ކިޔަވަންޏާ އަޑުއަހަންވީ މުދައްރިސް ފިލާވަޅު ނަގައިދޭ ގަޑީގައި
އަޙްމަދިއްޔާއިން މަތީ ސާނަވީ ނިންމައި ފަސް މާއްދާއިން އޭ ސްޓަރ ހޯދައިގެން ރައީސުލްޖުމުހޫރިއްޔާގެ ސްކޮލަރޝިޕް ހޯދި މަރިޔަމް އަހުމަދު ނަމޫނާ އަކަށް ބެލީ އޭނާގެ ދޮންތައެވެ. ރ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރުގެ ޝަރަފުވެރި މަޤާމް 2017 ވަނަ އަހަރު ދޮންތަ ހޯދުމުން އެކަމާ އެންމެ ބޮޑު އުފަލެއް ވި އެކަކީ ވެސް އޭނާއެވެ. ދޮންތަ ހޯދި ފަދަ ފަޚުރުވެރި ކާމިބީއެއް ހޯދަން އޭރުއްސުރެ އޭނާ ޢަޒުމް ކަނޑައެޅިއެވެ. ކިޔެވުމުގައި ދޮންތައަށް ވުރެ ކުރިއަރައިދާން އޭނާ ބޭނުންވިއެވެ.
އެ ޢަޒުމުގައި ދަތުރު ފަށައި ސާނަވީން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދިއެވެ. މަތީ ސާނަވީގައި ހޯދި ފަޚުރުވެރި ކާމިޔާބީއާއެކު ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ކިޔެވުމުގެ ފުރުޞަތުވެސް ހޯދީއެވެ.
" މިއީ އުއްމީދު ކުރި ވަރަށްވުރެ ވެސް މާ މަތީ ނަތީޖާއެއް. ރައީސްގެ ސްކޮލަރޝިޕް ލިބޭނެ ކަމަށް އަޅުގަނޑު ކުޑަ ނަމަވެސް އުއްމީދެއް ނުކުރަން." މަތީ ސާނަވީން ލިބުނު ނަތީޖާއާ މެދު މަރީ ހުރީ ހައިރާންވެފައެވެ.
މަރީ ދެކޭ ގޮތުގައި ސާނަވީ އިމްތިހާނުތަކުގައި ފިލާވަޅުތައް ހިތުދަސްކުރުމުން ރަގަޅު ނަތީޖާއެއް ހާސިލް ކުރުމަކީ އުދަނގޫ ކަމެއް ނޫނެވެ. ނަމަވެސް މަތީ ސާނަވީގައި ފިލާވަޅުތައް ރަގަނޅަށް ފަހުމުވުމަކީ މުހިއްމު ކަމެކެވެ. އެހެންވެ އެންމެ އިސްކަމެއް އޭނާ ދިނީ ފިލާވަޅުތައް މުޠާލިއާކޮށް ޕާސްޓް ޕޭޕަރު ހެދުމަށެވެ.
" އެދުވަހެއްގެ ފިލާވަޅު އެ ދުވަހެއްގައި ދަސްކުރުން މުހިންމީ. ޕާސް ޕޭޕަރު ހަދަން ފެށުމުގެ ކުރިން ޓޮފިކްތައް ރަގަނޅަށް ދަސްކުރިން"
މަރީއަށް ކިޔަވަން އެންމެ ފަސޭހަ ގަޑިއަކީ ފަތިސް ގަޑިއެވެ. އެންމެ ފަސޭހައިން ފިލާވަޅު ދަސްވަނީ ލިޔެގެންނެވެ.

ކިޔެވުމުގައި މަރީގެ އަމާޒަކަށްވީ ހުރިހާ މާއްދާ އަކުން ވެސް އެންމެ ރަގަނޅު ނަތީޖާއެއް ހޯދުމެވެ. އެގޮތުން ދުވަހުން ދުވަހަށް ދެވޭ ފިލާވަޅުތައް ނިންމައި ކްލާސް ގަޑީގައި ޓީޗަރު ކިޔަވައިދެއްވި އެއްޗެހި ފުރިހަމައަށް އަޑުއެހުމަށް ޚާއްޞަ އިސްކަމެއް ދިނެވެ.
" ގުރޫޕު ސްޓަޑީ ހެދުމަކީ ފިލާވަޅުތައް މުތާލިއާ ކުރުމަށް ވަރަށް މުހިންމު ކަމެއް. އެހާމެ ބޭނުންތެރި ކަމެއް. އެހެން ކުއްޖަކަށް ކިޔައިދިނުމުން އެ ފިލާވަޅުން އަމިއްލައަށް ދަސްވެފައި ހުރި މިންވަރާއި އިތުރަށް ދަސްކުރަންޖެހޭ ބައި އެނގިގެންދޭ"
އެހެން ދަރިވަރުންނާ ޚިލާފަށް މަރީއަކީ ޓިއުޝަނާ ރައްޓެހި ދަރިވަރެއް ނޫނެވެ. އެއްވެސް މާއްދާއަކުން ޓިއުޝަނެއް ނުނަގައެވެ. އޭގެ ސަބަބަކީ، ސުކޫލުގެ ފަރާތުން އިތުރު ގަޑިތައް އިންތިޒާމު ކޮށްދީ ފިލާވަޅުތައް ރަގަޅަށް އުގަންނައި ދިނުމަށް ޓީޗަރުން ކުރެއްވި ބުރަ މަސައްކަތް ކަމަށް މަރީ ޤަބޫލު ކުރެއެވެ.
" ޓިއުޝަނަށް ނަގާކަށް ނުވެސް ވިސްނަން. ސްކޫލުންނާއި ޓީޗަރުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވި. އޮޅުން ފިލަންދެން ބުނެދެއްވާ. ފިލާވަޅު ފަހުމް ވާނަމަ އިތުރަށް ނަގާނެ ޓިއުޝަނެއް އޮތް ކަމަކަށް ނުދެކެން"
އެންމެ ކިޔަވާ ހިތްވާ މާއްދާ އަކީ ހިސާބެވެ. އެއީ ހިސާބު މާއްދާގެ ސުވާލުތައް ހަދަން ގިނަ ވަގުތު ހޭދަވި ނަމަވެސް ޝައުގުވެރިކުރުވާ ކަހަލަ ސުވާލުތަކަކަށް ވާތީއެވެ.
ކިޔެވުމުގެ މަރުހަލާގައި މަރީއަށް އެންމެ ދަތިވީ އާއިލާ އާއި ދުރުގައި ހުންނަން ޖެހުމެވެ. އަދި ކިޔެވުމުގެ މަރުހަލާގައި ލިބިގެން ދިޔަ އެންމެ ބޮޑު އެއް ހިތްވަރަކީ ޓީޗަރުންގެ ފަރާތުން ލިބުނު އެއްބާރުލުމެވެ.
އެންމެ ކުޑައިރުގެ ހުވަފެނަކަށްވީ ޕައިލެޓަކަށް ވުމެވެ. އެކަމަކު މިއަދު ބޭނުން ވަނީ ޑޮކްޓަރެއްގެ ގޮތުގައި އެހެން މީހުންނަށް އެހީތެރިވެދޭށެވެ.
ތައުލީމީ ހަޔާތް އުފަލާއި މަޖަލުގައި ވޭތުކުރުމަށް އެހީތެރިވެދިނީ ރައްޓެހިންނެވެ. ކަމަށްޓަކައި ހިތުގެ އެންމެ ފުންމިނުން އެކުވެރިންނަށް ޝުކުރު އޭނާ އަދާކުރެއެވެ.

މަރީ ބުނީ އޭނާގެ އެންމެ ބޮޑު ހިތްވަރަކީ މަންމަ އާއި ބައްޕައާއި އައިލާއެވެ. އެމީހުންގެ ފަރާތުން ލިބެމުންދިޔަ ހިފެހެއްޓުމެއް ނެތް ލޯތްބާއި އެހީތެރިކަމެވެ. މާޔޫސްވާ ކޮންމެ ހިނދަކު ދެގޮތެއް ނުވެ ހިތްވަރު ދިނުމުގައި ދެމިތިބޭ ބަޔަކީ މަންމަ އާއި ބައްޕަގެ އިތުރުން އާއިލާއެވެ.
advertisment
ހިޔާލު