ސާނަވީގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ލިބުމަކީ އައްޑޫ ހިތަދޫ ސްކޫލުގެ އާމިނަތު މިނާލް އަހުމަދަށް ލިބުނު ސަޕްރައިޒެކެވެ. ސާނަވީ އިމްތިޙާނުން އޭނާ އުއްމީދު ކުރީ ދެވަނަ ނޫނީ ތިން ވަނަ ލިބޭނެ ކަމަށެވެ.
" މަސައްކަތް ކުރިން، އެކަމަކުވެސް އެއްވަނަ ލިބިދާނެ ކަމަށް އުއްމީދެއް ނުކުރަން" ސާނަވީން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ލިބުމުން އުފަލުން ހުރި މިނާލް ބުންޏެވެ.
2021-2022 ވަނަ އަހަރުގެ ސާނަވީން އެއްވަނައިގައި އައްޑޫ ސިޓީން ހިމެނުނު ހަމައެކަނި ދަރިވަރަކީ ވެސް އޭނާއެވެ.

މިނާލް ދަރިވަރު ނޫހަށް ބުނީ، ރަނގަޅު ނަތީޖާއަކަށް އެދިގެން މަސައްކަތް ކުރެވުނު ކަމަށާއި، ކާމިޔާބީގައި ހިތަދޫ ސްކޫލާއި ކިޔަވާ ދެއްވި ހުރިހާ މުދައްރިސުން ބައިވެރިވާ ކަމަށެވެ. އަދި ބުނީ އެންމެ ބޮޑު އެހީތެރިކަމެއް ދިނީ މަންމަ ކަމަށާއި މަންމައަށް ނުހަނު ލޯތްބާއެކު ޝުކުރު އަދާކުރާ ކަމަށެވެ.
ބިޒްނަސް ސްޓްރީމުގައި ކިޔަވަމުންދާ މިނާލް ބުނީ އޭނާ ކުރިއަށް ދާން ބޭނުން ވަނީ އެކައުންޓިންގ ދާއިރާއިންނެވެ.
" އެކައުންޓިންގ އާ ގުޅުން ހުރި ދާއިރާއަކުން ކުރިއަށް ދާނީ" އައްޑޫ ހައި ސްކޫލުން އޭލެވެލް ހަދަމުންދާ މިނާލް ބުންޏެވެ.

މިނާލްއަށް ކިޔަވަން ފެސޭހައީ ރޭގަނޑުގެ ވަގުތު ތަކުގައެވެ. އެހެންވެ ފިލާވަޅުތައް ދަސްކުރަން އިސްކަންދެނީ ވެސް ރޭގަނޑުގެ ވަގުތު ތަކުގައި ކިޔެވުމަށެވެ.
އޭނާއަށް އެންމެ އުނދަގޫ މާއްދާއަކީ ހިސާބެއެވެ. އެ މާއްދާއާއެކު ގިނަ މާއްދާތަކުން ޓިއުޝަން ވެސް ނެގިއެވެ.
" މިހާރު މަސައްކަތް ކުރަނީ މަތީ ސާނަވީން ވެސް ރަނގަޅު ވަނައަކާ ދިމާލަށް ދެވޭތޯ. އަދި ދަނީ އުއްމީދު ކުރިގޮތަށް. އިރާދަކުރެއްވިއްޔާ ކާމިޔާބު ހޯދޭނެ"
މިނާލްގެ އިތުރުން 17 ދަރިވަރަކު ސާނަވީން ގަދަ ދިހައެއްގައި ހިތަދޫ ސްކޫލުން ހިމެނުނެވެ.
advertisment
ހިޔާލު