ދިގުރަށް ސްކޫލުން ނެރުނީ ތާރީޚީ ނަތީޖާއެއް: ޕްރިންސިޕަލް ގުޅުވައިލީ ބެލެނިވެރިންނާއި ޓީޗަރުންގެ މެދުގައި އޮތް ބަދަހި ގުޅުމަށް

ސާނަވީ އިމްތިޙާނުގައި އދ. ދިގުރަށް ސްކޫލުން ބައިވެރިވީ އެގާރަ ދަރިވަރުންނެވެ. އޭގެ ތެރެއިން ހަތަރު ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނި، ފާސްވި އިންސައްތަ 90 އަށް އެރުމަކީ އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ސްކޫލުން ދެކެއެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ދިގުރަށް ސްކޫލުގެ ޕްރިންސިޕަލް ކަމާ ހަވާލުވެވަޑައިގެންނެވި މަރިޔަމް އަފްޒާ ދަރިވަރު ނޫހަށް ވިދާޅުވި ގޮތުގައި، އެ ސްކޫލުގައި ތިބީ "ޑެޑިކޭޓެޑް ޓީޗަރުން"ނެވެ. ފާއިތުވި އަހަރު އެ ސްކޫލުގެ ނަތިޖާއަށް އައި ކުރިއެރުމަކީ އެ ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއެވެ.

ދިގުރަށް ސްކޫލުގެ ޓީމް: ކާމިޔާބާ ގުޅިފައިވަނީ އެއް ޓީމެއްގެ ގޮތުގައި ޓީޗަރުން ގުޅިގެން ކުރާ މަސައްކަތް

ސާނަވީގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން:

1- ސައިނާ އަޙްމަދު (ހަތް ވަނަ)

2- ހުޒާމް އަބްދުއްރަޙީމް ( ހަތް ވަނަ)

3- މައިހާ މުޙައްމަދު (ނުވަ ވަނަ)

4- ރަފްހާން ނިޔާޒު ( ދިހަ ވަނަ)

" އަޅުގަނޑަށް ފާހަގަވި ކަމަކީ ކުދިންގެ ނަތީޖާއަށް ކުރިއެރުން ގެނެވޭނެ ކޮންމެ ކަމަކަށް ޓީޗަރުންނާއި ބެލެނިވެރިން މަސައްކަތް ކުރާކަން. ގުޅިގެން ޓީމް ވާރކެއްގެ ގޮތުގައި ކުރިއަށްދާކަން" އަޒްފާ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އަފްޒާ ވިދާޅުވީ މިދިޔަ އަހަރު ލިބުނީ އެ ސްކޫލުގެ ތާރީޚުގައި ވެސް ލިބުނު އެންމެ ރަނގަޅު ނަތީޖާއެވެ.

ޕްރިންސިޕަލް، ސާނަވީން ހަތް ވަނައަށް ދިޔަ ސައިނާއާއެކު: ފާއިތުވި އަހަރު ދިގުރަށް ސްކޫލުން އެންމެ މޮޅު ދަރިވަރަކީ ސައިނާ

އޭނާ ވިދާޅުވީ އެ ސްކޫލުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދަން ލިބޭ އެންމެ ބޮޑު ހިތްވަރަކީ ބެލެނިވެރިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމެވެ.

" ދަރިންނަށްޓަކައި ބެލެނިވެރިން އެ ދެއްވާ ސަޕޯޓް އެއީ އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރާ ކަމެއް"

އަފްޒާ ވިދާޅުވީ މިހާރު ގުރޭޑް 9ގައި ތިބި ދިހަ ދަރިވަރުންނަށް ޚާއްޞަ އިސްކަމެއް ދޭނެ ކަމަށާއި، ރަނގަޅު ނަތީޖާއެއް ހޯދަން ޓީޗަރުން ކުރާ މަސައްކަތް ކައިރިން ފެންނަ ކަމަށެވެ.

" ކުދިއާބާދީތައް ހިމެނޭ ސްކޫލްތަކަށް އެންމެ ރަނގަޅު ގޮތަކީ ވަން ޓު ވަން ގޮތަށް ކިޔެވުން ކުރިއަށް ގެންދިއުން. އެއީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު އެޑްވާންޓޭޖެއް" އަފްޒާ ވިދާޅުވިއެވެ.

ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން މެލޭޝިޔާއިން ތަމްރީނުވި، އަފްޒާ ވިދާޅުވީ އެ ސްކޫލަށް އޭނާ ގެންނަން ބޭނުންވާ މުހިންމު ބަދަލުތައް އެބަހުރި ކަމަށާއި އަންނަ އަހަރަށް ޕްލޭނެއް އެކުލަވާ ލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

" އެންމެ ބޮޑު އިސްކަމެއް ދޭނީ ކިޔަވައިދިނުމުގެ ފެންވަރާއި ނަތީޖާއަށް. އެއާއެކު ޔުނީފޯމް ބޮޑީސްގެ ހަރަކާތްތަކާއި ހޯމްސައިންސް ފަދަ ކަންތައްތައް ތައާރަފުކޮށް، ސައިންސް ފެއަރ ފަދަ ހަރަކާތްތައް ކުރިއަށް ގެންދަން ވިސްނުން އެބަހުރި" އަފްޒާ ވިދާޅުވިއެވެ.

ފައުންޑޭޝަނުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ ދިގުރަށް ސްކޫލުގައި 125 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *