އޭނާގެ އެންމެ ބޮޑު އުފަލަކީ ލިބުނު ތައްޓެއް ނޫން، ދަރިވަރުން ކުރާ އިޚްތިރާމާއި ދޭ ލޯބި
ޖެހިޖެހިގެން ދެ މުބާރާތުން، ހަ ތަށި ހޯދުމަކީ އެއީ ކުޑަކަމެއް ނޫނެވެ. ފީއަލީގައި ހުންނަ ފ. އަތޮޅު މަދަރުސާއަށާއި މުޅިރަށަށް ވެސް އެއީ ބޮޑު ޝަރަފެކެވެ. މި ޝަރަފު ހޯދައިދިނުމުގެ ފަހަތުގައި ހުރީ އިންޓަރ ސްކޫލްގެ ވޮލީ ބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗް އަލީ ޒާހިރެވެ.
ނިމިގެންދިޔަ އިންޓަ ސްކޫލް ވޮލީ މުބާރާތުގެ ތިން ކެޓަގަރީއަކުން "ޑްރީމް ޓީމް" ގެ ކޯޗުގެ މަގާމު ހޯދީ ވެސް އޭނާއެވެ.
މީގެ ފަނަރަ ވަރަކަށް އަހަރު ކުރިން ފީއަލީގެ އެއް ނަމްބަރު ކުޅިވަރަކީ ފުޓްބޯޅައާއި ބައްޓެވެ. އެކަމަކު މިއަދު އެ މަންޒަރު މުޅިން ބަދަލުވެއްޖެއެވެ. ފުޓްބޯޅައާއި ބަށީގެ ބަދަލުގައި ދެ ޖިންސްގެ ޒުވާނުން މިއަދު ކުޅެނީ ވޮލީއެވެ. އެ ހާލަތު ބަދަލުކޮށްލި މޭސްތިރިއަކީ ވެސް އަލީއެވެ.
ވޮލީގައި އަލީގެ ނަން ހިނގަން ފެށީ ސްކޫލް ދައުރަށްފަހު އަތޮޅު މުބާރާތުންނާއި މާލޭ ލީގުންނެއެވެ. ދެވަނަ ޑިވިޜަނުގައި ވެސް ކުޅުނެއެވެ. ޖެހިޖެހިގެން ދެ އަހަރު އަތޮޅު މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދިއެވެ. އެ ހިސާބުން ވޮލީއާ އޭނާއާ ދެމެދު އޮތީ ހިތާ ހިތުގެ ގުޅުމެކެވެ. އެ ގުޅުން ބޮޑުވީ އެކްސިޑެންޓެއްވެގެން ރަށުގައި ހުންނަން ޖެހުނު ހިސާބުންނެވެ.

އެކްސިޑެންޓަށްފަހު އަލީ މަސައްކަތް ކުރީ މަދަރުސާގެ ސެކިއުރިޓީއެއްގެ ވަޒީފާގައެވެ. ވަޒީފާގެ ޒިންމާއަށްފަހު، ދަރިވަރުން ގޮވައިގެން އޭނާ ނުކުންނަނީ ވޮލީ ޕްރެކްޓިސްއަށެވެ. މިއީ މި ފާއިތުވި 12 އަހަރުގެ ދުވަހުގެ ތެރޭގައި ބަދަލެއް ނާންނަ އޭނާގެ ތާވަލް ބައްޓަންކުރި ގޮތެވެ.
އަލީގެ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަޅަކީ މަދަރުސާއިން ތަނަވަސްކޮށް ދިން ފުރުޞަތެއްގައި ވޮލީގެ ބޭސިކް ކޯސް ފުރިހަމަ ކުރުމެވެ. އޭގެ ފަހުން އިންޓަރނޭޝަނަލް ވޯލީބޯލް ކޯޗިންގ ލެވެލް ދޭއް ވެސް ނިންމިއެވެ.
" ކޯސް ނިންމާފައި އަޒުމް ކަނޑައެޅީ މުސްތަގުބަލުގައި ރަށަށް ރީތިނަން ހޯދައިދޭނެ ފަދަ ކުޅުންތެރިން ރަށުން އުފައްދަން. އެ ކަން އަމާޒަކަށް ހެދީ"
އެ ޢަޒުމުގައި މަސައްކަތް ފެށީ ގުރޭޑް ހަތަރަކުން ފެށިގެން މަތީގެ ދަރިވަރުން ހިމަނައިގެންނެވެ. އެ މަސައްކަތް ފެށީ ވަކި ކުދިންތަކަކަށް ފުރުޞަދު ދިނުމުގެ ބަދަލުގައި ހުރިހާ ކުދިންނަށް ފުރުޞަތު ލިބޭ ގޮތަށެވެ.
" އަޅުގަނޑު ބަލަނީ އިސްކޮޅު ހުންނަ ކުދިންނަށް، ކުޅެން ނޭގުނަސް ހުނަރު ދައްކައިދީގެން އެކުދިންގެ ހުނަރު ނެރެން"

ހަތް ގުރޭޑުން 130 ދަރިވަރުންގެ ޕޫލެއް ކުރިއަށްދާއިރު އަލީއަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ ވަޞީލަތްތައް ނެތުމެވެ. އެންމެ ކޯޓެއްގައި ކުދިން ގޮވައިގެން ޕްރެކްޓިސް ކުރާއިރު ބޭނުން ކުރަންޖެހެނީ ވެސް ހައެއްކަ ބޯޅައެވެ.
މަހެއްހާ ދުވަހުގެ ފްރެކްޓިސްއަށްފަހު، އެ ޕޫލުގައި ތިބި ކުދިންގެ އަދަދު މަދު ކުރަނީ 50 އަށެވެ. އިންޓަރ ސްކޫލް މުބާރާތަށް އަންނަނީ އޭގެ ތެރެއިން ފުރާނާލައިގެން ނަގާ ކުދިންނެވެ.
އެ ކުދިން ގޮވައިގެން އިންޓަ ސްކޫލް މުބާރާތަކަށް ނުކުތީ 2017 ވަނަ އަހަރުއެވެ. އެ އަހަރު މާބޮޑު ކާމިޔާބީއެއް ލިބޭ ގޮތެއް ނުވެއެވެ. ގުރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީއެވެ. ޖެހިގެން އައި އަހަރު ސެމީއަށް ދިޔައެވެ. ބައިވެރިވީ 19 އަހަރުން ދަށުގެ އުމުރު ފުރައިގައެވެ.
އަލީ ބުނީ ސޯޅަ އަހަރުން ދަށުގެ ދަރިވަރުން 19 އަހަރުން ދަށުގައި ކުޅުމަކީ އެއީ އޭރު ކާމިޔާބު ހޯދަން ކުރިމަތިވި ހުރަހެއް ކަމަށެވެ. އެހެންވެ ސްކޫލާއި ވާހަކަ ދައްކައިގެން ސާދަ އަހަރާއި ސޯޅަ އަހަރުގެ އުމުރު ފުރައިގައި ވެސް ބައިވެރިވާން ނިންމީއެވެ.
" ސޯޅަ އަހަރުން ދަށުގެ ދަރިވަރުން 19 އަހަރުން ދަށުގައި ކުޅުމަކީ އެ ކުދިންނަށް ވެސް އުނދަގޫ ކަމެއް. ފެންވަރުގެ ގޮތުންނާއި އުމުރުގެ ގޮތުން އެ ތަފާތު ފެނުނީ"

ސާދަ އަހަރާއި ސޯޅަ އަހަރު ފުރައިގައި ފ. އަތޮޅުން ބައިވެރިވީ 2019 ވަނަ އަހަރުއެވެ. އެ ފަހަރު ސާދަ އަހަރުން ދަށުގެ އަންހެން ފިރިހެން ޗެމްޕިއަންކަން ލިބުނެވެ. ސޯޅަ އަހަރުން ދަށުގެ ޗެމްޕިއަންކަން ލިބުނީ ފިރިހެން ކެޓަގަރީންނެވެ. އަންހެން ޓީމް ބަލިވީ ގޮއިދޫ ސްކޫލް އަތުންނެވެ. އެ އަހަރު ވެސް އަލީ ނުކުތީ ހަތަރު ތަށި ހޯދުމުގެ އަޒުމުގައެވެ.
އެ އަހަރަށްފަހު އިންޓަ ސްކޫލް ވޮލީ މުބާރާތް މެދުކެނޑުނީއެވެ. އޭގެ ފަހުން އެ މުބާރާތް ބޭއްވި މި އަހަރުއެވެ. މި އަހަރު ވެސް ނުކުތީ ހަތަރު ތަށި ހޯދުމުގެ އަޒުމުގައެވެ. އެކަމަކު 16 އަހަރުން ދަށުގެ ފިރިހެން ތަށި ގެއްލި ލިބުނީ އަންހެން ބައިގެ ތައްޓެވެ.
" ހަތަރު ތައްޓަށް އަމާޒުކޮށް ނުކުތީ. އަންނަ އަހަރުވެސް ހަތަރު ތައްޓަށް އަމާޒު ހިފައިގެން ނުކުންނާނީ" އަލީ ބުންޏެވެ.

އަލީ ބުނީ އަތޮޅު މުބާރާތް ކުރިއަށް ގެންދިޔުމުން އިންޓަ ސްކޫލް މުބާރާތަށް ތައްޔާރުވާން ލިބުނީ ދެ ހަފްތާކަމަށެވެ. އަންނަ އަހަރަށް ތައްޔާރުވާން ދުރާލާ ޕްރެކްޓިސް ފަށަން ބޭނުންވާ ކަމަށް އަލީ ބުންޏެވެ. އޭނާ ވަނީ އެކަން ސްކޫލްގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.
" ބޭނުން ވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރެކްޓިސް ފަށަން. ދުރާލާ ތައްޔާރުވެ ތަށި މިލްކް ކުރެވޭ ވަރަށް ރަނގަޅު ޓީމެއް ބިނާކުރަން"
އޭނާ ބޭނުންވާ ހުރިހާ ކަމެއްގައި ސްކޫލްގެ އެހީތެރިކަން އޮތީ ހުޅުވާލާފައެވެ. ފުރިހަމަ ކާމިޔާބީއަކަށް މަސައްކަތް ކުރެވެނީ ވެސް އެހެންވެއެވެ. ސްކޫލުގެ މެނޭޖްމަންޓުން އޭނާއަށް ކުރާ އިތުބާރު ބޮޑެވެ.
އަލީ ބުނީ ޓީމު ނަގާއިރު އަބަދުވެސް ވިސްނަނީ ކުރިއަށް އޮންނަ އަހަރުވެސް އެ އުމުރު ފުރައިގައި ކުޅޭނެ ކުދިން ޓީމުގައި ހިމަނައިގެން ހަމަހަމަ ފުރުޞަތު ދިނުމަށެވެ.
" މިފަހަރު 16 އަހަރުން ދަށުގެ ކުދިން ނެގީ މިއަހަރު ވަކިވެގެން ދާނެ ކުދިންނާއި އަދި އަންނަ އަހަރު ކުޅެވޭނެ ކުދިންނަށް ބަލައިގެން ހަމަހަމަ އުޞޫލަކުން. ސާދަ އަހަރުން ދަށުގެ ވެސް ހަމަ އެ ގޮތަށް. ހަ ކުޅުންތެރިން ބަދަލުވާނީ. އެގޮތަށް ހަދަނީ މުޅި ބެޗް އާ ކުރަންވެއްޖިއްޔާ ޕްރެކްޓިސްއަށް ދިގު މުއްދަތެއް ނަގާނެތީ"
އަލީ ބުނީ ޕްރެކްޓިސް ކުރަމުންދާއިރު އަދި ބައެއް ކުދިން ޓީމުގައި ހިމަނާތީ ބައެއް ބެލެނިވެރިންގެ ފަރާތުން ނޭދެވޭ ބަސްތައް ކުދިންނަށް އަމާޒުކޮށް ބުނުމަކީ އެއީ އެކުދިންގެ ކުރިމަގަށް އެޅޭ ހުރަހެއް ކަމަށެވެ. ކުއްޖެއްގެ ހުނަރު ބިނާވަނީ ކުއްޖާ ހުންނަ ގޮތަކަށް ނޫން ކަމަށާއި އެ ކުއްޖާއަށް ދެވޭ ތަންރީނާއި ކުރާ މަސައްކަތުގެ މައްޗަށް ކަމަށް ތަޖުރިބާގެ އަލީގައި އަލީ ފާހަގަކުރިއެވެ.

މިސާލެއްގެ ގޮތުގައި އޭނާ ނެގީ ސާދަ އަހަރުން ދަށުގެ އުމުރު ފުރައިގައި ކުޅެމުން އައި ކުޅުންތެރިއެކެވެ. ނަން ނުބުނެ އަލީ ބުނީ އެ ކުއްޖާ ތީމަށް ނެގުމުން ބެލެނިވެރިއެއްގެ ނުރުހުން އައި ކަމަށާއި އެކުއްޖާއަށް ނުކުޅެވޭނެއޭ ބުނި ކަމަށެވެ. އެކަމަކު މުބާރާތުގައި އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔަކީ އެއީ ކަމަށް އަލީ ބުންޏެވެ.
" ކުޅޭއިރު ކޮންމެ ކުއްޖަކަށް ވެސް އަދި ކޮންމެ މީހަކަށް ވެސް މިސްޓޭކެއް ހެދޭނެ. މިސްޓޭކެއް ހެދޭއިރަށް އެ ކުއްޖަކަށް ނިސްބަތްކޮށް އެއްޗެއް ބުނުމަކީ އަޅުގަނޑު ކުރާ ކަމެއް ނޫން. އޭގެ ސަބަބުން އެކުއްޖާގެ މުސްތަގުބަލަށް އޭގެ ނޭދެވޭ އަސަރު ކުރަނީ" އަލީ ބުންޏެވެ.
އަލީ ބުނީ ކުދިން ގޮވައިގެން އޭނާ މަސައްކަތް ކުރަނީ އެކުދިންނަށް އަޅާލައި ލޯތްބާއި އެކުވެރިކަމާއެކުގައި ކަމަށެވެ. އެ ކުދިންގެ ފަރާތުން އޭނާއަށް ލިބެނީ ވެސް އެ ލޯތްބެއެވެ.
އަލީ ބުނީ އެ ގޮތަށް ކުދިން ގޮވައިގެން އުޅެވުމުގެ ނަތީޖާއަކީ އެއްވެސް ކުއްޖެއްގެ ނުރުހުމުގެ އެންމެ ބަހެއް ވެސް މިހާތަނަށް އޭނައަށް އަމާޒުވެފައި ނުވުމެވެ.
advertisment
ހިޔާލު