އަމުރުވެރި ދަރިވަރު: ފުރަބަންދާއެކު ގްރޫޕް ސްޓަޑީޒް ކޮންފަރެންސް ކޯލަށް

ކޮވިޑް19އާ އެކު ސްކޫލްތައް ހުރީ ބަންދު ކޮށްފައެވެ. އޯލެވެލް ކުދިންނަށް ކުރިއަށް ގެންދިޔަ ޓެލިކިލާސްތައް ވެސް މި ހާލަތުގައި އޮތީ މެދުކަނޑާލާފައެވެ. ސްކޫލްތަކުން ކުރިއަށް ގެންދިޔަ ގޫގުލް ކުލާސްތައްވެސް މިހާރު ކުރިއަށް ނުގެންދެއެވެ. ހާލަތަކާ ގުޅިގެން ކިޔަވަން އޮތް އެންމެ މޮޅު ގޮތެއް ކަމަށް މަޖީދިއްޔާގެ ސްކޫލްގެ ކެޕްޓަން މޫސާ މަނާލް އަބްދުލް މަޖީދަށް ފާހަގަ ކުރެވުނީ ގުރޫޕް ސްޓަޑީޒް ހެދުމެވެ. އެއީވެސް ކޮންފަރެންސް ކޯލް މެދުވެރިކޮށެވެ.

" ކުރިއަށް އޮތީ އޯލެވެލް، ކިޔަވައިދެވެން އޮތް ހުރިހާ ވަޞީލަތްތައް ހުއްޓިފައި ހުރީމާ އަޅުގަނޑުމެން އެއްކޮށް އުޅޭ ކުދިން ބޭނުންވީ ގުރޫޕް ސްޓަޑީޒް ހަދަން. ފިލާވަޅުތަކާ ގުޅޭ ގޮތުން އެކަކު އަނެކަކާ މަޝްވަރާ ކުރަން. އެގޮތުން އެންމެންނަށް ފެނުނީ ކޮންފަރެންސް ކޯލް ހަދައިގެން ކުރިއަށް ގެންދަން" ކޮންފަރެންސް ކޯލް ފެށުނު ގޮތް މަނާލް ކިޔައިދިނެވެ.

މަނާލް ބުނީ ކޮންމެ ދުވަހަކު ގޮތަކަށް ޓިއުޝަން ކޮންފަރެންސް ކުރިއަށް ގެންދާ ކަމަށާއި އެންމެ މަދުން ބައިވެރިވާ ދުވަސް ދުވަހު މަދުވެގެން ތިން ކުދިން ބައިވެރިވާ ކަމަށެވެ.

މަނާލް އަކީ ކިޔެވުމަށް ޝައުގު ހުންނަ އެކަމަށް ގަދައަޅައި މަސައްކަތް ކުރާ ނަމޫނާ ދަރިވަރެކެވެ. މަޖީދިއްޔާ ސްކުލްގެ ކެޕްޓަން ކަމުގެ ފަޚުރިވެރި މަގާމް އެނާ ދިފާއުކުރީ ކިޔެވުމާއި އިތުރު ހަރަކާތްތަކާއި އަމުރުވެރި ދަރިވަރެއްގެ ގޮތުގައި ދައްކަމުން ދިޔަ ނަމޫނާގެ ސަބަބުންނެވެ.

ސްކޫލްގެ ކެޕްޓަން ކަމަކީ ކުޑައިރުއްސުރެ އޭނާ ދެކެމެން ދިޔަ ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ބުރަ މަސައްކަތްތަކެއް ވެސް ކުރިއެވެ. ކިޔެވުމާއި އަޚުލާގާއި ދަރިވަރުންނާއެކު އޮންނަ ގުޅުން ވަކި ތަރުތީބަކުން ކުރިއަށް ގެންދިޔައެވެ. " ކެޕްޓަނަކަށް ވުމަކީ ވަރަށް ކުރަން ބޭނުންވި ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް. އެކަން ޙާޞިލް ވުމުން ވަރަށް އުފާވެރި" މަނާލް ބުންޏެވެ.

