތު ތަޙްފީޡިލް ޤުރުއާނިލް ކަރީމްގެ އިސް މުދައްރިސް އަޒްހީލް އަޙްމަދު ހިމެނެއެވެ. އަޒުހީލްގެ ފަރާތުން ގިނަ މައުލޫމާތު ތަކެއް ރަސްލާނަށް ލިބުނެވެ.
އަބްދުއްރައްޒާޤު ބުނީ، 10 ފޮތް ހިތުދަސްކުރި ފަހުން ޤާރީއެއްގެ އެހީތެރިކަން ރަސްލާން ބޭނުންވި ކަމަށެވެ. އެހެންވެ ރައްޓެއްސެގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލައި އަވަށްޓެރި ސްރީލަންގެ ޤާރީއެއްގެ އެހީތެރިކަން ހޯދި ކަމަށެވެ. އެއީ ކުރިން ރާއްޖޭގައި ޤުރުއާން ކިޔަވައިދިން މުދައްރިސެކެވެ. ރަސްލާނަށް އޭނާ އިރުޝާދު ދެމުން ގެންދިޔައީ އޮންލައިންކޮށެވެ.

" އިޚްލާސްތެރިކަމާ އެކީގައި ރަސްލާނަށް ވަގުތު ހުސްކޮށްދީގެން އެކަން ކޮށްދިނީ. ތަޖުވީދުގެ ބައިތަކާއި އެކީގައި އޭނާގެ ބެލުމުގެ ދަށުން، ދަސްކުރުމާއި މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ވެސް" ޙަމަދު ސްކޫލުގެ އިސްލާމް މުދައްރިސް އަބްދުއްރައްޒާޤު ބުންޏެވެ.
ރަސްލާނުގެ ދުވަހީ ތާވަލަށް ބަލާއިރު، އެންމެ ބޮޑު އިސްކަމެއް ދީފައި އޮންނަނީ ވެސް ޤުރުއާން ހިފްޒް ކުރުމަށެވެ. އެނާގެ އެ ތާވަލަށް އެއްވެސް ވަރެއްގެ ނުފޫޒެއް މައިންބަފައިން ނުފޯރުވައެވެ.
މުޅި ރަށް ހަމަހިމޭންކަމުގައި ނިދާފައި އޮންނައިރު ރަސްލާން އިންނަނީ ތެދުވެ ކިޔަވާށެވެ. ދަމުނަދާށްފަހު ފަތިސް ވަންދެން އިންނަނީ ކިޔަވާށެވެ. ފަތިސް ނަމާދު، ޖަމާއަތުގައި ކުރުމަށްފަހު ސްކޫލަށް ދިއުމާ ދޭތެރޭގައި ލިބޭ ވަގުތުގެ ބޭނުން ހިފަނީ ވެސް ޤުރުއާން ކިޔެވުމާއި މުރާޖައާ ކުރުމުގައެވެ. ސްކޫލަށް 6:50އަށް ދާންޖެހޭއިރު، 6:30 ވަންދެން އިންނަނީ ޤުރުއާން ކިޔަވާށެވެ. ސްކޫލް ނިންމާފައި ގެއަށް އައިސް ފެންވަރައިގެން މެންދުރު ނަމާދަށްފަހު ދެން ވެސް އިންނާނީ ޤުރުއާން ކިޔަވާށެވެ. އޭގެ ފަހުން ސްކޫލުން އެ ދުވަހަކު ދީފައި ހުންނަ ފިލާވަޅުތައް ހެދުމުގައި ވަގުތު ހޭދަކުރެއެވެ. އަސްރު ނަމާދަށްފަހު ވެސް ކިޔެވުމުގެ ބައި ކުރިއަށް ގެންދެއެވެ. ހަވީރު 5 ޖަހާލީމާ ދަނީ ކުޅޭށެވެ. ގެއަށް އަންނާނީ މަޤްރިބް ނަމާދުގެ ޖަމާޢަތަށް ދެވޭހާ ވަގުތު އޮއްވައެވެ. ދެ ނަމާދު ދޭތެރެ ވެސް ޚާއްޞަ ކޮށްފައި އޮންނަނީ ޤުރުއާން ކިޔަވާށެވެ. އިޝާނަމާދަށްފަހު ޚާއްޞަ އިސްކަމެއްގެ ގޮތުން ސްކޫލުން ދީފައި ހުންނަ ފިލާވަޅުތަކާއި ދަސްކުރަން ޖެހޭ ފިލާވަޅުތައް ދަސްކުރުމުގައި ވަގުތު ކޮޅެއް ހޭދަކުރެއެވެ. ކޮންމެ ރެއަކުވެސް 9:30 ހާއިރު ނިދަން އޮށޯވެލުމަކީ އެއީ ރަސްލާން ޤަވާއިދުން ކުރާ ކަމެކެވެ. މިއީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ރަސްލާން ގެންގުޅުނު "ބިޒީ" ޝެޑިއުލެވެ.

