އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގެ ތިން އުމުރު ފުރައެއްގެ ފައިނަލް ނިމިގެން ދިޔައިރު އެންމެ ކާމިޔާބު ޓީމަކީ ފ. އަތޮޅު މަދަރުސާއެވެ. ސާދަ އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ތަށި އެ ސްކޫލުން ވަނީ ހޯދާފައެވެ. ފާއިތުވި އަހަރުވެސް މި އުމުރު ފުރައިގެ ޗެމްޕިއަނުންނަކީ އެ ސްކޫލެވެ.
މިދިޔަ އަހަރު، 16 އަހަރުން ދަށުގެ ފިރިހެންޓީމު ތަށި ގެންދިޔައިރު، މި ފަހަރު ތަށި ގެނައި އަންހެންޓީމެވެ. 16 އަހަރުން ދަށުގެ ފިރިހެން ޓީމް ބަލިވީ ސެމީގައި އދ. އަތޮޅު މަދަރުސާއާ ވާދަކޮށެވެ.
މުޅި މުބާރަތުގައި ވެސް އެންމެ މުހިންމު ރެކޯޑެއް ދަމަހައްޓަމުން އައި ފ. އަތޮޅު މަދަރުސާއިންނެވެ. ސާދަ އަހަރުން ދަށް ފިރިހެން ޓީމު ފައިނަލަށް ދިޔައީ ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ފައިނަލުގައި ކެޔޮދޫ ސްކޫލްގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.

ސާދަ އަހަރުން ދަށުގެ އަންހެން ޓީމު ފައިނަލަށް ދިޔައީ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ތާޖުއްދީން ސްކޫލް ބަލިކޮށްފައެވެ. ފައިނަލުގައި މޮޅުވީ ތ. މަޑިފުށީ ސްކޫލާ ވާދަކޮށެވެ.
ސޯޅަ އަހަރުން ދަށުގެ އަންހެންޓީމް ފައިނަލަށް ދިޔައީ ކެޔޮދޫ ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ހަތަރު ވަނަ ތައްޓަށް އެ ސްކޫލުން ކުރި އުއްމީދު ގެއްލުވާލީ އދ. އަތޮޅު މަދަރުސާއިންނެވެ. ސެމީގައި 16 އަހަރުން ދަށުގެ ފިރިހެން ޓީމުގެ މައްޗަށް ކުރި ހޯދީ އދ. އަތޮޅު މަދަރުސާއިންނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން ތިބީ ވެސް ފ. އަތޮޅު މަދަރުސާގައެވެ.
ފ. އަތޮޅު މަދަރުސާގެ ސްޕޯޓްސް ސްޕަވައިޒަރ މުޙައްމަދު ފަޒީން ދަރިވަރު ނޫހަށް ވިދާޅުވީ، އިންޓަ ސްކޫލް ވޮލީ މުބާރާތަށް އެ ސްކޫލުން ނުކުތީ ހަތަރު ތައްޓަށް އަމާޒުކޮށްގެން ކަމަށެވެ.
" މިދިޔަ އަހަރުވެސް ތިން ތަށި މި ފަހަރު ވެސް ތިން ތަށި މި ލިބުނީ. އަންނަ އަހަރުވެސް ހަތަރު ތަށި ހޯދަން ނުކުންނާނީ" ފަޒީން ވިދާޅުވިއެވެ.

ފ. ފީއަލީގައި ހުންނަ އެއަތޮޅު މަދަރުސާގައި 300 އެއްހާ އާބާދީއެއް ކިޔަވަމުންދާއިރު، އަންނަ އަހަރުގެ ވޮލީ މުބާރާތަކީ އެ ސްކޫލަށް ވަރަށް މުހިންމު މުބާރާތެކެވެ. އެއީ މިދިޔަ އަހަރާއި މި އަހަރު ސާދަ އަހަރުން ދަށުގެ ދެ ބައިން ޗެމްޕިއަންކަން ލިބިފައި ވާތީ އެ ދެ ތަށި އަންނަ އަހަރު ހޯދިއްޖެނަމަ އެ ސްކޫލަށް މިލްކް ވާނެއެވެ.
ފަޒީން ވިދާޅުވީ އަތޮޅު މުބާރާތަށްފަހު އިންޓަ ސްކޫލް މުބާރާތަށް ތައްޔާރުވާން ލިބުނީ އެންމެ ދެ ހަފްތާ ކަމަށެވެ.
" މިފަހަރު ތައްޔާރުވާން ލިބުނީ އެންމެ ދެ ހަފްތާ. އަންނަ އަހަރު ދުރާލާ ތައްޔާރުވާނަން" ފަޒީން ވިދާޅިވިއެވެ.

އޭނާ ވިދާޅުވީ އެކަށީގެންވާ ވަޞީލަތްތައް ލިބޭނަމަ މިއަށްވުރެ ރަނގަޅު މާ މޮޅު ކުޅުންތެރިން ފެންނާނެ ކަމަށެވެ.
" ވަރަށް ދަތީގައި ޕްރެކްޓިސްވެސް ކުރިއަށް ގެންދަނީ. އަދި މާލެއައުމަކީ ވެސް ބޮޑު ޚަރަދެއް ހިނގާކަމެއް"

އޭނާ ވިދާޅުވީ 16 އަހަރުން ދަށުގެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންނަކީ މިހާރު ގުރޭޑް 9ގައި ކިޔަވާ ދަރިވަރުންނަށް ވުމުން އަންނަ އަހަރުވެސް އެ ދަރިވަރުންނަށް އެ އުމުރު ފުރައިގައި ކުޅެވުމަކީ އެއީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ. އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހޭނީ ސާދަ އަހަރުން ދަށުގެ އުމުރު ފުރައަށެވެ. އެ އުމުރު ފުރައިގެ ހުނަރުވެރި ދަރިވަރުން މިހާރު ވެސް އެބަތިބި ކަމަށް ފަޒީން ވިދާޅުވިއެވެ.
ފީއައްޔަކީ ވޮލީގައި އަބަދުވެސް ނަން ހިނގާ ރަށެވެ. އެރަށު ސްކޫލުން ފެންނަނީ އެ މަންޒަރެވެ.
advertisment
ހިޔާލު