ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން އެރަށު ކައުންސިލުން ފަށައިފި

ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން އެރަށު ކައުންސިލުން ފަށައިފިއެވެ.

" ލަގަނަ" ގެ ނަމުގައި ފެށި ޚާއްޞަ ޕްރޮގްރާމުގެ ދަށުން 70 ކުއްޖަކު ވަނީ ފަތަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވެފައެވެ. މި ޕްރޮގްރާމުގެ ދަށުން މިފަހަރު ފަތަން ދަސްކޮށް ދެނީ ގުރޭޑް އެކަކުން 5ގެ ދަރިވަރުންނަށެވެ.

އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ފެށި ޕްރޮގްރާމުގައި ފަތަން ދަސްކޮށްދެނީ ޤައުމީ ފެންވަރުގެ ސްވިމިންގ ޓްރެރިނަރެއް ކަމުގައިވާ ނައުފަލް މޫސާއެވެ. އޭނާ ވަނީ ކޯޗެއްގެ ގޮތުގައި ގިނަ ދަރިވަރުންނަށް މީގެ ކުރިން ފަތަން ދަސްކޮށްދީފައެވެ.
ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ ގުރޫޕްތަކަށް ބަހާލައިގެން ފެތުމުގެ ޕްރޮގްރާމް ގެންދާއިރު، ޕްރޮގްރާމުގެ މުއްދަތަކީ ދިހަ ދުވަސްކަމަށެވެ.

" ދިހަ ދުވަހުގެ ތެރޭގައި އެންމެ ބޭސިކު ފެންވަރަށް ފަތަން ދަސްކޮށްދެވޭނެ. އަދި ފަތަން ނޭނގޭ ކުދިންނަށް އިތުރު ވަގުތު ދީގެން ނަމަވެސް ފަތަން ދަސްކޮށްދޭނެ" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ބެޗް ނިމުމާއެކު ހަޔަކުން މަތީގެ ކުދިންނަށް ފަތަން ދަސްކޮށްދޭން ފަށާނެ ކަމަށެވެ.

" ޓާގެޓަކީ ޕްރޮގްރާމް ނިންމާލާއިރު، ފަތަން ނޭނގޭ ކުއްޖަކު ސްކޫލްގައި ނެތުން" ޝުޖާއު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *