މާލޭގެ ސްކޫލްތަކުގައި ގުރޭޑް 7،8އަށް ކިޔަވައިދޭން ފަށަނީ

ކޮވިޑްގެ މި ހަލާތަށް ބަލައި ގުރޭޑް 7އާއި 8އަށް މާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ ގުރޭޑް އަށަކަށް ކިޔަވައިދޭން އަންނަ ހޯމަ ދުވަހު ފެށި ނަމަވެސް ގުރޭޑް 7 ގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މިގޮތަށް ނިންމީ ކޮވިޑްގެ ހާލަތަށް ބަލައި އެޗްޕީއޭގެ މަޝްވަރާގެ މަތިން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑްގެ ހާލަތަށް ބަލައި މާލޭގެ ސްކޫލްތަކުގެ ގުރޭޑް 9ން ފެށިގެން މަތީ ގުރޭޑް ތަކަށް މިހާރުވެސް ކިޔަވައިދެމުން ގެންދެއެވެ.

ޖުލައި އެއްވަނަ ދުވަހު މާލޭގެ ސްކޫލްތަކުގައި ގުރޭޑް 9ން މައްޗަށް ކިޔަވައި ދެމުން ދަނިކޮށް ކޮވިޑް ކޮންޓްރޯލް ކުރެވިފައި ނުވާތީ އެޗްޕީއޭގެ ލަފާއާއެކު އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ވަނީ އަލުން ސްކޫލްތައް ބަންދުކޮށްފައެވެ. ގުރޭޑް 9ން މަތީގެ ގުރޭޑް ތަކަށް ކިޔަވައިދޭން ފެށީ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.

ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދާއިރު، ދަރިވަރުންގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ސްކޫލްތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން ގައިދުރުކަން ބެހެއްޓުމާއި އަތް ދޮވުމާއި ސެނިޓެއިޒާ ބޭނުން ކުރުމާއި ހުން ބެލުން ފަދަ އިންތިޒާމްތައް ވަނީ ހުރިހާ ސްކޫލެއްގައި ގާއިމް ކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *