* ނަމޫނާއަކަށް ބެލީ، ފާއިތުވި އަހަރު ތަކުގައި އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުން
ކާމިޔާބު ދަރިވަރަކަށް ވުމަށް ޢަބްދުﷲ ސަރޫފް މުޙައްމަދު ބެލީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ސްކޫލުން އިސްވެދިޔަ އަހަރުތަކުގައި "ބެސްޓް އޯލް ރައުންޑް" މަޤާމް ހޯދި ދަރިވަރުން ކިޔެވުމުގައި ގެންގުޅުނު އުސޫލު ތަކަށާއި އެ ދަރިވަރުން ކަންކުރި ގޮތަށެވެ. އޭގެ އިތުރުން ނަތީޖާ ނެރެން އެ ދަރިވަރުންގެ ޚިޔާލާއި، އިރުޝާދާއި އެހީތެރިކަން ވެސް އޭނާ ހޯދިއެވެ.
ކިޔެވުމުގައި ސަރޫފަކީ ލާމަސީލު ދަރިވަރެކެވެ. ސާނަވީ އިމްތިޙާނުގައި ޢަރަބިއްޔާ ސްކޫލްގެ ފަރާތުން މަޖުބޫރު ހަތަރު މާއްދާގައި ބައިވެރިވެ، އެސްއެސްސީ ދިވެހިން އޭ ސްޓާރ، އެސްއެސްސީ ޢަރަބިން އޭ ސްޓާރ، ކޭމްބްރިޖް އައިޖީސީއެސްއީ އިނގިރޭސިން އޭ، އަދި ކޭމްބްރިޖް އައިޖީސީއެސްއީ ފަސްޓް ލެންގުއޭޖް އަރަބިކްއިން ބީ އެއް ހޯދައި، ޑިސްޓިންކްޝަން އެވޯޑް ޙާޞިލްކުރިއެވެ.
މަތީ ސާނަވީ އިމްތިޙާނުގައި ޢަރަބިއްޔާ ސްކޫލްގެ ފަރާތުން މަޖުބޫރު ތިން މާއްދާގައި ބައިވެރިވެ، ކޭމްބްރިޖް ޖީސީއީ އަރަބިކް އެޑްވާންސްޑް ލެވެލް އިން އޭ ސްޓާރ، ކޭމްބްރިޖް ސީއޭއީ (ސެޓްފިކެޓް އިން އެޑްވާންސްޑް އިންގްލިޝް) އިން ބީ، އަދި އެޗް.އެސް.ސީ ދިވެހިން ބީ އެއް ހޯދިއެވެ. އަދި ޢަރަބިއްޔާ ސްކޫލުގައި ހަދާ މައިގަނޑު މަތީ ސާނަވީ އިމްތިޙާން ކަމުގައިވާ "ޝަހާދާ ޘާނަވިއްޔާ" އިމްތިޙާނުގައި، ސައިންސް ސްޓްރީމްގެ ދަރިވަރުން ހަދަންޖެހޭ 16 މާއްދާގެ ތެރެއިން އެއް މާއްދާއިން ސީ، އަދި ދެ މާއްދާއިން އޭ ހޯދައި، ދެން އޮތް 13 މާއްދާއިން އޭ ސްޓާރ ހޯދުމާއެކު ޝަހާދާ ޘާނަވިއްޔާ އިމްތިޙާނުން އެއް ވަނަ ޙާޞިލްކޮށް، އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ ހަ ވަނަ ޙާޞިލްކުރިއެވެ.

ސަރޫފް ބުނި ގޮތުގައި ހަތް ވަނަ ގްރޭޑުން އެއްވަނަ ޙާޞިލްކުރެވުނު ދުވަހުން ފެށިގެން ސަރޫފްގެ މައިގަނޑު އަމާޒަކަށް ވެގެންދިޔައީ މަދަރުސާގެ " ބެސްޓް އޯލް ރައުންޑް" ދަރިވަރަށް ވުމެވެ. މިކަން ޙާޞިލްކުރުމަށް ޓަކައި މަދަރުސާގައި ދެވޭ ފިލާވަޅުތައް ދުވަހުން ދުވަހަށް ކިޔެވޭތޯ މަސައްކަތްކުރިއެވެ. އަދި ހަފްތާ ބަންދުގައި، ބާކީ ހުރި ފިލާވަޅުތައް ކިޔަވާ ނިންމައި، ކުރިން ކިޔެވި ފިލާވަޅުތައް ކޮންމެވެސް ވަރަކަށް މުރާޖަޢާ ކުރެވޭތޯ ބެލިއެވެ. މީގެ އިތުރުން ތަފާތު އިތުރު ޙަރަކާތްތަކުގައި ބައިވެރި ވުމަށް ވެސް ޚާއްސަ ސަމާލުކަމެއް ދިނެވެ. ހަމައެއާއެކު މަދަރުސާގެ އިސް މަޤާމުތަކަށް ކުރިމަތިލައި، އެންމެ ދުވަހަކު ވެސް ގަޑިނުޖެހި ހާޒިރީ ގެއްލުވާނުލެވޭތޯ ވަރަށް މަސައްކަތްކުރިއެވެ.
" މިއަމާޒަށް ވާޞިލްވުމަށް ކުރެވުނު މަސައްކަތުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭގޮތް ފަހިވެގެންދިޔައީ"
ފާއިތުވި އަހަރު އަރަބިއްޔާ ނިންމި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭ ހަމައެކަނި ދަރިވަރަކީ ސަރޫފެވެ.
" ޝަހާދާ ޘާނަވިއްޔާ އަށާއި މަތީ ސާނަވީ އިމްތިޙާންތަކަށް ތައްޔާރުވަމުން އައިއިރު ކިޔެވުމުގެ ބުރަ ބޮޑުވެ، މި ލަނޑުދަނޑިތައް ޙާޞިލް ކުރެވުމުގެ އުންމީދު ކުޑަވެ، މާޔޫސްކަން ވެސް އިހުސާސް ކުރެވުނު. ނަމަވެސް މައިންބަފައިންގެ އެއްބާރުލުމާއެކު ވަރަށް ހިތްވަރުކޮށްފައި، އުންމީދު ކަނޑާނުލައި ކުރިޔަށް ގެންދިޔައީ"
ސާނަވީ މަރުޙަލާއާ އަޅާބަލާއިރު މަތީ ސާނަވީގައި ކިޔަވަން ޖެހުނު މާއްދާތައް އިތުރުވުމުން އިތުރަށް ކުރަން ޖެހޭ މަސައްކަތުގެ މިންވަރު ދެނެގަނެވުނު ކަމަށް ސަރޫފް ބުންޏެވެ.
ޓެކްސްޓް ފޮތްތަކަށް އިތުރު އަހަންމިއްޔަތުކަމެއް ދިނުމާއެކު، ކުރިޔަށް ވުރެ ބޮޑަށް އިންޓަނެޓް މެދުވެރިކޮށް ފިލާވަޅުތަކާ ގުޅޭ ވީޑިޔޯތައް ބަލައި، އިތުރު މަޢުލޫމާތު ހޯދަން ފެށިއެވެ. އަދި މަދަރުސާގައި ކިޔަވައިދެމުން ގެންދިޔަ ތިން ބަސް މުއްސަނދި ކުރުމަށް ޓަކައި އެބަހަކުން ލިޔެފައި ހުންނަ އާޓިކަލްތައް ކިޔުމާއެކު، އޭގެ އިމްތިޙާންތަކަށް ތައްޔާރު ވުމުގެ ގޮތުން މުދައްރިސުންގެ އިރުޝާދުތަކުގެ އަލީގައި ޕާސްޓްޕޭޕަރުތައް ވެސް އޭނާ ހަދަމުން ގެންދިޔައެވެ.
ސަރޫފަށް ކިޔަވަން ފަސޭހައީ ކިޔައިގެންނެވެ. ނަމަވެސް ބައެއްފަހަރު ތަފާތު ބައިތަކަކަށް ބެހިގެންވާ، ގިނަ މަޢުލޫމާތު އެކުލެވޭ މައުޟޫޢެއް ކިޔަވާނަމަ، އެ މަޢުލޫމާތުތައް ފަސޭހައިން ބޮލަށް ނަގައިގަނެވޭ ގޮތަށް ތާވަލު ހަދައިގެން ވެސް ކިޔަވައެވެ. މިސާލަކަށް ފީޒިޔާ (ފިޒިކްސް) އާއި ރިޔާޟިއްޔާތު (މެތަމެޓިކްސް) ގެ ބައެއް ޤާނޫނުތަކާއި، ނަޙޫ އާއި ޞަރްފު (ޢަރަބި ބަހާއިގުޅޭ ދެ މާއްދާ) ގެ ބައެއް ޤަވާޢިދުތައް އެ ގޮތަށް ދަސްކުރިއެވެ.

މަދަރުސާގާއި އުސްތާޛް ފިލާވާޅު ޝަރަޙަ ކޮށްދެއްވާ ގަޑީގައި ކަނުލާ އަޑުއަހައި، އުސްތާޛް ލިޔުއްވާ ނުކުތާތަކުގެ އިތުރުން ޝަރަޙައިގައި އަނގަބަހުން ފާހަގަކުރައްވާ ބައެއް ނުކުތާތައް ވެސް ފަންސޫރުން ސަރޫފް ނޯޓުކުރެއެވެ.
ސަރޫފް ބުނީ އާންމުކޮށް ކިޔަވަން ފަސޭހައީ ދަންވަރު ގަޑީގައި ކަމަށެވެ. ރޭގަނޑު އަވަހަށް ނިދާފައި ދަންވަރު ތެދުވެ އިންނަނީ ކިޔަވާށެވެ.
" ބައެއްފަހަރު ރޭގަނޑު ތަންކޮޅެއް ލަސްވަންދެން ކިޔަވާފައި ނިދުމަށް ފަހު ހޭލަނީ ފަތިސް ނަމާދު ގަޑިއަށް. ދެން މަދަރުސާ ގަޑި ނިންމާފައި ގެޔަށް އައުމަށް ފަހު ގިނަ ވަގުތު ހޭދަކުރަނީ ކިޔެވުމުގައި، ނޫނީ ކިޔެވުމާ ގުޅުންހުރި ކޮންމެވެސް ކަމެއްގައި" ސަރޫފް ބުންޏެވެ.
" އަބަދު ވެސް ކިޔަވާ ކޮންމެ 45 މިނެޓަކަށް ފަހު 10-15 މިނެޓްގެ ބްރޭކެއް ނަގަން. ބްރޭކް ގަޑީގައި އާންމުކޮށް ބެލްކަންޏަށް ނުކުމެ ބޭރުބަލާލަން ހުންނަނީ. އިމްތިޙާން ދުވަސްވަރު މުޅިންހެން މީސްމީޑިޔާ ބޭނުންކުރުން މެދުކަނޑާލަން، އަދި މުޅިދުވަހު އެއްކޮށް ކަހަލަ ގޮތަކަށް ކިޔެވުމުގަ އުޅުނެއްކަމަކު ކޮންމެ ރެޔަކު ވެސް މަދުވެގެން ހަތަރު ފަސް ގަޑިއިރު ނިދާލަން"
ސާނަވީ އަދި މަތީ ސާނަވީގެ އިމްތިޙާން ތަކަށް ޚާއްސަކޮށް ގެން ސަރޫފް ޓިއުޝަން ނެގިއެވެ. އޭގެ ތެރޭގައި ހުރިހާ ޢަރަބި މާއްދާއެއް ހިމެނެއެވެ.
އެއީ އޮޅުންނުފިލާ އެއްޗެހި އިތުރަށް އޮޅުންފިލުވަން ލިބޭ ފަހި ފުރުސަތަކަށްވެފައި، މަދަރުސާގައި އެދުވަހަކު ނަގައިދިން ފިލާވަޅުތައް އިތުރަށް މުޠާލިޢާވެގެންދާތީއެވެ.
ސާނަވީގައި ކިޔެވިއިރު ގުރޫޕް ސްޓަޑީ ހެދި ނަމަވެސް މަތީ ސާނަވީގައި އެކަން އޭނާ ދޫކޮށްލިއެވެ. އެއީ ގިނަ ވަގުތުތަކެއް ބޭކާރުވެގެން ދާކަމުގެ އިޙުސާސް ކުރެވެން ފެށުމުންނެވެ.
މަތީ ސާނަވީ އިމްތިޙާންތަކަށް ތައްޔާރުވީއިރު ގޭގައި އިނދެ އަމިއްލަޔަށް ކިޔަވަން ފަސޭހައީ. ފަހުން ވަރަށް މަދުން ނޫނިއްޔާ ގްރޫޕް ސްޓަޑީއަކަށް ނުދަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިކަމުގައި އެކި ކުދިންނަށް ފަސޭހަވާނީ އެކި ގޮތް"

ސަރޫފް ބުނީ، ކިޔެވުމުގެ މަރުޙަލާގައި އެކުވެރީން ވެގެންދިޔައީ ވަރަށް މުހިންމު ބަޔަކަށެވެ. ކިޔެވުމުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމާއެކު، އޮޅުން ނުފިލާ އެއްޗެހި އެކަކު އަނެކަކަށް ކިޔައިދީ އޮޅުންފިލުވައިދެވޭތޯ އަބަދުވެސް މަސައްކަތްކުރި ކަމަށެވެ.
" އެކަކު އަނެކަކާ ވާދަކޮށް، އެގޮތުގައި އެންމެން އެކީ ކުރިއަރައި ދެވޭތޯ މަސައްކަތްކުރި. ކިޔެވުމުގެ އިތުރުން އިތުރު ޙަރަކާތްތަކުގައި ވެސް ޖޯޝާއި ފޯރި ދެއްކި. މިފަދަ އެކުވެރިންތަކަކާއެކު، އިމްތިޙާންތަކާ އަދި ކިޔެވުމުގެ މަރުޙަލާގައި ދިމާވާ ތަފާތު ކަންކަމާ ކުރިމަތިލުމަށް ވަރަށް ބޮޑު ހިތްވަރަކާއި ލުޔެއް ލިބިގެންދިޔަ"
ސަރޫފް ބުނީ އެންމެ އުނދަގޫވީ ކޮވިޑް 19އާ ގުޅިގެން އޮންލައިންކޮށް ކިޔަވަން ޖެހުމާއި އޭނާގެ ބައްޕަ ކޮވިޑަށް ފައްސިވެ ދުރުގައި ހުންނަން ޖެހުމުންނެވެ. އެއާއެކު ދެ ހަފްތާއެއްހާ ދުވަސް ވަންދެން ގޭގައި
ކޮޓަރިއެއްގައި " ބަންދުވެފައި" ހުންނަން ޖެހުމުން މަދަރުސާގައި ދެވުނު ރިވިޝަން ކްލާސްތައް ގެއްލި، އެކިކަހަލަ ނޭދެވޭ އަސަރުތައް ކުރި ކަމަށެވެ.
" ﷲ ގެ އިރާދަފުޅުން ސީދާ ޓާމް އިމްތިޙާން ފެށެންއޮތް ދުވަހަށް އަޅުގަނޑުގެ ކަރަންޓީން ނިމި، ހުރިހާ އިމްތިޙާނެއްގައި ބައިވެރިވެވި، އުންމީދުކުރި ނަތީޖާ ޙާޞިލްކުރެވުނު"
ސަރޫފް އެންމެ ގަޔާވި މާއްދާއަކީ "ފިޤުހު"އެވެ. ސަބަބަކީ ދީނީ ގޮތުން މުސްލިމަކަށް އެނގެންޖެހޭ ތަފާތު އަސާސީ މައްސަލަތަކާއި ޝަރުޢީ ޙުކުމްތައް އެމާއްދާގައި ކިޔަވަދިނުމާއެކު، އެމާއްދާއިން ދަސްވާ ކަންކަން އަމިއްލަ ޙަޔާތުގައި ވަރަށް ބޮޑަށް ބޭނުންކުރެވި، ދީނުގައި ޢަމަލުކުރަންޖެހޭ ހެޔޮ ރަނގަޅު ގޮތް އެނގިގެންދާތީއެވެ.
ކުޑައިރު ސައިންޓިސްޓަކަށް ވާން ބޭނުންވި ސަރޫފުގެ މިހާރުގެ ލޯ ހުރީ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއަށެވެ. އެއީ އެކިކަހަލަ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އެވަސީލަތްތައް މެދުވެރިކޮށް އުފެއްދޭ ވަރުގަދަ އަދި ބޭނުންތެރި ޕްރޮގްރާމްތަކާއި ސޮފްޓްވެއަރތައް ފެނި، އެކަމަށް ޝައުޤުވެރިކަން އުފެދެމުން ދިއުމާ އެކުއެވެ.
ކިޔެވުމާއި އެއްވަރަށް އިތުރު ހަރަކާތްތަކުގައި ވެސް ސަރޫފަކީ ނަމޫނާ ދަރިވަރެކެވެ. އޭނާ އަދާ ނުކުރާ މަޤާމެއް ނެތެވެ. މަދަރުސާގެ ކުލަބު ޖަމިއްޔާތަކުގެ އެކި މަޤާމްތައް އަދާކުރިއެވެ. ޕްރިފެކްޓް ކަމުން ސީނިއަރ ޕްރިފެކްޓްކަމެވެ. ހައުސްތަކުގެ ޑެޕިއުޓީއެއްގެ ޒިންމާއިން ފެށިގެން ކެޕްޓަން ކަމުގެ ޒިންމާ ނެގިއެވެ.
ގްރޭޑް ދޭކުން ފެށިގެން ޢަރަބިއްޔާ ސްކައުޓް ގްރޫޕުގައި ބައިވެރިވެ، ތަފާތު ގިނަ އެވޯޑްތަކާއި ބެޖުތައް ޙާޞިލްކުރުމާއެކު ތަފާތު ލީޑަރޝިޕް މަޤާމުތައް އަދާކުރިއެވެ. ޖެހިޖެހިގެން ފަސް އަހަރު ކިޔެވުމަށް އެންމެ މޮޅު ސްކައުޓްގެ އިނާމު ޙާޞިލްކުރުމާއެކު، 2020 ވަނަ އަހަރު ބެސްޓް އޯލް ރައުންޑް ސްކައުޓްގެ އިނާމު ޙާޞިލްކުރިއެވެ. ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެ ކާމީޔާބީތައް ހޯދިއެވެ.
އިންޓަރ ކްލާސް އަދި އިންޓަރ ގްރޭޑް ފެންވަރުގެ ފުޓުބޯޅަ މުބާރާތްތަކުގައި ބައިވެރިވެ ތިން ފަހަރު މަތިން ޓީމަށް ޗެމްޕިއަންކަން ލިބުމުގައި އިސް ދައުރެއް އަދާކުރުމާއެކު އިންޓަރ ހައުސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ، ހިތުން ކިޔެވުމުން އުމުރުފުރާއިން ތިން ވަނަ ހޯދިއެވެ.
ސަރޫފް ދެކޭ ގޮތުގައި ކިޔެވުމުގައި އޭނާއަށް ލިބުނު ކާމިޔާބީގެ ސިއްރަކީ، އީމާންތެރިކަމާއެކު ގިނަގިނައިން ދުޢާކުރުމާއި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، ހިތްވަރު އެލުވާނުލައި ޝައުޤުވެރިކަމާއެކު ގަދައަޅާ މަސައްކަތް ކުރުމެވެ.
ސަރޫފުގެ ކާމިޔާބީގައި މައިންބަފައިންގެ ދައުރު ވަރަށް ބޮޑެވެ.

" މިހާ ހިސާބަށް އައުމަށް ފަހު ހިތްވަރު އެލުވާނުލާށޭ، ކަށިން ހިތްވަރު ނެރެގެން ފަށައިގަތް މަސައްކަތް ކުރިޔަށް ގެންގޮސް ނިންމާށޭ" ބުނެ ގިނަގިނައިން ނަސޭހަތާއި އިރުޝާދު އެމީހުން އޭނާއަށް ދިނެއެވެ. " އަޅުގަނޑަށް ދެރައެއް ލިބުނު ކޮންމެ ފަހަރަކު އަޅުގަނޑަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވައި، ހިތްވަރާއި ޢަޒުމު އާކޮށްދެއްވި. ހަމައެފަދައިން އަޅުގަނޑަށް މޮޅެއް ލިބުނު ކޮންމެ ފަހަރަކު އުފާ ފާޅުކުރައްވައި، އިތުރަށް ރަނގަޅު ކުރަންވީ ކަންކަން އަޅުގަނޑަށް ކިޔައިދެއްވި. އެކި މަސައްކަތްތަކުގައި ކިތަންމެ ބުރަކޮށް އުޅުއްވަމުން ވެސް، އަޅުގަނޑު ކިޔެވުމަށް ޓަކައި ބޭނުންވި ހުރިހާ ކަމެއް، އެއްވެސް ގޮތަކަށް ދަތި ނުވާނޭހެން އަޅުގަނޑަށް ފަހިކޮށްދެއްވި. އަދި އަބަދު ވެސް އަޅުގަނޑަށް ހެޔޮދުޢާ ކޮށްދެއްވި. މާތް ﷲ މަންމައާއި ބައްޕަޔަށް ހެޔޮ ރަޙްމަތް ލައްވާށި"
advertisment
ހިޔާލު