ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކިޔެވުން މި މޭމަހުގެ 31 ވަނަ ދުވަހު ފަށާގޮތަށް ޤައުމީ ޔުނިވަރސިޓީއިން ނިންމައި އެކަން ދަރިވަރުންނަށް ރަސްމީކޮށް އަންގައިފިއެވެ.
ރަސްމީކޮށް މިކަން އެންގުމުގެ ގޮތުން ޔުނިވަރސިޓޫގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފު ދަރިވަރުންނަށް ފޮނުއްވެވި އިލެކްޓްރޯނިކް މެސެޖުގައި ވިދާޅުވެފައިވަނީ މި ހިނގައި މެއި 31 ވަނަ ދުވަހުން ފެށިގެން ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސްކޫލް/ސެންޓަރު ތަކަކުން އިންޓަރނެޓް މެދުވެރިކޮށް ކިޔަވައިދިނުމުގެ މަސައްކަތް އަލުން ފެށޭނެ ކަމަށާއި ދަރިވަރުން މިކަމަށް ސަމާލުވެ ކޯސްކޯޑިނޭޓަރުންނާ ގުޅައިގެން ނުވަތަ ޔުނިވަރސިޓީ އާއި ވަކި ފެކަލްޓީގެ ވެބްސައިޓްތައް މެދުވެރިކޮށް ކިޔެވުމާބެހޭ މަޢުލޫމާތު ހޯދުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މި މެސެޖުގައި ވައިސްޗާންސެލަރ އިތުރަށް ފާހަގަކުރައްވާފައިވަނީ ޤައުމީ ޔުނިވަރސިޓީއަކީ ދުރުންދޭ ތަޢުލީމު ފޯރުކޮށްދިނުމަށް އައުތަނަކަށް ނުވިނަމަވެސް، މި މޯޑުގައި ގިނަ މާއްދާތަކެއް ކިޔަވައިދިނުމުގައި ގޮންޖެހުންތަކެއް ހުންނާނެކަމަށެވެ.
" ދުރުންދޭ ތަޢުލީމުގެ ނިޒާމަށް ކޯސްތައް ބަދަލުކުރުމަކީ ކުއްލިއަކަށް ގެނެވޭނޭ ބަދަލެއް ނޫން ކަމުން، މި މާއްދާތައް ކިޔަވައިދެމުން ގެންދާނީ ކިލާހުގައި ކިޔަވާދިން ގޮތާއި ގާތްކުރާ މާހައުލެއް އުފެއްދޭނެ ގޮތަކަށް ވިސްނައިގެންނެވެ. އެއީ، އިންޓަރެކްޓިވް ޕްލެޓްފޯމުތައް (އިންޓަރނެޓް ބޭނުންކޮށްގެން ދޭދޭ ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި މުޢާމަލާތް ކުރެވޭނޭ އެޕްލިކޭޝަންތައް) ބޭނުން ކުރުމުގައި ހުރަހެއް ނޯންނާނެ އެންމެހާ ގޮތްތައް ބޭނުންކޮށްގެންނެވެ." ވައިސްޗާންސެލަރ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ދެވަނަ ޓާރމުގައި ދަރިވަރުންގެ އަތުން ނަގާ ފީއަށް ބަދަލު ތަކެއް ގެނައުމަށް ވިސްނަވަމުން ގެންދަވާކަމަށް ވެސް ވައިސްޗާންސެލަރ ފާހަގަ ކުރެއްވިއެވެ.
" ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރަށް ބަލާއިރު 2 ވަނަ ޓާމުގައި ދަރިވަރުން އަތުން ނަގާ ފީ އަށް ވެސް ލުއިތަކެއް ގެނައުމަށް ވިސްނައި އެކަމުގެ މަޝްވަރާތައް ވަނީ ފެށިފައެވެ." ވައިސްޗާންސެލަރެގ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެސެސްމަންޓްތަކާއި އިމްތިހާނުކުރެވޭ ގޮތްތަކަށް ވެސް ބަދަލުތަކެއް ގެނައުމަށް ރާއްވަވާފައިވާކަމަށް ވެސް މެސެޖުގައި ވިދާޅުވެފައިވެއެވެ.
" ޔުނިވަރސިޓީގެ އަމާޒަކީ އިތުރު 7 ހަފްތާ އަށް ފުރަތަމަ ޓާރމްގެ ކިޔެވުން ކުރިއަށް ގެންގޮސް މިޓާރމްގައި ކިޔަވައިދޭން ހަމަޖެހިފައިވާ މުޤައްރަރު ފުރިހަމަކުރުމެވެ. މިއަހަރުގެ ފުރަތަމަ ޓާރމްގައި އެއްވެސް އިމްތިހާނެއް ނުބާއްވާ، ތިޔަ ދަރިވަރުން އެސެސްކުރެވޭނީ ދެވޭ އިޓަރނަލް އެސެސްމަންޓްތަކަށް ރިޢާޔަތް ކޮށްގެންނެވެ." މެސެޖުގައި ވިދާޅުވެފައިވެއެވެ.
ޤައުމީ ޔުނިވަރސިޓީއަކީ އެފުރާޅެއްގެ ދަށުގައި އެންމެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރަމުން އަންނަ ޔުނިވަރސިޓީއެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
އަދި ކިރިޔާ!!!
ގައުމީ ޔުނިވަރސިޓީ ހާދަ ފަހަތުގައޭ މި އުޅެނީ.