"ދުޢާ" ކުރާށޭ, އިންޝާالله ލިބޭނޭ، ނާއުއްމީދާއި މާޔޫސް ކަމުގެ ތެރެއިން ވިސްނުން ބަދަލުކޮށްލީ ގާތް އެކުވެރިއެއް

ވެލިދޫގައި ހުންނަ ނ. އަތޮޅު ތަޢުލީމީ މަރުކަޒުން ކިޔަވައިގެން އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން މަތީސާނަވީއަށް ކިޔަވަން ފެށިއިރު ވެސް ރަނގަޅު ނަތީޖާއެއް ހޯދުން އެއީ ވާނެ ކަމެއް ނޫން ކަމަށް މަލްސާ މުޖްތަބާ ދެކުނެވެ. ސާނަވީގައި ކިޔަވައިދިން މުދައްރިސުންނާއި މަތީސާނަވީ ނިންމި ދަރިވަރުންގެ ފަރާތުން އަޑުއިވިފައި އޮތީ ވެސް އެހެންނެވެ. ޚާއްސަކޮށް ރައީސް ދެއްވާ ސްކޮލަރޝިޕް ލިބޭ ޝަރުޠު ތަކުގެތެރޭގައި ހިމެނޭ ފަސް މާއްދާއިން އޭ ސްޓާރ ހޯދުމަކީ މާ "މަތީ ސްޓޭންޑާރޑް" އެއް ކަމަށް ޤަބޫލު ކުރެވުނީ އެ ސަބަބާ ހުރެއެވެ. އެ މާޔޫސްކަމުގައި، މަތީ ސާނަވީން ރަނގަޅު ނަތީޖާއެއް ހޯދަން މަލްގެ އަމާޒެއް ނެތެވެ. އެންމެ ކުޑަމިނުން ހުރިހާ މާއްދާއިން އޭ ހޯދުމަކީ ވެސް ކުރެވޭނެ ކަމެއް ކަމުގައި އޭރު ނުދެކެއެވެ. އެ ދުވަސްވަރު އޮންލައިންކޮށް ކިޔަވަން ޖެހުމަކީ ވެސް ކިޔެވުމުގެ މަތިން މީހާ ފޫހި ކުރުވި ކަމެކެވެ. ފުރަތަމަ ސެމިސްޓަރގެ ނަތީޖާއިން ލިބުނު މާޔޫސްކަން އިތުރަށް ވީ ބޮޑެވެ. ސަރުކާރުން ދޭ ސްކޮލަރޝިޕާ ނުލައި ރާއްޖެއިން ބޭރުން ޑިގްރީއަށް ކިޔެވޭނެ ފުރުޞަތެއް އޮތް ތޯ މަލް ދިޔައީ ވިސްނަމުންނެވެ.

މަލްގެ މަންމައާއި ބައްޕަ ދެ ފަރާތުގައި: ރަށުން ކިޔަވައިގެން ސާނަވީން ތިން ވަނަ ހޯދައި، ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތަކެއް ވެސް ހޯދި- ފޮޓޯ: މަލްސާގެ އާއިލާ

ވިސްނުން ބަދަލުކޮށްލީ ގާތް ރަހުމަތްތެރިއެއް

މަލްގެ އެ ވިސްނުން ބަދަލުކޮށްލީ އޭނާގެ ގާތް ރަހުމަތްތެރިއެކެވެ.

" ރަޙުމަތްތެރިޔާގެ ގެއަށް އަޅުގަނޑު ދިޔަ ދުވަހަކު، މަތީތަޢުލީމު ޙާސިލް ކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ތެރޭގައި އަޅުގަނޑު ބުނީ ސްކޮލަރޝިޕް ލިބޭ ޝަރުތު މާ މައްޗޭ، ހިޔެއް ނުވޭ ހުރިހާ މާއްދާއިން އޭ ސްޓަރ ހޯދޭނެހެން" މާޔޫސްވެފައި ހުރެ މަލްގެ ހިތުގެ އުދާސް އެކުވެރިޔާއަށް ބަންޑުން ކޮށްލިއެވެ. އެކުވެރިޔާ ދިން ޖަވާބުން މާޔޫސް ކަމުގެ ތެރެއިން އޭނާ ހޭލައްވާލިއެވެ.

" އެ ދުވަހު ރަޙުމަތްތެރިޔާ އަޅުގަނޑަށް ދިން ޖަވާބަކީ "ދުޢާ" ކުރާށޭ. އިންޝާالله ލިބޭނޭ، އެއީ އަސްލު ޓާރނިންގ ޕޮއިންޓަކީ"

އެ ދުވަހަށްފަހު، ސްކޮލަރޝިޕް ލިބޭނެ ކަމަށް އުއްމީދު ކޮށްގެން، އެކަމަށް އެދިގެން މަލް ދިޔައީ ދުޢާ ކުރަމުންނެވެ.

ނ. އަތޮޅު ތަޢުލީމީމަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާގައި މަލްގެ ކާމިޔާބީ ފާހަގަކޮށް އިނާމް ދެނީ: ކިޔެވުމުގައި އޭނާއަކީ ނަމޫނާ ދަރިވަރެއް – ފޮޓޯ: މަލްސާގެ އާއިލާ

މަލް ބުނީ އޯލެވެލްގައި ވެސް އޭނާ ކުރީ ދުޢާ ކަމަށާއި އޭގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ.

" އޯލެވެލް އަށް ފަހު ދުޢާ ކުރުމާ، ދުރަށް ދެވުނީ. ގްރޭޑް 11 ގައި އުޅުނުއިރު އޯލެވެލް ދުވަސްވަރުހާ އީމާންކަން ވަރުގަދަ އެއް ނޫން. އެހެންވެ ދުޢާ ކުރަން ހިތަކަށް ނާރާ. ދެން އެފަދަ ހާލަތެއްގައި ހުއްޓާ ރަޙުމަތްތެރިޔާގެ ފަރާތުން އެބަސްތައް އަޑު އިވުމުން  ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް" މަލް ބުންޏެވެ.

" ހިތަށް އެރީ އޯލެވެލްގައި ވެސް އަޅުގަނޑު ޢަޒުމް ކަނޑައަޅާ ދުޢާ ކުރީ ވަކި ކުޑަ ކަމަކަށް ނޫނޭ. އޭރު ވެސް އެކަންކަން ޙާސިލްވިއޭ. މިފަހަރު ކީއްވެހޭ ނުވާންވީ. ހުރިހާ މާއްދާއަކުން އޭ ސްޓާރ ހޯދުމަކީ އުނދަގޫ ކަމެއް ކަމުގައި ގިނަ މީހުން ދެކުނަސް އަޅުގަނޑަށް މިކަން ވެދާނޭ ދުޢާ ކުރީމާ. އެއީ އެކަލާނގެ އަށް އުނދަގޫވެ ވޮޑިގެންވާ އެއް ވެސް ކަމެއް ނޯންނާނެއޭ. އިންސާނުންނަށް އުނދަގޫ ހެން ހީވާ ކަންކަމަކީ އެކަލާނގެއަށް ދާދި ފަސޭހަ ވޮޑިގެންވާ ކަންކަމޭ"

އޯލެވެލްގައި މަލް ދިޔައީ ގަދަ ދިހައެއްގެ ތިން ވަނައަށެވެ. ޓްރެވަލް އެންޑް ޓޫރިޒަމުން ދުނިޔެއިން އަށް ވަނަ އާއި ކޮމާސްއިން މުޅި ދުނިޔެއިން ހަތަރު ވަނަ، ރާއްޖެއިން އެއް ވަނަ ލިބުނެވެ.

ކިޔެވުމުގައި މަލް ގެންގުޅުނީ ތަފާތު ސްޓައިލެއް

އޭގެ ފަހުން ޤަވައިދުން ފިލާވަޅުތައް ދަސްކޮށް އަމިއްލައަށް ނޯޓްސް ތައްޔާރުކުރަން ފެށީމާ މަލްއަށް ކުރިއަށް ދާން ވަރަށް ބޮޑަށް ފަސޭހަ ވެގެންދިޔައެވެ.

މަތީސާނަވީގައި ފިލާވަޅު ނަގައިދިނުމަށްފަހު، ދަރިވަރުން ގޭގައި އަމިއްލައަށް ވަގުތު ހޯދައިގެން އިތުރު މަޢުލޫމާތު ހޯދާ ދިރާސާކޮށްގެން ކިޔެވުން ކުރިއަށް ގެންދަން މުދައްރިސުން ބާރުއެޅިއެވެ. އަދި އޮޅުންއަރާ ބައި މުދައްރިސުންނާ ސުވާލުކޮށްގެން އޮޅުންފިލުވަން ފުރުޞަތު ދެއެވެ.

" ސްޕޫން-ފީޑް ކުރުމަކީ އަޅުގަނޑު ތާއިދުކުރާ ގޮތެއްނޫން. ސަބަބަކީ ޑިގްރީއަށް ކިޔެވުމުގައި ވެސް ބޮޑަށް އޮންނާނީ އަމިއްލައަށް ކިޔެވުން ކަމުގައިވާތީ. އޯލެވެލްގައި ވެސް އަމިއްލައަށް މަޢުލޫމާތު އެއްކޮށް ދިރާސާކޮށްގެން ކިޔެވީމާ އަޅުގަނޑަށް ވަރަށް ފަސޭހަވި" މަލް ބުންޏެވެ.

" މިކަން ކުރަން ސެލްފް-ޑިސިޕްލިން ބޭނުންވާނެ. ހުރިހާ ފިލާވަޅެއް އެންމެ ފަހުވަގުތު ދަސްކުރަން ބަހައްޓައިގެން މަތީ ސާނަވީގައި ރަނގަޅު ނަތީޖާއެއް ނުހޯދޭނެ"

އިކޮނޮމިކްސް އާއި ބިޒްނަސް ފަދަ މާއްދާތަކުގައި ކިޔަވާ ފިލާވަޅުތަކާ ގުޅުވައިގެން ހަޤީޤީ ދިރިއުޅުމާއި ދުނިޔޭގެ އެކި ތަންތަނުގައި ހިނގާ ކަންތައްތަކާބެހޭ މަޢޫލޫމާތު ހޯދުން ވަރަށް މުހިންމެވެ. މަލް އެކަން ކުރީ ނޫސްތަކުންނާއި ޕޮޑްކާސްޓް އަޑުއަހައިގެން އަދި ޔޫޓިއުބްގެ އެހީގައެވެ.

" އެކަން ކުރިމާ މަތީ ސާނަވީ ނިންމާއިރު ވެސް މީހާ ހުންނާނީ ދުނިޔެއަށް ލޯ ހުޅިވިފައި"

ސްކޫލްއިން އައިސް ފިލާވަޅުތައް ދަސްކޮށް، ގެއަށްދީފައި ހުންނަ މަސައްކަތްތައް ނިންމަނީ ހެނދުނުއެވެ. ކިޔަވަން އިންނަނީ އެންމެ ލަސްވެގެން ރޭގަނޑު 10:30 ވަންދެނެއެވެ. އޭގެ ފަހަކީ ނިދާގަޑިއެވެ.

" ކިޔަވަން އެންމެ ފަސޭހައީ ދުވާލުގެ ކުރީކޮޅުގައި. ދެން އަޑު ވީއްލާ ބާރަށް ކިޔައިގެން ދަސްވަނީ. އެހެން ކިޔާއިރު ހިތަށް އަރުވަނީ މި ކިޔައި ދެނީ އެހެން މީހަކަށޭ. އޭރުން މުޙިއްމު ނުކުތާތައް ހަނދާނުގައި ބަހައްޓަން ފަސޭހަވޭ"

މަލް ބޭނުން ކުރަނީ އަބަދު ވެސް އެއް ނޯޓްސްތަކެކެވެ. ނޯޓްސް ތައްޔާރު ކުރަނީ ފިލާވަޅު ނަގައިދޭ ދުވަސްވަރު ދިރާސާކޮށް އެކި ރިސޯސްތައް ބޭނުންކޮށްގެން މަޢުލޫމާތު އެއްކޮށްނެވެ. އެ ކުރު ނޯޓްސްތައް ބޭނުން ކޮށްގެން މުރާޖަޢާކޮށް އިމްތިޙާނުތަކަށް ތައްޔާރު ވަނީއެވެ. އޭރުން ހަމަޖެހިގެން މާބޮޑު ހާސްކަމެއް ނެތި އިމްތިޙާނަށް ތައްޔާރުވެއެވެ. އެހެން ހެދުމުން އިމްތިޙާން ދުވަސްވަރު ކުރަން ޖެހޭ މަސައްކަތް ލުއިވެއެވެ.

"އަޅުގަނޑު ތައްޔާރުކުރި ނޯޓްސް ކްލާސް ކުދިންނާއި ރަޙުމަތްތެރިންނާ ހިއްސާ ކުރިން. އޭގެން އެކުދިންނަށް ފައިދާވީމަ ވަރަށް އުފާވޭ"

ސްޓްރެސް މެނޭޖްކޮށް، ކައުންސެލިން ހޯދި

އޮންލައިންކޮށް ކިޔަވަން ޖެހުމާއި އީ ބުކް ބޭނުންކުރަން ޖެހުމުން، އެ ބަދަލަށް ހޭނެން މަލްއަށް ވަގުތު ނެގިއެވެ. މަންމަމެންނާ އެކީ އުޅެފައި ކުއްލިއަކަށް މާލެ ބަދަލުވެ ވަކިން އުޅެން ޖެހުމަކީ ވެސް ނަފުސާނީ އަސަރުތަކެއް ކުރުވިކަމެކެވެ. އެ ހުރިހާ ކަމަކާ ކުރިމަތިލުމަށް އަހުމަދިއްޔާ ސްކޫލްގެ ކައުންސެލަރ ޝަޒީނާ މިސް ގެ އެހީ އޮންލައިންކޮށް މަލް ހޯދިއެވެ. ކިޔެވުމުގެ މަރުޙަލާގައި ދިމާވި އެހެނިހެން އުނދަގޫ ކަންކަމުގައި ވެސް ކައުންސެލިން ނެގިއެވެ. އެއީ އޭނާގެ ކާމިޔާބީއަށް ވާޞިލްވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

މަލް ބުނީ، ސްޓްރެސް މެނޭޖް ކުރާނެ ރަނގަޅު ގޮތްތައް ހޯދައިގެން އަމިއްލައަށް ވެސް މަސައްކަތް ކުރި ކަމަށެވެ. " ސްޓްރެސް" އާ ދުރުވާން މަލް ބޭނުން ކުރީ އޭނާގެ އަމިއްލަ އުކުޅެކެވެ.

" ހާސްކަން ފިލުވާލާ ހިތްހަމަޖައްސާލުމަށް ޤުދުރަތީ ހިތްފަސޭހަ މާޙައުލެއްގައި ވަގުތު ހޭދަކުރަނީ. އަދި ހާސްކަން ފިލުވާލަން ބޮޑެތި މީހުންނަށް ޚާއްޞަ ކުލަޖައްސާ ފޮތުގެ ބޭނުން ހިފަނީ. އެކަން ކޮންމެ ދުވަހަކުހެން ގަވާއިދުން ކުރަން"

މަލް ބުނި ގޮތުގައި، ޕްރޮފެސަރ އުގެއިލް ވިދާޅުވާހެން ކިޔެވުން ކުރިއަށް ގެންދަން ޖެހޭނީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ދެކިގެންނެވެ. މާނައަކީ މުޅި ދުވަސް ކިޔެވުމަށް ހުސްކޮށްލުމުގެ ބަދަލުގައި ތިމާ ކުރާ ހިތްވާ ކަންތައްތަކަކީ ކޮބާތޯ ހޯދާ ބަލައި އެކަންތައް ތަކަށް ވަގުތު ދިނުމެވެ. ޢާއިލާއާއި ރަޙުމަތްތެރިންނާއެކު ވެސް ވަގުތު ހޭދަ ކުރުމެވެ. މީގެއިތުރުން ދިރިއުޅުމަށް ބޭނުންވާނެ އެހެން ހުނަރުތަކާއި ޢިލްމު ހޯދާ ދަސްކުރުމެވެ.

މަލްބުނީ، ޓީވީން ޚަބަރު ކިޔާތަން ފެނުނީމާ ނޫސްވެރިއަކަށްވާން އެއް އިރެއްގައި ބޭނުންވި ކަމަށެވެ. ވަރަށް ފޯރިއާއެކު ނޫސްކިޔައި އޭރު އުޅުނަސް މިހާރު ބޭނުންވަނީ ބިޒްނަސް ކޮންސަލްޓެންސީގެ ދާއިރާއިން ކިޔަވާށެވެ. އޭނާ މަސައްކަތް ކުރަނީ ސީޑީއީ ކޮންސަލްޓިންގ ގައެވެ.

" ވަރަށް ކުރީއްސުރެ ވެސް ދިރާސާތަކާއި ސްޓެޓިސްޓިކްސް އަށް ލޯބިކުރަން. ދެން މިހާރު އަދާކުރާ ވަޒީފާއިން މިކަމަށް ބޮޑަށް ޝައުޤުވެރިކަން އުފެދި މިދާއިރާއިން މަތީ ތަޢުލީމު ޙާސިލްކުރަން ނިންމީ"

މަލް މާމައާއި ކާފައާއެކު: ކިޔެވުމުގައި އެ ދެމީހުންގެ އެހީތެރިކަން ލިބުނު – ފޮޓޯ: މަލްސާގެ އާއިލާ

މަލް ބުނީ، އިމްތިޙާން ހަދާއިރު ސުވާލާއި ޖަވާބު ދިމާވޭތޯ ޗެކްކުރަން މަންމަ އަބަދުވެސް ބާރު އަޅާ ކަމަށެވެ. އިމްތިޙާން ދުވަސްވަރު ޤަވާއިދުން ރަނގަޅަށް ކެއުމަށް ހަނދާންކޮށްދީ، ފިލާވަޅުތައް ދަސްވިތޯ، ޓެސްޓް އޮތީ ކޮންއިރަކުތޯ، އިމްތިޙާނަށް ތައްޔާރުތޯ މަންމަމެންގެ އިތުރުން ދައްތައާއި މާމަ ވެސް އަހާ ކަމަށެވެ.

މަލް ބުނީ، އޭނާގެ ކިޔެވުމުގެ ދަތުރުގައި ފެށުނީއްސުރެ މިއަދާ ހަމައަށް ދިން ހިތްވަރާއި ލޯތްބަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.

" އޭލެވެލްއަށް ކިޔެވިއިރު އެކީގައި އުޅުނު ދައްތަމެންގެ ދައުރު ވެސް، ލިބުނު ކާމިޔާބީގައި ވަރަށް ބޮޑު. އެއީ މާލެ ބަދަލުވެ ދިރިއުޅުމަށް އައި މިބަދަލުގައި ދިން ލޯތްބާއި އޯގާތެރި ކަމަށް. އެ ސަޕޯޓް ނުލިބުނުނަމަ ކިޔެވުން މިހާ ރަނގަޅަށް ނުގެންދެވުނީސް. މިހުރިހާ ކަމަކަށް الله އަށް ޙަމްދުކުރަން. އެއީ الله ގެ އިރާދަފުޅާ ނުލާ މިއިން އެއްވެސް ކަމެއް ނުވާނެތީ"

ކިޔަވާ ދުވަސްވަރު ރަނގަޅު ރައްޓެހިން ވަރަށް މުހިންމު

މަލް ބުނީ އަޚްލާޤު ރަނގަޅު ދީންވެރި ރަޙްމަތްތެރިން ކިޔަވާ ދުވަސްވަރު ވަރަށް މުޙިއްމު ކަމަށެވެ. ތިމާއަކީ ތިމާއާ އެންމެ ގާތްކޮށް އުޅޭ ފަސް މީހުންގެ އެވްރެޖް ކަމަށް ދިރާސާއިން ދައްކާ ކަމަށާއި ކިޔެވުމުގެ މަރުޙަލާގައި ވެސް ކިޔެވުމަށް ލޯބި ކުރާ އަދި " ލައިކް-މައިންޑެޑް" މީހުން ރަޙްމަތްތެރިންގެ ގޮތުގައި ގެންގުޅުން މުޙިއްމު ކަމަށެވެ. ދީނީ ކަންކަމަށް ބާރުއަޅާ ބޭނުންތެރި ކަންކަމާ ބެހޭގޮތުން ޚިޔާލު ބަދަލުކޮށް އެފަދަ ވާހަކަތައް ޙިއްސާކުރެވޭފަދަ އިތުބާރުހިފޭ ރައްޓެހިން ހޯދުން މުހިންމު ކަމަށް މަލް ދެކެއެވެ.

" އެފަދަ ރަޙުމަތްތެރިންނާ އޭލެވެލް ތެރެއިން ދިމާވި. އަދި ކިޔެވުމާ ގުޅުން ހުރި މުޙިއްމު ނިންމުންތަކުގައި އެރަޙްމަތްތެރިން ލަފާދިން. އެ ރަޙްމަތްތެރިންގެ ލަފާއާ އެއްގޮތަށް ޢަމަލުކުރެވުނީމާ މިއަދު ވަރަށް އުފާވޭ. މި ނަތީޖާ ހޯދުމުގައި ބާރަކަށް ވީ ވެސް އެފަދަ ގާތް ރަހުމަތް ތެރިއެއް"

މަލް ބުނީ އޭނާގެ ވިސްނުން ބަދަކުކޮށްލި ގާތް ރަހުމަތްތެރިޔާއާ އެވާހަކަ ހިއްސާ ކުރީ މަތީ ސާނަވީގެ ނަތީޖާ ލިބުނު ދުވަހު ކަމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *