ގާފަރު ސްކޫލުން ބެލެނިވެރިންގެ ހުނަރުވެރިކަން އިތުރުކުރަނީ

މިއީ 2016 ވަނަ އަހަރުން ފެށިގެން އެ ސްކޫލްގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ ބޭނުމަކީ ދަރިވަރުންނާއި ސްކޫލާ ގުޅޭ ކަންކަމުގައި ބެލެނިވެރިންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ.

ގާފަރު ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ޚަލީލް ވިދާޅުވީ މިއަހަރުގެ ފުރަތަމަ ބައިގައި ހޭލުންތެރި ކުރުމުގެ ސެޝަންތައް ގެންދިޔައީ ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމާ ގުޅޭ ގޮތުންނެވެ. މިކަމާ ގުޅޭ ސެޝަންތައް ގެންދިޔައީ މުހްޔިއްދީން ސްކޫލާ ގުޅިގެންނެވެ.

" ކޮންމެ ފަހަރަކުވެސް އެ ކަނޑައަޅާ ދާއިރާއަކުން ބެލިނެވެރިން ހޭލުންތެރި ކުރުވަނީ. މިފަހަރުގެ ތީމަކީ ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވާދިނުން. މި ގޮތަށް ކިޔަވައި ދިނުން ކުރިއަށް ގެންދާއިރު ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑު. އެމީހުން ބައިވެރިވުން ވަރަށް މުހިންމު" ޚަލީލް ވިދާޅުވިއެވެ.
ޚަލީލު ވިދާޅުވީ ބެލެނިވެރިންނަށްވެސް ސެޝަންތައް ނަގަމުން ދަނީ ލެކްޗަރއެއް ދިނުމުގެ ބަދަލުގައި ގްރޫޕް ތަކެއްގެ ގޮތުގައި ކުރާނެ މަސައްކަތްތަކާ އެކުގައެވެ. މިހެން ގެންދިއުމުން ބެލެނިވެރިންގެ ޝަޢުޤު އިތުރުވެ ގިނަ ބައެއްގެ ބައިވެރިވުން އިތުރުވާ ކަމަށް ޚަލީލު ފާހަގަ ކުރެއްވިއެވެ.

" ގްރޫޕް މަސައްކަތެއްގެ ގޮތުގައި ގެންދިއުމުން އެންމެންގެ ބައިވެރިވުން ލިބި، ގްރޫޕްތަކުގެ ތެރޭގައި ވާހަކަ ދެކެވި ދިމާވެފައިވާ ކަންތައްތައް ހިއްސާކޮށް، ޚިޔާލު ބަދަލުކުރެވި އެކަންތައްތަކަށް ހައްލު ހޯދައިދެވޭ. އަދި މައުލޫމާތުވެސް އެންމެންގެ މެދުގައި ބޭނުންތެރި ގޮތުގައި ހިއްސާ ކުރެވޭ" ޚަލީލް ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ބެލެނިވެރިންނަށް އެ ސްކޫލުން ޚާއްޞަ ސެޓުފިކެޓެއް ދެއެވެ. އެއީ މި ޕްރޮގްރާމުގެ މުހިންމުކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ.
ގާފަރު ސްކޫލްގައި 319 ކުދިން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *