އަފާފު، އުއްމީދު ކުރީ ހިސާބުން އެއްވަނައަށް، ލިބުނީ އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއް ވަނަ

އަފާފު މަންމައާއެކު، ކުރިއަށްދާން ބޭނުން ވަނީ ޤާނޫނީ ދާއިރާއިން- ފޮޓޯ: އިރުޝާދިއްޔާ ސްކޫލް

އައްޑޫ ސިޓީގައި ހުންނަ އިރުޝާދިއްޔާ ސްކޫލުގެ ތާރީޚުގައި ވެސް އެންމެ ރަނގަޅު ކާމިޔާބެއް ހޯދި ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަށް އެ ސްކޫލުން ފާއިތުވި އަހަރު ސާނަވީ އިމްތިޙާން ނިންމި އާމިނަތު އަފާފު ޒަފަރު ވާނެއެވެ. އޭނާ ވަނީ ސެކަންޑް ލޭންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއް ވަނަ އަދި ބިޒްނަސްއިން މުޅި ރާއްޖެއިން އެއް ވަނަ ހޯދާފައެވެ.

އައްޑޫ ހައި ސްކޫލުގައި އޭލެވެލްއަށް ކިޔަވަމުން ގެންދާ އަފާފު ދަރިވަރު ނޫހަށް ބުނީ، ގައުމީ ގަދަ ދިހައެއްގެ ފަސް ވަނައާ ހަމައަށް ދެވޭނެ ކަމަށް އުއްމީދު ކުރި ކަމަށާއި، ހިސާބު މާއްދާއިން ދުނިޔޭގެ ފެންވަރުގެ ވަނައެއް ލިބޭނެ ކަމަށް ވެސް އުއްމީދު ކުރި ކަމަށެވެ. އެކަމަކު އޭނާއަށް ލިބުނީ އިނގިރޭސި މާއްދާއިން ދުނިޔެއިން އެއް ވަނައެވެ. ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައަކުން ހަތް ވަނައެވެ.

" އުއްމީދު ކޮށްގެން މަސައްކަތް ކުރީ ހިސާބުން ވޯލްޑް ރޭންކުގެ އެއްވަނައަށް. އެކަމަކު އިނގިރޭސި މާއްދާއިން މި ލިބުނީ" ހިސާބަށް ޚާއްޞަ ޝަޢުޤުވެރިކަމެއް ބަހައްޓާ އަފާފު އެ ނަތީޖާއާ މެދު ހިތްހަމަޖެހެއެވެ.

އަފާފު ބުނީ އިނގިރޭސި މާއްދާއިން އެއްވަނަ ލިބުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި، އެ މާއްދާއަށް ވެސް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. މޮކް އެގްޒާމަށްފަހު، އިނގިރޭސި މުދައްރިސްގެ އިރުޝާދާއެކު ފާއިތުވި ވިހި އަހަރު ދުވަހުގެ އިނގިރޭސި މާއްދާގެ ޕާސްޕޭޕަރު އޭނާ ހެދި ކަމަށެވެ. އިނގިރޭސި މުދައްރިސްގެ އެހީތެރިކަމާއެކު އެ މާއްދާއަށް " ކޮންފިޑެންސް" އޮތް ކަމަށް އަފާފު ބުންޏެވެ.

އަފާފު (ކަނާއަތްފަރާތުން ތިންވަނައިގައި) ކުރިއަށް ދާން ބޭނުންވަނީ ޤާނޫނީ ދާއިރާއިން-

" އިނގިރޭސި މާއްދާގެ ޕާސްޓް ޕޭޕަރު ހަދަނީ ވެސް އެހެން މާއްދާތަކަށް މަސައްކަތް ކޮށްފައި ލިބޭ ހުސްވަގުތުގެ ބޭނުން ހިފަން" އަފާފު ބުންޏެވެ.

އަފާފު ބުނީ، މޮކް އެގްޒާމްގައި ހިސާބު މާއްދާއިން ދަށް ވުމުން، އެހެން މާއްދާތަކަށް ވުރެ އެ މާއްދާއަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރި ކަމަށާއި އުއްމީދު ކުރި ނަތީޖާ ނުލިބުނަސް ހިސާބުން އޭ ސްޓަރއެއް ލިބުން ހިތްހަމަ ޖެހޭ ކަމަށެވެ.

އަފާފަށް، އިނގިރޭސިއާއި ހިސާބުގެ އިތުރުން އޭ ސްޓަރ ލިބުނީ ބިޒްނަސްއިންނެވެ. ދިވެއްސާއި އެކައުންޓިންގއާއި އިކޮނޮމިކްސްއާއި ޓްރެވަލް އެންޑް ޓޫރިޒަމުން ލިބުނީ އޭ އެކެވެ. ބީ އެއް ލިބުނީ އިސްލާމުންނެވެ.

އާފާފު ބުނީ، އެކައުންޓިންގ އާއި އިކޮނޮމިކްސްއިން އޭ ސްޓަރއެއް ލިބޭނެ ކަމަށް އުއްމީދު ކުރި ކަމަށާއި އިސްލާމުން ދަށްވީ، ޓެސްޓް އޮތް ދުވަހުގެ ކުރީ ދުވަހު ބަލިވުމުން ކަމަށެވެ.

" ބަލިވީމާ އެންމެ ރަނގަޅަކަށް ނޫން އިސްލާމް މާއްދާއިން ސްކޯ ކުރެވުނީ" ކުރެވުނު މަސައްކަތާ މެދު އަފާފު ހިތްހަމަޖެހެއެވެ.

ކުރިމަގުގައި ޤާނޫނީ ވަކީލެއްގެ ކޯޓް ހެޔޮވަރުކޮށްގެން ހުރި އަފާފު ބިޒްނަސް ސްޓްރީމް ކިޔަވަން ނިންމީ، ހިސާބަށް ޝަޢުޤު ހުރުމާއި އެކައުންޓް ޓީޗަރު، އީކުއޭޝަނެއް ކިޔައިދެއްވި ގޮތުން އުފެދުނު ޝަޢުޤުވެރުކަމެއްގެ ސަބަބުންނެވެ.

އިރުޝާދިއްޔާ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެއްގެ ޒިންމާ އަދާކުރި އަފާފުގެ މިހާރުގެ އަމާޒަކީ ސާނަވީގައި ލިބުނު ފަދަ ރަނގަޅު ކާމިޔާބެއް މަތީ ސާނަވީން ވެސް ހޯދުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *