އެންމެ ކުޑައިރުއްސުރެ ވެސް ކިޔެވުމަށް ޚާއްޞަ ސަމާލުކަމެއް ދިން، ފާތިމަތު ޒައިނާ ނަޢީމާ މެދު އޭނާގެ މަންމަ ބުނާ ވަހަކައެއް އޮވެއެވެ.
" ޒައިނާ މޮޅަށް ކިޔަވައިގެން ސަރުކާރު ސްކޮލައިޝިޕެއްގައި ރާއްޖެއިން ބޭރަށް ފުރާނެއެވެ"
މައެއްގެ އެ އުއްމީދާއި އެ ހުވަފެންތަކުގައި މިއަދު ޒައިނާ ކުލަޖައްސައި ދީފިއެވެ. އޭލެވެލްގެ ފަޚުރުވެރި އެއްވަނަ ފަސް މާއްދާއިން އޭ ސްޓަރ ހޯދައި، ރައީސްގެ ސްކޮލަރޝިޕް ލިބޭ މަދު ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކީ އޭނާއެވެ. އޭލެވެލް ނިންމި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އެ ފަޚުރުވެރި މަޤާމް ހުސްވި އަހަރު ހޯދި ހަމައެކަނި ދަރިވަރަކީ ވެސް ޒައިނާއެވެ.
" މިއީ އުނދަގޫ، ބަނަ ދުވަސްތަކަށްފަހު، ލިބުނު ފޮނި، ފަޚުރުވެރި ކާމިޔާބެއް" ޒައިނާގެ އަޑުގައި ވެސް ވަނީ އުއްމީދެވެ.
ސްޓްރީމް ބަދަލުކުރަން ޖެހުން ބޮޑު ގޮންޖެހުމެއް
ސާނަވީ މަރުޙަލާ ޒައިނާ ނިންމީ އަމީނިއްޔާ ސްކޫލުންނެވެ. ކިޔެވީ އާޓްސް ސްޓްރީމެވެ. ސާނަވީން ގަދަ ދިހައެއްގެ ހަތަރުވަނަ ހޯއިރު، ހިސްޓްރީން މުޅި ދުނިޔެއިން އެއްވަނަ ހޯދިއެވެ. ޖިޔޯގްރަފީން ކޭމްބްރިޖް ހަޔަރ އެޗީވަރސް އެވޯރޑް ލިބުނެވެ.

އެހެނަސް އޭލެވެލްގައި އާރޓްސް ސްޓްރީމުގެ މާއްދާތަކުގެ ތެރެއިން ރާއްޖޭގައި ހެދެނީ ހަމައެކަނި ހިސްޓްރީކަމުން އޭނާ ނިންމީ ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގައި ބިޒްނަސް ސްޓްރީމަށް ކިޔަވާށެވެ. އެގޮތުން ހިޔާރުކުރި މާއްދާތަކަކީ އިސްލާމާއި ދިވެހީގެ އިތުރުން ބިޒްނަސް އަދި އެކައުންޓިންއެވެ. ސްކޫލުން ދިން ފުރުސަތާއި އެކީ ފަސް ވަނަ މާއްދާއެއްގެ ގޮތުގައި އޭނާ ނިންނީ ޕްރައިވެޓްކޮށް ކިޔަވާ އެހެނަސް ސްކޫލު ކެނޑިޑޭޓެއްގެ ގޮތުގައި ހިސްޓްރީ އިމްތިހާނުގައި ބައިވެރިވާށެވެ.
އާޓްސް ސްޓްރީމުން ބިޒްނަސްއަށް ބަދަލުވާން ޖެހުމުން، މަތީ ސާނަވީގައި ޒައިނާއަށް ކުރިއަށް ދިއުމަށް ކުރަން ޖެހުނު މަސައްކަތްތައް އެތައް ގުނައެއް އިތުރުކުރަން ޖެހުނެވެ.
އެންމެ ކުޑައިރުއްސުރެ ވެސް ކުލާހުގެ މޮޅު ކުއްޖާގެ ގޮތުގައި ޒައިނާ ފާހަގަ ކުރެވުނަސް އައު ސްޓްރީމްގެ މާއްދާތައް ކިޔަވަން ޖެހުމުގެ ސަބަބުން ފިލާވަޅުތައް ނަގައިގަންނަން ވަރަށް އުދަނގޫވިއެވެ. ކުލާހުގައި އިނދެވެނީ ވާނުވާ ނޭނގިފައެވެ. ފުރަތަމަ ދުވަސްވަރު ޓީޗަރު ކިޔަވަދޭ އެއްވެސް އެއްޗެއް ސިނކުޑިއަކަށް ނުވަދެއެވެ. ކޮވިޑް ގެ ދުވަސްވަރަށް ވުމުން އެ ތަކުލީފު ބޮޑުވިއެވެ.
" ތައުލީމީ ހަޔާތުގެ އެންމެ ނުތަނަވަސް ދުވަސްތައް އެއީ" ޒައިނާ ބުންޏެވެ.

" އެކަމަކު ވެސް ހިތްވަރު އެލުވާ ނުލަން. އަމިއްލަ ނަފްސަށް އިތުބާރުކޮށް ލިބެން އޮތް އެހީތައް ހޯދިން. އެގޮތުން ޓީޗަރުން, ކުލާސް ކުދިން, ޔޫޓިއުބް އަދި ތަފާތު ބޭނުން ހުރި ސައިޓުތަކުގެ އެހީ ހޯދިން"
ހިތްވަރުކޮށްފައި ކުރިއަށް ދިޔައިރު ޒައިނާއަށް ކުރިމަތިވީ އިތުރު އުނދަގުލަކާއެވެ. ޓެސްޓު ޕޭޕަރުތައް ލީކުވެގެން އޭލެވެލް އިމްތިހާން އޮކްޓޯބަރަށް ފަސްކުރުމުން ސްކޫލުގެ ކެނޑިޑޭޓެއްގެ ގޮތުގައި ހިސްޓްރީ މާއްދާ ހެދުމުގެ ދޮރު މުޅިން ބަންދުވިއެވެ. އޭލެވެލްގެ ހިސްޓްރީގެ އިމްތިޙާން އޮންނަނީ ޖެނުއަރީ އަދި މެއިގައެވެ.
ހިސްޓްރީ މާއްދާ ދޫކޮށްލަން ޖެހުމުން ޒައިނާގެ ހާސްކަން ކުރިއަށްވުރެ ބޮޑުވިއެވެ. ކިޔަވަމުން އައި ފަސް މާއްދާގެ ތެރެއިން ހިސްޓްރީ ދޫކޮށްލައިފިނަމަ ހަތަރު މާއްދާ ކިޔަވައިގެން ސްކޮލަރޝިޕެއް ނުލިބެއެވެ. އެހެންވެ ވަގުތު ކުޑަތަންވި ނަމަވެސް އިތުރު މާއްދާއެއް ނުކިޔަވާ ޒައިނާގެ އުއްމީދު ތަކުގައި ކުލަޖެއްސޭކަށް ނެތެވެ. ޒަައިނާއަށް ހުއްޓުނީ ހަތަރު އަނގޮޅިއެއްގެ މެދަށެވެ. ހަދާނެ ގޮތަކާ މެދު އޭނާ ދިޔައީ ފިކުރު ކުރަމުންނެވެ. އެންމެ ފަހުން ޕްރިސިޕަލުގެ ލަފާގެ މަތިން ފަސް ވަނަ މާއްދާއެއްގެ ގޮތުގައި އިކޮނޮމިކްސް ނެގިއެވެ. އެންމެ ހަ މަސްދުވަހުގެ ތެރޭގައި އިކޮނޮމިކްސްގެ ހަތަރު ޔުނިޓް އެއްކޮށް ނިންމަން ޒައިނާ ކުރިމަތިލީ ވެސް ބޮޑު ޗެލަންޖަކާއެވެ.
ޒައިނާ ބުނީ ފަހު ސެމިސްޓާގައި މޮކް އެގްޒާމުގައި ސްކޫލުން 10 ވަނަ ލިބުމުން ހިތްެދަތިވި ކަމެކެވެ. އަދި ބިޒްނަސްގެ ނަތީޖާ ދަށްވުމުން އެންމެ މޮޅެތި ދަރިވަރުންނާ ވަކިން " އެވްރެޖް" ކުދިންގެ ކުލާހަށް ދާންޖެހުމަކީ ވެސް ޒައިނާގެ ހިތްދަތިކަން އިތުރުވި ކަމަށެވެ. ނަމަވެސް ކުރި ހިތްވަރާއެކު ކުރި މަސައްކަތުން އޭލެވެލްގައި ބިޒްނަސްގެ ތިން ޕޭޕަރުން ސަތޭކައިން ސަތޭކަ ހޯދާ އެއް ޕޭޕަރުން 99 ހޯދިއެވެ.
ކުރިއަށް ދެވުނީ "ސްޓްރެސް" މެނޭޖް ކޮށްގެން
ޒައިނާ އަބަދުވެސް ކިޔަވަނީ ނޯޓްސްތައް "އެނޮޓޭޓް" ކޮށްގެންނެވެ. ނޯޓްސްތައް ކިޔާއިރު އަންނަ ހިޔާލުތަކާއި ވިސްނޭ އެއްޗެހި ކައިރީގައި ލިޔަނީ އެކި ކުލައިން ފާހަގަކޮށްގެންނެވެ. އޭރުން މާ އަވަހަށް ނަގައިގަނެވި ހަދާނުގައި ހުންނަ މިންވަރު ވެސް އިތުރު ވެގެންދާ ކަމަށް ޒައިނާ ބުންޏެވެ.
ޒައިނާ ބުނީ "ޕޮޑޮމޮރޯ" ޓެކްނިކްގެ ބޭނުން އޭލެވެލްގައި ވަރަށް ބޮޑަށް ހިފިކަމަށެވެ. އެ ޓެކްނިކްގައި " ހުސްވަގުތުތައް ގިނަ ކުރުމުން ދެވޭ ސަމާލުކަން ގިނަވެ ވަގުތު މެނޭޖުކުރަން ފަސޭހަ ވެގެން ދިޔަ" އެވެ.
ޒައިނާ ބުނީ ބައެއް މާއްދާތަކުން ޓިއުޝަން ނެގީ، އިތުރަށް އޮޅުންފިލުވުމަށާއި ސްކޫލުގައި ކުރާ މަސައްކަތުގެ އިތުރުން ގިނަ މަސައްކަތްތައް ކުރެވި ފިލާވަޅުގެ ތެރެއަށް ފުރިހަމައަށް ވަދެގަންނަށް މަގުފަހި ކޮށްދޭތީއެވެ. އޭނާއަށް ކިޔަވަން ފަސޭހައީ ވެސް ޓިއުޝަންތައް ނިންމާލާފައި ރޭގަނޑުގެ ދަންވަރުއެވެ.
ގްރޫޕް ސްޓަޑީގެ ފައިދާ ބިނާ ވަނީ ބައިވެރިވާ ކުދިބައެއްގެ މައްޗަށް ކަމަށް ޒައިނާ ބުންޏެވެ. ކިޔަވާ ހިތުން ކަމާ ވެގެން އެއްވާ ކުދިންގެ ގުރޫޕް ސްޓަޑީސްއިން، ވަރަށް ބޮޑެތި ހެޔޮ ބަދަލުތައް ގެނުވާނެކަން ވެސް ޒައިނާ ފާހަގަކުރިއެވެ.
" ޓެސްޓުގެ ކުރީ ރޭ ހޭލައި ނުހުންނަން. ފުރިހަމަ ނިދި ލިބި ތާޒާ ކަންމަތީ އިމްތިހާން ހޯލަށް ވަނީމަ ނޫނީ ރަނގަޅަށް ވިސްނުން ނުބެހެއްޓޭ"
ޒައިނާ ބުނީ، އޯލެވެލް އާއި ހިލާފަށް އޭލެވެލްގައި "ސްޓްރެސް" މެނޭޖް ކުރަން ވަރަށް ރަނގަޅަށް މަސައްކަތް ކުރިކަމަށެވެ.
ވަކި ވަނަ އެއް ހާސިލް ކުރުމަށް އަމިއްލަ ނަފްސަށް ޕްރެޝަރ ކުރުމުގެ ބަދަލުގައި އޭލެވެލްގައި ވިސްނުން ގެންގުޅުނީ ލުއިގޮތެއް ކަމަށް ޒައިނާ ބުންޏެވެ.
" ކިޔަވާއިރު ވެސް އެގަޑީ ކިޔަވާ ފިލާވަޅު ފަހުމް ވާން މަސައްކަތް ކުރީ. ހުރިހާ ފިލާވަޅެއްގެ ތެރެއަށް ރަނަގަޅަށް ވަދެވިގެން"

ޒައިނާ ބުނީ، ލިބުނު ހިތްދަތި ކަމާއި، ބަނަ ދުވަސްތަކުގެ މަތިން ހަނދާން ނައްތާލީ މަންމައާއި ބައްޕަ އަދި އާއިލާގެ އެންމެން އޭނާއަށް ކުރަމުން އައި އިތުބާރާ އެކު ގައެވެ.
" ހިތްވަރު އެލޭ ވަގުތުތަކުގައި އަޅުގަނޑާ ދޭތެރޭ އެހާ ބޮޑު އުންމީދަކާއި އިތުބާރެއް އޮންނާތީ އާ އަޒުމަކާއި އެކީ ކުރިއަށްދާން ޢަޒުމް ކަނޑައެޅީ. އެމީހުންގެ ހިތްވަރުން ކުރިއަށް ދާން މަގު ފަހިކޮށްދޭ"

ޒައިނާ ބުނީ މަންމަމެންނާ ދުރުގައި ހުންނަން ޖެހުއިރު ހުރިހާ ކަމެއްގައި އެހީތެރިވީ ދޮންބޭބެ ކަމަށާއި ރޫމް މޭޓްގެ ގޮތުގައި ކައިރިގައި ހުރި ދޮންތި(އަމްނި) ކޮށްދިން ކަންތައްތައް އަބަދުވެސް ފާހަގަކުރާ ކަމަށެވެ.
" ކޮންމެ އިމްތިޙާނަކަށް އޭނާ ދަނީ ދޮންތިއާއި ވާހަކަ ދައްކައި ހީ ސަމާސާކޮށް މަޖާވެސްކޮށްފައި"

އެކުގައި ކިޔެވި ގާތް އެކުވެރިންނަކީ ވެސް ޒައިނާގެ މަދަރުސީ ޙަޔާތުގައި ނުހަނު މުހިންމު ބައެއް ކަމަށް ޒައިނާ ދެކެއެވެ.
" ވިލާއިން އަޅުގަނޑާ ބައްދަލުވީ ދެވަނަ އެއް ނެތް އެކުވެރިން ތަކެއް. ހައި ސްކޫލް ހައި ސްކޫލަކަށް ހަދައިދިން ބަޔަކީ އެއީ"
ސްކޫލުން ފަހިކޮށްދިން ފަހި ފުރުޞަތުން ކާމިޔާބީއާ ހަމައަށް
ޒައިނާ ބުނީ، ޕްރިންސިޕަލާއި ސްކޫލްގެ މެނޭޖުމެންޓުން ބެހެއްޓި ގާތްކަމާއި ދިން ހިތްވަރަކީ އެއީ އެނާގެ ކާމިޔާބީއަށް ލިބިގެން ދިޔަ ދިރުމެއް ކަމަށެވެ.
" ޚާއްސަކޮށް ޕްރިންސިޕަލް ސައީދު ސަރ, ޑެޕިއުޓީ ޕްރިންސިޕަލް ނަޝީދު ސަރ އަދި އިކޮނޮމިކްސް މުދައްރިސް އައިޝާ މިސް، ފާހަގަކުރަން"
ޓެސްޓުގެ ކުރީ ދުވަހު މުދައްރިސުން ސްކޫލުގައި ނަންގަވާދެއްވި އެގްޒާމް ފޯކަސްޑް ކުލާސް ތަކުގެ ސަބަބުން އިމްތިޙާނަށް ވަރަށް ފަސޭހަވި ކަމަށާއި އަންނަ ސުވާލުތައް ޕްރިޑިކްޓު ކުރުމުގެ އިތުރުން ސުވާލުތަކަށް ދޭންވީ ޖަވާބުތައް ތަފްސީލުކޮށް އެ ކުލާސްތަކުގައި ކިޔަވައި ދިން ކަމަށް ކަމަށް ޒައިނާ ބުންޏެވެ.
" ހޯލަށް ވަނުމުގެ ކުރިން ވެސް މުދައްރިސުން ތިބޭނެ ސްކޫލު ތެރޭގައި ދަރިވަރުންގެ އިންތިޒާރުގައި. އެގަޑީގައި ވެސް ވަރަށް ހިތްވަރުދޭނެ. ވިސްނަންވީ ކަންކަން ބުނެދޭނެ. ޓީޗަރުން އެކޮށްދެއްވި ބުރަ މަސައްކަތަށް އަޅުގަނޑު ވަރަށް ބޮޑަން ޝުކުރުދަންނަވަން"

ޒައިނާ އެންމެ ކިޔަވައި ހތްވަނީ އިސްލާމެވެ. އެންމެ އިންތިޒާރުކުރާ ގަޑިޔަކީ ވެސް އެއީއެވެ.
އޭލެވެލް އިސްލާމް މުގައްރަރުން ވަރަށް ބައިވަރު މުހިންމު މައުލޫމާތުތައް ދަސްވި ކަމަށާއި ހާއްސަކޮށް މުދައްރިސް އަބްދުއްالله ރަޝީދު ފިލާވަޅާއި ގުޅުން ހުރި އެތައް ވާހަކައެއް ކިޔާދީ, ކުދިންނާއި ގުޅިގެން ސަމާސާކޮށް ހަދަމުން ފިލާވަޅު ކުރިޔަށް ގެންދާތީ ވަރަށް ޝައުގުވެރިވި ކަމަށް ޒައިނާ ބުންޏެވެ.
ކުޑައިރުއްސުރެ ޒައިނާ ބޭނުންވާ އެއްކަމެއް އޮވެއެވެ. އެއީ ގައުމަށް ހިދުމަތް ކޮށްދެވޭ ފަދަ ހަރުދަނާ މީހަކަށްވުމެވެ. ސޯޝަލް ސައިންސަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކުރިއަށް ދާން ބޭނުން ވަނީ ވެސް އިންޓަނޭޝަނަލް ސޯޝަލް އެންޑް ޕަބްލިކް ޕޮލިސީގެ ދާއިރާއިންނެވެ. އެކަމުގެ ތަޖުރިބާ ހޯދަން އޭނާ ދަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގައި މިހާރު މަސައްކަތް ކުރަމުންނެވެ.
ސްކޫލްގައި އުޅުނުއިރު ވެސް ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ޒައިނާ ބައިވެރިވިއެވެ. ސާނަވީ އަމީނިއްޔާއިން ނިންމިއިރު، ޕްރިފެކްޓަރެއްގެ އިތުރުން ދާއިންކަނބާގެ ހައުސް ކެޕްޓަނެއްގެ އިތުރުން ސްކައުޓްގައި މަސައްކަތް ކުރިއެވެ. މަތީ ސާނަވީގައި ޕްރިފެކްޓަރެއްގެ އިތުރުން ޑެލްޓާ ހައުސް ޑެޕިއުޓީ ކެޕްޓަންކަން ކުރިއެވެ. ބޭއްވުނު ހުރިހާ ހައުސް މުބާރާތް ތަކުގައި ޝާމިލުވެ، ބައިވެރިއެއް ގޮތުގައާއި ހައުސް ޓީމްތައް މެނޭޖުކުރުމުގައި އިސް ދައުރެއް އަދާކުރިއެވެ.
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ، ޒައިނާއަކީ ކިޔެވުމަށް ސަމާލުކަން ދީގެން ކިޔަވާ ކުއްޖެއް ކަމަށާއި ކަންތައްތަކާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނާކުއްޖެއް ކަމަށެވެ.
" ސްކޫލްގެ އިސްމަގާމަކަށް ކުރިމަތިލައިގެން އޭނާއާ އިންޓަވިއު ކުރިން. އެ އިންޓަވިއުއިން އެނގުނީ އޭނާއަކީ ތަފާތު ކުއްޖެއްކަން. މުޖްތަމަޢުގައި ހުރި މައްސަލަތަކާ މެދު ކަންބޮޑުވާކަން އެނގޭ. ކަންތައްތަކާ ދޭތެރޭ ދެކޭގޮތް ތަފާތު. ވަރަށް ޕޮޒިޓިވް ގޮތަކަށް ފެނުނީ. މީހުންނަށް އިޙްތިރާމްކުރާ ހުލްޤުހެޔޮ ކުއްޖެއްއީ"

މަންމަ ބޭނުންވި ގޮތައް ސްކޮލަރޝިޕެއްގެ ދަށުން ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަކީ ވެސް ޒައިނާ ދެކުނު ހުވަފެނެކެވެ. އޭނާގެ ހުރިހާ މަސައްކަތެއް މިސްރާބު ޖެހީވެސް އެ މަގަށެވެ. އޭނާ ވާން ބޭނުމީ ބޮޑުދައިތަ ކިޔާ 8 ކުދިންނަށް ވެސް ރޯލު މޮޑަލަކަށެވެ.
advertisment
ހިޔާލު