ސަލާމަތް ވީ ﷲގެ ތަނަވަސް ރަޙްމަތާއި މަންމައާއި ބައްޕަގެ ބުރަ މަސައްކަތާއި ޕްރިންސިޕަލާއި ޓީޗަރުންގެ ފަރާތުން ލިބުނު އެހީ ތެރިކަމާއެކު
ފާއިތުވި 2022-2021 ވަނަ އަހަރު އަފީފުއްދީނުގެ އެންމެ މޮޅު ދަރިވަރަކީ އާއިޝަތު ހަނާން އިލްޔާސްއެވެ. ހަނާން އަކީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި އެ ސްކޫލުން ހިމެނުނު ސޯޅަ ދަރިވަރުންގެ ތެރެއިން ގަދަ ދިހައެއްގެ ދެވަނަ ހޯދި ދަރިވަރެވެ.
އެއްވަނަ ދަރިވަރުގެ ގޮތުގައި ސްޓޭޖް މައްޗައް އަރައި، އޭނާ ރޭ ބަންޑުން ކޮށްލީ ކާމިޔާބު ހޯދުމަށް ކަނޑައެޅި ޢަޒުމާއެކު ކުރި މަސައްކަތުގައި އުފުލި ވޭނާއި ކުރި މަސައްކަތުގެ ޚުލާސާއެކެވެ.
ހަނާން ބުނީ އޭނާ ވާން ބޭނުންވީ ދޮންތަ ކަހަލަ މީހަކަށެވެ. ކުރާ މާބޮޑު މަސައްކަތަކާ ނުލައި އުމުރާ ގުޅޭ ކާމިޔާބީ ލިބެމުން އައި ކަމަށާއި، މާ ބުރަކޮށް ކިޔަވަން އުޅެންޖެހޭ ކަމަކަށް އޭރު ގަބޫލެއް ނުކުރެވޭ ކަމަށެވެ.
" މަންމަ އާ ބައްޕަ ގަދަކަމުން ކިޔަވައިދޭތީ އެއީ އެކަން އޮންނަންޖެހޭ ގޮތް ކަމަށް ގަބޫލުކުރެވުނު. އެހެން ނަމަވެސް އޭރު ވެސް އަޅުގަނޑު ދެކެމުން އައީ އާދައިގެ ހުވަފެންތަކެއް ނޫން. ދޮންތަ ފަދަ ކާމިޔާބު މީހަކަށް ވުމަކީ ކުރަމުން އައި އުއްމީދެއް" ހަނާން ބުންޏެވެ.
" ސްކޫލްގެ ކެޕްޓަން ކަމާއި ނެޝަނަލް ޓޮޕް ޓެންއަށް އެރުމާއި ސްކޫލްގެ ބެސްޓް އޯލްރައުންޑް ހާޞިލް ކުރުމަކީ ދެކުނު ހުވަފެނެއް"

ދެން ހަނާން ކިޔައިދިނީ އެކަންތައްތައް ޙާޞިލް ކުރަން ކުރި މަސައްކަތެވެ.
ޤުރުއާން މުބާރާތްތަކާއި އިތުރު ހަރަކާތްތަކުން ރަން ވަނަތައް ހޯދިއެވެ. ކުޅިވަރަށް މޮޅު ނޫންކަން އެންގޭއިރު ވެސް ނެޓްބޯޅަ ކުޅެވޭތޯ މަސައްކަތް ކޮށް ހައުސް ޓީމުގައި ހިމެނޭވަރު ކުރިއެވެ. ގާލްގައިޑްގައި ބައިވެރިވިއެވެ.
ހަނާން ބުނީ، ގުރޭޑް އަށެއްގައި، ސްޓްރީމް ނެގި ހިސާބުން ކިޔެވުމާމެދު ސީރިއަސްވާންޖެހޭ ކަމަށް ގަބޫލު ކުރެވުނު ކަމަށާއި ގުރޭޑް ނުވައެއް ފެށީ ވަރަށް "ކިކުގައި" ކަމަށެވެ.
ހަނާން ބުނީ، ގުރޭޑް ދިހައަކަށް ކުރިމަތިލީ ވަރަށް ވަރުގަދަ ޢަޒުމެއްގައި އިތުރު ޓާޖެޓް ތަކެއް ކަނޑައަޅައިގެން ކަމަށެވެ.
" އެހެން ނަމަވެސް ދަތުރަށް ފަށައި މާކަނޑަށް ނުކުތުމާއެކު އުނޑުމަތި ބަނަވެއްޖެ. ދާންވީ މިސްރާބު ވަކިނުވާ ވަރަށް ވިލާ ބޯވެއްޖެ. ކަނޑުމަތިއަޅައި ތަން ވަކިނުވާވަރު ވެއްޖެ. އަޅުގަނޑަށް ގޮތް ހުސްވުމާ ގާތަށް ދެވުނު. ސިއްޙީ ގޮތުންނާއި ނަފުސާނީ ގޮތުން ބިންދާލި ބޮޑެތި ރާޅުތަކުގެ ހޮޅިދަށުވެ ޣަރަޤު ނުވީ ކިރިޔާ" ހަނާންއަށް ދިމާވި މައްސަލަތައް ކިޔައިދެމުން ދިޔައިރު ޖަލްސާގައި ބައިވެރިވި އެންމެންނަށް ވެސް ތިބެވުނީ ބަސްހުއްޓި އޭނާގެ ވާހަކަތަކަށް ގެއްލިފައެވެ.
ސިއްޙީ އަދި ނަފުސާނީ އެތައް މައްސަލަތެއްގެ ތެރޭގައި އުޅެންޖެހި އެއިން ސަލާމަތް ވުމަށް އެތައް މަސައްކަތެއް ކުރި ކަމަށް ހަނާން ބުންޏެވެ.
" އެހެން ނަމަވެސް ﷲގެ ތަނަވަސް ރަޙްމަތާއި އަޅުގަނޑުގެ މަންމައާއި ބައްޕަގެ ބުރަ މަސައްކަތާއި ޕްރިންސިޕަލާއި ޓީޗަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު ގަދަ ކޮޅިގަނޑުން ސަލާމަތްވެ މިސްރާބު ސީދާކުރީ"
ހަނާން ބުނީ އެނާ ދެކުނު ހުވަފެންތަކާއި ކަނޑައެޅި ހުރިހާ ޓާގެޓެއް ހާޞިލު ނުވިޔަސް ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖެހިއްޖެ ކަމަށެވެ.
" މި ދަތުރުން އަޅުގަނޑަށް ޔަގީންވީ، ކަމެއް ކާމިޔާބު ކުރުމުގެ އެންމެ ފުރަތަމަ ހަރުފަތަކީ ދެކޭ ފޮނި ހުވަފެންތަކެއްކަން. އަދި އެ ހުވަފެންތަކުގައި ކުލަޖައްސަން ކުރާ ބުރަ މަސްކަތްތައްކަން. އޭރުން ކުރިމަތިވާ އެއްވެސް ހުރަހަކުން، ދިމާވާ ގޮންޖެހުން ތަކުން ފަހަތައް ޖެހުމުގެ ވިސްނުމެއް ނާންނާނެކަން. ﷲގެ ރަހުމަތާއެކު ގިރާނުކުރެވޭނެ ހުރަހެއް ކުރިމަތި ނުވާނެކަން. ބޭނުން ވަނީ ހިތްވަރު" އަޑުގައި ކުރެކި ގޮތެއް ހުއްޓަސް އޭނާގެ އެ ވާހަކަތަކުން އެތައް ދަރިވަރުންނަށް ލިބުނީ ހިތްވަރެވެ.

ހަނާން ބުނީ ބިޔަ ބޮޑު ރާޅުތަކުގެ ތެރެއިން އޭނާ ނެރެދިނުމަށް އަފީފުއްދީން ސްކޫލުން ކޮށްދިނީ ބޮޑު އެހީތެރިކަމެވެ. ހުރިހާ ހާލަތްތަކެއްގައި ވެސް އަތް ދިއްކޮށްލީ އެ ސްކޫލުންނެވެ.
" ހުރިހާ ހާލަތެއްގައި ވެސް ޕްރިންސިޕަލް ސަޕޯޓް ދެއްވި. އަޅުގަނޑަށް އައި ކޮންމެ ބަދަލެއް. އަޅުގަނޑަށް އެނގުމުގެ ކުރިން ޕްރިންސިޕަލަށް އެނގިލައްވާ. އެ ބަދަލުތަކާ ގުޅޭ ގޮތުން އެކުވެރިއެއް ފަދައިން ވާހަކަ ދައްކަވާ. މަންމައެއް ފަދައިން ނަޞޭހަތް ދެއްވާ. އަޅުގަނޑު ދާންވީ މަގުދައްކަވާ އަޅުގަނޑުގެ ޓާގެޓްތައް ހަނދާންކޮށް ދެއްވާ. މިއީ ކުޅަދާނަ ޕްރިންސިޕަލަކަށް ނޫނީ ނުވާނެ ކަމެއް. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ ކާމިޔާބީގައި މެޑަލްގެ ހިއްސާ ވަރަށް ބޮޑޭ" ހަނާންގެ ތަޢުރީފު ޕްރިންސިޕަލް ނާސިޙާއަށް އޮއްސާލިއެވެ.
ހަނާން ބުނީ، ކައުންސެލަރެއް، އެކުވެރިއެއް ދައްތައެއްގެ ގޮތުގައި ވެސް ސަނާ މިސް ކޮށްދިން މަސައްކަތް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ލިޑިންގ ޓީޗަރު ވެސް އެ ޝުކުރުގައި ޝާމިލް ކުރިއެވެ.
އެންމެ ހިތްދަތި އުނދަގޫ ހާލަތުގައި އަބަދުވެސް އޭނާގެ ކައިރީގައި ތިބީ މަންމައާއި ބައްޕަ ކަމަށާއި އެ ދެ މީހުންނަށް ޝުކުރުއަދާކުރަން ފަށަންވީ ހިސާބެއް ވެސް ނޭނގޭ ކަމަށެވެ.
ރީތި ހުވަފެންތައް ދެކެން ދަސްކޮށް ދިނީ މަންމައާއި ބައްޕަ ކަމަށާއި އެ ހުވަފެންތަކުގައި ކުލަޖެއްސަން ކުރަންޖެހޭ މަސައްކަތް އަބަދާއަބަދު ހަނދާންކޮށް ދެނީ ވެސް މަންމައާއި ބައްޕަ ކަމަށެވެ. ދިމާވާ ހުރިހާ ހުރަހެއް ގިރާކުރެވެންދެން އަތުން ދޫކޮށްނުލާ ތިބެނީ ވެސް މަންމައާއި ބައްޕަ ކަމަށް ހަނާން ބުންޏެވެ. އަދި އޭނާގެ މާމައަށް ޚާއްޞަ ޝުކުރެއް ހަނާން އަދާކުރިއެވެ.
advertisment
ހިޔާލު