ދަރިން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ބައެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ކޮންމެ ބެލެނިވެރިއަކުވެސް ބޭނުންވާނީ ބޮލުގައި އެޅިފައިވާ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށެވެ. ދަރިންނަށް ރަނގަޅު މަގުދައްކައި އެކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށެވެ. ކޮންމެ ބެލެނިވެރިޔެއްގެ ވެސް އަޒުމަކަށްވާނީ މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރުމެވެ. ކަންމިހެން އޮތްއިރު އަޅުގަނޑުމެން އެ ޒިންމާ އަދާ ކުރަންޖެހޭނީ އެކުދިންގެ ފަރާތުން ފަހުން ލިބޭނެ މަންފާއަކަށް ބެލުމެއް ނެތިއެވެ. ހަމައެހެންމެ މުސްކުޅިވާ ދުވަހު އަޅުގަނޑުމެން ބަލަހައްޓައި، އަޅާލައި، ޚަރަދު ކުރާނެ ކަމުގެ އުއްމީދުގައެއް ނޫނެވެ. އެހެނީ ރަނގަޅު ތަރުބިއްޔަތަކާއެކު ކުއްޖަކު ބަލައި ބޮޑުކުރެވިއްޖެނަމަ މިހުރިހާ ކަމެއްވެސް އެކުދިންގެ ފަރާތުން ފެނިގެންދާނެއެވެ. އެހެންކަމުން ބެލެނިވެރިންގެ ހައިސިއްޔަތުން އަޅުގަނޑުމެން ވިސްނަންޖެހެނީ ދަރިން އެންމެ ފުރިހަމަ ގޮތުގައި ތަރުބިއްޔަތު ކުރުމަށެވެ. އަދި އަޅުގަނޑުމެންގެ ފަރާތުން އެ ދަރީން ބޭނުންވާނެ ކަންކަން ބަލައި އެކަންކަން ފުރިހަމަކޮށްދިނުމަށެވެ. މިކަމާ ބެހޭ ގޮތުން ބައެއް ޢީލްމުވެރިން ލިޔުއްވާފައިވާ ލިޔުންތަކާއި އަދި ތަޢުލީމީ ދާއިރާގައި ކުދިންނާއެކު ކުރެވިފައިވާ ތަޖުރިބާއަށް ރިޔާޢަތްކޮށް މިކަންކަމަށް އަލިއަޅުވާލާނަމެވެ.

ކުދިންދެކެ ލޯބިވާކަން އެކުދިންނަށް އެންގުން
ކުއްޖާ ދުނިޔެއަށް އުފަންވުމަށްފަހު ކޮންމެ ކުއްޖަކީ ވެސް މައިންބަފައިންގެ ދެލޮލުގެ ނޫރުކަމުގައި ދެކިގެން އެކުއްޖާއަށް ލޯބިދީ ތަރުބިއްޔަތު ކުރުމަށް މައިން ބަފައިން އިސްކަންދެއެވެ. އެހެނަސް އެކުދިން ދެކެ ވާ ލޯބި ގިނަ ފަހަރަށް އޮންނަނީ ހާމަނުކުރެވިފައެވެ. މިލޯބި އަޅުގަނޑުމެންގެ ހިތުތެރޭގައި ފޮރުވާފައި ބޭއްވުމަކުން އަދި ނުފުދެއެވެ. އެކަން ބަހާއި ޢަމަލުން ކުދިންނަށް ހާމަކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ކުދިންނަށް އެކުދިން ދެކެ މައިންބަފައިން ވާ ލޯބި އަންގައިދިނުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކަށް ވާނީ ކުދިން ގާތުގައި އެކުދިން ދެކެ ލޯބިވާ ވާހަކަ ގިނަގިނައިން ބުނުން. ޚާއްޞަކޮށް ކުދިންގެ ފަރާތުން ފެންނަ ނޭދެވޭ ޢަމަލުތަކާ ބެހޭ ގޮތުން ވާހަކަދައްކާއިރު، އެ ވާހަކަތަކުގެ ތެރެއިން އެކުދިން ދެކެ ވާ ލޯބި ހާމަކޮށްދީ ކަންކަމުގެ ރަނގަޅުގޮތް ދަސްކޮށް ދެނީ އެ ސަބަބަށްޓަކައިކަން ސާފުކޮށް ބުނެ ދިނުމެވެ. އޭރުން މައިންބަފައިންގެ ވާހަކަތައް އަޑުއަހައި، އެފަދަ ޢަމަލުތައް ހުއްޓުމުގެ ބާރަކަށް ވެގެންދެއެވެ. އަދި ކުދިން ބޭނުންވާ ކަންކަން ހުއްޓުވުމުން އެކުދިންގެ ހިތުގައި އުފެދޭ ނުތަނަވަސްކަން ކުޑަވެ މައިންބަފައިންނާ މެދު އޮންނަ އިތުބާރު ބޮޑުވެގެންދެއެވެ. "ދަރިފުޅު ދެކެ މަންމަ އާއި ބައްޕަ ވަރަށް ލޯބިވޭ" އޭ ބުނެލުމާއި، "ދަރިފުޅު މަތިން ވަރަށް ހަދާންވި" ކަން ބުނެދިނުމާއި، "ދަރިފުޅާ މެދު މަންމަ އާއި ބައްޕަ ވަރަށް ފަޚުރުވެރިވޭ" ކަން ހަނދާންކޮށް ދިނުން ފަދަ ބަސްތަކުން ކުދިންގެ ދުވަސް އުޖާލާކޮށްދޭން ޖެހެއެވެ. އޭރުން އެކުދިންނަށް ލިބޭ ހިތްހަމަޖެހުން އެތައް ގުނައަކަށް އިތުރުވެ މައިންބަފައިންނާ އޮންނަ ގުޅުން ބޮޑުވުމުގެ ބާރަކަށް އެކަން ވެ ދެއެވެ.

ކުދިންނާ އޯގާތެރިކަމާއެކު މުޢާމަލާތުކުރުން
ދަރިން ލިބުމަށްފަހު ކޮންމެ މަޔަކާއި ބަފައެއްގެ ދިރިއުޅުމުގެ މަޤުސަދުކަމުގައި ވެފައި ވަނީ ދަރިން ރަނގަޅު ގޮތުގައި ބަލައި ބޮޑުކުރުމެވެ. މިއީ ކޮންމެ މަޔަކާ ބަފައެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ވެސްމެއެވެ. ކަން މިހެން އޮތްއިރު ކުދިން ބޮޑުވަމުން އަންނަ އިރު ކުރެވޭ ހުރިހާ ކަމަކީ މައިންބަފައިން އެންމެ ހިތްހަމަ ޖެހޭ ގޮތަށް ކުރެވޭ ކަންކަން ކަމުގައި ނުވެދާނެއެވެ. ކުދިން އެކުދިންގެ ގޮތުގައި ކަންކަން ތަޖުރިބާކޮށް ދަސްކުރަމުން ދާއިރު، ދިމާވާ ކަންކަމާއި ހަޔާތުގެ މުހިންމު ފިލާވަޅުތައް އެކުދިންނަށް ކިޔައިދޭންޖެހެނީ އޯގާތެރިކަމާއެކުގައެވެ. ކުދިންގެ ފަރާތުން ދިމާވާ ކަންކަމުގައި ރުޅި އިސްކުރެވޭ ފަހަރުތައް ވެސް އަންނާނެކަން ގަބޫލުކުރަން ވާނެއެވެ. އެފަދަ ހާލަތްތަކުގައި ވެސް ކުދިންނާ ދިމާއަށް ހަޅޭލަވައި، ހުތުރުކޮށް ބަސްބުނެ ހެދުމުގެ ބަދަލުގައި ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ވަގުތާ ހާލަތަށް ފެތޭ ގޮތަށް ކުދިންނާ އޯގާތެރިކަމާއެކު މުޢާމަލާތުކޮށް، ކަންކަން ވިސްނައިދިނުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ކޮންމެ ބެލެނިވެރިއަކުވެސް ގަބޫލުކުރަންޖެހޭނެއެވެ. އެއީ މިއަދު ކުދިންނާ މުޢާމަލާތުކުރެވޭ ގޮތަކުން އެކުދިންގެ މާދަމަ އަށް ފިލާވަޅުތަކެއް ލިބިގަންނާނެތީއެވެ.
ކަންކަމުގައި ޢަމަލުކުރަންޖެހޭ ރަނގަޅު ގޮތް ސަބަބާ އެކު ބުނެދިނުން
ކުދިން ގާތުގައި ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް މައިންބަފައިން އެދެންޖެހޭ ފަހަރުތައް ވަރަށް ގިނައެވެ. އެހެނަސް، ކުދިންގެ ނަޒަރުގައި އެކުދިން ކުރާ ކޮންމެ ކަމެއްވެސް ކުރަނީ އެންމެ ރަނގަޅަކަށެވެ. އެހެންކަމުން ކުދިން ކުރާ ކަންކަމަށް ހުރަސްއަޅާ އެޅުން ބަލައިގަންނަން އެކުދިންނަށް އުނދަގޫވެއެވެ. އެހެންނަމަވެސް އޯގާތެރިކަމާއެކު އެކުދިންނަށް ވިސްނޭގޮތަށް ވަކިކަމެއް ވަކި ގޮތަކަށް ކުރަންޖެހޭ ނުވަތަ ނުކުރަން ޖެހޭ ސަބަބު ބުނެދިނުމުން އެކަމެއް ބަލައިގަނެ އެގޮތަކަށް ޢަމަލުކުރަން ފަސޭހަ ވެގެން ދާނެއެވެ.
ކުދިންގެ އަޑުއެހުން
އެކެއްގެ ވާހަކަ އަނެކާ ކަނުލައި އަޑުއެހުމަކީ އަޅުގަނޑުމެން އެ ސިފައަކާ އެންމެ ދުރު، އެހެނަސް ހުރުން ލާޒިމުކުރާ ސިފައެވެ. މިއީ ކުޑައެއް ބޮޑެއް ނެތި، ކޮންމެ ގުޅުމެއް ވެސް ކާމިޔާބު ވުމަށް ބޭނުންވާ އަސާސީ އެއް ސިފައެވެ. އެހެންކަމުން މައިންބަފައިންނާ ދަރިންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށްޓަކައި މި ސިފަ ހުރުމަކީ ކޮންމެހެން ލާޒިމެވެ. މިގޮތުން ކުދިންގެ އަޑުއަހައި އެކުދިންގެ ބޭނުންތައް ދެނެގަތުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ކަންކަމާ މެދު އެކުދިން ދެކޭ ގޮތް ދެނެގަތުމަށްޓަކައި ވެސް އެކުދިންގެ އަޑުއެހުން އެހާމެ މުހިއްމެވެ. އެހެންކަމުން ކުދިންނާ ގުޅޭ ނިންމުންތަކުގައި ކުދިންނާ މަޝްވަރާކޮށް، އެކުދިންގެ އަޑުއަހައި ދެ ފަރާތް ގުޅިގެން ގޮތް ނިންމުމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކަމުގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. އޭރުން ކުދިން އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެ، ކަންކަމާމެދު ފުންކޮށް ވިސްނައި ގޮތްނިންމުމުގައި އެކުދިންގެ ޤާބިލުކަން އިތުރުވެގެންދެއެވެ.
ކުދިންނަށް އިތުބާރުކުރުމާއެކު ހިތްވަރު ދިނުން
އެކަކު އަނެކަކަށް އިތުބާރުކުރުން މިއީ ދޭދޭ ކޮންމެ ގުޅުމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު އެއް ސިފައެވެ. އެހެންކަމުން ދަރިންނާއި މައިންބަފައިންގެ ގުޅުމުގައި ވެސް މިއީ ހަމަ އެހާމެ މުހިންމު ސިފައެކެވެ. ކުދިން ދައްކާ ވާހަކަ އަޑުއަހައި އެކުދިންގެ ބަހަށް އިތުބާރުކުރުމާއެކު އެކުދިންގެ ނިންމުންތައް ބަލައިގަތުމަކީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އެކުދިންނަށް ކޮށްދެވޭނެ އެންމެ މުހިންމު އެއްކަމެވެ. ކުދިން އެކުދިންގެ ފެންވަރުން ކުރާ ކޮންމެ ކަމެއް ބަލައިގަނެ، ހިތްވަރުދީ އެކުދިންގެ ނިންމުންތައް އިހުތިރާމާއެކު ބަލައިގަނެ، ބެލެނިވެރިން އެކުދިންނާއެކު ވާކަމުގެ އިހުސާސް ކޮށްދިނުމަކީ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވާ ކަމެކެވެ. ހަމައެހެންމެ އަމިއްލަ ވިސްނުމުން ކަންކަން ނިންމަން އެނގޭ ކުއްޖެއްގެ ގޮތުގައި ބޮޑުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ވެސްމެއެވެ. މިފަދައިން ބޮޑުވާ ކުދިން އެކުދިންގެ ކުރިމަގު ބިނާކުރުމުގެ ޒިންމާ ނެގުމުގައި ޒިންމާދާރުވާނެކަން ކަށަވަރެވެ.
އެހެންކުދިންނާ އަޅައިނުކިއުން
ކޮންމެ އިންސާނަކީ އުފެދުމުގައްޔާއި ހެދިބޮޑުވުގައިވެސް ތަފާތު ބައެކެވެ. އެމީހަކު ހުންނަގޮތާ، ކުރާހިތްވާ ކަންކަމާ، މޮޅަށް ކުރެވޭ ކަންކަންވެސް އަނެކާއާ ތަފާތެވެ. އެހެންކަމުން ކުދިން ބޮޑުވަމުން އަންނަ އައުމުގައި އެކުދިން ކުރާ ކަންކަމާއި ހޯދާ ކާމިޔާބީތަކުގައި އެހެން ކުދިންނާ އަޅައިކިޔުމަކީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކޮށްގެންވާނެ ކަމެއް ނޫނެވެ. ތަޢުލީމީ ދާއިރާގައި އަޅުގަނޑަށް ތަޖުރިބާ ކުރެވުނު ކަންތައްތަކަށް ބަލާއިރު، ދަރިވަރުން އެންމެ ނަފުރަތު ކުރާ އެއްކަމަކީ ދަރިވަރުންގެ މެދުގައި އެއްކުއްޖަކު އަނެއްކުއްޖަކަށް އަޅައިކިއުމެވެ. އެއީ ޓިޗަރުން ކަމަށް ވިޔަސް، ބެލެނިވެރިން ކަމަށް ވިޔަސް އެއްކުއްޖަކު އަނެއްކުއްޖަކާ އަޅާކިޔުން މިއީ އެކުދިންނަށް ބަލައިގަންނަން އެންމެ އުނދަގޫ ކަންތައްތަކެވެ. މިއީ އިންސާނީ ހައިސިއްޔަތުން ވިސްނާލާއިރުވެސް ބަލައިގަންނަން އުނދަގޫ ކަމެކެވެ. ވަރަށް ގިނަފަހަރަށް އެއްބަނޑު އެއްބަފާކުދިންގެ މެދުގައި ނުވަތަ އެއްގެއެއްގައި އުޅޭ ޢާއިލީ ކުދިންގެ މެދުގައި ނުވަތަ އެއް ގުރޭޑެއްގައި އުޅޭ ކުދިންގެ މެދުގައި ނޫނީ އެއް ހިސާބެއްގައި ދިރިއުޅޭ ކުދިންގެ މެދުގައި ވިޔަސް އެއްކުއްޖަކު އަނެއް ކުއްޖަކާ އަޅާ ކިއުން މިއީ ނޭނގި ނަމަވެސް ބެލެނިވެރިންނަށް ކުރެވޭ ވަރަށް ގޯސްކަމެކެވެ. މީގެ ސަބަބުން ކުދިންގެ ހިތުގައި އަނެއް ކުއްޖަކާ މެދު ނަފުރަތު އުފެދި ކަންކަމާ ކުރިމަތިލާން ފަސްޖެހެއެވެ. އެހެންކަމުން ބެލެނިވެރިން މިކަމަށް ހޭލުންތެރިވެ، މިކަމާ މެދު ވިސްނައި، ކުދިންގެ މެދުގައި އަޅާކިޔާ ކިޔުން ހުއްޓާލަންޖެހެއެވެ. އޭގެ ބަދަލުގައި ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަން ދަނެ އެކުއްޖެއްގެ ކިބައިގައި ހުރި ހުނަރުތަކަކީ ކޮބައިތޯ ބަލައި އެކުއްޖެއްގެ ގޮތުގައި އެކުއްޖަކު ކުރިއެރުމަށް ފުރުސަތު ހޯދައިދީ ހިތްވަރު ދިނުމަކީ ކުދިންގެ ކުރިއެރުމާއި ކާމިޔާބީއަށް މަގުފަހިވާނެ ކަމެކެވެ.

ކުދިން ކުރާ ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުން
ސްކޫލް މާޙައުލުގައި ދަރިވަރުންނާއެކު ހޭދަކުރެވުނު ދުވަސްތަކުން އަޅުގަނޑަށް ފެނި ތަޖުރިބާކުރެވުނު ކަންކަމަށް ބަލާއިރު، ޤަބޫލު ކުރެވޭ ހަޤީޤަތަކީ ދަރިވަރުންގެ ކަންކަމުގައި ބެލެނިވެރިން ޢަމަލީ ގޮތުން ބައިވެރިވާނަމަ އެކުދިންގެ ކިޔެވުމާއި އިތުރު ހަރަކާތްތަކުން ވެސް ކާމިޔާބީ ހޯދުމަށް މަގުފަހިވާކަމެވެ. ބެލެނިވެރިންގެ ބައްދަލުވުންތަކާއި، ރިޕޯރޓްފޮތް ދޭ ދުވަސް ނުވަތަ ދަރިވަރުންގެ ތަފާތު މުބާރާތްތައް ކުރިއަށް ދާ ދުވަސްތައް ކަމުގައި ވިޔަސް ސްކޫލްގައި ބޭއްވޭ ދަރިވަރުންނާ ގުޅުން ހުރި ހަރަކާތްތަކުން ބެލެނިވެރިން ފެނިގެންދާ ދިއުން އެއީ ކުދިންނަށް ލިބޭ ނުހަނު ބޮޑު ހިތްވަރެކެވެ. އަދި މިފަދަ ހަރަކާތްތަކުން ލިބޭ ކާމިޔާބީ އެންމެ ފުރަތަމަ ހިއްސާކުރެވޭ އެއްބަޔަކަށް ވާން ބޭނުންވާނީ އެކުދިންގެ ބެލެނިވެރިންނެވެ. ހަމައެހެންމެ ނާކާމިޔާބީގެ ވަގުތުތަކުގައިވެސް ބެލެނިވެރިންގެ ފަރާތުން ލިބިގެންދާ ހިތްވަރުގެ ބަސްތަކަކީ، ކެރިގެން ކަންކަމާ ކުރިމަތިލުމަށް ކުދިންނަށް ލިބޭ އިތުރު ހިތްވަރަކަށް ވެސް ވެގެންދެއެވެ. އެހެންކަމުން ކުދިންގެ ކަންކަމުގައި ބެލެނިވެރިންގެ ދައުރު އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
ކާމިޔާބީ ހޯދުމަށް ހިތްވަރު ދިނުން
ކާމިޔާބީ އަކީ ހިތްވަރާ ޢަޒުމާއެކު މަސައްކަތް ކުރާ ކޮންމެ މީހެއްގެވެސް ހައްޤެއްކަން ކަށަވަރެވެ. އެންމެ ދުވަހަކުން ނުވަތަ ދެ ދުވަހުން ތިމާ ބޭނުންވާ ކަމެއް ކާމިޔާބުނުވުމުން އެކަން ދޫކޮށްލުން އެއީ ވަރަށް ގިނަފަހަރު ކުރެވޭ ކަމެކެވެ. މިއީ ކުދިން އެންމެ ކުޑައިރުން ފެށިގެން ވެސް ވިސްނައިދޭންޖެހޭ ކަމެކެވެ. ތިމާ ކުރަން ބޭނުންވާ ކަމެއް ކާމިޔާބު ވަންދެން އެކަމެއްގައި ދެމިހުރުމަށް ގަދައަޅައި މަސައްކަތްކުރުން އެއީ އެންމެ މޮޅު ގޮތް ކަމުގައި ކުދިންނަށް ވިސްނައި ދެވިއްޖެނަމަ ޝައްކެއްނެތް ގޮތުގައި އެކުދިން ވެގެންދާނީ ހަޔާތުގައި ދިމާވާ ކަންކަމުގައި ޝަކުވާކުރުމުގެ ބަދަލުގައި ކަންކަން ކާމިޔާބުކުރުމަށް މަސައްކަތް ކުރާބައެއްގެ ގޮތުގައެވެ. މިކަމުގައި ކުދިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެވޭނީ ބެލެނިވެރިންނަށްކަން ކަށަވަރެވެ. ކުދިން ހޯދާ ކާމިޔާބީތައް އެކުދިންނާއެކު ފާހަގަކުރުމަކީ އެކުދިން އިތުރަށް ކާމިޔާބީ ހޯދުމަށް ލިބިގެންދާނެ ހިތްވަރަކަށް ވީހިނދު ނާކާމިޔާބުގެ ވަގުތުގައި އެކުދިންނަށް ހިތްވަރުދީ، އިތުރަށް ގަދައަޅައި މަސައްކަތް ކުރުމަށް ބާރުއެޅުމަކީ ކުދިންގެ މުސްތަޤުބަލަށްޓަކައި ބެލެނިވެރިން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މައިންބަފައިން ނަމޫނާ ދެއްކުން
ކޮންމެ ބެލެނިވެރިޔަކުވެސް ބޭނުންވާނީ ތިމާގެ ދަރިފުޅަކީ އެންމެ މޮޅު އަދި އެންމެ އަޚުލާޤު ރަނގަޅު ކުއްޖާއަށް ވުމަށެވެ. އެހެންކަމުން ކުދިންނަށް ރަނގަޅުގޮތް ކިޔައިދީ އެގޮތަށް ޢަމަލުކުރުމަށް ކޮންމެ ބެލެނިވެރިޔަކުވެސް އަބަދުމެ ބާރުއަޅާނެއެވެ. އެހެނަސް ހިތާމައަކީ އެ ދަރިފުޅުގެ ފަރާތުން ފެންނަން ބޭނުންވާ ސިފަ ބެލެނިވެރިޔާގެ ފަރާތުން ފެނިގެން ނުދާކަމެވެ. މިއީ މިހާރުގެ މުޖުތަމަޢުން ފެންނަމުންދާ ހިތާމަވެރި މަންޒަރެކެވެ. ދަރިފުޅުގެ ކިބައިގައި އިހުތިރާމު ކުރުމުގެ ސިފަ ހަރުލައްވަން މަސައްކަތް ކުރާއިރު އެ ސިފަ މައިންބަފައިންނާއި ޢާއިލާ ތެރެއިން އެކުދިންނަކަށް ފެނިގެނެއް ނުދެއެވެ. ދަރިފުޅު ގާތު ޤުރްއާން ކިޔަވައި ނަމާދުކުރަން ބުނާއިރު ބެލެނިވެރިންގެ ފަރާތުން އެކަންކަން ފެނިގެން ނުދިޔުމުން ކުދިންގެ ސަމާލުކަން އެކަންކަމަށް ކުޑަވެގެންދެއެވެ. މިފަދައިން މިލިސްޓް ކިތަންމެ ދިގުކޮށްވެސް ލިޔެވިދާނެއެވެ. އެހެންނަމަވެސް ކުރުކޮށްލާނީ ކޮންމެ ބެލެނިވެރިޔަކުވެސް ދަރިފުޅުގެ ފަރާތުން ފެންނަން ބޭނުންވާ ސިފަތައް، އެކުދިން އުޅެ ބޮޑުވާ މާހައުލުން ނަމޫނާ ދެއްކުމާއެކު މުޖުތަމަޢުން ވެސް މި ނަމޫނާ ދައްކުވައިދެވޭތޯ ފަރުދީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އިލްތިމާސް ކުރަމުންނެވެ.
ކުއްޖަކު އެންމެ ފުރިހަމަ ގޮތުގައި ބަލައި ބޮޑުކުރުން އެއީ ކޮންމެ މަޔަކާއި ބަފައެއްގެ އެންމެ ބޮޑު އުންމީދެވެ. ކޮންމެ ކުއްޖަކީ އެކުއްޖެއްގެ ގޮތުގައި އެންމެ ފުރިހަމަޔަށް ތަރުބިއްޔަތު ވެގެން މުޖުތަމަޢަށް ނުކުންނަ ކުއްޖެއްކަން ކަށަވަރު ކުރުމަކީވެސް ކޮންމެ ބެލެނިވެރިޔެއްގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑުޒިންމާއެވެ. އެއްވެސް ޝަރުތަކާނުލާ ކޮންމެ ކުއަޖަކަށްވެސް އެކުއްޖަކަށް ހައްޤުވެގެންވާ ރައްކާތެރިކަމާއި ލޯބި ލިބޭކަން ކަށަވަރު ކުރުމަކީ ކޮންމެ ބެލެނިވެރިޔަކު ވެސް އެމީހަކު މަޔަކަށް ނުވަތަ ބަފަޔަކަށް ވާ ދުވަހުން ފެށިގެން ހަޔާތުގެ އެންމެ މުހިއްމު އަމާޒުކަމަށް ބަލައިގެން ކުރަންޖެހޭ ކަމެކެވެ. މުޖުތަމަޢު މިއަދު އޮތް ހާލަތަށް ބަލާއިރު، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތައް ފުރިހަމަ ގޮތުގައި ތަރުބިއްޔަތު ނުކުރެވިއްޖެނަމަ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ޖަވާބުދާރީ ވެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެހެންކަމުން ކޮންމެ ކުއްޖަކަށްވެސް ޙައްޤުވާ އިޙުތިރާމާ ލޯބިދީ، ރިވެތި އަޚުލާޤުން ޖަރީވެފައި ކުއްޖެއްގެ ގޮތުގައި އެކުއްޖަކު ތަރުބިއްޔަތުކުރުމުގައި، ހުނަރާއި ޤާބިލުކަން އެކުއްޖަކަށް ލިބިފައިވާ މިންވަރަށް ބަލައި އެކުއްޖެއްގެ ގޮތުގައި އެކުއްޖަކު ބަލައިގަނެ، އެކުއްޖަކަށް ލިބިގެންވާ ހުނަރުތައް ކުރިއަރުވައި ކާމިޔާބީއަށް ވާޞިލުވުމުގައި ބެލެނިވެރިންގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ޢަޒުމުކަނޑައަޅައި މަސައްކަތް ކުރަންޖެހެއެވެ. އަޅުގަނޑުމެންގެ ދެ ލޮލުގެ ފިނިކަން ކަމުގައިވާ ދަރިންގެ މާދަމާ އުޖާލާ ކުރެވެން އޮތީ މިގޮތުގެ މަތީންނެވެ. އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ ދިވެހި މުޖުތަމަޢުގައި ހުރި ދިވެހި ލޭ ހިނގާ ކޮންމެ ދަރިޔަކީ މި ދެންނެވި ފަދަ ލޯތްބާއި އަޅާލުން ލިބިގެން ބޮޑުވާ ކާމިޔާބު ކުއްޖަކަށް ވުމެވެ. މާތް ﷲ އަޅަމެން އެންމެންނަށް މިކަމުގައި ހެޔޮ ތައުފީޤު ދެއްވާށިއެވެ. އާމީން!
advertisment
ހިޔާލު