ޝަރަފުއްދީން ސްކޫލްގެ ރަތަމް ނާޝިދު ރަޝީދަށް ދިވެހި މާއްދާއަކީ އަބަދުވެސް އެންމެ އުނދަގޫ އެއް މާއްދާއެވެ. ގުރޭޑް ދިހައަކަށް ދެވުމާއެކު ރަތަމް ކަނޑައެޅި އެއް އަޒުމަކީ ދިވެހި މާއްދާއިން ހައިރާން ކުރުވަނިވި ކުރިއެރުމެއް ހޯދުމެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތާއި ދޭންޖެހޭ ވަގުތު ވެސް އޭނާއަށް އެނގެއެވެ. އެހެންވެ އެހެން އެއްވެސް މާއްދާއަކަށް ނުދޭ ވަގުތާއި ހަކަތަ ދިވެހި މާއްދާއަށް ހުސްކުރިއެވެ. އެންމެ ސަބަބަކައްޓަކައެވެ. އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުމަށްޓަކައެވެ.

" އެސްއެސްސީ ދިވެހި މާއްދާގެ ޕޭޕަރު ހަދާ ނިންމާލިއިރު ވެސް ހާސް ކަމެއް ނެތް. އެމަކު އިމްތިހާނަށްފަހު، ސުވާލުތަކާ މެދު ވިސްނަން ފެށީމާ އޭ ސްޓަރއެއް ލިބިދާނެ ބާވައޭ ހިތަށް އެރި" ރަތަމް ބުންޏެވެ.
ރަތަމް ބުނީ، ދިވެހި މާއްދާއިން ދޭ ފިލާވަޅުތަކާއި އެސައިންމަންޓްތަކުގެ އިތުރުން އަމިއްލައަށް ވެސް ގޭގައި ބައެއް މަސައްކަތްތައް ކުރުމަށްފަހު، އެ މަސައްކަތްތައް ޓީޗަރުންނަށް ދައްކައިގެން ހެދިފައި ހުންނަ ގޯސްތައް ރަނގަޅު ކުރުވާ ކަމަށެވެ.
" މީހަކު ހީވެސް ނުކުރާ ވަރަށް މަސައްކަތް ކުރިން. މުދައްރިސުން ދިން ހިތްވަރާއެކު، އަމިއްލަ ނަފުސަށް އިތުބާރާއި ޔަޤީންކަން ލިބެންދެން ކޮންމެ މަސައްކަތެއް ވެސް ކުރަން. އޭގެ ނަތީޖާ އިމްތިޙާނުން އެ ފެނުނީ"
ރަނގަޅު ނަތީޖާއެއް ހޯދުމަކީ އެއީ އޭނާގެ ހިތުގައި އަބަދުވެސް ކަނޑައަޅާފައި އޮންނަ ޢަޒުމެކެވެ. ކިޔެވުމުގައި އަބަދުވެސް ބަލަނީ އެންމެ ކުރި އަތުލެވޭތޯއެވެ. އެކަން ކުރުމަށްޓަކައި އިތުރު އެހީ ހޯދުމުގެ ގޮތުން ހުރިހާ މާއްދާއަކުން ވެސް ޓިއުޝަންނެގިއެވެ.

މި އަހަރު ހެދި އޯލެވެލް އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ފަޚުރުވެރި އެއްވަނަ ޝަރަފުއްދީން ސްކޫލްގެ ދެ ދަރިވަރުންނަށް ލިބުނެވެ. އޭގެ ތެރެއިން އެއް ދަރިވަރަކީ ރަތަމްއެވެ.
ރަތަމް ބުނީ ކާމިޔާބީއަށް އެދޭނަމަ ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި ހުރިހާ މާއްދާއަކުން ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމެއް އޮންނަންޖެހޭނެ ކަމަށެވެ.
" ހަމައެކަނި ދިވެއްސެއް ނޫން، ހުރިހާ މާއްދާއަކުން ވެސް ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކޮށްގެން ރަނގަޅު ނަތީޖާއެއް ލިބުނީ"
ރަތަމް ބުނީ، ޓިއުޝަން ނެގީ ޕާސްޓް ޕޭޕަރު ހެދުމުގެ ބޭނުމުގައި ކަމަށެވެ.

" އޯލެވެލްއަށް ތައްޔާރުވާން ޓިއުޝަނަށް ގޮސް ޕޭސްޕަރު ހެދީ"
ރަތަމް ބުނީ ކޮންމެ ދުވަހަކު ވެސް ކިޔަވަނީ ވަކި ތާވަލެއް ހަދައިގެން ކަމަށާއި އެ ތާވަލަށް ބަދަލުތަކެއް ވެސް ގެންނަ ކަމަށެވެ. ބައެއް ދުވަސްދުވަހު ހުރިހާ މާއްދާތަކަށް ވަގުތު ދޭއިރު، އަނެއްބައި ދުވަސްދުވަހު ދޭން ނޫނީ ތިން މާއްދާއަށް ވަގުތު ހުސްކުރާ ކަމަށް ރަތަމް ބުންޏެވެ.
ކިޔެވުމަށް ގިނަ ވަގުތު ދިން ނަމަވެސް ރަތަމް ނުކުރާ ކަމަކީ ހޭލާ ހުރެގެން ފިލާވަޅު ދަސްކުރުމެވެ. އޭނާގެ ދުވަހީ ތާވަލުގައި ކަނޑައަޅާފައިވާ ކަންތައްތައް ކޮންމެ ރެއެއްގެ 10:30 ނިންމާލައެވެ. އޭގެ ފަހަށް އޮންނަނީ ނިދުމެވެ.
" 10:30 ގެ ފަހުން ކިޔެވުމެއް ނޯންނާނެ"
ކިޔެވުމުގައި އެހެން ކުދިންނާ ވާދަކުރުމުގެ ބަދަލުގައި ރަތަމް ބެލީ ކުރާ މަސައްކަތުން ނަތީޖާ ނެރޭށެވެ. މީހެއްގެ ނަތީޖާ އޭނާއަށް މުހިންމެއް ނޫނެވެ. އޭނާއަށް މުހިންމީ އަމިއްލަ ނަތީޖާއެވެ.

އިތުރު ހަރަކާތްތަކުގައި ވެސް ރަތަމް ބައިވެރިވިއެވެ. ކުޅިވަރެއްގެ ގޮތުގައި ނެޓްބޯޅައާއި ބެޑްމިންޓަން ކުޅުނުއިރު، އަދަބީ ހަރަކާތްތަކެއްގެ ގޮތުގައި ވާހަކަ ދެއްކުމާއި މަޒުމޫނު ލިޔުމުގައި ބައިވެރިވިއެވެ.
ބައޮލޮޖީއަށް ޚާއްޞަ ސަމާލުކަމެއް ދެމުން އަންނަ ރަތަމްއަށް ކުރިއަށް ދާނެ ދާއިރާއެއް ކަނޑައަޅަން އެހާ ފަސޭހައެއް ނުވި ނަމަވެސް މިހާރު އޭނާ ނިންމައިގެން ހުރީ މެޑިސިންގެ ދާއިރާއިން ކުރިއަށް ދާށެވެ.
" ނިއުރޮލޮޖިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތް ކުރުމަކީ މިހާރު ދެކޭ ހުވަފެނެއް"

ރަތަމްބުނީ އޭނާގެ ކާމިޔާބީގައި މައިންބަފައިންގެ ހިއްސާ ބޮޑުކަމަށާއި ޝަރަފުއްދީނުގެ ހުރިހާ ޓީޗަރުން އެ ހިއްސާގައި ބައިވެރިވާ ކަމަށެވެ. އެހެންވެ އެ ފަރާތްތަކަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރެއެވެ.
advertisment
ހިޔާލު