ގުރޭޑް ދިހަ އަކާ ހަމައަށް އައިއިރުވެސް ޑިއުޝަނެއް ނުނަގައެވެ. އެއީ އޭނާ ކުރާ ހިތްވާ ކަމެއް ނޫނެވެ. މަނާލް ދެކޭ ގޮތުގައި ޓިއުޝަން ބޭނުންވާނީ ނަގައިދޭ ފިލާވަޅު ދޭހަ ނުވާ ދަރިވަރުންނެވެ.

" އެ ޑިޕެންޑް ވަނީ ކުއްޖާގެ ނަގައިގަނެވުމުގެ ހުނަރަށް. ކެޕޭސިޓީއަށް، ސްކޫލްގައި ކިޔަވައިދޭ އެއްޗެއް ފަހުމު ނުވަންޏާ ޓިއުޝަން ވަރަށް މުހިންމު. މުދައްރިސްދޭ ފިލާވަޅު ދޭހަ ވާނަމަ ޓިއުޝަން މުހިންމެއްނޫން" މަނާލް ބުންޏެވެ.
މަނާލްއަކީ ގަވާއިދުން ފިލާވަޅުތައް މުޠާލިޔާކުރާ ކުއްޖެކެވެ. ކޮންމެ ހަފުތާއަކުވެސް ވަކި ޓައިމްޓޭބަލެއް ހަދައިގެން ރިވައިސް ކުރުމަކީ ގަވާއިދުން ކުރާ ކަމެކެވެ. އެއިރުން ޓެސްޓަށް ހާސްވެ ފިކުރު ބޮޑުވާކަށް ނުޖެހެއެވެ.

" ވަރަށް މުހިންމު ކަމެއް އެއީ ކޮންމެ ދުވަހަކުވެސް ކިޔަވައިދޭ ފިލާވަޅުތައް މުޠާލިއާ ކުރުން. ޓައިމްޓޭބަލް ހަދާލާފައި އޮންނާނީ ހަފުތާއަކަށް ކޮންމެ ދުވަހަކުވެސް ވަކި މާއްދާއެއް ރިވައިސް ކުރާގޮތަށް، ކޮންމެ ދުވަހަކު މަދުވެގެން އެއް ގަޑިއިރު ކިޔެވުމުގައި ހޭދަކުރަން" ކިޔެވުން ރާވާލާފައިވާ ގޮތް މަނާލް ކިޔައިދިނެވެ.

މަނާލް މިހާރު ކުރާ ކަމަކީ ކޯޑް ކުރުމެވެ. އެކަމަށް ވަގުތު ހުސްކޮށްގެން އެތައް މަސައްކަތެއް އޭނާ ކުރެއެވެ. ހޮބީއެއްގެ ގޮތުގައި އެކަން ކުރަން ދޫކޮށްލައި މުސްތަގުބަލުގައި އޭނާ ފެންނާނީ އެއަރކުރާފްޓް އިންޖިނިއަރެއްގެ ގޮތުގައެވެ. އެއީ މާކުރިއްސުރެ އޭނާގެ ނިންމުމެކެވެ. ކުޑައިރު ކުޅެން އުޅޭއިރުވެސް މަތިންދާ ބޯޓަކީ ވަރަށް ގަޔާވާ އެއްޗެކެވެ. އެ ޝައުގުވެރިކަމަށް ބަދަލެއް ނާދެއެވެ.

އިތުރު ހަރަކާތުގެ ގޮތުގައި ސްކޫލްގައި ފުޓްބޯޅައާއި ހޭންޑްބޯޅައިގެ އިތުރުން ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ކާމިޔާބީތަކެއްވެސް މަނާލް ވަނީ ހޯދާފައެވެ.

މަނާލްގެ ދުއާއަކީ ކޮވިޑްގެ ނުރައްކަލުން ސަލާމަތްވެ ސްކޫލަށް ކިޔަވަން ދެވުމެވެ. މުދައްރިސުންނާއި އެކުވެރި އެންމެހާ ކުދިންނާއެކު ކުރީގެ ހާލަތަށް ދިއުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *