އަބުދުﷲ ޢާދިލް
އެއްކޮޅަށް ލިޔާލިޔުން
ޝައްކެއްނެތް ގޮތުގައި ލުއިފަސޭހަ ދިރިއުޅުމެއް އުޅެވޭނީ ތަރައްޤީވެ ކުރިއަރައި ގޮސްފައިވާ ތަނެއްގައި ދިރިއުޅުމެއް ބިނާކޮށްގެންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީ އާއި ތަމައްދުނުގެ ކުލަ ޖެހެން ފަށާފައިވާއިރު، ވެރިރަށް މާލެއަކީ ރާއްޖޭގައި އެންމެ ބޮޑަށް ތަރައްޤީވެފައިވާ ސިޓީއެވެ. ރާއްޖޭގެ ތަރައްޤީ ގެ ބޮޑު ބައެއް ވެސް ހިއްސާކުރަނީ ހަމަ މާލެއެވެ. މާލެއިން ލިބޭ ޙިދުމަތްތަކާ ރަށްފުށުން ލިބޭ ޙިދުމަތްތަކާ އަޅާ ނުކިޔޭނެކަން ޔަޤީނެވެ. ވީއިރު، ދިރިއުޅުމެއް ފަށާ ބިނާކުރަން އެންމެ އެކަށީގެންވާ ތަނަކީ މާލެއެވެ. އެހެނީ މާލެއިން ފެންވަރު ރަނގަޅު ތަޢުލީމު ލިބެއެވެ. މަތީ ފަންތީގެ ސިއްޙީ ހިދުމަތްތަކެއް ލިބެއެވެ. އަދި ގިނަގުނަ ވަޒީފާގެ ފުރުސަތުތަކެއް ލިބުމުގެ އިތުރުން އަމިއްލަ ވިޔަފާރި ކުރިއެރުވޭނެއެވެ.
މާލޭގައި ދިރިއުޅުއް ފަށަންޖެހޭ މައިގަނޑު އެއް ސަބަބަކީ ފެންވަރު ރަނގަޅު ތަޢުލީމެއް މާލެއިން ލިބުމެވެ. ފުންނާބުއުސް ދިވެހި މުދައްރިސުންގެ އިތުރުން، ބޭރު ޤައުމުތަކުގެ ޤާބިލް މުދައްރިސުން މާލޭގެ ސުކޫލުތަކުގައި ކިޔަވައި ދެއްވައެވެ. ހަމައެފަދައިން، ސުކޫލެއްގައި ހުންނަންޖެހޭ ފަދަ އަސާސީ ވަސީލަތްތައް މާލޭގެ ހުރިހާ ސުކޫލެއްގައި ހަމައަށް ލިބެން ހުރެއެވެ. ސުކޫލު ދައުރު ނިންމާ، ބޭނުންވާ ދާއިރާއަކުން ބޭނުން ކޯހެއް މާލެއިން ހެދެއެވެ. މިއާ ހިލާފަށް ރަށްފުށުގައި އިންޓަރނޭޝަނަލް ފެންވަރުގެ ސުކޫލެއް ވެސް ޤާއިމުވެފައެއް ނެތެވެ، ރަނގަޅު ތަޢުލީމެއް ދަރިންނަށް ފޯރުކޮށްދޭން ބޭނުންނަމަ، އަލަށް ދިރިއުޅުމެއް ފެށުމަށް ޓަކައި މާލެ އިޙްތިޔާރުކުރުން މުހިއްމުއެވެ.
ރަނގަޅު ސިއްހީ ޙިދުމަތްތަކަކީ ކޮންމެ މީހަކު ވެސް އެމީހަކު ދިރިއުޅޭ ތަނުން ބޭނުންވާނެ މީހެކެވެ. މިވަގުތު ރާއްޖެއިން ލިބޭނެ އެންމެ މަތީ ފަންތީގެ ސިއްހީ ޙިދުމަތް ތައް ލިބެނީ މާލެ ސަރަހައްދުންނެވެ. މިގޮތުން އެންމެ ފެންވަރު ރަނގަޅު ހަސްފަތާލުތަކާ، ކުލިނިކުތައް ހުރީ ހަމަ މާލޭގައެވެ. މިފަދަ ތަންތަނުގައި މަސައްކަތް ކުރައްވަނީ އެކި ބަލިތަކަށް ޚާއްސަ ސްޕަޝަލިސްޓުންނެވެ. ނަމަވެސް، ރަށްފުށުގައި ދެވޭ ސިއްޙީ ޙިދުމަތުގެ ފެންވަރު މާލެއަށްވުރެ ދަށެވެ. ގިނަ ރަށްރަށުގައި ހުންނަ ސިއްހީމަރުކަޒުތަކުގައި ތިއްބަވަނީ ޢާއްމު ބަލިތަކުގެ ޑޮކްޓަރުންނެވެ. އަދި މިފަދަ ސިއްހީމަރުކަޒުތަކުން ސައުވީސް ގަޑިއިރު ޚިދުމަތްތަކެއް ވެސް ނުލިބެއެވެ. ވީމާ، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭ ތަނެއްގައި ދިރިއުޅުމެއް ފެށުމަކީ އުފުލަންޖެހޭ އެތަކެއް ތަކުލީފުތަކުން ސަލާމަތްވާނެ ކަމެކެވެ.

ދިރިއުޅުމެއް ފަށަން މާލެ އިޚްތިޔާރުކުރަންޖެހޭ އަނެއް ސަބަބަކީ މާލޭގައި ވަޒީފާގެ ފުރުސަތުތައް ގިނަކަމެވެ. އެހެނީ ގިނަ ޚިދުމަތްތައް ދޭ މުއައްސަސާތަކާއި، ކުންފުނިތައް އެންމެ ގިނައީ މާލޭގައެވެ. މާލޭގައި އުޅޭނަމަ، ބޭނުން ދާއިރާއަކުން ވަޒީފާ ލިބުމުގެ ފުރުސަތު ބޮޑެވެ. އަދި މިފަދަ ވަޒީފާތަކަކީ ބޮޑު އާމްދަނީއެއް ލިބިގެންދާނެ ފަދަ ވަޒީފާތަކެކެވެ. މިއާ ހިލާފަށް، ރަށްފުށުގައި ދޭ ޚިދުމަތްތައް މަދުވުމާއެކު ހުޅުވިފާ ހުންނަ ވަޒީފާގެ ފުރުސަތުތައް ވެސް މަދެވެ. ގިނަފަހަރު ބޮޑު ޚަރަދެއްކޮށް ކިޔަވައިގެން ރަށުގައި ދިރިއުޅެން ފަށައިފި ނަމަ ކިޔެވި ދާއިރާއަކުން ވަޒީފާ ލިބުމުގެ ފުރުސަތު ވަރަށް ހަންޏެވެ. ވީއިރު، ރަނގަޅު ވަޒީފާއެއް އަދާކުރަން ބޭނުންވާ ޒުވާނުން މާލޭގައި ދިރިއުޅުމެއް ފެށުމަކީ އެންމެ މަންފާހުރި ގޮތެވެ.
ރާއްޖޭގައި އެންމެ އާބާދީ ބޮޑު އެއް ތަނަކީ މާލެއެވެ. މިއީ އަމިއްލަ ވިޔަފާރިއެއް ފައްޓާ ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއްކަން ޔަޤީނެވެ. އެގޮތުން، މާލޭގައި ހުރެ ވިޔަފާރިއެއް ފެއްޓުމުން، އެ ވިޔަފާރިއަކުން ޚިދުމަތް ލިބިގަންނަ މީހުން ގިނަވާނެ އެވެ. އެއީ ރެސްޓައުރެންޓެއް ކަމުގައި ވިޔަސް ނުވަތަ ފިހާރައެއް ކަމުގައިވިޔަސް މެއެވެ. މީގެ އިތުރުން، އެ ވިޔަފާރީއެއް ރޭވުންތެރިކަމާއެކު ހިންގައިފިނަމަ ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. ނަމަވެސް، އާބާދީ މަދު ރަށްރަށުގައި ފަށާ ވިޔަފާރީއަކަށް މާބޮޑު ތަރުހީބެއް ނުލިބޭނެއެވެ. ހަމައެފަދައިން، ރަށްފުށުގައި ވިޔަފާރީއެއް ހިންގުމަކީ ޚަރަދު ބޮޑު ބުރަކަމެކެވެ. އެހެންކަމުން، އަމިއްލަ ވިޔަފާރިން ލިބޭ އާމްދަނީއިން ދިރިއުޅުމެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް، މާލެއަކީ އެންމެ ރަނގަޅު ތަނެވެ.
ރަށްފުށުން ލިބޭ ޚިދުމަތްތަކަކީ ފަހިވެފައިވާ ފުރުސަތުތަކުގައި މާލެއާ އަޅާ ބަލާއިރު ވަރަށް ބޮޑު ފަރަޤެއް އެބަ ހުއްޓެވެ. މާލެއިން ލިބޭ ޚިދުމަތްތަކަކީ އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކެވެ. އެގޮތުން ރާއްޖެއިން ލިބޭނެ އެންމެ ރަނގަޅު ތައުލީމެއް ޤާބިލް މުދައްރިސުންގެ ފަރާތުން ލިބެނި މާލެއިންނެވެ. އަދި އެންމެ މަތީ ފަންތީގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިއްހީ މާހިރުން މަސައްކަތްކުރައްވާ ހަސްފަތާލުތައް ހުރީ މާލޭގައެވެ. ހަމަ އެފަދައިން، ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ މަގުތަކާއި ފުރުސަތުތައް ފަހިވެފައިވަނީ ވެސް މާލޭގައެވެ. ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ހޯދޭނެ މަގުތަކެވެ. ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް އުޅެވެނީ މިފަދަ ކަންކަން ފަހިވެފައިވާ ތަނެއްގައެވެ. ވީމާ، ދިރިއުޅުމެއް ފަށަން މާލެ އިޚްތިޔާރުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.
advertisment
ހިޔާލު