" އަވަހަށް ނިދާފައި އަވަހަށް ހޭލާއިގެން އެ ތާވަލަށް މަސައްކަތް ކުރާނީ. އެ ތާވަލަށް އެއްވެސް ނުފޫޒެއް އާއިލާއިން ވެސް އަދި އަޅުގަނޑުމެންނެއް ވެސް ނުފޯރުވާނެ. އެކަމުގައި އެއްވެސް މަޖުބޫރު ކަމެއް ނޯންނާނެ" އަބްދުއްރައްޒާޤު ބުންޏެވެ.
ޤުރުއާން އެކީގައި ދަސްކޮށް ނިމުމުން މުރާޖައާ ކުރުމުގެ ބޭނުމުގައި، ރަސްލާނުގެ އާއިލާގެ ފަރާތުން ސްރީލަންކާގެ ޤާރީ، 1 ހަފްތާގެ މުއްދަތަށް ރާއްޖެ ގެނައެވެ. އެ މުއްދަތުގެ ތެރޭގައި ހަތަރު ފަހަރަށް މުރާޖައާ ކުރިއެވެ.
އެ ޤާރީ ދިން ޔަޤީންކަމާއެކު ޤުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ ހިފުޒު ކޮމިޓީއަށް ޤުރުއާން ކިޔައި ދިނުމުގެ ކުރިން އެ މަރުކަޒުން ހިންގާ ހިފްޒް ކުރަން ދަސްކޮށްދޭ ކުލާހުގައި ރަސްލާން ބައިވެރިވިއެވެ. ދޮޅު މަހެއްހާ ދުވަހު އެ ކުލާހު އުޅެން ޖެހޭނެތީ ގިނަ އަދަދެއްގެ ސްކޫލުގެ ފިލާވަޅުތައް ގެއްލޭނެތީ ސްކޫލާއި، އެޑިޔުކޭޝަން މިނިސްޓްރީގައި އެދުނު އެދުމަށް ޖަމާލުއްދީނު ސްކޫލްގެ ގުރޭޑް 9ގައި އެ ދުވަސްތަކުގައި ކިޔެވުމުގެ ފުރުޞަތު ރަސްލާނަށް އެޑިޔުކޭޝަން މިނިސްޓްރީން ފަހިކޮށް ދިނެއެވެ.
ދޮޅު މަހަށްފަހު، ރަސްލާން ބައިވެރިވީ ހިފްޒް އިމްތިޙާނުގައެވެ. އެ އިމްތިޙާނުން ރަސްލާން ފާސްވީ އެއްވަނަ ދަރަޖައެވެ.

ހާފިޒަކަށް ވުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުމުން އެ ހުރިހާ ފަރާތްތަކަށް ރަސްލާން ޝުކުރު އަދާކުރެއެވެ. ޚާއްޞަކޮށް މަންމައާއި ބައްޕައާއި އާއިލާއެވެ. ޤުރުއާން ހިފްޒް ކުރުމުގައި ސްރީލަންކާގެ ޤާރީއަށް އޭނާގެ އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެކެވެ. އެ ޝުކުރުގެ ލިސްޓަށް ދެމް އިތުރު ކުރީ އޭނާއަށް ކިޔަވައި ދެއްވި ހުރިހާ ޓީޗަރުންނާއި ޤުރުއާނިލް ކަރީމްގެ އިސް މުދައްރިސް އަޒްހީލް އަޙްމަދުގެ ނަމެވެ.
އަބްދުއްރައްޒާޤު ބުނީ، ރަސްލާނަކީ ކިޔެވުމުގައި ވެސް ކާމިޔާބު ދަރިވަރެއް ކަމަށެވެ. ކުލާހުގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި އަބަދުވެސް ހިމެނެއެވެ.
އޭލެވެލް ނިންމުމަށްފަހު، ރަސްލާންގެ މިސްރާބު ހުރީ ޕައިލެޓްކަން ކިޔަވާށެވެ. އެއީ ކުޑައިރުއްސުރެ އޭނާ ދެކޭ ހުވަފެކެވެ. އެހެން ދާއިރާއަކަށް ދާ ވާހަކަ ބައްޕަމެން ބުންޏަސް ރަސްލާނުގެ އެ ވިސްނުން ބަދަލު ކުރާ ވިސްނުމެއް އޭނާގެ ނެތެވެ.
" ކުޑައިރު އުޅޭނީ ވެސް ކުދި މަތިންދާ ބޯޓް ހިފައިގެން. އޭރުވެސް ކިޔާނެ ޕައިލެޓަކަށޭ ވާނީ" ރަސްލާނުގެ ބައްޕަ އަބްދުއްރައްޒާޤު ބުންޏެވެ.
ޤުރުއާން ހިތުދަސްކޮށް ލިބުނު ބޮޑުކާމިޔާބީއާއެކު ރަސްލާން ކުރިމަތިލީ އޯލެވެލްއިން ވެސް ރަނގަޅު ކާމިޔާބެއް ހޯދާށެވެ. އެ އަޒުމުގައި އޭނާ މަސައްކަތް ކުރަނީ މުސްތަޤުބަލަށް ދެކޭ ހުވަފެން ހަޤީޤަތަކަށް ހެދުމުގެ އުއްމީދާ އެކުގައެވެ.
advertisment
ހިޔާލު