ކޮވިޑް19ގެ ހާލަތު ދިގުދެމިގެން ގޮސްފިނަމަ މުދައްރިސުންގެ އަދަދު މަދުވުމުގެ ފުރުޞާތު އެބައޮތް ކަަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރު، މިހެން ވިދާޅުވީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އަދި ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސިއެރަ ލިއޯންގެ ބޭސިކް އަދި ސީނިއާ ސެކަންޑްރީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ބޭއްވި މިނިސްޓަރުންގެ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ހާލަތު ގޯސްވަމުން ދާނަމަ ރާއްޖޭގައި ތިބި ބިދޭސީ މުދައްރިސުން އެމީހުންގެ ގައުމަށް ދިއުމުގެ ފުރުޞަތު އެބައޮތް ކަމަށާއި، ބަލިމަޑުކަމާއެކު ދިމާވަމުންދާ މާލީ ދަތިތަކާ ހުރެ މާލޭގައި މަސައްކަތް ކުރަމުންދާ މުދައްރިސުން އެމީހުންގެ ރަށަށް ބަދަލުވުމުގެ ފުރުޞަތުވެސް ވަރަށް ބޮޑު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މުދައްރުސުންގެ 83 އިންސައްތައަކީ އަންހެނުން ކަމަށާއި، އޭގެ ތެރެއިން ގިނަ މީހުން މަސައްކަތް ކުރަނީ މާލެ ހިމެނޭ ސަރަހައްދު ތަކުގެ ސްކޫލްތަކުގައި ކަމަށެވެ.
މި ހާލަތުގައި ދަރިވަރުންނާ ހަމައަށް ފިލާވަޅުތައް ގެންގޮސް ދިނުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، ވާޗުއަލްކޮށް ކިޔަވައިދިނުމުގެ ނިޒާމަކީ ރާއްޖޭގެ ސްކޫލު ސިސްޓަމަށް ވަރަށް އާ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކިޔަވައި ދިނުމުގެ ކޮންޓެންޓް ތައްޔާރު ކުރާނެ މުދައްރިސުން ތަމްރީނު ކުރަންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތް ލިބެން ނެތް ގޭގެ އެބަހުރި ކަމަށާއި، އިންޓަރނެޓްގެ ކަނެކްޝަން ދަށްވުމާއެކު އޭގެ އަގު ބޮޑުވުމަކީވެސް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ސްކޫލު ނިޒާމު އޮތީ މި ބަލިމަޑުކަމަށް ފުރިހަމައަށް ތައްޔާރުވެފައެއް ނޫން ކަމަށާޢި، މިކަމުން އަރައިގަތުމަށް މަސްތަކެއް ނޫނީ އަހަރުތަކެއް ހޭދަވެދާނެ ކަމަށެވެ. މިހެންވެ ސްކޫލްތައް ހުޅުވައި ކިޔަވައިދީ "ނިއު ނޯމަލް" އަށް ދިއުމަށް ތަމްރީނުވެފައިވާ ކައުންސެލަރުންނާއި ސިއްހީ އެހީތެރިން ރާއްޖެއަށް ބޭނުންވާ ކަމަށް މިނިސްޓަރުގެ ތަގުރީރުގައި ފާހަގަކުރައްވާފައެވެ.
" ކިޔެވުމަށް ލޮޅުުން އަރާ ފަދަ ގޮތަކަށް ދެން ކުރިމަތިވާ ބަލިމަޑުކަމެއްގައި ނުވަތަ ކާރިސާއަކަށް މިހާރަށް ވުރެ ބޮޑަށް ތައްޔާރުވެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދު ކުރީ މާރޗް މަހުގެ 12 ވަނަ ދުވަހުއެވެ. ސްކޫލްތައް ބަންދުކުރުމާ ގުޅިގެން "ޓެލިކިލާސް" މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދިނުމުގެ މަސައްކަތް ފެށިއެވެ. މާލެ ލޮކްޑައުންކުރުމާ އެކު ޓެލިކިލާސްތައް ވަނީ ހުއްޓާލާފައެވެ.
advertisment
ހިޔާލު