ހަތަރު ސްކޫލެއްގެ ތާރީޚީ ބެޗް

ހަތަރު ސްކޫލެއްގައި ދެ ޖިންސަށް ހުޅުވާލައިގެން ކިޔަވައިދޭން ފެށިތާ މި އަހަރު ދިހަ އަހަރު ފުރޭނެއެވެ. އެއީ ދަރުމަވަންތަ ސްކޫލާއި، މަޖީދިއްޔާ ސްކޫލާއި، ހިރިޔާ ސްކޫލްގެ އިތުރުން އަމީނިއްޔާ ސްކޫލެވެ.

މި ހަތަރު ސްކޫލްގައިވެސް ގްރޭޑް އެކެއް އުފައްދައި، ދެޖިންސްގެ ކުދިންނަށް ކިޔަވައިދޭން ފެށީ 2011 ވަނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެންނެވެ. އޭގެ ކުރިން މި ހަތަރު ސްކޫލަކީވެސް ސެކަންޑަރީ ސްކޫލްތަކެވެ. ކިޔަވައި ދެމުން ގެންދިޔައީ ގްރޭޑް އަށަކުން ދިހައަކަށެވެ. މިހެންވެ މި ހަތަރު ސްކޫލަށް މި އަހަރަކީ މުހިންމު އަހަރެކެވެ. ގްރޭޑް އެކަކުން ދިހައަކަށް ކިޔަވައިދޭން ފެށިތާ ދިހަ އަހަރު ފުރި،. ސްކޫލްގެ އުއްމީދީ ބެޗަކަށް މި އަހަރު ސާނަވީ އިމްތިޙާނުގައި އިށީންނާނެ ދަރިވަރުން ވާނެއެވެ.

ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް ރިންޒީ ވަހީދު ދެކެވަޑައިގަންނަވާ ގޮތުގައި ހިރިޔާ ސްކޫލްގެ ހަގީގީ ފެންވަރު ވަޒަން ކުރެއްވޭނީ މި އަހަރުގެ ސާނަވީ އިމްތިޙާނުގެ ނަތީޖާއިންނެވެ. މީގެ ކުރިން އެ ސްކޫލަށް ކުދިން ވައްދާފައި ވަނީ ސާނަވީ ގްރޭޑްތަކަށް ވުމާއެކު އެކުދިންގެ ތަފާތުތައް ވަރަށް ބޮޑެވެ. އެއާ ޚިލާފަށް މިހާރު އެ ސްކޫލްގައި ކިޔަވަމުން ގެންދާ މަދު ދަރިވަރެއް ފިޔަވައި އެހެން ހުރިހާ ދަރިވަރުންނަކީ ގްރޭޑް އެކަކުން ފެށިގެން ދިހައަކާ ހަމައަށް ކިޔެވި ދަރިވަރުންނެވެ.

ރިންޒީ ވިދާޅުވީ މި އަހަރު ސާނަވި އިމްތިޙާނުގައި އިށީންނަ ދަރިވަރުންނާމެދު ހިރޔާ ސްކޫލް ފަޚުރިވެރިވާ ކަމަށާއި، ހިރޔާގެ ހަގީގީ ފެންވަރު ވަޒަން ކުރެވޭނީ އެ ހިސާބުން ކަމަށެވެ.
" އަޅުގަނޑުމެންގެ ޑްރީމް ބެޗް މި އަހަރު މި އޮތީ. ސްކޫލުން އެކުދިންނަށް ކޮންދެވެން ހުރި ކަމެއް ކޮށްދީގެން ވަރަށް ބުރަކޮށް މި މަސައްކަތް ކުރަނީ އެކުދިންނަށް ނަތީޖާ ނެރެވޭތޯ" ރިންޒީ ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒުލީ ވާފިރު ވިދާޅުވީ ގްރޭޑް އެކަކުން ދިހައަކަށް ކިޔަވަމުން ދިޔަ ދަރިވަރުން މި އަހަރު ސާނަވީ އިމްތިޙާނުގައި އިށީންނައިރު، އެކުދިންނަކީ އާ މަންހަޖުގެ ދަށުން އިމްތިޙާނު ހަދާ ކުދިންނަށްވާއިރު، ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެ ހުރިހާ ކަމަކާއެކުވެސް އެކުދިންނަށް ރަނގަޅު ކާމިޔާބީއެއް ހޯދޭނެކަމަށް އޭނާ ފާހަގަކުރައްވައެވެ.
ދަރުމަވަންތަ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ދީދީ ވިދާޅުވީ އެ ސްކޫލަކީ ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައި ދެމުން އައި ސްކޫލެއްގެ ނިމޭތާ ދިހަ އަހަރު ފުރޭއިރު، އަންހެން ކުދިން ކުރިއަރަމުންދާ ކަން ފާހަގަކުރެއްވޭ ކަމަށެވެ.
" ދެ ޖިންސްގެ ކުދިންނަށް ކިޔަވައި ދެމުން ދާއިރު، އަންހެން ކުދިން ލީޑްކުރާތަން އެބަފެނޭ. މި އަހަރު ސްކޫލް ކެޕްޓަނަކީވެސް އަންހެން ދަރިވަރެއް" އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ޑީޑީވެސް ވިދާޅުވީ މި ގޮންޖެހުންތަކެއް ހުއްޓަސް މި އަހަރު ސާނަވީ އިމްތިހާނުގައި އިށީންނަ އެ ސްކޫލްގެ ދަރިވަރުން ރަނަގަޅު ނަތީޖާއެއް ނެރޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.
މި އަހަރު ސާނަވީ އިމްތިޙާނުގައި އިށީންނަ ކުދިންނަކީ އާ މަންހަޖުގެ ދަށުން އެ އިމްތިޙާނު ހަދާ ފުރަތަމަ ބެޗެވެ. މިހެންވެ ދިމާވާ ގޮންޖެހުންތަކަށް ހައްލުތަކެއް ހޯދައި، އެކުދިން އިމްތިޙާނަށް ތައްޔާރު ކުރުމަށް ސްކޫލްތަކުން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *