ބޭނުންވި ދާއިރާއިން ކުރިއަށް ދިއުމަށް މަގު ފަހިކުރަން، ގުރޭޑް އަށެއްގައި ރިޕީޓްވެ ކިޔެވި ސްޓްރީމް ވެސް ބަދަލުކުރި

ޑޮކްޓަރަކަށް ވުމަކީ މ. ކޮޅުފުއްޓަށް އުފަން ޢައިޝަތު ޢިއްޒަތު ޔޫސުފުގެ ހުވަފެނެކެވެ. އެންމެ ކުޑައިރުއްސުރެ އޭނާ ދެކެމުން އައި ހުވަފެނުގައި ކުލަ ޖައްސަށް ނުކުރާ މަސައްކަތެއް ނެތެވެ. ކިޔެވުމުގައި އޭނާ ދެއްކީ އެފަދަ ހުވަފެން ދެކޭ ދަރިވަރުންނަށް މިސާލެކެވެ. އޭނާގެ ކިޔެވުމުގެ ދަތުރުނާމާގައި އޮތީ އިބުރަތުން ފުރިގެންވާ އެތައް ފިލާވަޅެވެ.

ގުރޭޑް ހަތަކާ ހަމައަށް ކިޔެވުމަށްފަހު، ރަށުން ކިޔެވެން އޮތީ ބިޒްނަސް ސްޓްރީމަށެވެ. ކޮޅުފުށީ ހުންނަ އެ އަތޮޅު އަތޮޅު މަދަރުސާގައި ކިޔެވީ ގުރޭޑް އަށަކާ ހަމައަށެވެ. ހިތް އޮތީ ސައިންސް ސްޓްރީމަށަވެ. އެކަމަކު ރަށުގައި ހުރެގެން އެކަން ކުރެވެން ނެތިގެން ބިޒްނަސް ސްޓްރީމަށް އެނބުރިލަން މަޖޫބުރިވިއެވެ.

ޖެހިގެންއައި އަހަރު، އެ އަތޮޅު މުއްޔަށް، މަންމަމެންނާއި އާއިލާއާ ވަކިން އޭނާ ބަދަލުވީ ސައިންސް ސްޓްރީމުގައި އަލުން ކިޔެވުމުގެ ބޭނުމުގައެވެ. މ. އަތޮޅު ތަޢުލީ މަރުކަޒުގެ ގުރޭޑް އަށެއްގައި ރިޕިޓްވެ، ސައިންސް ސްޓްރީމުގައި ކިޔަވަންފެށިއެވެ.

އެ ހަލޮބޮލިކަމުގެ ތެރެއިން ސާނަވީ ނިންމާ ލެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެކަން ޢިއްޒަ ޤަބޫލު ކުރެއެވެ.

" ސާނަވީ ނަތީޖާ އެއީ އަޅުގަނޑުގެ އެންމެ ބެސްޓް ނޫންކަން ގަބޫލު ކުރިން. ރަނގަޅަށް މަސައްކަތް ނުކުރެވުނީމާ ރިގްރެޓްވެ ދެރަވި"

ސާނަވީ އިމްތިޙާނުން ތިން އޭސްޓަރ އާއި ފަސް އޭ ލިބިގެން ޢިއްޒަ ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ހަ ވަނަ އަށެއެވެ.

" އޭލެވެލްއާ ކުރިމަތިލީ، ނަތީޖާ ލިބުމުން އިތުރަށް މަސައްކަތް ކުރެވުނު ނަމައޭ ހިތައް ނާރާ ވަރުގެ ނަތީޖާއެއް ގެނައުމަށް"

މަތީ ސާނަވީއަށް ކިޔަވަން މާލެ ބަދަލުވެ ޢިއްޒަ ޚިޔާރު ކުރީ ސީއެޗްއެސްއީއެވެ. ސީއެޗްއެސްއީގެ ފަޚުރުވެރި ދަރިވަރެއްގެ ގޮތުގައި އެސްކޫލް ނިންމާލީ ފަސް މާއްދާއިން އޭ ސްޓަރ ހޯދައިގެން ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަރޝިޕާ އެކުގައެވެ.

މަތީ ސާނަވީން ކާމިޔާބު ހޯދަން ދިހަ ގުނަ މަސައްކަތް ކުރި

ސާނަވީން ލިބުނު ނަތީޖާއަށް ބަލައި ކިޔެވުމަށް ބޮޑު ސަމާލުކަމެއް ދިނުމާއެކު އެންމެ ފަސޭހަ އަދި ނަތީޖާ ރަނގަޅު ކުރެވޭ އުކުޅު ދެނެގަނެ އެ މަގަށް މަސައްކަތް ބައްޓަން ކުރިއެވެ.

ޢިއްޒަ ބުނީ ސާނަވީ އާއި މަތީ ސާނަވީ އަޅާ ކިޔެން ނެތް ކަމަށާއި، މި ދެ ފަންތީގެ ފަރަގު ސިލަބަހުގެ ގޮޔުން ބެލިވިޔަސް، ކޮންމެ މާއްދާ އެއްގެ ކޮންމެ ޔުނިޓަކަށް ބެލިޔަސް ދޭންޖެހޭ ސަމާލުކަމާއި ކުރަންޖެހޭ މަސައްކަތް 10 ގުނަ އިތުރުވި ކަމަށެވެ. ކޮންމެ ޓޮޕިކަކަށް ހޭދަ ކުރަންޖެހޭ ވަގުތާއި ލާންޖެހޭ ހިތްވަރު ވެސް އެހާމެ ބޮޑު ކަމަށެވެ.

ޢިއްޒަ ބުނީ، ކޮވިޑް ގެ ނުރައްކާތެރި ވަބާ ރާއްޖޭގައި ފެތުރި އޮންލައިން ކޮށް ކުލާސްތައް ނަގަން ޖެހުމަކީ އޯލެވެލް އިން އޭލެވެލް އަށް ބަދަލުވި މަރުހަލާއަށް، އިތުރަށް ކުރިމަތިވި ދައްޗެއް ކަމަށެވެ.

" ފުރަތަމަ ސެމް ގައި ނެގި އިމްތިޙާނުން ލިބިގެން ދިޔައީ "ރިއަލިޓީ ޗެކެއް" ހިތަށް އެރި ވަރަށްވުރެ ވެސް ބޮޑުތަނުން ދަށް. ހިތަށް އެރި މިކަން ވާނެ ބާވައޭ. ވަރަށް ބޮޑަށް ހިތްވަރު އެލި މާޔޫސް ވެގެން ދިޔަ ވަގުތެއް އެއީ" ނަމަވެސް މަންމަ އާއި ބައްޕަ ދެއްވި ހިތްވަރަކީ އާ އަޒުމަކާ އެކު ޢިއްޒަ ކިޔެވުމުގެ ތެރެއަށް އަލުން ވަނުމުގެ އަޞްލެވެ.

ޢިއްޒަ، ދުވަސް ފަށާނީ ނަމާދުންނެވެ. ހާއްސަކޮށް ފައިނަލް އިމްތިޙާނާ ކައިރި ވެގެން އައި އިރު އެންމެ ދުވަހެއް ވެސް ވައްޓާނުލާ ދަމު ނަމާދު ކުރިއެވެ. އެއަށް ފަހު ފަތިސް ނަމާދު ބަންގި ގޮވަންދެން ޤުރުޢާން ކިޔަވައެވެ. ފަތިސްނަމާދަށް ފަހު ސުކޫލު ދުވަހެއްނަމަ ސުކޫލު ގަޑި ޖެހެންދެން ފޮތް ކިޔަން އިނދެއެވެ. ސުކޫލުން އައުމަށްފަހު ނަމާދު ކޮށްލައިގެން ވަރުބަލިކަން ފިލުވާލަން އޮށޯވެލުމަށްފަހު މެންދުރު ގަޑީގައި ފަށަނީ ފިލާވަޅެއް ދީފައިވާ ނަމަ އެ ފިލާވަޅެއް ނިންމާށެވެ.

ޢިއްޒައަކީ އަމިއްލަ ތާވަލެއް ހަދައިގެން ކިޔެވުން ކުރިޔަށް ގެންދިޔަ ދަރިވަރެކެވެ. އެ ދުވަހަކަށް ކަނޑައަޅާފައިވާ ޓޮޕިކްތައް އެކީ ފަރިތަކުރުމަށްފަހު ޕާސްޓް ޕޭޕަރުތައް ހަދާ ނިމޭ ވަރަކަށް ދަނީ ޗެކް ލިސްޓްގައި ފާހަގަ ލަމުންނެވެ. އެ ދުވަހުގެ ޗެކްލިސްޓް ގައި އެއްކޮށް ފާހަގަ ލެވިފައި ހުރުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމެވެ.

ޓިއުޝަނެއް ނުނަގައި ސާނަވީ މަރުހަލާ ނިންމާލެވުނު ނަމަވެސް އޭލެވެލް ގައި ޓިއުޝަނުގެ ބޭނުން ޢިއްޒައަށް ޖެހުނެވެ. އެންމެ އުނދަގޫވި ފިޒިކްސްއާއި ގްރޭޑް އިތުރަށް މަތި ކުރަން ބޭނުންވި ބަޔޮލޮޖީންނެވެ.

ޢިއްޒައަށް އެކި މާއްދާ ކިޔަވަން ފަސޭހައީ އެކި ގަޑި ތަކުގައެވެ. އިސްލާމްގެ ހުރިހާ ފިލާވަޅެއް ކަހަލަ ގޮތަކަށް ދަސްކުރީ ފަތިހުއެވެ. އެއީ ހަމަ އިސްލާމް އަށް ހާއްސަ ކޮށްފައި އޮންނަ ވަގުތެކެވެ. ދެން މެންދުރުފަހާއި ހަވީރު އެއީ ޕާސްޓް ޕޭޕަރު ހަދަން ހާއްސަ ކޮށްފައި އޮންނަ ވަގުތެކެވެ. ރޭގަނޑު އާންމުކޮށް އޮންނާނީ އިތުރު މާއްދާ އަކުން ދަސްކުރަން އެ ދުވަހެއްގެ ޗެކްލިސްޓްގައި ހިމަނާފައި އޮންނަ ޓޮޕިކެއް ދަސްކުރުމާއި ވަގުތު އޮތް ވަރަކުން ޕާސްޓް ޕޭޕަރު ހެދުމެވެ.

ޢިއްޒައަށް ކިޔަވަން އެންމެ ފަސޭހައީ ފަހަރަކު މާއްދާ އަކަށް ފޯކަސް ކޮށްގެންނެވެ. ހަފްތާއަކު މާއްދާއަކުން  ޔުނިޓެއް ނަގައި އެ ޓޮޕިކަކާ ގުޅޭ ހުރިހާ ސުވާލެއް ހަދަނީއެވެ.

" އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑަށް މި ލިބުނު ނަތީޖާގެ އެންމެ ބޮޑު އެއް ހިއްސާއަކީ ޕާސްޓް ޕޭޕަރު ޕްރެކްޓިސް ކުރެވުނު މިންވަރު. އެއްކޮށްހެން ބަރޯސާވީ އެއަށް"

މަންމައާއި ބައްޕައަކީ އެއް ނަމްބަރު ސަޕޯޓަރު، ނަމޫނާއަކަށް ބެލީ ދޮންބެ

ރައީސްގެ ސްކޮލަރޝިޕް ލިބުމަކީ އޭލެވެލް ފެށުނީއްސުރެ އޭނާއާއި މައިންބަފައިންގެ އެންމެ ބޮޑު އުންމީދެވެ.

" އަޅުގަނޑު ކުރި މަސައްކަތް ފެނިފައި ބޭނުންވި ނަތީޖާ ލިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށްވުރެ ބޮޑަށް އަޅުގަނޑުގެ މައިންބަފައިންގެ އޮތް"
ޢިއްޒަ، މަންމައާއި ބައްޕައާއެކު: އެދެމީހުންގެ ދިން ހިތްވަރާއި ވެދިން ޤުރުބާނީއަކީ މިއަދު ޢިއްޒަގެ ކާމިޔާބީގެ އަޞްލު

ޢިއްޒަ ބުނީ މަންމައާއި ބައްޕަ އަކީ އޭނާގެ އެއް ނަމްބަރު ސަޕޯޓަރުން ކަމަށެވެ. މަންމަ އާއި ބައްޕަ އާ ނުލާ އޭނާއަށް އެފަދަ ކާމިޔާބެއް ނުލިބޭނެ ކަމަށް ޢިއްޒަ ހިތާހިތުން ޤަބޫލު ކުރެއެވެ.

" ތަޢުލީމީ ޙަޔާތުގައި ރަށުން ބޭރުގައި ހޭދަކުރި ހަ އަހަރު ދުވަހު ކޮންމެ ދުވަހެއްގެ ފަތިހު އަޅުގަނޑަށް ހޭލެވެނީ މަންމަގެ ފޯނު ކޯލަކުން. އެންމެ ދުވަހެއް ވެސް ވައްޓާނުލާ ފަތިހު އަޅުގަނޑަށް ގޮވަނީ މަންމަ. ކޮންމެ ދުވަހެއް ފެށިގެން ދަނީ މަންމަގެ އެ ފޯން ކޯލުން. މަންމަގެ އަޑުން، އަޅުގަނޑު ހޭލަން ބޭނުންވާ ކޮންމެ ގަޑިއަކު އަޅުގަނޑު ހޭލައްވާލަ ދޭ"

ޢިއްޒަ ބުނީ، ފަހު އިމްތިޙާނަށް ވީމާ ތިން މަސް ވަންދެން ބައްޕަ މާލެ އައިސް ހުރީ އޭނާއަށްޓަކައި ކަމަށެވެ. ހިނގާފައި ދިޔަ ނުދީ ދާންޖެހޭ ކޮންމެ ތާކަށް، ދާންޖެހޭ ވަގުތަށް ބަރާބަރަށް ގެންގޮސްދީ، އެއްވެސް ކަމަކަށް ދަތިވިޔަ ނުދީ ކައިރީގައި ހުރި ހުރީ ބައްޕައެވެ. ފަހު އިމްތިޙާނުގެ ފަހު ހަފްތާގައި އެތައް ދުވަހެއްގެ ސަލާމް ބުނެ އޭނާއަށްޓަކައި މަންމަ މާލެ އައިސް އެންމެ ކައިރިން އެ ދެއްވި ނަސޭހަތާއި އެއްބާރުލުން ހަދާން ނުނެތޭނެ ކަމަށެވެ.

" ބުނެލަން ބޭނުން ވަނީ އަޅުގަނޑަށް މި ލިބުނު ޝަރަފުގެ އަސްލު ހައްގު ވެރިންނަކީ މަންމަ އާއި ބައްޕައޭ. ތިޔަ ވެލެއްވި ގުރުބާނީ ފެނަށް ވިޔަކަ އިންޝާﷲ ނުދޭނަމޭ. އާއިލާގެ ދެންތިބި މެމްބަރުން ވެސް ހާއްޞަކޮށް މާމަމެން ދިން އެހީތެރިކަމާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން"

މަންމަ އާއި ބައްޕަ ވަރަށް ޕޮޒިޓިވްކޮށް އަޅުގަނޑަށް ވިސަނައިދޭނީ، ބުނާނެ ދަރިފުޅަށް ހައްޤު އެއްޗެއް ގެއްލި ނުދާނޭ. ކާމިޔާބަކީ ކިޔަވާ މަސައްކަތް ކުރާ ކުއްޖާގެ ހައްގެކޭ. ޓެސްޓަކުން ދަށްވެއްޖެ ނަމަ ބުނާނެ މާކްސް މަތި ކުރެވޭނީ މަތިކުރާނެ ޖާގަ ބަހައްޓައިގެންނޭ. ފައިނަލް ޓެސްޓުގަ އެބައި ދައްކާނީއޭ. ނާއުންމީދީ ވަގުތު ތަކާއި ހިތްވަރު އެލިގެންދާ ވަގުތުގައި އެހެން ދުރުގައި ހުއްޓަސް މަންމަމެން ދަރިފުޅަށް ވާނެއޭ ބުނެލާ ބުނެލުން ހުންނަނީ ސިކުނޑީގައި ހަރުލާފައި"

ކިޔެވުމުގައި ޢިއްޒަގެ ރޯލް މޮޑެލަކީ އޭނާގެ ދޮންބެއެވެ.

" އޭލެވެލް ފެށިގެން ނިމެންދެން އަޅުގަނޑަށް ގައިޑް ކޮށްދިނީ ދޮންބެ. މިހާރު ބޭރަށް ކިޔެވުމަށް ދިއުމަށް ކުރަންޖެހޭ ކަންތައްތަކާއި އިތުރު ގައިޑެންސް ފޯރުކޮށްދެނީ ވެސް ހަމަ ދޮންބެ. އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން"

އިސްދަރިވަރެއްގެ ގޮތުގައި ވެސް އެހެން ކުދިންނަށް މިސާލެއް.

ކިޔެވުމާ އެއްވަރަށް ސްކޫލުގެ ހިންގާ ހަރަކާތްތަކުގައި ވެސް ޢިއްޒަ ދެއްކީ ނަމޫނާއެކެވެ.

ގުރޭޑް 1 ފެށިގެން 10 އާ ހަމަޔަށް ކްލާސް ލެވެލް އިން ފެށިގެން ސްކޫލް ލެވެލް އަދި އަތޮޅު ފެންވަރުން ފެށިގެން ގައުމީ ލެވެލް ގައި ބައިވެރިވި މުބާރާތްތަކުން ވަރަށް ފުރިހަމަ ވަނަ ތަކެއް ހޯދިއެވެ. ހާއްސަކޮށް ޤުރުއާން މުބާރަތް ތަކަކީ ޚާއްޞަ ސަމާލުކަމެއް ދީގެން ބައިވެރިވި މުބާރަތްތަކެކެވެ. އަތޮޅު ފެންވަރުންނާއި ގައުމީ ފެންވަރުން ވަނަވެސް ހާސިލް ކުރިއެވެ. މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 8 އިން10 ކިޔެވި އިރު އެ ސުކޫލު ގައި ބޭއްވުނު މުބާރާތްތަކުން ރަން ވަނަތަށް ހާސިލް ކޮށް ހުރިހާ ސަބްޖެކްޓް އަދި ކްލާސް ޕްރައިޒްތަކެއް ހާސިލްކުރިއެވެ. މ.އަތޮޅު ތައުލީމީ މަރުކަޒަށް ބަދަލުވި އަހަރުގެ ދެވަނަ ޓާރމް ގައި ސީނިއާ ޕްރިފެކްޓްކަން ލިބި ސާނަވީ ދައުރު ނިންމާލީ އެ ސްކޫލުގެ ކެޕްޓަންގެ ޒިންމާއާ އެކުގައެވެ. އެ ބެޗްގެ އެންމެ މޮޅު ދަރިވަރަކީ ވެސް ޢިއްޒައެވެ.

އޭލެވެލް ދުވަސްވަރު ސީއެޗްއެސްއީގެ އަސްރަފީ ހައުސް ކެޕަޓަން ކަމުގެ މަގާމުގައި ހޭދަ ކުރި ދުވަސްވަރު ވަރަށް ހަރަކާތްތެރިކޮށް އުޅުނެވެ. އިންޓަރ ހައުސް ހަރަކާތްތަކުގައި ހައުސްއަށް ރަން ވަނަތައް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކުރިއެވެ.

ޚާއްޞަ ޝުކުރު ޓީޗަރުންނާއި ގާތް އެކުވެރިންނަށް

ކިޔެވުމުގެ ދައުރު ނިންމާ ލެވުނުއިރު ހުރިހާ ގްރޭޑެއްގަ ދިމާވި ހުރިހާ ޓީޗަރުންނަކީ ވެސް ޢިއްޒައަށް އަބަދުހެން އެއްބާރުލުންދީ ހިއްވަރު ލައިދިން ބައެކެވެ.

" ހުރިހާ މުދައްރިސުންވެސް ބުނާނެ އިއަޒަތަކީ ވަރަށް ކޭޕަބަލް ކުއްޖެކޭ. ކިޔަވަން އަމިއްލަޔަށް އިސްކަންނަގައިގެން މަސައްކަތް ކުރާ ކުއްޖެކޭ. ކުރިމަގު އުޖާލާ ކުއްޖެކޭ"

ޢިއްޒަ ބުނީ، ސީއެޗްއެސްއީގެ މުދައްރިސުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަކީ އެއީ ނަތީޖާ ހޯދަން މަސައްކަތް ކުރުމުގެ އެންމެ ބޮޑު އެއް ހިތްވަރު ކަމަށެވެ. ފޫހިކަމެއް ނެތި އެ ކޮށްދެއްވި މަސައްކަތަށް ނުހަނު ލޯތްބާއެކު ޢިއްޒަ ޝުކުރު އަދާކުރެއެވެ.

ޢިއްޒަ ބުނީ ކިޔެވުމުގެ މަރުޙަލާގައި ރައްޓެހިންނާއި ގާތް އެކުވެރިންނަކީ މުހިންމު ބައެއް ކަމަށާއި ހާއްސަކޮށް އޭލެވެލް ދުވަސްވަރު ލިބުނު އެކުވެރިންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

" އެއްވެސް ސުވާލަކުން "ޑައުޓެއް" އަޔަސް އެންމެ ފުރަތަމަ ވެސް އަޅުގަނޑު އަހަނީ އޭގެއިން ކުއްޖެއް ކައިރީގައި. މާޝާﷲ ވަރަށް މޮޅެތި ކުދިން ތިބި ކުލާހެއްގައި އަޅުގަނޑު ލައްވާލުމަކީ އަޅުގަނޑަށް ލިބުނު ހަމަ ވަރަށް ބޮޑު ނަސީބެއް. އެކުދިންގެ ފަރާތުން އަބަދު ވެސް އެހީއާއި އެއްބާރުލުން ލިބުނު"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *