ފެހެންދޫ ދަރިވަރުން ސްކޫލަށްދާން ބަން ލޯންޗް ފެރީގެ ދަތުރުތައް ފަށަނީ

ބ. ފެހެންދޫގެ ކުދިން ކޮންމެ ދުވަހަކު ގޮއިދޫ ސްކޫލަށް ދިއުމަށް ޑިންގީއެއްގައި ދަތުރުކުރަން ޖެހޭތީ އެކަން ހައްލު ކޮށްދިނުމަށްޓަކައި އެ ސްކޫލަށް ޚާއްސަކޮށްގެން ބަނދެފައިވާ ފެރީ އެޑިއުކޭޝަން މިނިސްޓަރު ބައްލަވައިލައްވައިފިއެވެ. މި ފެރީގެ ޚިދުމަތް ސްކޫލް ހުޅުވުމާއެކު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަކޮށްފައިވާ ސީޓްތަކެއް ހިމެނޭ މި ލޯންޗް ފެރީގައި 27 ކުދިންނާއި، ތިން ފަޅުވެރިންގެ ޖާގަ ހިމެނެއެވެ.

މި ލޯންޗް ފެރީ ބަނދެފައިވަނީ 2.4 މިލިއަން ރުފިޔާއަށް އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ފެހެންދޫ ސްކޫލް 2008 ވަނަ އަހަރު ބަންދުކުރުމާ ގުޅިގެން އެރަށު ކުދިން ކިޔަވަން ދާން ފެށީ ކައިރީގައި އޮތް ގޮއިދޫއަށެވެ. ހަތް މިނިޓްގެ ދަތުރަކަށްފަހު، ގޮއިދޫއަށް ފެހެންދޫގެ 26 ކުދިން ކިޔަވަން ދެއެވެ. މީގެތެރޭގައި ޕްރީ ސްކޫލްގެ އުމުރު ފުރައިގެ ކުދިން ހިމެނެއެވެ. ކަނޑު ހުރަސްކޮށް އެކުދިން މިހާރު ދަތުރު ކުރަމުން ދަނީ ޑިންގީއެއްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *