ޝީޝާ ލާމަސީލު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މާމެންދޫ ސްކޫލު ވާދަކުރާނީ ލ. އޭއީސީއެވެ. ދަނބިދޫ ސްކޫލް ވާދަ ކުރާނީ ޙަމަދު ސްކޫލާއެވެ.
މި މުބާރާތުގެ ގުރޫޕް ސްޓޭޖް މެޗްތައް މިރޭ ނިންމާލިއިރު، މާމެންދޫ ސްކޫލް ސެމީއަށް ދިޔައީ ގުރޫޕް އޭ ގައި ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗުން މޮޅު، އެއް މެޗުން އެއްވަރު ވުމުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ސެމީގައި މާމެންދޫ ސްކޫލާ ވާދަ ކުރާ ލ. އޭއީސީ ސެމީއަށް ދިޔައީ ގުރޫޕް ބީގެ ދެ ވަނަ ޓީމުގެ ގޮތުގައި އަށް ޕޮއިންޓް ލިބިގެންނެވެ. ލ. އޭއީސީން ގުރޫޕް ސްޓޭޖް ނިންމާލީ އެއްވެސް މެޗަކުން ބަލި ނުވެ، ދެ މެޗުން މޮޅުވެ ދެ މެޗުން އެއްވަރު ވެގެންނެވެ.

މި މުބާރާތުގައި އެންމެ ގިނަ މެޗުން މޮޅު ވުމުގެ ރެކޯޑް އޮތީ ދަނބިދޫ ސްކޫލްގެ އަތުގައެވެ. ހަތަރު މެޗްގެ ތެރެއިން ތިން މެޗް ކާމިޔާބުކޮށް، އެއް މެޗް އެ ސްކޫލަށް ގެއްލުނެވެ. ސެމީއަށް ދިޔައީ ނުވަ ޕޮއިންޓާއެކު ގުރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ސެމީގައި ދަނބިދޫ ސްކޫލާ ވާދަކުރާ ޙަމަދު ސްކޫލަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ގުރޫޕް އޭއިން ސެމީއަށް އެ ސްކޫލް ދިޔައީ ދެ މެޗުން މޮޅު އެއް މެޗުން ބަލިވެގެންނެވެ.
ގުރޫޕް ސްޓޭޖްގެ ފަހު މެޗްތައް ކުޅުނީ މިއަދާއި މިރޭއެވެ. ގުރޫޕް ބީގައި ހިމެނޭ ލ. އޭއީސީއާއި އިސްދޫ ސްކޫލް ކުޅުނު މެޗް ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. އިހައްދޫ ސްކޫލާއި ދަނބިދޫ ސްކޫލު މިރޭ ކުޅުނު މެޗް 0-1ން މޮޅުވީ ދަނބިދޫ ސްކޫލެވެ.
މި މުބާރާތުގައި ލ. އަތޮޅުގެ ނުވަ ސްކޫލަކުން ބައިވެރިވިއެވެ.
ސެމީ ފައިނަލް މެޗްތައް ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ.
advertisment
ހިޔާލު