ސާނަވީ ތަޢުލީމު ނިންމައި މަތީ ސާނަވީ ތަޢުލީމު ފެށުމާއި ދެމެދު ދަރިވަރުންނަށް ލިބޭ ވަގުތުގައި ދަރިވަރުންނަށް ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދިނުމަށް " ހޭވައްލާ" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ. މި ޕްރޮގްރާމް ރ. އުނގޫފާރުގައި އިފްތިތާޙްކޮށް ދެއްވީ ނާއިބްރައީސް ފައިސަލް ނަސީމެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މިއީ ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ. ގްރޭޑް 10 ނިންމާ ދަރިވަރުން މަތީ ސާނަވީ މަރުޙަލާގެ ކިޔެވުން ފެށުމާ ދޭތެރޭ ލިބޭ ހަތަރު މަސްދުވަހުގެ ތެރޭގައި މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން މަސައްކަތްތެރިކަމުގެ ތަފާތު ހުނަރުތައް ދަސްކުރާނެއެވެ. މިގޮތުން ދަރިވަރުން ދަސްކުރާ ހުނަރު ތަކުގެ ފައިދާ އެކުދިން އަމިއްލަ ދިރިއުޅުމެއް ފަށާއިރު ކުރަންޖެހޭ ޢާންމު މަސައްކަތްތަކަށް ޤާބިލްކަން އިތުރުކޮށްދެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ދަސްކޮށްދޭނެ މަސައްކަތު ހުނަރު ކަ ނޑައަޅާނީ އެމުޖުތަމަޢުއެއްގައި ޢާންމުކޮށް ކުރާ މަސައްކަތްތަކާއި ލިބެންހުރި ވަޞީލަތްތަކަށް ބަލައި ސްކޫލުންނެވެ. ހޭވައްލާ ޕްރޮގްރާމްގެ ސަބަބުން ދަރިވަރުން ހުނަރު ދަސްކުރުމަށް ޝަޢުޤު އުފެދިގެންދާނެއެވެ. އަދި ދިރިއުޅުން ކާމިޔާބުކުރުމަށް ބޭނުންވާ ތަފާތު މަސައްކަތްތަކުގެ ހުނަރު އެދަރިވަރަކު ދިރިއުޅޭ މާހައުލުން ފަހިވެގެންދާނެއެވެ. މިއަދު ފެށިގެންދާ ޕްރޮގްރާމް ރާއްޖޭގެ 10 ސްކޫލެއްގައި ކުރިއަށް ގެންދެވޭއިރު 150 ދަރިވަރުން ހޭވައްލާ ޕްރޮގްރާމްގެ
މެދުވެރިކޮށް ހުނަރު ދަސްކުރަން ފަށާނެއެވެ.
advertisment
ހިޔާލު