ޚިދުމަތުގައި ތިއްބެވި ޓީޗަރުން، ދެ އަހަރު ދުވަހުގެ ތެރޭގައި ރަޖިސްޓްރީވާންޖެހޭ ގޮތަށް، ތައުލީމީ ބިލް ފާސްކޮށްފިއެވެ. މި ބިލް މަޖިލީހުން މިއަދު ފާސްކުރީ 55 މެމްބަރުންގެ ތާއީދާއެކުގައެވެ.
މި ބިލް ތަސްދީގު ކުރުމާއެކު ތައުލީމީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނެސްދޭނެއެވެ. މި ބިލުގައި ވަނީ ގާނޫނުއަސާސީން ލިބިދޭ އުގެނުމުގެ ޙައްޤު ފޯރުކޮށްދިނުމަށް އޮނިގަނޑު ތައްޔާރު ކުރުމާއި، ތައުލީމީ ނިޒާމުގެ ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި، އުނގެނުމާ ގުޅޭގޮތުން ރައްޔިތުންނަށާއި ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިއްމާތައް ކަނޑައެޅުމާއި، ތައުލީމުދިނުމާގުޅޭ އާންމު ހަމަތަކާއި އުޞޫލުތައް ބަޔާން ކުރުމެވެ.
ރާއްޖޭގައި ޕްރީ ސްކޫލު ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމް އަދި މަތީ ސާނަވީއަށް ކިޔަވައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު އަދި ދިވެހި ބަސް ކިޔަވައިދޭން ޖެހޭނެ ކަމަށް ތައުލީމީ ބިލުގައި ލާޒިމް ކޮށްފައިވެއެވެ.
މީގެ އިތުރުން ކިޔަވައި ދިނުމުގެ ނަމުގައި ހިންގާ ހުރިހާ ތަނެއްވެސް މި ބިލުގައި ބުނާގޮތުން ރަޖިސްޓްރީ ކުރަންޖެހެއެވެ. މިހާރު ހިންގާ މިފަދަ ތަންތަން މި ބިލަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަންޖެހެއެވެ. ރަޖިސްޓްރީކުރަންޖެހޭ ތަންތަނުގެ ތެރޭގައި އަމިއްލަ ފަރާތްތަކުން ހިންގާ ބޭބީ ނާސަރީ، ނާސަރީ ކުލާސްތަކައި ޓިއުޝަން ކުލާސްތަކުގެ އިތުރުން ޤުރުއާން ކުލާސްތައް ހިމެނެއެވެ.
ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުން ރަޖިސްޓްރީކުރުންވެސް ވަނީ މި ބިލުން ލާޒިމް ކޮށްފައެވެ. ބިލް ތަސްދީގުކުރާ ދުވަހުން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި ޚިދުމަތުގައި ތިއްބެވި ޓީޗަރުން " ޓީޗާސް ރަޖިސްޓްރޭޝަން ބޯޑް" ގައި ރަޖިސްޓްރީވާން ޖެހެއެވެ. މިނިސްޓަރުގެ ލަފައާއެކު އައްޔަން ކުރައްވާ މި ބޯޑުންދޭ ލައިސެންސެއްގެ ދަށުން ނޫނީ ކުރިއަށް އޮތް ތަނުގައި ޓީޗަރުންނަށް ކިޔަވައި ނުދެވޭނެއެވެ.
ތައުލީމީ ބިލުގައި ވަނީ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާތަކެއްވެސް ބަޔާންކޮށްފައެވެ. ރާއްޖޭގައި އުޅޭ 4-16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ތައުލީމް ފޯރުކޮށްދިނުން މި ބިލުން ވަނީ ދައުލަތުގެ މައްޗަށް ލާޒިމް ކޮށްފައެވެ.
advertisment
ހިޔާލު